މިޞުރުގެ ވެރިކަމުން ބަޣާވާތަކުން ދުރުކޮށްފައިވާ ރައީސް ޑރ. މުޙައްމަދު މުރްސީއާ ދެކޮޅަށް އެ ގައުމުގެ ބާޣީ ސަރުކާރުން ކުރާ، ބޭރުގެ ޖަމާޢަތްތަކަށް ޖާސޫސް ކޮށްދިނުމުގެ ކުށުގެ ދައުވާގެ ފުރަތަމަ އަޑުއެހުން ފެބްރުއަރީ 16 ވަނަ ދުވަހަށް ތާވަލްކޮށްފިއެވެ.
ކެއިރޯ އެޕީލްސް ކޯޓުގެ ފަރާތުން ވާހަކަދެއްކި މިދުހަތު އިދުރީސް އޭއެފްޕީއަށް ދިން ބަސްދީގަތުމެއްގައި ވިދާޅުވީ ފެބްރުއަރީ 16 ވަނަ ދުވަހަށް ޝަރީޢަތުގެ އަޑުއެހުން ތާވަލް ކޮށްފައިވީނަމަވެސް އަދި ޝަރީޢަތް ބާއްވާނެ ވަކިތަނެއް ކަނޑަނާޅާ ކަމަށެވެ.
ބަޣާވާތުގެ ސަރުކާރުގެ ޕްރޮސެކިއުޓަރުން މިދަޢުވާއާއި ގުޅޭގޮތުން ކުރިން ނެރެފައިވާ ރިޕޯރޓްގައިވަނީ ޑރ މުރްސީ ޤައުމުން ބޭރުގެ ޖަމާޢަތްތައް ކަމުގައިވާ ހަމާސް ޖަމާޢަތާއި ޙިޒްބުﷲ ޖަމާއަތަށް ޖާސޫސް ކޮށްދީފައިވާ ކަމަށާއި މިއީ މިޞުރުގެ ތާރީޚުގައި ޤައުމާއި ދެކޮޅަށް ހިންގާފައިވާ އެންމެ ނުރައްކައުތެރި ޖާސޫސީ ޖަރީމާ ކަމަށެވެ. މުރްސީގެ އިތުރުން އިޚްވާނުލް މުސްލިމޫންގެ އެހެން އިސްވެރިންނާއި ދެކޮޅަށްވެސް މިދައުވާ އުފުލާފަވެއެވެ.
އަސްކަރިއްޔާއިން ހިންގި ބަޣާވާތުން ޑރ މުރްސީގެ ވެރިކަން ވައްޓާލިމަށްފަހު، އެމަނިކުފަނުގެ މައްޗަށްވަނީ، ސުލްހަވެރި ގޮތުގައި މުޒާހަރާ ކުރި މީހުން މެރުމުގެ ކުށުގެ ދައުވާއަކާއި ޖަލުން ފިއްލަވާން އުޅުއްވުމުގެ ދަޢުވާއެއްވެސް އުފުލާފައެވެ.
ހުޅަނގުގެ ގައުމުތަކާއި ބައެއް ޢަރަބި ގައުމުތަކުގެ އެހީތެރިކަމާ އެކު، މިޞުރުގެ ލާދީނީ އަލްމާނީން ވެގެން ގެނައި ބަޣާވާތަކުން، ޑރ މުރްސީގެ ސަރުކާރު ވައްޓާލީ 2013 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އޭގެ ފަހުން ބާޣީ ސަރުކާރުން ގެންދަނީ ރައީސް މުރްސީ އާއި އިޚްވާނުލް މުސްލިމޫން ޖަމާޢަތުގެ މެންބަރުންނާއި ލީޑަރުން މަރައި، ހައްޔަރު ކޮށް، އެކި ކަހަލަ ތުހުމަތުތަކުގައި އެ ބޭފުޅުންގެ މައްޗަށް ޝަރީއަތް ހިންގަމުންނެވެ.
ޚިޔާލު