އިދިކޮޅު އެމްޑީޕީ އަށް ޢާއްމު އިންތިޚާބުގައި ކުރިމަތިވި ނާކާމިޔާބީގެ ޒިންމާ އެކި ފަރާތްތަކުން ގެންދަނީ އެކި ބޭފުޅުންގެ ބޮލުގައި އަޅުވަމުން ނެވެ. ބައެއް ބޭފުޅުން ނަމޫނާ ދެއްކެވުމަށް އަމިއްލަ ފުޅަށް ޒިންމާ އުފުއްލެވި ނަމަވެސް ބަލީގެ ޒިންމާ ޙަޤީޤަތުގައި އުފުއްލަވަން ޖެހިވަޑައިގަންނަވާ ބޭފުޅުން އަދިވެސް ތިއްބެވީ ފަރުދާގެ ފުރަގަހުގައި ކަން ނަމޫނާ ދެއްކެވުމަށް އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަޤާމުން އިސްތިއުފާ ދެއްވުމަށް ފަހު ފަހަތަށް ޖެހިވަޑައިގެންނެވި ރީކޯ މޫސާ މަނިކުގެ ވާހަކައަށް ނަޒަރު ހިންގާލުމުން މިއޮތީ ރޮލަށް ފެންނާށެވެ.
ނިމިގެންދިޔަ ޢާއްމު އިންތިޚާބުގައި ހީ ނުކުރާ ވަރުގެ ބޮޑު ބައްޔަކުން ބަލި ވުމާއި ގުޅިގެން އެމްޑީޕީގެ އެތެރޭގައި ހުރި ރެނދުތައް ވަނީ އިތުރަށް ފަޅަފަޅައިގެން ގޮސްފަ އެވެ. އެގޮތުން ޗެއާޕާސަން ކަމުން އިސްތިއުފާ ދެއްވަމުން ވެސް މޫސަ ވިދާޅުވަމުން ގެންދެވީ މި ބޮޑު ބަލީގެ ޒިންމާ އޭނާ އުފުއްލަވަން ޖެހިވަޑައި ނުގަންނަވާނެ ކަމަށާއި، ފާއިތުވީ އިންތިހާބު ތަކުން އެމްޑީޕީ ބަލިވި އިރު މި އިންތިހާބުތައް ބޭއްވިގެން ދިޔައީ ކުރީގެ ރައީސް ނަޝީދުގެ ސީދާ ބެއްލެވުމުގެ ދަށުން ކަމަށެވެ.
ޗެއާޕާސަންގެ މި ވާހަކަ ފުޅަށް އަލިއަޅުވާލުމުން ބޮޑު މަންޒަރު މިއޮތީ އިތުރަށް ސިފަ ނުކުރި ނަމަވެސް ފެންނާށެވެ. ފުރަތަމަ ކަމަކީ އެމްޑީޕީގެ އިންތިޚާބު ތައް ސީދާ ރައީސް ނަޝީދުގެ ބެއްލެވުމުގެ ދަށުން ބާއްވަން ޖެހުނީ ކޮން ސަބަބަކާއި ހުރެތޯ އުފެދޭ ސުވާލެވެ. ރައީސް ނަޝީދަކީ ޕާޓީގައި އެއްވެސް ޙައިސިއްޔަތެއް މިކަމުގައި އޮތް ބޭފުޅަކަށް ނުވާއިރު މިކަން މި މަގުން ހިނގީ ޗެއާޕާސަންގެ ނުކުޅެދުންތެރި ކަމުންތޯ ނުވަތަ ރައީސް ނަޝީދުގެ އާދަޔާ ޚިލާފު ނުފޫޒާއި ބާރު ޕާޓީގެ ތެރޭގައި އޮތުމުންތޯ އުފެދޭ ސުވާލެވެ.
ދެވަނަ ކަމަކީ ނިމިގެންދިޔަ އިންތިޚާބުތައް ބޭއްވުނީ ސީދާ ރައީސް ނަޝީދުގެ ބެއްލެވުމުގެ ދަށުން ކަމަށް ޗެއާޕާސަން ވިދާޅުވާއިރު، މި ހުރިހާ އިންތިޚާބު ތަކުން ވެސް އެމްޑީޕީ ފެއިލް ވުމުގެ ޒިންމާ އިތުރު މީހެއްގެ ބޮލުގައި އެޅުވުމުގެ ފުރުޞަތެއް ނެތުމެވެ. ރިޔާސީއިންތިޚާބާއި ލޯކަލް ކައުންސިލް އިންތިޚާބާއި މަޖިލިސް އިންތިޚާބުގައި އެމްޑީޕީ ފެއިލް ވެފައި ވަނީ ކޮންބޭފުޅެއްގެ އިހުމާލުން ކަން މޫސަގެ ވާހަކަ އިން މިއޮތީ އެނގި ހާމަވާށެވެ.
ތިންވަނަ ކަމަކީ ރިޔާސީ އިންތިޚާބާއި ލޯކަލް ކައުންސިލް އިންތިޚާބުވެސް ރައީސް ނަޝީދުގެ މޭސްތިރި ކަމުގައި ކުރިޔަށް ގެންގޮސް ފެއިލް ވެފައި ވަނިކޮށް މަޖިލިސް އިންތިޚާބުވެސް އެމަގުން ގެންދިޔުމެވެ. މީގައި ޗެއާޕާސަންގެ އިހުމާލެއް އޮތް ކަމަށް ބެލުމުގެ ޖާގަވެސް އެބަ އޮތެވެ. ފުރުޞަތު ނެތް ނަމަ މަޤާމުން އިސްތިއުފާ ދެއްވާ ޕާޓީގެ މެންބަރުންނަށް އެކަން ހާމަ ކުރެއްވުމުގެ ފުރުޞަތު އޮވެމެ އެ ފުރުޞަތު ނަންގަވާ ލެއްވުމަށް ފަހު މިހާރު އެވާހަކަ ދެއްކެވުމަކީ އެކަން މެންބަރުންނަށް ބަލައިގަންނާން ދަތިވާނެ ކަމެކެވެ.
ކޮންމެ އަކަސް ސަބަބު ތައް ބައިވަރެވެ. މޫސަގެ ވާހަކަ އަށް ބަލާލުމުން އެނގެނީ ނިމިދިޔަ ތިން އިންތިޚާބުން ވެސް އެމްޑީޕީ ފެއިލް ވެފައި ވަނީ ރައީސް ނަޝީދުގެ ސީދާ ބެއްލެވުމުގެ ދަށުން ކުރި މަސައްކަތުން ކަމެވެ. އެހެން ކަމުން އެމްޑީޕީގެ ލީޑަރޝިޕަށް އަނެއްކާވެސް އެފަދަ ބޭފުޅަކު ގެނައުމަކީ ޕާޓީގެ މުސްތަޤުބަލާއި މެދު އުއްމީދު ކުޑަވާނެ ކަމެއްކަން ކަށަވަރެވެ. އަދި މިކަމަކީ އެމްޑީޕީ ހަރުދަނާ ކޮށް ޑިމޮކްރެޓިކް ހަމަތަކަށް ޕާޓީ ފެއްތުމުގެ އުއްމީދުގަޢި ތިބި ޒުވާން ލީޑަރުންގެ ސިޔާސީ ކުރިމަގަށް ވެސް އެޅިގެންދާނެ އިތުރު ހުރަހެއް ކަމީ ފެންނާން އޮތް ޙަޤީޤަތެކެވެ. އެތައް ފަހަރެއްގެ މަތިން އަމިއްލަ ފުޅަށް ފެއިލް ވެފައި ވާކަމަށް އިޢުތިރާފްވެ ވަޑައިގެންފައިވާ ބޭފުޅަކާއި ނުވަތަ ޕާޓީއަށް ލިބިދީފައި އޮތް ބާރުވެރި ކަމާއި ޖާހުވެރިކަމާއި ދައުލަތުގެ ވެރިކަން ދޫކޮށްލައްވައި އެމްޑީޕީގެ ހުރިހާ މެންބަރުންނަށް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އިޢާދަ ނުކުރެވޭ ވަރުގެ ބޮޑު ކެއްސެއް ދެއްވި ބޭފުޅަކަށް އަނެއްކާވެސް އިތުބާރުކޮށް ވެރިކަން ޙަވާލު ކުރުމާއި މެދު ގޮތެއް ނިންމާނީ ޚުދު އެމްޑީޕީގެ މެންބަރުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...