އަރަބިދުނިޔެ މިސްރުގެ ބާޣީ ސަރުކާރުން މަރުވާ މީހުންގެ ޢަދަދު ހާމަކުރަނީ އޮޅުވާލައިގެން: ހިޔުމަން ރައިޓްސް ވޮޗް

މިސްރުގެ ބާޣީ ސަރުކާރުން މަރުވާ މީހުންގެ ޢަދަދު ހާމަކުރަނީ އޮޅުވާލައިގެން: ހިޔުމަން ރައިޓްސް ވޮޗް

މިސްރުގެ ބާޣީ ސަރުކާރުން މަރުވާ މީހުންގެ ޢަދަދު ހާމަކުރަނީ އޮޅުވާލައިގެން: ހިޔުމަން ރައިޓްސް ވޮޗް

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

މިސްރުގެ ބާޣީ ސަރުކާރުން މަރުވާ މީހުންގެ ޢަދަދު ހާމަކުރަނީ އޮޅުވާލައިގެން ކަމަށް އިންސާނީ ޙައްޤު ތަކަށް ވަކާލާތު ކުރާ އެމެރިކާގެ ޖަމާޢަތެއް ކަމަށްވާ ހިޔުމަން ރައިޓްސް ވޮޗުން ބުނެފިއެވެ.

ހިޔުމަން ރައިޓްސް ވޮޗުން މިކަން ހާމަ ކޮށްފައި ވަނީ މިސްރުގައި ހިންގާފައިވާ ޤަތުލު ޢާއްމު ތައް ހިންގާފައިވާ ވަގުތު ނުރަސްމީކޮށް ޢާއްމު ކޮށްފައިވާ މަޢުލޫމާތާއި، ސިއްޙީ ޚިދުމަތް ދޭ އިދާރާ ތަކުގެ ރަސްމީ ލިޔެކިޔުން ތަކާއި، ސިއްޙީ ދާއިރާގައި މަސައްކަތް ކުރާ އެތައް ބައިވަރު އެހީތެރިންގެ ފަރާތުން އެއްކުރި މަޢުލޫމާތު އަޅާކިޔާ ބެލުމަށް ފަހުގައެވެ. އިންސާނީ ޙައްޤު ތަކަށް މަސައްކަތް ކުރާ އެމެރިކާގެ މި ޖަމާޢަތުން ބުނީ، މިސްރުގެ ރަބާ އަލް އަދަވިއްޔާގައި ސުލްޙަވެރި ކަމާއި އެކު މުޒާހަރާ ކުރުމަށް އިށީނދެގެން ތިބި އެތައް ހާސް ބައެއްގެ ތެރެއަށް އެއްވެސް ބެލުމެއް ނެތި ބަޑިޖަހައި، މިސްރުގެ ސަލަމަތީ ބާރުތަކުން ހިންގި ބިރުވެރި ޤަތުލު ޢާއްމުގައި މަރުވެފައި ވަނީ އެންމެ 288 މީހުން ކަމަށް މިސްރު ސަރުކާރުން ހާމަ ކޮށްފައިވާ ރަސްމީ ހިސާބު ތަކުން ދެއްކި ނަމަވެސް އެ ޢަދަދަކީ ސައްޙަ ޢަދަދެއް ނޫން ކަމަށެވެ.

ހިޔުމަން ރައިޓްސް ވޮޗުން ބުނީ އެ ޖަމާޢަތުން ހޯދި މަޢުލޫމާތު ތަކުން މިސްރުގެ ރާބިޢާ އަލް އަދަވިއްޔާގައި އިށީނދެތިބެ މުޒާހަރާ ކުރަމުން ގެންދިޔަ ެތައް ހާސް ބައެއްގެ ތެރެއިން އަންހެނުންނާއި ކުޑަކުދިން ނަށްވެސް އެއްވެސް ބެލުމެއް ނެތި ހިންގާފައިވާ ބިރުވެރި ޤަތުލު ޢާއްމުގައި 377 މީހުން ޤަތުލު ކޮށްލާފައި ވާކަން ކަށަވަރު ވެފައި ވާކަމަށެވެ.

މިސްރުގެ ސަރުކާރުން މަރުވާ މީހުންގެ ޢަދަދު އޮޅުވާލަމުން ގެންދާ ކަމަށް މިސްރުގެ އިންތިޚާބީ ރައީސް ޑރ މުޙައްމަދު މުރުސީ ނިސްބަތްވެ ވަޑައިގަންނަވާ އިޚުވާނުލް މުސްލިމީން ޖަމާޢަތުން ވެސް މީގެ ކުރިން ވަނީ ތުހުމަތު ކޮށްފައެވެ. އެގޮތުން ބުދަ ދުވަހު ސަލާމަތީ ބާރު ތަކުން ހިންގި ބިރުވެރި ޤަތުލު ޢާއްމު ތަކުގައި ދެހާހަށްވުރެ ގިނަ މީހުން ޤަތުލު ކޮށްލާފައި ވާކަމަށް އެ ޖަމާޢަތުން ތުހުމަތު ކުރި ނަމަެސް މިސްރުގެ ބާޣީ ސަރުކާރުން ވަނީ އެކަން ދޮގު ކޮށްފައެވެ.

ބަޣާވާތުގެ ސަރުކާރުން އެދުވަހު ހާމަ ކޮށްފައި ވާ ގޮތުން އެމީހުން އެދުވަހު ހިންގި ޤަތުލު ޢާއްމުގައި މަރާލެވުނީ އެންމެ 600 މީހުންނެވެ. މިސްރުގެ ބަޣާވާތުގެ ސަރުކާރުން ހާމަ ކުރާ ޢަދަދު ތަކާއި މެދު ޚިލާފު އުފެދި އެ ޢަދަދު ތަކުގެ ސައްޙަކަން ގެއްލިފައި ވާކަމަށް ހިޔުމަން ރައިޓްސް ވޮޗުން ހާމަ ކޮށްފައި ވާއިރު، ހިޔުމަން ރައިޓްސް ވޮޗްގެ ރިޕޯޓުގެ ކުރިން މިސްރުގެ ބާޣީ ސަރުކާރުން ވަނީ ސިއްޙީ ދާއިރާގެ އޮފިޝަލުންނާއި ސަރުކާރު މމުވައްޒަފުންނަށް އެއްވެސް މަޢުލޫމާތެއް ހާމަ ނުކުރުމަށް އަންގާ އިންޒާރު ދީފައެވެ. އަދި މިސްރުގެ ބާޣީ ސަރުކާރުން ކުރިން ބުނެފައި ވަނީ ބަޣާާތުގެ ސަރުކާރުން ހިންގާ ޤަތުލު ޢާއްމު ތަކުގައި މަރުވާ މީހުންގެ ޢަދަދު ހާމަ ކުރާނީ މަރުވާ މީހުންގެ ޢަދަދާއި މެދު ބަޣާވާތުގެ ސަރުކާރުގެ އިސްވެރިން ހިމެނޭ ކެބިނެޓުގައި މަޝްވަރާ ކުރުމަށް ފަހު ކެބިނެޓުން ކަމަށެވެ. އެމެރިކާގެ ހިޔުމަން ރައިޓްސް ވޮޗުން ނެރުނު ބަޔާނުގައި އެމެރިކާއިން ހިލޭ އެހީގެ ގޮތުގައި ދެމުން ގެންދާ ހަތިޔާރުގެ ބޭނުން ކޮށްގެން މިސްރުގެ އެތައް ބައިވަރު މުސްލިމުންނެއް ޤަތުލު ކޮށްފައި ވާއިރު، މިސްރުގެ މިނިވަން ޚިޔާލުގެ ފިކުރުގެ މިހާރުގެ ސަރުކާރުން ހިންގާފައިވާ ބިރުވެރި ޤަތުލު ޢާއްމު ތަކަކީ މިސްރުގެ ފަހުގެ ތާރީޚުގައި ވެސް ހިންގާފައިވާ މިފަދަ އެންމެ ނުރައްކާތެރި އަދި އެންމެ ބިރުވެރި ޤަތުލުޢާއްމު ކަމަށެވެ.

މިސްރުގެ ބަޣާވާތުގެ ސަރުކާރަށް އިސްލާމީ ވެރިންގެ ނަމުގައި ތިބި ބައެއް ވިރާސީ ވެރިކަން ތަކުން ތާއީދު ކޮށް އިތުރު ޤަޠުލު ޢާއްމުތައް ހިންގުމަށް މަގުފަހި ވާފަދަ ގޮތަކަށް އެތައް ބިލިޔަން ޑޮލަރެއް ހަދިޔާގެ ގޮތުގައި ދީފައި ވާއިރު، ޑިމޮކްރަސީގެ ތޮފި އަޅުއްވައިގެން ބައެއް ޤައުމު ތަކުގައި ދިގު މުއްދަތެއްގައި ވެރިކަން ކުރެއްވުމަށް ފަހު ޑިމޮކްރެޓިކް އިންތިޚާބަކާއި ޖެހުމުން ވެރިކަން ގެއްލި ވަޑައިގެންފައިވާ ބައެއް ޚުދުމުޚުތާރު ވެރިން ވެސް ގެންދަވަނީ މިސްރުގެ ބަޣާވާތުގެ ސަރުކާރަށް ތާއީދު ކޮށް ތަފާތު ވާހަކަ ތައް ފަތުރަމުން ނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.