މި މައުޟޫއަކީ އެއްވެސް ދިވެއްސަކަށް އާ މައުޟޫއަކަށް ވެދާނެކަމަކަށް ނުދެކެމެވެ. އެހެނީ މިއީ އެންމެ ފަސޭހައިން މިހާރު އިވިގެންދާނެ ވާހަކަ ކަމަށް ވާތީއެވެ. ދީނީ ޢިލްމުވެރިންނަކީ އަބަދުވެސް ރާއްޖޭގައި އިޙްތިރާމް ލިބިގެން ވާ ބަޔެކެވެ. މީސްތަކުން ޤަދަރު ކުރާ ބަޔެކެވެ. އެބަޔެއްގެ ބަސް ވިކޭ ބަޔެކެވެ. އެހެނަސް ސިޔާސީ އޮއެވަރެއްގައި ދިވެހިން ޖެހި މަންޒަރު މަޑުމަޑުން ބަދަލުވާން ފަށައިފިއެވެ. މިހާރު ޢިލްމުވެރިންނަށް ފުރައްސާރަ ކުރުމާ އެމީހުންގެ އަގުވައްޓާލުމަށް މަސައްކަތްކުރަނީކީ މަދެއްކޮށެއް ނޫނެވެ. ކޮންމެ ބަޔަކަށްވެސް އެބަޔަކު ތާޢީދު ކުރާގޮތާ ދެކޮޅަށް އިލްމުވެރިން ބަސް ބުނެފިނަމަ ޢިލްމުވެރިން ގޯސްވެއެވެ. ހަގީގަތް އަދި ކޮންމެގޮތަކަށް އޮތަސްވެސް މެއެވެ.
އަޅުގަނޑުމެން އެ ދީނެއްގެ މަތީގައި ދެމި ތިބެ އެ ދީނަކަށް މި ދީބުގެ ކާބަފައިން އެ ބައި މީހުންގެ ފުރާނަ ގުރުބާންކުރި އިސްލާމްދީން މި ރާއްޖޭގައި އޮންނަތާ މިހާރު ގާތްގަނޑަކަށް 860 އަހަރު ވަރު ވެދާނެ އެވެ.މިއީ ކިތަންމެ ބަޔަކު މޭކަރާ ކަމެކެވެ. އެކަން އެހެން ނުވާންވީ ކީއްވެގެންތޯއެވެ؟ ޙަސަދަވެރިކަމަކީ ދުނިޔެ މަތީގައި ލޭއޮހޮރެން އެންމެ ފުރަތަމަ މެދުވެރިވި ސަބަބު ނޫންތޯއެވެ؟ މިއީ ހަމަ އެކަނި ﷲ ސުބުޙާނަހޫ ވަ ތަޢާލާގެ އަރިހުގައި ގަބޫލު ކުރެވިގެންވާ ދީނެވެ. މިއީ އުނި ދީނެއް ނޫނެވެ. މިއީ ފުރިހަމަ ދީނެކެވެ. މިޔަށް ވުރެ ވަކީން ފުރިހަމަ ދީނެއް މި ދުނިޔެމައްޗަކު ވުޖޫދުވެފައެއް ނެތެވެ.
ދީނީ ޢިލްމުވެރިން ސިޔާސީ ވަނީއޭ ކިޔައިގެން އެންމެ ގަދަޔަށް ވާހަކަ ދައްކާ މީހުން ޢާންމުކޮށް ދޭ ޒުވާބަކީ އެމީހުން ސިޔާސީ ވަނީ ކީއްކުރަންހެއްޔެވެ؟ މީސްތަކުންނަށް އުނގަންނައިދީ ދަރުސްދޭން ތިބެންވީ ބަޔަކީ އެ މީހުނެވެ. އެމީހުން އެކަން ކުރަން ތިބުން މާ ރަނގަޅެވެ. މިކަހަލަ ހާސަރުތަކެއް ދަމާނެއެވެ. ދަންނަވަންތޯއެވެ! ދީނަކީ ކޮބައިކަމެއް ރައްބަކީ ކޮބައިކަމެއް ރަސޫލަކީ ކޮބައިކަމެއް ނޭންގި ހަމަ އެކަނި ދުލު ކޮޅުން އިސްލާމްދީނޭ މުސްލިމޭ ކިޔައިލިޔަކަސް ނުފުދޭނެއެވެ. ރަނގަޅަށް އިސްލާމް ދީނަކީ ކޮބައިތޯ ބައްލަވާށެވެ! ހޯއްދަވާށެވެ!
ޢަރަބި ބަހުގެ އިޞްތިލާޙުގައި ދީނަކީ އުޅެންވީ ގޮތެވެ. ޝަރުޢީ އިޞްތިލާހުގައި ދީނަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލާނގެ އަޅުތަކުންނަށް ދުނިޔެއާއި އާޚިރަތް ބާއްޖަވެރި ކުރުމަށް ދުނިޔޭގައި އުޅެންވީ ގޮތް އަންގަވައި މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މައްޗަށް ބާވައިލެއްވި އެ ކަލާނގެ ޝަރީޢަތެވެ.
ނިކަން ވިސްނަވާށެވެ. މިއީ ދުނިޔެއާއި އާޚިރަތް ބާއްޖަވެރިކުރެއްވުމަށް ދުނިޔޭގައި އުޅެންވީ ގޮތް އަންގަވާ އަޅުގަނޑުމެން ނެތުމުގެ ތެރެއިން އުފެއްދެވި އިލާހު އެންގެވި ގޮތެވެ. މީގައި ހުރިހާކަމެއް ޝާމިލްވެއެވެ. އަޅުކަން ކުރަންވީ ގޮތާއި، ގާތްތިމާގެ މީހުނާމެދު ކަން ކުރަންވީ ގޮތާއި، ޢާއިލާއެއް ބަލަހައްޓަންވީގޮތާއި، މުޖްތަމަޢެއްގައި އުޅޭންވީ ގޮތާއި، އެއްދާން ކުރަންވީ ގޮތާއި، އަދި ކޮބައިތޯއެވެ؟ އެންމެ ކުޑަމިނުން ގަޟާ ހާޖާ ކުރަންވީގޮތްވެސް ވަނީ އަންގަވާފައެވެ.
ވީމާ މި ޝަރީޢަތުގެ ޢިލްމު އުނގެނިވަޑައިގެން ތިއްބެވި ބޭކަލުންނަށް އިސްލާމީ ތަރަހައިގެ ތެރެއިން ވެރިކަން ކުރަންވީގޮތްވެސް އޮންނާނީ އެނގި ސާފުވެފައެވެ. އިސްލާމް ދީނުގައި ވެރިކަން ކުރަންވީ ގޮތް ނޯންނަކަމަށް ނުވަތަ ދީނީ ޢިލްމު އުނގެނިވަޑައިގެން ތިއްބެވި ފަރާތްތަކަށް އެކަން ނޭންގޭ ކަމަށް ދެކެވޭ ވާހަކައިގެ އަޞްލު ގޮސް ގުޅެނީ ހަމަ އިސްލާމީ ޝަރީޢަތުގެ އުނިކަމާއެވެ! ސަހަރޯއެވެ! މިހެން މުސްލިމަކު ބުނަން ހެޔޮވާނެހެއްޔެވެ؟ އެހެންވީމާ ދީނާ ސިޔާސަތަކީ ވަކި ކުރެވޭނެ އެއްޗެއް ނޫނެވެ! ސިޔާސަތަކީ ދީނުގެ ތެރޭގައި ހިމެނި ފައިވާ ބައެކެވެ. ދީނީ ޢިލްމުވެރިން ސިޔާސީ ވަނީކީ ނޫނެވެ. ސިޔާސަތުގެ ނަމުގައި ދީނާ ފުށުއަރާ ކަންކަން ކުރަން ފެށީމާ ހެޔޮނުބައި ވަކި ކޮށްދޭން ނަޞޭޙަތް ތެރިވަނީއެވެ.
ދިނާ ސިޔާސަތު ވަކި ކުރުމަކީ ހުޅަނގުގެ އަލްމާނީ (ސެކިއުލާ/ ލާދީނީ) ފިކުރެކެވެ. އޭރުން ސިޔާސަތުގެ ނަމުގައި ދިނާ އިދިކީލަ ކޮންމެ ކަމެއްވެސް ކުރަންވީއެވެ. ރާވެސް ވިއްކަންވީއެވެ. ގަންޖާވެސް ބޯންވީއެވެ. ބުދުވެސް ބަހައްޓަންވީއެވެ. ހޮލޮކާސްޓްވެސް ދިވެހި ދަރިންނަށް ކިޔަވައި ދޭންވީއެވެ. އިސްލާމް މާއްދާ އިޚްތިޔާރީ މާއްދާއަކަށްވެސް ހަދަން ވީއެވެ. ކޮންމެއަކަސް ސިޔާސަތުގެ ނަމުގައި ކޮންމެފަދަ ލާދީނީ އެޖެންޑާއެއްވެސް ހިންގަންވީއެވެ. ދެން މިފަދަ ކަންކަން ލޯ ކުރިމަތިން ހިނގާ އިރު އެކަމުގައި ހައްގުބަސް ނުބުނެ ޢިލްމުވެރިން ތަކެއް ތިބިނަމަ އެބޭފުޅުން އެ އުނގެނިވަޑައިގެން ތިއްބެވި ޢިލްމަކާ، ޤައުމަށާއި ދީނަށް އެ ވެވެނީ ކޮންފަދަ ބޮޑު ޚިޔާނާތެއް ތޯއެވެ؟ އެކަން ހަޖަމެއް ނުވާނެއެވެ.
-ނުނިމޭ-
ކޮމެންޓް (0)
ލޯޑް ކުރަމުން...