ކޮލަމިސްޓް "އަންދަލުސް" ދަރުސް - ބޮޑު އިންޤިލާބެއް ގެނުވި ދަރުހެއް (2 ވަނަ ބައި)

"އަންދަލުސް" ދަރުސް - ބޮޑު އިންޤިލާބެއް ގެނުވި ދަރުހެއް (2 ވަނަ ބައި)

"އަންދަލުސް" ދަރުސް - ބޮޑު އިންޤިލާބެއް ގެނުވި ދަރުހެއް (2 ވަނަ ބައި)

ކިޔާލަން ހޭދަވާނީ 4 މިނިޓް

ފޮންޓް ސައިޒް

ކުރީގެ ޢަދަދާއި ގުޅޭ...

ވިދާޅުވޭ: “އަންދަލުސް” ދަރުސް – ބޮޑު އިންޤިލާބެއް ގެނުވި ދަރުހެއް (1 ވަނަ ބައި)

އަންދަލުސް ދަރުސް ޓީވީއެމުން ލައިވްކުރުމުން އެމައްސަލަ މަޖިލީހަށް:

އަނދަލުސް ދަރުސް ބޭއްވި ދުވަސް ނޫން އަނެއް ދުވަހު އިވިގެން ދިޔައީ އަންދަލުސް ދަރުސް ޓީވީއެމުން ލައިވްކުރުމުން އެމްބީސީ މަޖިލީހަށް ހާޒިރުކުރަން އުޅޭ ޚަބަރެވެ. ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކުޑަ ކޮމެޓީއަށް އެމްބީސީ އާއި ބްރޯޑްކާސްޓިން ކޮމިޝަންގެ އިސްވެރިން ހާޒިރުކޮށް ދަރުސު ޓީވީއެމުން ލައިވް ކުރި މައްސަލަ ވަނީ ޖައްސާފައެވެ. އަދި އެކޮމެޓީއިން ބުނެފައިވަނީ "ޝެއިހް އާދަމް ޝަމީމް އިބްރާހިމް ދެއްވި އަންދަލުސް ދަރުހަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދާ ދެކޮޅަށް ދެއްވި ދަރުހެއް" ކަމަށެވެ.

18 ސެޕްޓެމްބަރ 2013 ގެ މެންދުރު ފަހު މަޖިލީހުގައި ބޭއްވި ކޮމެޓީގެ ބައްދަލުވުމުގައި ކޮމެޓީގެ މުޤައްރަރު ހާމިދު ބުނެފައިވަނީ "ޖަމިއްޔަތުލް ސަލަފުން ރޭ ދަރުބާރުގޭގައި ބޭއްވި ދަރުހަކީ އިސްލާމް ދީން ބޭނުންކޮށްގެން ވަކި ރިޔާސީ ކެންޑިޑޭޓަކާ ދެކޮޅަށް ކޮށްފައިވާ ކެމްޕޭނެއް" ކަމަށާއި "އެކަމާ ގުޅިގެން ޝަކުވާތަކެއް އަންނާތީ އެ މައްސަލަ ކޮމެޓީން ބަލަން ނިންމެވީ"ކަމަށެވެ. އެމްޑީޕީގެ އަޣުލަބިއްޔަތު އޮތް ސަބް ކޮމެޓީގައި ހާމިދު އިތުރަށް ބުނެފައިވަނީ "އެމްބީސީ އާއި ބްރޯޑްކާސްޓިން ކޮމިޝަން ކޮމެޓީ އަށް ހާޒިރުކުރީ ސިޔާސީ ބޭނުމަކަށް ދަރުސް ދީ، ފިތުނަ ފަސާދަ އުފެއްދުމަށް ދައުލަތުގެ މީޑިއާ އިން ފުރުސަތު ދިން ކަމަށް ފެންނާތީ"ކަމަށެވެ. އެމްބީސީ ވެރިންނާއި ހަވާލާދީ ހާމިދު ކޮމެޓީގައި ބުނެފައިވަނީ "އެމްބީސީގެ ވެރިން ވިދާޅުވީ ދަރުސް ސިޔާސީ ގޮތަކަށް ދާކަން އިހްސާސްކުރެވުމާ އެކު 11:30 ގައި ލައިވް މެދުކަނޑާލައިފީމޭ. ދެން ވިދާޅުވީ ދަރުސް ލައިވްކުރުމުގެ ހުއްދަ ދިންއިރު ވަރަށް ބޮޑަށް ބެލީމޭ، މަދަނީ ޖަމިއްޔާގެ ކަމަކަށް ވީމައޭ ހުއްދަ ދިނީ"ކަމަށެވެ.

ކޮމެޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަލީ ވަހީދު ބުނެފައިވަނީ "ސަލަފުގެ ދަރުހުގައި ރައީސް ނަޝީދަށް ނިސްބަތްކޮށް، އިދިކޮޅު ކެމްޕޭނަކަށް ދާގޮތަށް ރޭވިގެން އައި ކަމެއްގެ ތެރެއިން ކުރި ކަމެއް ކަމަށް ހީކުރި" ކަމަށެވެ. "ނަމަވެސް ކޮމެޓީ އަށް ހާޒިރުވެ، ކަން ހިނގައި ދިޔަ ގޮތް އެމްބީސީން ކިޔައިދިނުމުން ކަންތައްތައް ސާފުވެގެން ދިޔަ"ކަމަށެވެ. "އަންދަލުސް" ދަރުސްގެ މައްސަލަ ބެލުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) ގެ އިސްވެރިން ކޮމެޓީއަށް ހާޒިރުކޮށް ދެއްކި ވާހަކަތަކުގެ ތެރޭގައި އަލީ ވަހީދު ވަނީ އެމްބީސީ އަށް އިންޒާރު ދީފައެވެ. "ރިޔާސީ އިންތިހާބާ ދިމާކޮށް، ބަޔަކާ ގުޅިގެން އޭރިޔާ ތެރެއިން ލައިން ކްރޮސްކޮށްފި ނަމަ ރައްޔިތުންގެ މަޖިލީހުގެ ސާފު އަގުލަބިއްޔަތު ބޭނުންކޮށް ފިޔަވަޅު އަޅާނެ"ކަމަށް އަލީ ވަހީދުވަނީ ކޮމެޓީގައި ބުނެފައެވެ.

މިނިވަން މުއައްސަސާތަކުގެ ކުޑަ ކޮމެޓީގައި ހިމެނެނީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު އަބްދުލް ޣަފޫރާއި ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމެވެ. އެކޮމެޓީގެ މުގައްރިރަކީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލް ޣަފޫރުއެވެ.

"އަންދަލުސް" ދަރުސް އާއި މެދު "އެމްބީސީ"ގެ ބަސް:
ދަރުސް ފެށުނީންސުރެ ޓީވީއެމް އިން ލައިވް ކުރަމުން ދިޔަ ދަރުސްގެ ސިގްނަލްއަށް މައްސަލަތައް ކުރިމަތިވަމުން އައެވެ. ބައެއް ފަރާތްތަކުން އެއީ ގަސްތުގައި ކުރާ ކަމެއްކަމަށް ބުނެ ސޯޝަލް މީޑިއާގައި ދަރުސް ދައްކަމުން ދިޔައިރު ޝަކުވާ ކުރަމުންދިޔައެވެ. އަދި ދަރުސްގެ ބޮޑުބައި ދެއްކުމަށްފަހު "ދަރުސް ސިޔާސީ ވެގެން" ކަމަށް ބުނެ އެރޭ 11:30 ގައި ލައިވް ވަނީ މެދުކަނޑާލާފައެވެ.

އެމްބީސީގެ ބޯޑުގެ ޗެއާމަން އިބްރާހިމް އުމަރު މަނިކު 'އަންދަލުސް' ދަރުސް ދެއްކުމުގައި އެޑިޓޯރިއަލް ޓީމުން ބަލާފައިވާ މިންގަނޑު ހާމަކޮށްފައިވެއެވެ. އެބޭފުޅާ ވިދާޅުވީ "ދީނީ ގޮތުން ރައްޔިތުން ހޭލުންތެރި ކުރުވަން ޖެހޭނެތީ އެ ދަރުސް ލައިވް ކުރަންޖެހޭނެ" ކަމަށާއި "އެ ދަރުސް ލައިވް ކުރުމުގައި އެ ކޯޕަރޭޝަންގެ އެޑިޓޯރިއަލް ޓީމުން ބަލާފައި ވާނީ ދަރުސް އިމްތިޒާމް ކުރީ ސިޔާސީ ޕާޓީއަކުންތޯ އާއި ސިޔާސީ ބޭފުޅަކު ތަގުރީރު ކުރައްވާތޯ އާއި ދީނީ ދަރުސް ދެއްވުމުގެ ހުއްދަ އޮތް ބޭފުޅުންތޯ" ކަމަށެވެ. "ނަމަވެސް އެ ދަރުހަކީ ޖަމިއްޔަތުލް ސަލަފުން ބާއްވާ ދަރުހެއް ކަމާއި ދަރުސް ދެއްވަނީ ސިޔާސީ ބޭފުޅުން ނޫން ކަމަށާއި ދަރުސް ދެއްވާނީ ހުއްދަ އޮތް ބޭފުޅުންނަށް ވާތީ ދަރުސް ލައިވް ކުރުމަށް ފުރުސަތު ދެއްވި"ކަމަށް އިބްރާހިމް އުމަރު މަނިކު ވިދާޅުވެފައިވެއެވެ.

އިބްރާހިމް އުމަރު މަނިކު އިތުރަށް ވިދާޅުވެފައިވަނީ "ދަރުސް ލައިވް ކުރަމުންދަނިކޮށް ރޭ 11:35 އެހާކަންހާ އިރު، ދަރުސް ދެއްވަމުން ގެންދިޔަ ޝެއިހްގެ ވާހަކަފުޅުގެ މިސްރާބު ބަދަލުވަމުންދާތީ އެޑިޓޯރިލް އިން ލައިވް ފީޑު ކަނޑާލި"ކަމަށާއި "އެއްވެސް ރިޔާސީ ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގެއް ނިގުޅައިގަތުމަށް އެ ކޯޕަރޭޝަނުން ފުރުސަތު ނުދޭނެ"ކަމަށެވެ.

ހުލާސާކޮށް އެމްބީސީގެ ބަސް ވިދާޅުވެފައިވެއެވެ. އެމްބީސީގެ ޗެއާރމަން ވިދާޅުވެފައިވަނީ "ޖަމިއްޔަތުލް ސަލަފުގެ ދަރުހަކީ ދީން ބޭނުންކޮށްގެން ވަކި ކެންޑިޑޭޓަކަށް އެންޓި ކެމްޕޭން ކުރުމަށް ކުރި ކަމެއް ކަމަށް އޭނާ ގަބޫލުފުޅު ނުކުރައްވާ"ކަމަށެވެ.

"އަންދަލުސް" ދަރުސް އާއި މެދު ބްރޯޑްކާސްޓިން ކޮމިޝަން ބަސް:
ބްރޯޑްކާސްޓިން ކޮމިޝަން އިން ވަނީ "އަންދަލުސް" ޓީވީއެމް އިން ލައިވް ކުރި މައްސަލަ ބަލާފައެވެ. އެދަރުސްގައި ދައްކާފައި ހުރި ވާހަކަތައް ބްރޯޑްކާސްޓުކުރުމުގެ ޕްރެކްޓިސްއާ ހިލާފްވެފައިވާތޯ ވަނީ އެކޮމިޝަނުން ބަލާފައެވެ.
ބްރޯޑްކާސްޓިން ކޮމިޝަންގެ ބައްދަލުވުމުގެ އަޣުލަބިއްޔަތުން ނިންމާފައިވަނީ "އަންދަލުސްގެ ނަމުގައި މިދިޔަ ހަފުތާގައި ދަރުބާރުގޭގައި ކުރިއަށް ގެންދިޔަ ދަރުސްގައި ބްރޯޑްކާސްޓު ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފު ކޮންޓެންޓެއް ނުހިމެނޭ"ކަމަށެވެ. އަދި އެކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހަށް އަންގާފައެވެ.
ދަރުހާ ގުޅިގެން އެއްވެސް ފަރާތަކުން އެއްވެސް ޝަކުވާއެއް ހުށަހަޅާފައި ނުވާކަމަށް ވެސް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު ކޮމިޝަންގައި ވިދާޅުވެފައިވެއެވެ.

އެކޮމިޝަނުން އެކަން ބެލުމަށްފަހު މިގޮތަށް ނިންމާފައިވަނީ24 ސެޕްޓެމްބަރ 2013 ގައެވެ.

"އަންދަލުސް" ދަރުސް އާއި ދެކޮޅަށް އެމްޑީޕީއިން ނޫސްބަޔާން ނެރުން:
(ނުނިމޭ)

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.