ކުރީގެ ރައީސް މުހައްމަދު ނަޝީދު އުމްރާއަށް ވަޑައިގެންކަމާއި މެދު ސުވާލު އުފައްދާ އެންމެ ބޮޑަށް ވާހަކަ ދައްކަވާ ބޭފުޅަކީ ޝެއިޚް އިލްޔާސް ހުސެއިންއެވެ. ސޯޝަލް މީޑިއާގައިވެސް ގިނަ ބަޔަކު އެސުވާލު އުފައްދަމުން ދާއިރު އެއަށް ޖަވާބު ދެމުން ނަޝީދުގެ ސަޕޯޓަރުން ބުނަމުންދަނީ ނަޝީދަކީ "ދެއްކުމަށް" އަޅުކަން ކުރާ ބޭފުޅެއް ނޫންކަމަށެވެ. އެހެނަސް ނަޝީދުގެ "ކޮންމެ ފިޔަވަޅެއްވެސް" ފޮޓޯ ނަގަމުންދާއިރު އުމްރާ ފޮޓޯ ނުފެނުނީ ކީއްވެތޯ ޝެއިޚް އިލްޔާސްވެސް ވަނީ ވިދާޅުވެފައެވެ.
ޖުމްހޫރީ ގުޅުމުން ހިތަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝެއިޚް އިލްޔާސް ހުސެއިން ވިދާޅުވެފައިވަނީ ނަޝީދު ދާދި ފަހުން އުމްރާ އަށް ވަޑައިގެންނެވި ކަމަށް ބުންޏަސް އެ ވާހަކަ ޝެއިޚް އިލްޔާސްގެ ޒަމީރަށް ގަބޫލް ނުކުރެއްވޭ ކަމަށެވެ.
"ބައެއް މީހުން ސޯޝަލް މީޑިއާތަކުގައި ވަރަށް ފާޑު ކިޔަމުން އެބަދޭ ނަމާދުކޮށްފައި ގޮސް ކަލޭ ކާރިހޭ އަހަންވީ. ނޫން. އަޅުގަނޑު ކައިރީ އަހާކަށް ނުވެސް ޖެހޭނެ. ނަމަވެސް އަޅުގަނޑަކީވެސް މައްކާއަށް ކޮންމެ އަހަރަކު ދެފަހަރަކު ގޮސްފައިވާމީހެއް. މިތަނުން އަޅުގަނޑުމެން ދާކަމަށްވަނީނަމަވެސް 5 ގަޑި އިރުގެ ދަތުރެއް ކުރަންޖެހޭ. އެއީ ޖިއްދާއާއި ހަމައަށް. ޖިއްދާއިން މައްކާއަށް ދާން އިތުރު 2 ގަޑިއިރު ނަގާ. އެންމެ ހަލުވި މިނުގައި ތަވާފުކުރާ މީހަކަށް ތަވާފާއި ސައުޔު ކުރުމަށް ބައިގަޑިއިރު ނަގާނެ. ނަމަވެސް އަލަށް ދާމީހަކަށް ބަރާބަރު 1 ގަޑިއިރު ނަގާނެ. ދެން މައްކާއިން ޖިއްދާއަށް ދާން އިތުރު 2 ގަޑިއިރު. ދާގޮތަށް ގޮސް ފްލައިޓްއަކަށް ނޭރޭނެ. އަނެއްކާ ނަގާނެ އައުމަށް ނަގާނެ 5 ގަޑިއިރު." މައްކާގެ ގެފުޅަށް ދިއުމަށް ވަގުތު ނަގާނެކަމަށް ވިދާޅު ޝެއިޚް އިލްޔާސް ވިދާޅުވެފައިވެއެވެ. އަދި މީގެ އިތުރުން ޝެއިޚް އިލްޔާސްގެ ވާހަކާގައި ވިދާޅުވީ "އެއްދުވަހެއްގެ ތެރޭގައި މީހަކު ތިމަންނަ އުމްރާ ކޮށްފައި މިއައީއޭ ބުނީމަ އަޅުގަނޑުގެ ޒަމީރެއް ޤަބޫލެއް ނުކުރޭ އަޅުގަނޑު ބުނީ. އަދިވެސް މިބުނަނީ. އަޅުގަނޑު ނުބުނަން އޭނަ ނުކުރާނެ އެކޭ. އަޅުގަނޑުގެ ޒަމީރު ގަބޫލު ނުކޮށްގެން މިއުޅެނީ."ކަމަށެވެ.
ޝެއިޚް އިލްޔާސްގެ ވާހަކަތަކަށް އެމްޑީޕީއިން ވަނީ ނުރުހުން ފާޅުކޮށް ބަޔާނެއްވެސް ނެރެފައެވެ. އެބަޔާނުގައި ޝެއިޚް އިލްޔާސްއަށް ވަރަށް ބޮޑަށް ފާޑު ކިޔާފައިވާއިރު އެމްޑީޕީއިން ބުނެފައިވަނީ ޝެއިޚް އިލްޔާސް އަކީ "އޮޑި ދޯނި ފަހަރަށް އެބޭފުޅާގެ އީމާންތެރިކަން ވިއްކާލާ" ބޭފުޅެއް ކަމަށެވެ.
ކުރީގެ ރައީސް ނަޝީދު މީގެ ކުރިންވެސް ވަނީ އުމްރާއަށް ދިއުމަށްމަސައްކަތް ކޮށްފައެވެ. އުމްރާއަށް ދިއުމަށް ވިސާ ހޯދުމަށް ލަންކާއަށް ވަޑައިގެން ވިސާ ލިބުން ލަސްވެން ލަންކާ މަގުން މެލޭޝިޔާއަށްވަނީ ކެމްޕޭން ދަތުރެއްކޮށްފައެވެ. އުމްރާއަށް ދިއުމަށް ވިސާ ނުދީގެން ކަމަށް ބުނެ ލަންކާގައި ރޯދަ މަހުތެރޭގައި މަޑު ކުރައްވާ ވިސާ ހަމަޖެހުމުން އުމްރާއަށް ނުގޮސް ވަނީ ރާއްޖެ ވަޑައިގެންފައެވެ. އެފަހަރު ރާއްޖެ ވަޑައިގަތީ ފަހުން އުމްރާއަށް ދާނެކަމަށް ވިދާޅުވެ އިންތިހާބަށް ކުރިމަތިލުމުގެ ފޯމް އިލެކްޝަންއަށް ހުށައެޅުމަށެވެ. ދެން އިވިގެން ދިޔައީ އުމްރާއަށް ދިއުމަށް ފުރާ ޚަބަރެވެ. އެފަހަރު މާލެއިން ވަޑައިގަތީ އިންޑިއާ އަށެވެ. އިންޑިއާގައި ހުންނެވުމަށްފަހު އެބޭފުޅުންގެ ބަހުރުވައިންނަމަ "ސިއްރުން" އުމްރާއަށް މައްކާއަށް ވަޑައިގަތީއެވެ.
އުމްރާ ދަތުރާއި ބެހޭގޮތުން ނަޝީދު ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ޒުހެއިރު ހަވީރު ނޫހަށް ވިދާޅުވެފައިވާ ގޮތުގައި އިންޑިއާ ދަތުރު ނިންމަވާލައްވައި ނަޝީދު އުމްރާ އަށް ވަޑައިގެންނެވީ 2013، އޮގަސްޓް 3 ވަނަ ވީ ހޮނިހިރު ދުވަހުގައެވެ. އެވާހަކަ ވަނީ އެމްޑީޕީގެ ރަސްމީ ޓްވިޓާރއިންވެސް އާންމުކޮށްފައެވެ.
އުމްރާ ދަތުރާއި ބެހޭ ގޮތުން މީޑިއާތަކުން ވަނީ ނަޝީދުއަށް އެކިފަހަރު ސުވާލުކޮށްފައެވެ.
ދުވަހު ނޫސް 'ސަން'އަށް ޖުލައި 30 ގައި ރައީސް ނަޝީދު ސަރުކާރުގެ ޕްރެސް ސެކަރެޓަރީ މުހައްމަދު ޒުހައިރު ވިދާޅުވެފައިވަނީ "އިންޑިއާ ދަތުރަށް ފަހުން ނަޝީދު ސައުދީ އަށް ވަޑައިގެން އޮގަސްޓް މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން އެ މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް އުމުރާގެ އަޅުކަން އަދާ ކުރެއްވުމަށް ނިންމާފައިވާ"ކަމަށެވެ.
އުމްރާއަށް ދާން ވިސާ ނުލިބުމުން ލަންކާގައި މަގުން މެލޭޝިޔާއަށް ކެމްޕޭން ދަތުރެއް ކުރުމަށްފަހު ލަންކާގައި ރައީސް ނަޝީދު ހުންނަވަނިކޮށް ވިސާ ވަނީ ލިބިފައެވެ. ނަޝީދު މާލެ ވަޑައިގަތުމުން އުމްރާ ދަތުރު ކެންސަލް ކުރެއްވީތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ނަޝީދު ވިދާޅުވީ އެއީ އެމަނިކުފާނުގެ އަމިއްލަފުޅު ކަމެއް ކަމަށާއި އެކަމާއި ބެހޭ ގޮތުން ސުވާލު ނުކުރެއްވުމަށެވެ. އަދި މާރިޔާ އާއި ހަވާލާދީ ދުވަހު ނޫސް 'ސީއެންއެމް" ގައި ބުނެފައިވަނީ “އެބޭފުޅަ ވަރަށް ބޮޑަށް ބޭނުންފުޅުވޭ އަޅުކަމެއްވީމާ، އެކަން އެގޮތުގައި ބާއްވަން، އެއީ ވަހީދު ވެސް އެހުންނެވީ އެތަނަށް ވަޑައިގެންފައި ފޮޓޯއާއިގެން ވަޑައިގެން. އެހެންވެ،” މިފަދައިންނެވެ.
އުމްރާއަށް ދިއުމަށް ދެފަހަރަކު ރާއްޖޭން ބޭރަށް ވަޑައިގަނެ ކުއްލިއަކަށް 'އުމްރާގެ އަޅުކަން އަދާކޮށްފިޔޭ' ބުނުމުން ގިނަ ބަޔަކު ވަނީ އެކަމަށް ސުވާލު އުފައްދާފައެވެ. އެގޮތުން އެމައްސަލާގައި އެންމެ ގަދައަށް ވާހަކަ ދައްކަވާ ބޭފުޅާ ކަމުގައިވާ ޝެއިޚް އިލްޔާސް ވިދާޅުވެފައިވަނީ ހުރިހާ ހަރަކާތެއް ފޮޓޯ ނަންގަވާ ބޭފުޅެއް ހަޔާތުގައި އެންމެ ފަހަރަކު އުމްރާއަށް ދެވުމުން އެފޮޓޯ ނުފެނުނީ ކީއްވެތޯ ސުވާލުކޮށްފައެވެ.
"ދަލީލުތަކާއި ޤަރީނާތަކަށް ބަލާލާއިރު، މިސްކިތަށް ވަދެފިއްޔާ ފޮޓޯ އެބަފެނޭ. ނަމާދު ކުރަން އެރިޔަސް ފޮޓޯ އެބަފެނޭ. ވުޟޫ ކުރާތަންވެސް ވީ ދައްކަން. ކަލޭމެން ބުނާނޭ ނަމާދެއް ނުކުރެއޭ. މިހިރީ ނޫންހޭ ނަމާދު ކުރާ މަންޒަރު. ދެން ކީއްވެތޯ ހަޔާތުން އެންމެ ފަހަރަކު އުމްރާއަށް ދިޔައީމަ އެފޮޓޯ ނުފެނުނީ. އެޤަރީނާއެއް." އައްޑޫގައި ބޭއްވި ޖަލްސާގައި ނަޝީދު އުމްރާއަށް ދިޔަކަމާއި މެދު ޝައްކު އުފައްދަމުން ޝެއިޚް އިލްޔާސް ހުސެއިން ވިދާޅުވެފައިވެއެވެ.
ނަޝީދުއަށް ސަޕޯޓްކުރާ މީހުންނާއި ނަޝީދާއި ދެކޮޅު މީހުންގެ ދެމެދުގައި 'އުމްރާ ދަތުރު' މިއީ ބޮޑު މައުޟޫއެކެވެ. އެއްބަޔަކު ނަޝީދު އުމްރާއަށް ދިޔަކަމަށް ބާރުލާފައި ބުނާއިރު ސުވާލު އުފައްދަމުން އަނެއް ބަޔަކު ބުނަމުންދަނީ ނަޝީދު އުމްރާއަށް ނުދާކަމަށެވެ. ހަގީގަތް ދެނެވޮޑިގެންވަނީ މާތްﷲއެވެ. والله أعلم
ކޮމެންޓް (0)
ލޯޑް ކުރަމުން...