ދުނިޔޭގެ މަޝްހޫރު ނޫސްތަކުގެ ފަލަސުރުޚީތަކާއި، އެންމެ މަޝްހޫރު ސޯޝަލް ނެޓްވޯކް ތަކުގައި މިދުވަސްކޮޅު އެންމެ "ހޫނުކޮށް'' ފެތުރެމުންދާ ޚަބަރަކީ ހޮލީވުޑްގެ މަޝްހޫރު ބަޠަލެއްގެ ކުއްލި މަރުގެ ޚަބަރެވެ. މިޚަބަރުގެ ސަބަބުން އެތައްބަޔަކުދަނީ ހިތާމަފާޅު ކުރަމުންނެވެ.
އާދެ! ސައްތައިން ސައްތަ އިސްލާމީ ޤައުމެއް ކަމަށް ދަޢުވާކުރާ މި ކުޑަކުޑަ ދިވެހިރާއްޖޭގެ އެތައްބަޔަކުވެސް ދަނީ މިކަމާއި ހިތާމަފާޅުކުރަމުންނެވެ. ގިނަބަޔަކު ދަނީ ޓްވީޓްތައްކޮށް ފޭސްބްކުގައި ސްޓޭޓަސްތައް ޖަހައި އޭނާއަށް ހެޔޮދުޢާ ކުރަމުންނެވެ. ހިތާމައަކީ މިގޮތަށް ޓްވީޓްތައް ކޮށް ސްޓޭޓަސްތައް ޖަހައި އެއަށް ކޮމެންޓްކޮށް ހަދަން ތިބާގެ އަގުހުރި ވަގުތުތަކެއް ބޭކާރު ކުރަމުންދާއިރު، މިކުރެވެނީ ކިހާވަރެއްގެ ކަމެއްކަންވެސް ނޭނގޭތީއެވެ. މިކަހަލަ ޙާދިސާތަކުން ޢިބުރަތް ލިބިގަތުމުގެ ބަދަލުގައި، ކަމުގައި އޮތް އެންމެ ގޯސް ގޮތުގައި ހިފާތީއެވެ.
ކީރިތި ޤުރުއާންގައި މިކަމަކީ ފާޅުވެގެންވާ ޙަރާމް ކަމެއް ކަމުގައި އަންގަވާފައިވެއެވެ.
"ނަބިއްޔާއަކަށްވެސް، އަދި އީމާންވި މީހުންނަކަށްވެސް މުޝްރިކުންނަށްޓަކައި ފާފަފުއްސެވުންއެދި ދުޢާ ކުރެއްވުމެއް ނެތެވެ. އެއުރެންނީ ގާތްތިމާގެ މީހުންކަމުގައި ވީނަމަވެހެވެ. ހަމަކަށަވަރުން، އެއުރެންނީ ނަރަކައިގެ އަހުލުވެރިންކަން އެއުރެންނަށް ފާޅުވެ އެނގުމަށްފަހުގައެވެ."
(ސޫރަތުއް ތަޢުބާ 113)
އަދިވެސް އަބޫހުރައިރާގެ އަރިހުން ރިވާވެގެން އައިސްފައިވާ ހަދީޘްއެއްގައި ވެއެވެ.
އެކަލޭގެފާނު ވިދާޅުވިއެވެ. "رسول الله صلى الله عليه وسلم އެކަލޭގެފާނުގެ މަންމާފުޅުގެ ޤަބުރަށް ޒިޔާރަތްކުރެއްވި އެވެ. ފަހެ އެކަލޭގެފާނު ކީރިތިކުރެއްވި އެވެ. އަދި ވަށައިގެންތިބި ބޭކަލުންވެސް ކީރިތިކުރެއްވި އެވެ. ދެން ޙަދީޘްކުރެއްވި އެވެ. ތިމަންކަލޭގެފާނުގެ މަންމާފުޅުގެ ގަބުރަށް ޒިޔާރަތްކުރުމަށް ތިމަންކަލޭގެފާނުގެ ވެރި އިލާހުގެ ހަޟްރަތުގައި އެދުނީމެވެ. ފަހެ ތިމަންކަލޭގެފާނަށް އިޒުނަދެވުނެވެ. އަދި އެކަމަނާއަށް ފާފަފުއްސެވުމުގެ އިޒުނަޔަށް ތިމަންކަލޭގެފާނުގެ ވެރިއިލާހުގެ ހަޟްރަތުން އެދުނުހިނދު ތިމަންކަލޭގެފާނަށް އެކަމަކަށް އިޒުނައެއް ނުލިބުނެވެ. ފަހެ ތިޔަބައިމީހުން ގަބުރަށް ޒިޔާރަތްކުރާށެވެ. ހަމަކަށަވަރުން އެކަމަކީ މަރުމަތިން ހަނދާންކޮށްދޭނެ ކަމެކެވެ."
އަޅުގަނޑުގެ ހިތުގައި އުފެދޭ އެންމެ ބޮޑު ސުވާލަކީ ﷲ އާއި އެކަލާނގެ ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމް) ގަބޫލު ނުކުރާ މީހަކު މަރުވެގެން އަހަރެމެން މުސްލިމުންނަށް މިހާ އަސަރެއް މިކުރަނީ އަޅެފަހެ ކީއްވެގެންތޯއެވެ؟ ސީރިއާ، ފަލަސްތީން، އިރާޤް، އަފްގާނިސްތާން، ބަރުމާ އަދި މިހެންގޮސް އެތަކެއް އިސްލާމީ ގައުމުތަކެއްގެ، އެތައް ހާސް މައުސޫމް ކުޑަކުދިންނާއި، އާންމު ރައްޔިތުން އެއްވެސް ކުލުނެއް ރަޙުމެއްނެތި، ކޮންމެ ދުވަހަކު މަރަމުންދާއިރު މިކަންކަން އާދައިގެ ކަންކަމަށް ވަނީ ކީއްވެގެންތޯއެވެ؟ މިއަދު ކާފަރަކު މަރުވުމުން އެމީހާއަށް ހެޔޮދުޢާ ކުރަން އަވަދިނެތި އުޅޭއިރު، މުސްލިމް އެތައް ދަރިންތަކަކަށް ލިބެމުންއެދާ ނޭއްގާނީ އަނިޔާތަކަށް ހުއްޓުމެއް އާދޭތޯ، އެމީހުން އެނުލަފާ ''ޖަނަވާރުން'' ގެ ކިބައިން ސަލާމަތް ކޮށްދެއްވާތޯ، ތެދުވެރި ނިޔަތަކާއެކު ދެއަތް އުފުލާ ﷲ ގެ ޙަޟުރަތަށް ދުޢާ ކުރީ ކިތައް ބޭފުޅުންތޯއެވެ؟
މިއަދު ޕޯލް ވޯކާ ކާރު އެކްސިޑެންޓްވެ، އަނދައިގެން އެކަމާ ދެރަވެގެން ރޮމުންދާއިރު، މުސްލިމް އަޚުންނާއި އުޚްތުންގެ ލޭގެ ކޯރުތަކުން ބިންމަތިތައް ފުރިފައިވާ މަންޒަރު ފެނުމުން ލޮލުން ކަރުނައެއް ވައްޓާލީ ތީގެ ތެރެއިން ކިތައް ބޭފުޅުންތޯއެވެ؟ ކާފަރުންގެ މަރުގެ ޚަބަރުތައް ނޫސްތަކުގެ އެންމެ މަތީ ސުރުޚީތަކަށް އަރަމުންދާއިރު، މުސްލިމް ޤައުމުތަކުގެ ޙާލަތު ނޫސްތަކުން ނުފެންނަނީ، ނޫނީ އެންމެ ތިރީ ސުރުޚީން ފެންނަނީ ކީއްވެގެންތޯއެވެ؟ އާދެ! ހައްތާވެސް ސުވާލެވެ. ފުރިހަމަ ސިކުނޑިއަކުން އަހަރެމެންނަށް ކަންތައް ކުރެވެނީ އެންމެ ރަނގަޅަށްތޯ ވިސްނާލަމާ ހިންގަވާށެވެ.
އެމީހަކު މަރުވެގެން އެންމެން ''ހޭބޯނާރާ'' ހިތާމަކުރަމުންދާ މީހަކީ ކޮބާތޯ ދެން ބަލާލަމާ ހިންގަވާށެވެ. މީނާއަކީ ބާރަށް ކާރުދުއްވުމުގެ މަންޒަރުތަކާއިއެކު މަޝްހޫރުކަންހޯދި "ފާސްޓް އެންޑް ފިއުރިއަސް" ފިލްމުތަކުގެ އެކްޓަރު ޕޯލް ވޯކާ އެވެ. ޕޯލް ވޯކާ މަރުވެފައިވަނީވެސް ''ކާރު'' އެކްސިޑެންޓެއްގައެވެ.
ކޮންމެ މީހަކުވެސް މަރުވާނީ އެމީހަކު އުޅުނުގޮތެއްގެ މަތީގައެވެ. އަދި މަޙުޝަރަށް ފޮނުވޭހުށީ އެމީހަކު އެމަރުވިކަމެއްގެ މަތީގަ އެވެ. އެހެންކަމުން ހެޔޮމަރަކުން މަރުވަން ބޭނުންނަމަ، ތިބާ އަކީ ﷲ އެންގެވި ގޮތަށް އުޅޭ މީހެއްކަމުގައި ވާށެވެ.
އިއްޔެ އެތައް ހާސް ބައެއްގެ ލޯތްބާއި، ތާޢީދު ލިބިފައިވާ މީހެއްގެ މަރުއައިގޮތް ނިކަން ދެކިބަލާށެވެ. އޭގެން އެއްވެސް މީހަކަށް އޭނާ މަރުން ސަލާމަތްކޮށްދެވުން ހެއްޔެވެ؟ ކިތަންމެ ބާރަށް ކާރު ދުއްވަން އެނގުނަސް މަރަކަށް ނުފިލުނެވެ. މިއަންނަ އަހަރު ނެރޭ ''އައު'' ފިލުމުގެ އިންތިޒާރުގައި ހުރި އިރު މަރު ދާދިގާތުގައި ވާކަމެއް ނޭނގުނެވެ. ދުނިޔޭގައި އުފަލާއި އަރާމުގައި ހޭދަކުރަމުން ދިޔައިރު އާޚިރަތައްޓަކައި އެއްވެސް އެއްޗެއް ރައްކަލެއް ނުކުރެވުނެވެ. ހޯދި މަޝްހޫރުކަމާއި، ފައިސާތަކާއި، ލިބުނު ''ފޭންސް'' ތަކުގެ ގިނަކަމުން ވީ އެއްވެސް ފައިދާއެއް ނެތެވެ.
'' ފޯރިލާ ދުނިޔެ އާރާސްތުކުރަމުން ދިޔަސް، ހޯދި ފައިސާތަކުން ފޮށިބަރާ ކޮށްލިޔަސް،
ފޯރިޔާ ހިތްވަރާ ޖޯރު ހުސްވާނެޔޭ، ލޯމަރާލަންޖެހޭނޭ ނެތަސް ބޭނުމެއް... ''
ކާފަރުންގެ މަރާމެދު ހިތާމަ ކުރުމުގެ ބަދަލުގައި، މިވަގުތުވެސް ތިބާ މަރުވެއްޖެއްޔާ ތިބާގެ ހާލަކީ ކޮބާތޯ ވިސްނާލާށެވެ! އިއްޔެގައި ދުނިޔޭގައި “ފާސްޓް އެންޑް ފިއުރިއަސް” ވެގެން އުޅުނު މީހާގެ މަރުން ޢިބުރަތް ޙާޞިލްކޮށް އަމިއްލަ ނަފުސްތައް އިޞްލާޙް ކުރާށެވެ. ކިތަންމެ ފާސްޓުވެފައި ފިއުރިއަސް ވީނަމަވެސް ” މަރު” ގެ ކުރިމަތީގައި އެކަމެއް ނުދެއްކުނެވެ. ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ފުރިހަމަ ތަޢުބާއަކުން ތަޢުބާވެ އާފެށުމަކުން ފަށަމާ ހިންގަވާށެވެ!
ކޮންމެ ކަމެއްކުރިޔަސް ތިބާއާއި އެންމެ ގާތުގައި ވަނީ މަރުކަން ހަނދާން ބަހައްޓާށެވެ. ފާފަތަކަށް އަރައިގަންނަމުން ދާއިރު މަރުގެ ރަހަ އަރުތެރޭގައި އެވަގުތުވެސް ލައިފާނެކަމާމެދު ވިސްނާށެވެ. މިދުނިޔޭގައި ތިބާއަށް ލިބިފައިވާ ވަގުތުކޮޅުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ. އިއްޔެ ބޮޑާކަމާއެކު ހިނގި ކިތައް މީހުން މިއަދު މިދުނިޔެއާއި އަލްވަދާޢު ކިޔައިފި ހެއްޔެވެ؟ މަރުއައުމުން ލަހެއްފަހެއް ނުކުރެވޭނެއެވެ. އެމީހަކު އެހުރި ހާލެއްގައި ޖެހޭނީ ފުރައިގެންދާށެވެ.
ވީމާ، ކާފަރުންގެ މަރާމެދު ހިތާމަ ކުރުމުގެ ބަދަލުގައި، މިވަގުތުވެސް ތިބާ މަރުވެއްޖެއްޔާ ތިބާގެ ހާލަކީ ކޮބާތޯ ވިސްނާލާށެވެ! އިއްޔެގައި ދުނިޔޭގައި "ފާސްޓް އެންޑް ފިއުރިއަސް" ވެގެން އުޅުނު މީހާގެ މަރުން ޢިބުރަތް ޙާޞިލްކޮށް އަމިއްލަ ނަފުސްތައް އިޞްލާޙް ކުރާށެވެ. ކިތަންމެ ފާސްޓުވެފައި ފިއުރިއަސް ވީނަމަވެސް " މަރު" ގެ ކުރިމަތީގައި އެކަމެއް ނުދެއްކުނެވެ. ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ފުރިހަމަ ތަޢުބާއަކުން ތަޢުބާވެ އާފެށުމަކުން ފަށަމާ ހިންގަވާށެވެ! މާތްﷲ އަޅަމެން އެންމެންގެ ފާފަތައްފުއްސަވައި، ހެޔޮ ގޮތުގައި އުޅުމުގެ ހެޔޮތަޢުފީޤް މިންވަރުކުރަށްވާށިއެވެ! އާމީން!
ކޮމެންޓް (0)
ލޯޑް ކުރަމުން...