ސޫރިޔާގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި ބައްޝާރުގެ ސިފައިން އެޤައުމުގެ އުތުރު ސަރަހައްދެއްގެ ހައި ސްކޫލް އަކަށް ބޮން އެޅުމުގެ ސަބަބުން 12 ކިޔަވާ ކުދިން މަރުވެއްޖެއެވެ.
ސޫރިޔާގައި ހަރަކާތްތެރިވާ އަމިއްލަ ޖަމާއަތެއްކަމުގައިވާ ސީރިއަން އޮބްޒަވޭޓަރީ ފޯރ ހިއުމަން ރައިޓްސްއިން ހާމަކުރާ ގޮތުގައި އުތުރުގެ ރަގާ ސިޓީގެ ހައި ސްކޫލަކަށް ބައްޝާރުގެ ލަޝްކަރުތަކުން ވައިގެ މަގުން ދިން ހަމަލާތަކުގައި 12 ކުދިން މަރުވެފައިވާ ކަމަށާއި އަދި ޒަޚަމްވި ކުދިންވަނީ ސީރިއަސް ހާލަތެއްގައި ކަމަށް އެޖަމާއަތުން ހާމަކުރެއެވެ.
އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮންނަ ރަގާ ސިޓީއަށްދިން މިހަމަލާއިން ސަލާމަތްވި ކުއްޖަކު މީޑިއާއަށް ކިޔައިދިންގޮތުގައި ހަމަލާ ދޭން ފެށުމާ އެކު ކުދިންތައް ރޮމުން ފިލަން ދުވި ކަމަށެވެ. އުތުރުގެ ހަލަބް ސިޓީގެ އިރުން 100 ކިލޯ މީޓަރު ދުރުގައި އޮންނަ ރަގާ ސިޓީގައި މިހާރު ހަރަކާތްތެރިވަމުން ދަނީ އަލްގައިދާގެ ހަނގުރާމަވެރިން ކަމަށް މީޑިއާ ރިޕޯރޓްތައް ބުނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...