މއ.ވިރާޙް
މާލެ
ދިވެހިރާއްޖެ
،އެއްވެސް މަޖުބޫރުކަމެއްނެތި އަމިއްލަފުޅަށް އިސްތިއުފާ ދެއްވި ރައީސް މުޙަންމަދު ނަޝީދަށް
.ސަލާމަށްފަހު ދަންނަވަމެވެ
.އަޅުގަނޑަށް މަނިކުފާނުގެ ނަންފުޅުގައި ސޮއިކުރައްވާފައިވާ ސިޓީފުޅެއް ލިބިފައިވާތީވެ އޭގެ ޖަވާބުގައި ލިޔަމެވެ
އަޅުގަނޑުގެ ޙާލު ރަނގަޅުވާނެ ކަމަށް މަނިކުފާނު ހީފުޅުކުރެއްވީތީވެ އަންތަރީސް ވެއްޖައީމެ މަނިކުފާނާއެކު އަޅުގަނޑުމެން ނުކުތީ ޒަމާންތަކަކަށް ދެމިގެންދިޔަ އަނިޔާވެރި ވެރިކަމެއް ބަދަލުރުމަށްޓަކައެވެ. އަދި ދެހާސްއަށްވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި މަނިކުފާނަށް ކެމްޕޭންކޮށް ވޯޓުދިނީވެސް ހަމައެކަނި އެސަބަބަށްޓަކައެވެ. އަނިޔާވެރިކަމާއި ބަލާވެރިކަމުން އަމާންވެގެންވާ ނަޒާހަތްތެރި މުޖުތަމައެއް ބިނާކުރުމުގެ ފޮނި އުންމީދުގަ އެވެ. ހަމަހަމަކަމާއި އަމާންކަން ޤާއިމް ކުރުމަށްޓަކައެވެ. ދީންވެރި، ހެޔޮލަފާ ޖީލެއް އުފައްދާ ދިވެހި އުންމަތް އަމާންކަމުގެ އައްސޭރިއަކަށް ގެންދެވޭނެކަމުގެ މަތިވެރި ޢަޒުމާއެކުގަ އެވެ. ދުޅަހެޔޮ އިޤްތިޞާދެއްގެ ތެރެއިން ބާޒާރުގައި މުދަލުގެ އަގުތިރިކޮށް އަގުހެޔޮ އަދި ފަސޭހަ ދިރިއުޅުމެއް ޙާސިލް ކުރުމަށެވެ. މައުމޫނުގެ ދީނީ ސިޔާސަތާމެދު ހިތްހަމަނުޖެހޭތީވެ، މަނިކުފާނުގެ ވެރިކަމުގައި ހެޔޮލަފާ ދީންވެރި ޢާލިމުންގެ ލަފާގެމަތިން ދައުލަތް ހިންގުމުގެ ޘަޤާފަތެއް ބިނާކުރަށްވާނެކަމަށް .ޔަޤީންކޮށްގެންނެވެ
ނަމަވެސް މަނިކުފާނު ހަނދުމަފުޅު އެބަހުރިތޯ އެވެ؟ ދިވެހި ދައުލަތުގެ އުއްތަމަ ފަނޑިޔާރު ހުވާލައިދެއްވުމާއެކު މަނިކުފާނު އަވަސްވެވަޑައިގަތީ ވަޢުދާ ޚިލާފުވެވަޑައިގަތުމަށެވެ. ހުވާ މުގުރުއްވާލެއްވުމަށެވެ. އެއާއެކު އަޅުގަނޑުމެންފަދައިން މަނިކުފާނު އިންތިޚާބުކުރުމަށްޓަކައި މަސައްކަތްކުރި ނިކަމެތިން ރޮއްވާލެއްވުމަށެވެ. ކަރަޕްޝަނާ ފަސާދައިގެ ކަންކަން އިހުނަށްވުރެ ގޯސްވެ، އިޤްތިޞާދު ބަނގުރޫޓުވެ، ދީނާއި ޤައުމިއްޔަތު ވިއްކާލެވި، މުޖުތަމަޢުގެ އަމާންކަންގެއްލި ވެރިކަން، ބަލާވެރިކަމަކަށް ބަދަލުވެގެންދިޔައީ މަނިކުފާނު ޤަޞްދުގައި ރާއްވަވައިގެން ހިންގެވި ޖަރީމާތަކެއްގެ ސަބަބުންނެވެ. މަނިކުފާނު ވެރިކަމުގެފަރާތުން ހިންގަވަމުންގެންދެވި ލާދީނީ އަނިޔާވެރި ކަންކަން ހުއްޓާލުމަށް އެދި އާދޭސްދަންނަވަން އަޅުގަނޑު މަގުމައްޗަށް ނިކުތީމާ އެއްކަލަ އަނިޔާވެރި މައުމޫނުވެސް ނުކުރާވަރު މަނިކުފާނު ކުރެއްވީމެވެ. އެއަށްވުރެ މާބާރަށް ގަނޑުރަބަރުންނާ ކަރަންޓު މުގުރުން ތެޅުއްވީމެވެ. އެއައްވުރެމާގިނަ .އަސޭމިރުސް ދުމާއި ކަރުނަގޭސް ބޯންދެއްވީމެވެ. ދެން އެނބުރިވަޑައިގައިން މިއަދު މަނިކުފާނު ތިޔަ ވިދާޅުވަނީ އަޅުގަނޑުގެ ހެޔޮ ޙާލުގައިވާނެކަމަށް އުންމީދުކުރާވާހަކަ އެވެ
އަމިއްލަފުޅަށް އިސްތިއުފާދެއްވި ރައީސެވެ. އަޅުގަނޑުގެ ދިރިއުޅުން ތަނަވަސްކުރެއްވުމަށް މަނިކުފާނު ޝައުޤުވެރިވެވަޑައިގަންނަވާ ވާހަކަ ވިދާޅުވެއްޖައީމެވެ. ބޯހިޔާވަހިކަމުގެ ވާހަކައާއި ދަރީންނަށް ރަގަޅު ތަޢުލީމު ދެއްވަން ޝައުޤުވެރިވެވަޑައިގަންނަވާކަމާއި އަދިވެސް މަނިކުފާނު ޢާންމު ތަންތަކުގައި ތިޔަގުނުއްވާ، އެ މަތިން އަޅުގަނޑު ފޫހިވެފައިވާ، ތަސްބީހަފަތި ލިޔުއްވައިފީމު އެވެ. އެހެންކަމުން ލިޔަމެވެ. މަނިކުފާނު ވެރިކަމަށް ވަޑައިގެންނެވި އިރު އަޅުގަނޑުގެ ދުވާލު ހަތަރު ދަމާއި އަދި ރޭގަނޑުންބައެއްގައި މަސައްކަތްކުރީމާ ލިބޭ އާމްދަނީ އަށް ވުރެ އެތައްތަނަކުން އިތުރު އާމްދަނީ މިއަދު އަޅުގަނޑު ހަމައެހާވަރަށް މަސައްކަތްކުރީމާ ލިބޭ އެވެ. ނަމަވެސް ފަހަރެއްގައި މަނިކުފާނަށް އެނގިވަޑައިނުގެ އޮވެދާނެ އެވެ. ދިވެހި އިޤްތިޞާދު އެތައްގުނަޔަކަށް އިންފްލޭޓްވެ، ދިވެހި ފައިސާ ގެންގުޅޭ ޢާންމުންގެ ޕާޗޭސިންގ ޕަވާރ އެތައްތަނަކުން ދަށްވުމުގެ ނަތީޖާ އަކީ އަޅުގަނޑުމެންފަދަ މަނިކުފާނު މިއަދު ހަމްދަރުދީވެގެން ތިޔައުޅުއްވާ ނިކަމެތިންގެ އަތްމައްޗަށް އަރާ ނޫޓުގެ ޢަދަދު ގިނަވިޔަސް ދިރިއުޅުމުގެ ޙާލަތު އިންތިހާއަށް ގޯސްވުމެވެ. މި މިންވަރު ނުދަންނަ ޖާހިލުން މަނިކުފާނުގެ ފަހަތްޕުޅުން އެނބުރުނަސް އަޅުގަނޑުގެ ޙާލަތު އެނގޭނީ އަޅުގަނޑަށްތާ އެވެ. މަސްނިމޭ އިރު އަންނާންއޮތް މަހުގެ މުސާރާ ދަރަންޏަށް ނަގައިގެން އުޅެންޖެހޭ، މަނިކުފާނު ތިޔަވިދާޅުވާ ތާހިރު ދިރިއުޅުން އަޅުގަނޑު އުޅެން މަޖުބޫރުކުރެވުނުކަމުގެ ފަޚްރުމަނިކުފާނަށް ލިބިވަޑައިގަންނަވާތީ އުފާފުޅުކުރައްވާނެކަން އަޅުގަނޑު ދެނަހުރީމެވެ. އަޅުގަނޑުގެ ދިރިއުޅުމުގެ ފެންވަރުގެ .ވާހަކަ މަނިކުފާނުގެ ސިޓީގައި ލިޔުއްވީމާ އަޅުގަނޑު ގަންނަނީ ލަދެވެ. އިޙްސާސްވަނީ މަނިކުފާނު އަޅުގަނޑަށް މަލާމާތްކުރައްވާ ކަމެވެ
މަނިކުފާނު ތިޔަ ވިދާޅުވީ ތަޢުލީމުގެ ވާހަކަ ނޫންތޯ އެވެ. އަޅުގަނޑުގެ ޢާއިލާއަކީ އިސްލާމީ ތަޢުލީމަށް ފެންބޮވާގެންފައިވާ ޢާއިލާއެކެވެ. އަޅުގަނޑުގެ ދައިންގެ އުންމީދަކީވެސް އަރަބި-އިސްލާމީ ތަޢުލީމް ޙާޞިލްކުރުމެވެ. މަނިކުފާނު ދިވެހިރާއްޖޭގައި ހުރި ހަމައެކަނި އެފަދަ ތަޢުލީމް ލިބޭނެ ސްކޫލް ތަޅާކުދިކޮށްލެއްވީމު އެވެ. އެ ސްކޫލްގެ ދަރިވަރުން މަނިކުފާނުގެ ވެރިކަމުގައި އުޅުނީ މާލެތެރޭގައި ގިނަވެގެންއުޅޭ ރެފިއުޖީންތަކެއް ފަދައިންނެވެ. އަދި ދިވެހިރާއްޖެއަށް މަނިކުފާނުގެ ވެރިކަމުގައި ވޮލަންޓިއަރުންގެ ނަމުގައި ވިލާތުން ގެންނެވި ކްރިސްޓިއަން މިޝަނަރީންނެވެ. އެ މީހުންނަށް ވަނީ ރައްޔިތުންގެ ފައިސާއިން މުދައްރިސުންނަށް ވުރެ ބޮޑު ޚަރަދުކޮށްފަ އެވެ. މަނިކުފާނު އަޅުގަނޑުގެ ދަރިންގެ ތަޢުލީމާއި އެކުދިންގެ .މުސްތަޤްބަލްގެ ވާހަކަ ތިޔަވިދާޅުވީ އަޅުގަނޑަށް ފުރައްސާރަކުރައްވަން ކަމަށް އަޅުގަނޑަށް ޔަޤީންވަނީ މިސަބަބަށްޓަކައެވެ
އަމިއްލަފުލަށް އިސްތިއުފާ ދެއްވި ރައީސެވެ. އަޅުގަނޑަށް މަނިކުފާނުގެ ފެނުނީ ދައުލަތް ހިންގުމަށް އެއްވެސް މިންވަރަކަށް ކުފޫހަމަނުވާ، ނާޤާބިލު ބޭފުޅެއްގެ ގޮތުގަ އެވެ. ދިވެހިންގެ ބައިތުލްމާލުން ފާޅުގައި ވައްކަންކުރެއްވި ބޭފުޅެއްގެ ގޮތުގަ އެވެ. ދިވެހިންނަށް މިންވަރުކުރެއްވި އެންމެ އަގުހުރި ޖައުހަރުކަމުގައިވާ އިސްލާމްދީނަށް ޤަޞްދުގައި ޚިޔާނާތްތެރިވެވަޑައިގެންނެވި ޚާއިނެއްގެ ގޮތުގަ އެވެ. މަނިކުފާނުގެ ވެރިކަމުގައި ހިންގެވި ބޮޑެތި ޖަރީމާތަކުގެ ޙަޤީޤަތް ކިތަންމެ ވަރަކަށް ފޮރުވާންއުޅުއްވިއަސް އެކަން އެންމެ ރަގަޅަށް ދެނެވަޑައިގަންނަވާނީ ޚުދު މަނިކުފާނެވެ. އެ ކަމުގެ ހާސަރު މަނިކުފާނަށް ދަމައިދޭކަށް އަޅުގަނޑު ނެތީމެވެ. ނަމަވެސް އެއްވާހަކަ ތާރީޚަށްޓަކައި ދަންނަވާލާނަމެވެ. މަނިކުފާނުގެ ކިބައިން އަޅުގަނޑާ އަޅުގަނޑުގެ އަނބިދަރިންނާ އަޅުގަނޑުގެ ވަށައިގެންވާ މުޖުތަމަޢު ސަލާމަތްކޮށްދެއްވުން އެދި ގަދަކީރިތަވަންތަ ޙަޟުރަތަށް ދުޢާދަންނަވަން މަޖުބޫރުވީ ދިވެހި ޠާހިރު .ފަސްގަނޑުގައި ބާޠިލް ދީންތަކުގެ ކަލާނގެތައް އަތުރާ ދީނާއި ޤައުމުގެ ޙުރުމަތްކަނޑުއްވާ ޙަރާންކޯރު ވެވަޑައިގެންނެވި ހިސާބުނެނެވެ
އިސްވެލިޔެވުނު ސަބަބުތަކާއި އެހެން އެތައް ސަބަބަކާހުރެ ދަންނަވަމެވެ. މަނިކުފާނު ތިޔައެދިވަޑައިގެނެވި ފަދައިން އަންނަން އޮތް ރިޔާސީ އިންތިޚާބުގައި އަޅުގަނޑުގެ ވޯޓު މަނިކުފާނަށް ދެވޭނެ އެއްވެސް ގޮތެއް ނެތެވެ. ވިއްސަކަށް މީހުން ކުރިބަޣާވާތަކާ ހެދިކަމަށް ބުނެ އަށެއް ފެބްރުއަރީ ވަނަ ދުވަހު މަނިކުފާނުފަދައިން ބުއްދި ގޯސްވެފައިތިބި ބަޔަކުގޮވައިގެން ނިކުންނަވާ ދައުލަތާއި ރައްޔިތުންގެ އަގުނުކުރެވޭހައި މުދާއަންދާލި ފަދައިން އިންތިޚާބް އޮންނަދުވަހު ޤައުމުގައި އެކީއެކަށް ހުޅުޖެއްސެވި ނަމަވެސް އަޅުގަނޑުގެ މި ނިންމުން .ބަދަލުކުރެވެން ނެތްވާހަކަވެސް ދަންނަވަމެވެ
އަދި މިފުރުޞަތުގައި އެއްވާހަކަ ދަންނަވާފައި ނިންމާލާނަމެވެ. ގެއްލުނު އެއްޗެއްގެ ބޮޑުކަމާހުރެ އަޅުގަނޑާ ދިމާލަށް ކިތަންމެ ބާރަށް މަނިކުފާނު ބާޣީ ގޮވިޔަސް ފަރުވާލެއް ނެތެވެ. ނަމަވެސް ހަމަހިމޭންކަމުގެ ހިނދުކޮޅެއް ހޯއްދަވާގެން ޚިޔާލުކޮށްލައްވައިފިނަމަ މަނިކުފާނަށް ޔަޤީންކުރެވޭނެ އެއްކަމަކީ ތިމަންމަނިކުފާނަށްވުރެ ވަކިން ބޮޑު ބާޣީއަކު މިރާއްޖޭގައި .ނެތްކަމެވެ. އަޅުގަނޑު ދެކެނީ މަނިކުފާނަކީ ހަތަރުކަށިމަތި ބާޣީއެއްކަމަށެވެ
އިޙްތިރާމް ޤަބޫލުކުރެއްވުން އެދެމެވެ
21 /8/ 2013
ޚާދިމްކުމް
ޢަލީ ނަޛީރު
ގ.ކެނެރީގެ
މާލެ / ދިވެހިރާއްޖެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...