ރިޕޯޓްކޮލަމިސްޓް

ނުފެންނަ އަގު

ފޮޓޯ : ގޫގްލް

އިޤްތިޞާދެއް ހަލުއިކަމާއެކު ކުރިއެރުވުމަށްޓަކައި ބޭނުންކުރާ މަޤްބޫލު އެއް ހަތިޔާރަކީ ބޭރު އިންވެސްޓްމަންޓްތައް އިތުރު ކުރުމެވެ. އެހެނީ އެކަމުގެ ސަބަބުން އިޤްތިޞާދުގައި އިތުރު ވަޒީފާތައް އުފެދެއެވެ. ބޭރު ފައިސާ ވަދެގެން ދެއެވެ. އަދި ޤައުމުގެ އުފެއްދުން ތެރިކަން އިތުރުވެގެން ދެއެވެ.

ނަމަވެސް ވިސްނާލަންވީ ނުކުތާއަކީ މިއިން ކޮންމެ ބައިނަލް އަޤްވާމީ ވިޔަފާރިއެއްގެ ފަހަތުގައި އެބައިމީހުން ޤަބޫލުކުރާ ފަލްސަފާތަކެކަކާއި އުސޫލުތަކެއް އޮންނަކަމެވެ. ފަހަރުގައި އެ ފަލްސަފާތަކަކީ ނުވަތަ އެ އުސޫލުތަކަކީ ދީނީ ވިސްނުމުގެ ނަޡަރިއްޔާތާ ޚިލާފު އެއްޗަކަށް ވެދާނެއެވެ. ވަރަށް ކުޑަ ކުޑަ މިސާލަކުން ފަށަމާތޯއެވެ.

ދިވެހިންގެ އުފެއްދުންތެރިކަން އެންމެ ބޮޑަށް ހިއްސާކުރާ ޓުއަރިޒަމަކީ މިއަދާ ހަމައަށްވެސް ހުޅަނގުގެ ފިކުރާއި ނަޡަރިއްޔާތުތަކުގެ މައްޗަށް ބިނާކުރެވިފައިވާ ވިޔަފާރިއެކެވެ. ތެދެކެވެ. ބޭރު ފައިސާ ވަންނަން ފަށައިފިއެވެ. ވަޒީފާތައް އިތުރުވެއްޖެއެވެ. ބައެއްގެ ޖީބުތައް ތަނަވަސް ވެއްޖެއެވެ. ނަމަވެސް....

ނަމަވެސް ރިސޯޓްތަކުގައި ބަނގުރާ އާންމުކުރުމުގެ ނަތީޖާއަކަށްވީ މަޑުމަޑުން ދިވެހިންގެ ތެރެއަށް މި ނުބައި ބަލި ފެތުރުމެވެ. މިއަދު ދިވެހި އާއިލާތަކަށް ބަލާލާއިރު މަސްތުވާތަކެތީގެ މައްސަލަ ކުރިމަތިވެފައި ނުވާ އާއިލާއެއް ކޮބައިތޯއެވެ؟ އެތަކެތި ބޭނުންކޮށްގެން ހިންގާ އެކި އެކި ޖަރީމާތަކާ ކުރިމަތިލާންޖެހިފައިނުވާ އާއިލާއެއް ކޮބައިތޯއެވެ؟ ރަލާ ދެކޮޅަށް އަދި މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ އާންމު ކުރުމާ ދެކޮޅަށް ދީނަށް ލޯބި ކުރާ ދިވެހިން މުޒާހަރާކުރަން ޖެހުމުން ދޭހަވާ މާނައަކީ ކޮބައިތޯއެވެ؟

އެއަށްފަހު "ޒަމާނީ ކުލަތައް" ދިވެހި ގޮނޑުދޮށާ ހަމައަށް ގެނެސް ދިނުމަށްޓަކައި ތަޢާރަފް ކުރެވުނު ކޭބަލް ޓީވީ ވެގެން ދިޔައީ ދިވެހިންނަށް ވަރަށް ކަމުދިޔަ އެއްޗަކަށެވެ. އޭގެ ސަބަބުން ވިޔަފާރިތަކަކަށް ފައިދާ ވިއެވެ. މުޖްތަމައުގައި ވަޒީފާވެސް އިތުރުވިއެވެ. ނަމަވެސް...

ނަމަވެސް މިހުރިހާ ފައިދާއަކާ އެކު ފަރުދާގެ ފުރަގަހުގައި ކަންތައްތަކެއް ދިޔައީ ހިނގަމުންނެވެ. ހިންދީ އެކިއެކި ސިލްސިލާގެ އަވައިގައި ދިވެހި އާއިލާތައް ޖެހިގެން ދިޔައެވެ. ދަރިން ތަރުބިއްޔަތުކުރުމަށް ނޭދެވޭ އަސަރު ކުރިއެވެ. ފާހިޝް މަންޒަރުތައް ގޭގެ ސިޓިން ރޫމްތަކުގައި ބެލޭނެ ގޮތް ހަމަޖެހިގެން ދިޔައެވެ. ދީނީ ގޮތުން އެހާ ހޭލުން ތެރިކަމެއް ނެތް މުޖްތަމައެއްގެ ތެރޭގައި ޒުވާން ކަމުގެ ޖޯޝް އާލާ ވަމުން ދިޔަ ލޯތަކެއް އެދަލުގައި ޖެހެމުން ދިޔައެވެ. އެންމެނަށް އެކަން އެނގުނު ކަމުގައި ވިޔަސް އެކަން ދެނެހުރި މީހަކު ނެތް ކަހަލައެވެ.

މި ފަދަ ހާލެއްގައި ވަނިކޮށް ސަބްމެރިން ކޭބަލް އަޅާ އިންޓެނެޓްގެ ޚިދްމަތް ތަރައްޤީވާން ފަށައިފިއެވެ. އާދައިގެ މަތިން މިފަދަ ކޮންމެ ކުރިއެރުމަކާއެކު އެއްބައެއްގެ ޖީބުތައް ތަނަވަސްވެ އަނެއްބަޔަކަށް ލިބޭ ޚިދްމަތްތައް ފަސޭހަވިއެވެ. އިތުރު ވަޒީފާތައް އުފެދި މާއްދީ ތަރައްޤީ އިހުނަށްވުރެ ކުރިއަރައިފިއެވެ. ނަމަވެސް....

ނަމަވެސް، ހަމަ މިއާއެކު ދެން ފެނިގެން ދިޔައީ އިންޓަރނެޓްގެ ބޭނުން ނަހަމަ ގޮތުގައި ހިފަންފެށިތަނެވެ. ކުޑަކުއްޖެއްގެ އަތަށް ވަޅިއެއް ދިނީމާ ކަން ވާ އުސޫލުންނެވެ. އުފެއްދުންތެރި ގޮތުގައި އިންޓަރނެޓް ބޭނުން ކުރުމުގެ ބަދަލުގައި އެކި އެކި ފިލްމާއި ފޮޓޯ ބެލުން ދިޔައީ އިތުރުވަމުންނެވެ. ބުލީ ކުރުމާއި، އިންޓަރނެޓްގެ ނިވާފަތްގަނޑުގެ ފުރަގަހުގައި ޙަލާލެއް ޙަރާމެއް ބަލާލުމެއް ނެތި އެތައްކަމެއް ދިޔައީ ކުރަމުންނެވެ. ނަތީޖާއަކަށްވީ އެބޯޝަނާއި ވަރި ގިނަވުމެވެ. އަބުރު ގެއްލޭފަދަ މަންޒަރުތައް ސޯޝަލް މީޑިޔާގައި ފެތުރުމެވެ. އަދި މި ފަދަ ގޯސް އަދި ފާޙިޝް ކަންކަން އާންމުވުމުގެ ސަބަބުން އެކަންކަމަކީ މާބޮޑު ކަމެއްނޫން ކަމުގައި މީހުންނަށް ގަބޫލުކުރެވޭގޮތް ވުމެވެ.

ކޮންމެ އަކަސް މިވާހަކަ ތަކަކީ ދައްކާ ކޮޅުންލާނޭ ވާހަކަ ތަކެއް ނޫނެވެ. ހުޅަނގުގެ ފިކުރީ އިސްތިއުމާރު ކުރިއަށް ނެރުމަށްޓަކައި ހިންގާ ޕްރޮގްރާމްތަކަށް ތާއީދުކޮށް އެފަދަ ބައެއް ކުންފުނި ތަކުން ފައިސާއާއި އެހެނިހެން އެހީ ދޭކަމީ އެންމެން ދަންނަ ބޮޑު ސިއްރެކެވެ. ވުމާއެކު ފާހަގަކޮށްލަން ވީ ނުކުތާއަކީ ބޭރު ވިޔަފާރިތަކުގެ ސަބަބުން ދިވެހިންގެ އުޅުމަށާއި ގުޅުމަށް ނޭދެވޭ އަސަރުތަކެއް ކުރަމުން އަންނަކަމެވެ. އަދަބު އަޚްލާޤަށް ބުރޫއަރާކަމެވެ. އަދި ވަކިން ޚާއްޞަކޮށް ދީނާ ޚިލާފް ވިސްނުންތަކާއި ގުޅުންތައް ދިވެހިންގެ ތެރެއަށް ވަދެގެން އަންނަކަމެވެ. އަދި ހަމަ އެއާއެކު ޤައުމު ހިންގަން ތިބި ޖީލުތައް ހަލާކުވަމުންދާ ކަމެވެ.

ކަންމިހެން އޮތްކަމުގައި ވިޔަސް ޙައްލަކީ ހުރިހާ ބޭރުގެ އިންވެސްޓަރުން  ފޮނުވާލުމެއްނޫނެވެ. އަދި ބޭރުގެ ދުނިޔެއާ ގުޅުން ކަނޑާލުމެއްވެސް ނޫނެވެ. ސަބަބަކީ އެކަމަކީ މިއަދު ޤައުމު އޮތް ޙާލަތުން ކުރެވޭނޭ ކަމަކަށް ނުވާތީއެވެ. ބޭރުގެ ވިޔަފާރިތައް ގެނައުމަށް މުޢާމަލާތް ކުރާއިރު އެ މުޢާމަލާތްތަކުން ދިވެހިންނަށް ލިބޭ ދުނިޔަވީ ފައިދާތަކަށް ވިސްނުމާއި އެއްވަރަށް މަތީގައި ދެންނަވާފައިވާ ފަދަ "ނުފެންނަ އަގު" ތަކާމެދު ސަމާލުވާން ޖެހެއެވެ. ފިކުރީ ހަނގުރާމަ އިޤްތިޞާދީ ދާއިރާގައި ފުޅާ ދާއިރާއެއްގައި ކުރިއަށް ދާކަން  ދަންނަން ޖެހެއެވެ. އެދުމެއް ނެތި ވެދުމެއް ނުކުރާނެކަން ޤަބޫލު ކުރަން ޖެހެއެވެ. ޒަމާނީ އިސްތިއުމާރީ ޙަރަކާތްތަކުގެ މައިދާނަކީ އިޤްތިޞާދީ ދާއިރާކަން އިޖްތިމާއީ އަދި ސިޔާސީ ޢިލްމުގެ އަހުލުވެރިން އެދަނީ ތަކުރާރުކޮށް ބުނަމުންނެވެ.

ވުމާއެކު، ފޮރިން އިންވެސްޓްމަންޓްތައް އިތުރު ކުރުމުގެ ވައުދު ތަކާއެކު، މި ދެންނެވި ފަދަ "ނުފެންނަ އަގުތައް" ނައްތާލުމަށް ވައުދު ވާންޖެހެވެ. އަޅުގަނޑުމެންގެ ބިމުގައި އެބައިމީހުންނަށް މަރުޚަބާކީކަމުގައި ވިޔަސް އެ މަރްޚަބާއަކީ ދީން ކަތިލާފައި ކިޔާ މަރުޚަބާއަކަށް ވެގެން ނުވާނެއެވެ. އެބައިމީހުންގެ ފިކުރު އަޅުގަނޑުމެންގެ ސިކުނޑިތަކަށް ފެތުރުމުގެ ބަދަލުގައި އަޅުގަނޑުމެން ބަލަންވީ އަޅުގަނޑުމެންގެ ފިކުރު އެބައިމީހުންނަށް ވާސިލް ކުރެވޭތޯއެވެ. ފިކުރީ ހަނގުރާމައިގައި ކާމިޔާބު ލިބޭނެ ގޮތަކީ އެއީއެވެ.

ގުޅުންހުރި

1 ޚިޔާލު

  1. ރަގަޅު ލިޔުމެއް

Your email address will not be published. Required fields are marked *

More in ރިޕޯޓް