ދިވެރާއްޖޭގެ ވެރިކަންކުރާ މާލެ އަކީ ރާއްޖޭގެ ހުރިހާހިސާބަކުން އެކިއެކި ބޭނުންތަކުގައި އަބަދުމެ މީހުން އެއްމެގިނައިން ގޮސްއުޅޭ އެއްރަށެވެ. ޒަމާނީފެންވަރަށް ތަރައްޤީވަމުންއަންނައް އެއްރަށްވެސް މެއެވެ. އަޅުގަޑަކީވެސް ވަރަށްގިނައިން އެކިއެކި ބޭނުންތަކުގައި މާލެ ގޮސްއުޅޭމީހެކެވެ. އަދި ފާއިތުވި 2013 ވަނަ އަހަރުގެ ބަޑުބައި ހޭދަކުރީ މާލޭގައެވެ. ނަމަވެސް މިއަދު އަޅުގަނޑަށް މާލެއިން ކުރެވުނީ މުޅިން އެހެންތަޖުރިބާއެކެވެ.
އަޅުގަނޑު މިއަދު މާލެ ދިއައީ އަޅުގަނޑުގެ ދެކުދިންގެ ސްކޫލަށްބޭނުންވާ ސާމާނު ގަންނާށެވެ. މާލެ އެރުނީ ހެނދުނު 9 ޖަހާ އެހާކަންހާއިރުއެވެ. މިދުވަސްވަރަކީ ސްކޫލު ސީޒަންކަމުން ރަށުންވެސް ވަރަށްގިނަ މީހުން މާލެއައެވެ. އަދި ރާއްޖޭގެ އެކިއެކި ރަށްރަށުން ވަރަށް ގިންމީހުން އެކިއެކި ބޭނުންތަކުގައި، ޚާއްޞަކޮށް ދަރީންގެ ސްކޫލަށް ބޭނުންވާ ތަކެތި ގަތުމަށް އައިސްއުޅޭ ދުވަސްވަރެއްކަމުން ފިހާރަތަށްވެސް ވަރަށް ބާރުބޮޑުކަން އެގުނެވެ. އެހެންވެ އަވަސްކޮށްލައިގެން ބާރު ހިންގުމެއްގައި އޭޓީއެމްއަކަށްގޮސް ފައިސާނަގައިގެން ޖާންދަނީމަގުން ލާފައި ހިންގާގަތީ މަޖީދީމަގުގައި ހުންނަ ހުދުމާ ފިހާރައަށް ދާށެވެ. އަޅުގަނޑު ހިންގާފައިދިޔައީ ސުކޫޕްއާއި ވީފަޅިން ދުވާރުމަތިންނެވެ. އަޅުގަނޑުހިނގަމުންގޮސް ކުރީގެ އެވިންސް ފިހާރައިގެ ދޮރުމަށްޗައް އަރާ ހަމަވިތަނާ އަޅުގަނޑުގެ ކުރިމަތިން އައި ޒުވާނަކު އަޅުގަނޑުގެ ވާއަތު ކޮޑުގައި ލާގަތެވެ. އެވަގުތު އަޅުގަނޑު އޭނާއަށް ބަލާލީމެވެ. ކުރުކޮށް ބޯކޮށާފައި އިސްތަށިގަނޑު ޑައީކޮށްފައިހުރި މީހެކެވެ. ބަލާބެލުމަށް ޕާޓޭއެއްހެން ހީވެއެވެ. އޭނާ ބިންމައްޗައް ތިރިވެ ކޮންމެވެސް އެއްޗެ ހޯދަންފެށިއެވެ. އަޅުގަނޑު މަޑުކުރުމުންވެސް އޭނައުޅުނީ އެއެއްޗެހޯދާށެވެ.
ދޯނި ފުރަންވާއިރަށް އެތިކޮޅު ނުގަނެވިދާނެތީވެ، އަވަސްކުރަންބޭނުންވެފައިހުރިވަރުން އިތުރަށް މަޑުނުކޮށް ދިޔަގޮތަށް ދިޔައީމެވެ. ފޮތްލިސްޓައް ފޮތްގަތުމަށް އަސްރަފީބުކްޝޮޕައް ވަނީމެވެ. ބޫކްޝޮޕަށް ވަތްތަނާހެން މީހަކު ފަހަތުން ކޮށްޓާލިއެވެ. އަޅުގަނޑު އެބުރިބަލާލިއިރު މިހުރީ މަގުމަތިން އަޅުގަނޑުގެ ކޮޑުގައި ޖެހުނުމީހާއެވެ. އޭނަ އަޅުގަނޑުގާތު ދިވެއްސެއްތޯސުވާލުކޮށްލިއެވެ. އަޅުގަނޑުގާތަށް ފާޑަކަށް ހިނިވެސްއައެވެ. އަޅުގަނޑު ޖަވާބުގައި އާއެކޭ ބުނުމުން، "ބޭރުމީހެއްނަމަ ކޮށާކުދިކޮށް އަޅާލީމުސް" އަޅުގަނޑު ބިރުދެއްކުމަށް ބުނިބަހެއްކަން އެގުނެވެ. ކިހިނެއްހޭވީ އެހުމުން ބުނީ މަގުމަތީން ކޮޑުގައި ޖެހުމުގެ ސަބަބުން، ތިމަންނަ އަތުގައި އޮތް ސައިކަލް ތަޅުދަނޑި ވިއްސައިގެންގޮސް ކާނުގަނޑުގެ ތެރެއަށް ހިގެއްޖެކަމުގައެވެ. "ސައިކަލްގެ ޑަބަލްކީއެއްވެސް ނޯންނާނެ، އެ ތަޅުދަނޑި ނެގޭކަށްވެސް ނެތް، އެތާގައި ކާރެއް ޕާކުކޮށްފައި އޮތުމުން" އޭނަ ޝަކުވާތަކެއް ފައްޗަކައް އަމުނާލިއެވެ. އަދި މާލެއަކީ ހަލަބޮލިތަނަކަށްވުމުން މަގުމަތީހިނގާބިގާވެ އުޅޭއިރު އެހެންވެދާނެކަމަށާއި، އެއީ މައްސަލައެއްނޫންކަމަށް ބުންޏެވެ. އަދި އެތަޅުދަނޑި ނެގޭތޯ ތިމަންނައަށް އެހީތެރިވުމަށް އާސްދޭށޭބުނުމުން، އޭނާފަހަތުން އެސަރަހައްދައްދިޔައީމެވެ.
އެސަރަހައްދުގައި ކާރެއް ޕާކުކޮށްފައި އޮތުމުގެ ސަބަބުން ތަޅުދަނޑި ނެގޭގޮތެއްނުވިއެވެ. އޭނަ ވަރަށް ދެރަވެފައި އަޅުގަނޑުގާތުގައި ބުނީ "މީ މިހިސާބުގަޑު ދާދާއެއްގެ ސައިކަލްކަމަށާއި އޭނާއަށް އެގިއްޖިޔާ ވަރަށް ގޯސްވާނެކަމުގައެވެ. އޭނާ ޖަހާކަވެސް ނުބަލާނެކަމުގައެވެ." މިފަދަ އިބާރާތްތަކުން އަޅުގަނޑު ބިރުދެއްކުމަށް މަސަކަތްކުރަނިކޮށް، އެތަނަށް އެހެންމީހަކު އައިސް އެމީހާގާތު ވަރަށްއަވަހަށް ތަނަކައްދާންވެގެން ސައިކަލްދޭށޭ ބުނުމުން އަޅުގަނޑުގެ ސަބަބުން ސައިކަލްގެ ތަޅުދަނޑި ކާނުގަނޑަށްވެއްޓިއްޖޭ ބުނެ އޭނާގާތު އަޅުގަނޑު ކުއްވެރިކުރިއެވެ. އަދި އެއީ ސައިކަލްގެ ވެރިމީހާކަމަށްވެސް ބުންޏެވެ. އަޅުގަނޑު އެކަމަށްއިންކާރުކުރުމުން "ދެމީހުންވެގެން ސައިކަލްގެ ތަޅުބަދަލުކުރުމަށް މީހަކު 00.1200 ރުފިޔާ ދިނުމަށް" ފަހުންއައި މީހާ (އެސަރަހައްދުގެ ދާދާ) ބުންޏެވެ. "އަޅުގަނޑު އަތުގައި މިވަގުތު އަމިއްލަފައިސާއެއްނެތޭ، ހަމައެކަނި ހުރީ މީހަކުއެއްޗެއްގަންނަން ދީފައިވާ ފައިސާއޭ، އެއަކުން ނުދެވޭނެކަމަށް" އަޅުގަނޑު ބުނީމެވެ. މިހެންބުނުމުން ސައިކަލްގެ ވެރިމީހަކަމަށް ބުނާމީހާ ގޭދޮށު މީހުން ގެންނަންޖެހިދާނެކަމަށް ބުނެ އަޅުގަނޑަށް ބިރުދެއްކިއެވެ.
އޭރު ގާތްގަޑަކަށް ގަޑިން ހެދުނު ދިހައެއްޖަހަން ކައިރިވެއްޖެއެވެ. މަގުމަތީމީހުން ހިގާބިގާވެ އުޅެއެވެ. މަންޒަރު ބަލަން ބައެއްމީހުން ދުރުގައި ތިއްބެވެ. އަޅުގަނޑު ސަލާމަތްކަމެއްލިބޭތޯ ބައެއްމީހުންނައް އިޝަރާތްވެސް ކުރީމެވެ. އެކަމަކު އެކަކުވެސް އިޖާބަނުދިނެވެ. ފަހަރެއްގައި އެމީހުންނައް އަޅުގަނޑު ކުރި އިޝާރާތް ނޭންގުނީކަމުގައިވެސް ވެދާނެއެވެ.
ކުރާނެކަމެއްނެތެވެ އެކަނިހާލާއިގެން ސަލާމަތްކަމެއްލިބޭތޯ ވިސްނަމުން ދިޔައީމެވެ. ފޯނުނަގައިގެން ޕޮލިހަށްގުޅަންވެސް ވިސްނީމެވެ. ނަމަވެސް މިކަމަވެސް ކޮންމެވެސް ބަހަނާއެއް ދައްކަންޖެހޭނެތީވެ، ކުޑަކޮށް ވިސްނާލުމަށްފަހު، އެމީހުންގާތު ފައިސާދޭން އެއްބަސްވީމެވެ. ފައިސާނަގާށޭ ބުނުމުން އަހަރެން ޖީބުން ފޯނުނެގީމެވެ. "ކީއްކުރަން ތިއުޅޭނީ" ސައިކަލްގެ ވެރިމީހާކަމަށް ހެދިގެން އުޅޭމީހާ ބުނެލިއެވެ. ޖަވާބުގައި "ފައިސާގެ ވެރިމީހާގާތު ހުއްދަ ހޯދާލަން ޖެހޭނެނޫންހޭ" އަޅުގަނޑު ބުނީމެވެ. "އެއްވެސްތާކައް ގުޅައިގެންނުވާނެ. ގުޅާފިއްޔާ ފޯނުއަތުލާފާ ފުޑާލާނަން" އޭނާ އަޅުގަނޑަށް އިންޒާރު ދިނެވެ. އަޅުގަނޑު ހަމަޖެހިލާފައި ބުނީމެވެ. "ކަލޭގެ ސައިކަލެ ތަޅުބަދަލުކުރަން ފައިސާދެވެންއޮތީ ހަމައެކަނި މިގޮތަށެވެ." އޭރު އަޅުގަނޑު ފޯނުނަގައި ޕޮލިސް ސަރވިސްގެ ނަންބަރު ހޯދައިފީމެވެ. އެވަގުތު ރަށްޓެއްސަކު މަގުމަތިން ދަނިކޮށްފެނިއްޖެއެވެ. އަޅުގަނޑު ލިބުނުޗާންސްގެ ބޭނުންހިފައި ރަހުމަތްތެރިޔާއަށް ގޮވައިފީމެވެ. "ކީއްކުރަން އޭނައަށް ތިގޮވީ" އެތަނުން އެކަކު އަހާލިއެވެ. އެއިރު އެމީހުންގެ ވާހަކާގެ ރާގުގަޑު ބަދަލުވާންފަށާފިއެވެ. ދަނޑިވަޅުގެ ބޭނުންހިފައި، "ކަލޭމެންނަށް ފައިސާދެވޭތޯ، ފޯނުކުރާކައް ކަލޭމެން އެއްބަހެއްނުވި، ދެން މީނައަތުންލިބޭތޯ" އަޅުގަނޑު ބުނުމުން އަޅުގަނޑު ކޮޑުގައި ޖެހުނުމީހާ ތިމަންނައާއެކު އާރުކޭއެލް އަށް ތަޅުދަނޑިއެއްހެދޭތޯ ހިނަގާށޭދާން ބުނިއެވެ. އެމީހުން މަސަކަތްކުރީ ކޮންމެވެސް ބަހަނާއެއް ދައްކައިގެން އެސަރަހައްދުން އަޅުގަނޑު މީހުންނޫޅޭ ސަރަހައްދަކަށް ގެންދެވޭތޯއެވެ. އެކަން ކާމިޔާބުނުވުމުން އެކަކު އާރުކޭއެލް އަށޭކިޔާފައި ހިގެއްޖެއެވެ. އަޅުގަނޑު ގާތުގައި މަޑުކުރީ ސައިކަލްގެ ވެރިމީހާކަމަށް ހެދިގެން އުޅޭމީހާއެވެ. އޭރު އަޅުގަނޑުގެ ރަހުމަތްތެރިޔާވެސް އަތުވެއްޖެއެވެ. އަޅުގަނޑު ރަހުމަތްތެރިޔާއާ ވާހަކަދައްކަންފެށީމެވެ. "އަނެކަކު އެދިޔައީ އާރުކޭއެލްއައް ހިންގާ އެތަނައް" އެވަގުތު އަޅުގަޑުގާތުހުރި ސައިކަލްގެވެރިމީހާކަމަށް ހެދިގެންއުޅޭމީހާ ބުނެލިއެވެ. އަޅުގަނޑު އިންކާރުކުރުމުން ތިމަންނަ އޭނަގޮވައިގެން އެބައަނަމޭ ބުނެލިއެވެ. އަޅުގަނޑު އެއްމެރަނގަޅޭ ފައިސާބޭނުމިއްޔާ އޭނަގޮވައިގެން މިތަނައްއަންނާށޭ ބުނީމެވެ. އެ ވަގުކަލޭގެ ދިއުމުން އަޅުގަނޑު ދަނޑިވަޅުގެ ބޭނުންހިފައި ވަގުތުން ޕޮލިހަށް ގުޅީމެވެ. ގާތްގަޑަކަށް ޕޮލިހައްގުޅީތާ ދެމިނެޓްވެސް ނުވާނެ ޕޮލިހުންގެ ހަތަރުބޭފުޅަކުވަޑައިގަތެވެ. އޭރު އެއްކަލަ ވަގުކަލޭގެ އަޅުގަނޑާ ދިމާލަށް އާދެއެވެ. އޭނައަށް ޕޮލިހުން ފެނުމުން ދުރުގަ ހުރެފައި އަޅުގަނޑައް ގޮވާލާފައި "ދެންމައްސަލައެއްނެތޭ އެކަން ނިމިއްޖޭ" ބުނުމުން އަޅުގަނޑު ނޫނޭ ވެއްޓުނު ތަޅުދަނޑިއެއް ނުނެގެއެއްނޫންހޭ ސައިކަލްގެ ތަޅުބަދަލްކުރަން ލާރިބަލާއަންނާށޭ ބުނީމެވެ. އެކަމަކު އެވަގުކަލޭގެ "ފައިސާހެވޭ ތިމަންނަ ދަނީއޭ" ބުނުމުން ޕޮލިހުން އޭނާ ހިފަހައްޓައިފިއެވެ. އަދި ކަންވީގޮތް އަޅުގަނޑު ޕޮލިހުންނަށް ކިޔާދިނުމުން އޭނާއަކީ އޭގެ މީހެއްނޫންކަމަބުނިއެވެ. އެކަމަކުވެސް އަޅުގަނޑުގެ ވާހަކަތަކުރާރުކުރުމުން އޭނާއެތަނުގައިއެއްބަސްވުމުން ޕޮލިހުން އޭނާ ހަތްޔަރުކުރިއެވެ. ﷲ ޙަމްދުކުރަން!
އެހާހިސާބުން ދުރުގައި މަންޒަރު ބަލަންތިބި އާމުންގެ މީހުންއައިސް އެމީހުންނަދިމާވި އެކިއެކި ވާހަކަތައް ކިޔައިދޭން ފަށައިފިއެވެ. އެމީހުންގެ ވާހަކައިން ހަތްޔަރުކުރެވުނު ވަގުކަލޭގެ ފަރާތުން ލަނޑުލިބުނުމީހަކުވެސް އެތާހުރިކަން އެގުނެވެ. އެންމެންތިބީ ވަރަށް ހިތްހަމަޖެހިފައެވެ. މިއީ ޙަޔާތުގެ ބޮޑުބައި މާލޭގައި ހޭދަކުރިއިރު އަޅުގަނޑައް އަލަށްކުރެނުނު ތަޖުރިބާއެކެވެ. މިކަހަލަ އެތައްތަޖުރިބާއެއް އެތައްބަޔަކު ކޮށްފައި ވާނެކަން ކަށަވަރެވެ.
އަޅުގަނޑު ހޯމްމިނިސްޓަރ އުމަރު ނަސީރު އަށާއި، ޕޮލިހުންގެ އިސްފަރާތްތަކައް ކުރާ އިލްތިމާސްއަކީ މިދުވަސްވަރަކީ ސްކޫލްސީޒަންކަމުން ރާއްޖޭގެ އެކިކަންކޮޅުތަކުން ސްކޫލަށްބޭނުންވާ ތަކެތި ގަތުމަށް މާލެ އައިސް އުޅޭއިރު މިފަދަ ވަގުންގެ ކިބައިން ރައްޔިތުން ހިމާޔަތްކޮށްދީ ރައްކާތެރިކޮށްދިނުމަށް އިތުރު އޮޕަރޭޝަންތައް ހިންގަދޭށެވެ. އަދި އެފަދަ މީހުންގެ ފޮޓޯ މީޑިއާގައި ޖަހައި ޢާންމުކޮށްދީ ރައްޔިތުން ހޭލުން ތެރިކޮށްދޭށެވެ. އަދި އެފަދަ މީހުންނައް ޙައްޤު އަދަބު ދޭށެވެ.
ﷲގެ ރަޙްމަތުން މިއަދު އަޅުގަނޑު ސަލާމަތްވީއެވެ. އެކަމަކު އޭގެ ކުރިން އެކަހަލަ މަޅިގައި ކިތައްމީހުން ޖެހިފައިވާނެތޯއެވެ. އަދި ކުރިއައް އޮތްތަނުގައި ޖެހޭނެތޯއެވެ.
އަދި ޢާމުރައްޔިތުންވެސް މިކަމުގައި ހޭލުންތެރިވެ ސަމާލުވެ، މީހަކު މިކަހަލަ މަޅިއެއްގައި ޖެހިގެން އުޅޭކަމުގެ ޝައްކެއްވިޔަސް ޕޮލިހައް ގުޅާ އެންމެހާމީސްތަކުން އެމަޅިން ސަލާމަތް ކުރުމަށް ޕޮލިހުންނައް އެއްބާރުލުންދެއްވާށެވެ. ފަރުދީ ޒިންމާ ނަންގަވާށެވެ. ޖެހިލުންވެ ވަޑައިނުގަންނަވާށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...