ކޮލަމިސްޓް ޑރ އާމާލް ގެ "ބޯދާ ވާހަކަ"

ޑރ އާމާލް ގެ "ބޯދާ ވާހަކަ"

ޑރ އާމާލް ގެ "ބޯދާ ވާހަކަ"

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ހޯޕް ފޯ ވިމެން” އިން ތައްޔާރުކުރި ފޮތްތަކެއް ނެރުމަށާއި އެ ޖަމްއިއްޔާގެ ވެބްސައިޓް ލޯންޗުކުރުމަށް ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖެންޑާ މިނިސްޓަރު ޑރ އާމާލް އަލީ ދެއްކި ވާހަކަތަކުގެ ސަބަބުން ޑރ އާމާލްއަށް ދަނީ ތަފާތުގެ ބަހުގެ ހަމަލާތައް އަމާޒުވަމުންނެވެ.

ފިލޯސަފީ ތައުލީމީ ދާއިރާއިން ޕީއެޗްޑީ ޙާޞިލް ކޮށްފައިވާ އާމާލް އަކީ އަމީނިއްޔާ ސުކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް ކަމާއި، އަދި ޕްރިންސިޕަލް ކަން ވެސް ކުރައްވާފައިވާ ފަރާތެކެވެ.
ޑރ އާމާލް އިތުރަށް ބުނެފައިވާގޮތުގައި ދީނީ ގޮތުން އަންހެނުންނާ މެދު ދެކެވޭގޮތަކީ މައުލޫމާތުގެ ގޮތުން ވަރަށް ބޮޑަށް ފުށު އަރާފައިވާ ކަމަށެވެ. "އަޅުގަނޑު ކިޔަވައިދިން ބައެއް ދަރިވަރުން މިހާރު ވެސް ބުނޭ ޓެކްސީއަކަށް އަރައިފިއްޔާ ވަކި ކަހަލަ ހުތުބާއެއް އިވޭ ވާހަކަ. ބައެއް ކަހަލަ ޖަލްސާއަކަށް ގޮސްފިއްޔާ ބައެއް އަންހެނުންގެ ފަރާތުން ކޮއްޓުމެއް އަދި އާއިލީ ގުޅުމުގެ ތެރެއަށް ވެސް ވަކި ކަހަލަ ބާރުތަކެއް ފޯރާ ވާހަކަ. އެގޮތުން ފިރިމީހާ އެހެން އަންހެނަކާ ކައިވެނި ކުރަން ބާރު އަޅާކަމަށް ވެސް ބައެއް ކުދިން ބުނޭ،" ޑރ. އާމާލް އެހަފްލާގައ ބުނެފައިވެއެވެ. އަދި އިތުރަށް ޑރ އާމަލް ބުނެފައިވަނީ ބޯދާ ޒަމާނުގައި ހިނގާފައި ހުރި ކަންތައްތައް އެއީ އިސްލާމީ ގޮތް ކަމަށް ބުނެ އަނެއްކާވެސް އަނބުރާ މުޖުތަމައަށް އައުމުން އަންހެނުންގެ ރޯލް ފަހަތަށް ޖެހެމުންދާ ކަމަށެވެ.

އަންހެނުންގެ ހައްޤުތަކަށް މަސައްކަތް ކުރުމުގެ ނަމުގައި އުފައްދާ ފައިވާ ޖަމިއްޔާއެއްގެ ޖަލްސާގައި ވާހަކަ ދައްކަމުން ޑރ އާމާލް ދައްކާފައިވަނީ "ބޯދާ ވާހަކަ"ތަކެއްކަމަށްބުނެ ގިނަ ބަޔެއްގެ ފާޑުކިޔުންތައް ޑރ އާމާލްއަށް ދަނީ އަމާޒުވަމުންނެވެ. ފޭސްބުކް އަދި ޓްވިޓާރ މެދުވެރިކޮށް ޑރ އާމާލްއަށް ތަފާތު ފާޑު ކިޔުންތައް ދަނީ އަމާޒުވަމުންނެވެ.

"ޓެކްސީއަކަށް އަރައިފިއްޔާ ވަކި ކަހަލަ ޚުތުބާއެއް އިވުން" މައްސަލައެއްގެ ގޮތުގައި ޑރ އާމާލް ފާހަގަ ކުރިއިރު "ޓެކްސީތަކުގައި ދީނީ ފަތުވާ ޖެހުން އިތުރުވެފައި ވާ ކަމަށް" އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓްގެ ބިއުރޯ އޮފް ޑިމޮކްރަސީ އެންޑް ހިއުމަން ރައިޓްސް ލޭބަރް އިން އާންމު ކުރި “އިންޓަނޭޝަނަލް ރިލިޖަސް ފްރީޑަމް ރިޕޯޓް” ވެސް ބުނެފައިވެއެވެ.
ޑރ އާމާލް އަލީ ދައްކާފައިވާ ވާހަކަތައް މީޑިއާ މެދުވެރިކޮށް އިވުމާއި އެކު ގިނަ ބަޔެއްގެ ނުރުހުމުގެ ބަސްތައް އާމާލްއަށް ދަނީ އަމާޒުވަމުންނެވެ. އެގޮތުން ހަވީރު ނޫހުގައި އެޚަބަރު ފުރަތަމަ ޝާއިއުކުރުމާއި އެކު އެޚަބަރަށް ލިބިފައިވަނީ ގިނައިން ދެކޮޅު ކޮމެންޓްތަކެވެ. އޭގެ ތެރޭން ފާޅުކޮށްފައިވާ ޚިޔާލުތަކުގައި "ފަރަންޖީންގެ އެއްޗެހި ކިޔަވައިގެން މުސްލިމުންގެ އެއްޗެހި ނުކިޔާހުރުމުން އެކަމަށް ފާޑު ކިޔުމަކީ ތިމާ މީހާގެ ނަޤާބިލް ކަން ހާމަ ވިކަމެއް."ކަމަށާއި "ތިހެން ތިކަން އޮތް ކަމުގަ ވީނަމަ ތިމާ މީހުން ތި މޮޅު ކުރާ ފަރަންޖީންތައް ކީއްވެ އާމަލު ތި ބުނާ ބޯދާ ދީނަން ބައިބަޔަށް ވަންނަމުންދަނީ..... ތި ބޯދާ ދީނަށް ތިހެންވާނަމަ މީހުން ނުވަންނާނެތާދޯ.... އާމަލް އާމާލް މެން ކިތަންމެ ވަރެއް ކުރިޔަސް ﷲ އެކަލާނގެ ދީން ހިމާޔަތް ކުރައްވާނެ"ކަމަށެވެ. އަދި އަނެއް ޚިޔާލުގައިވަނީ "މީ ހާދަ ބޯދާ ވިސްނުމެއް ގެންގުޅޭ އަންހެނެކޭ ދޯ. އާމާލާ އަނީސާމެން ފަދަ މީހުންނަކީ އަންހެނުންގެ ޙައްޤޭ ކިޔައިގެން ލާދީނިއްޔަތު ފަތުރަން ހުޅަނގުން ތައްޔާރުކޮށްފައި ތިބި އެޖެންޓުން. މި މީސްމީހުނަށް ތަފާތު އެވޯޑުތައްވެސް އެދެނީ އިސްލާމްދީނާ ދެކޮޅަށް މިމީހުންކުރާ ކަންތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން."ކަމަށެވެ.

ޑރ އާމާލްގެ މިވާހަކަތަކަކީ ފެމިނިޒަމް ޕްރޮމޯޓް ކުރުމުގެ ގޮތުން ދައްކާ ވާހަކަތަކެއްކަމަށް ބައެއް ކިޔުންތެރިން ސިފަކުރެއެވެ. ކުރީގެ އެކުވެރިއެއްގެ ނަމުގައި ހަވީރުގައި ލިޔެފައިވާ އެހެން ޚިޔާލެއްގައިވަނީ "އާމާލުއެވެ. ތިޔަފަދަ ގޮތަކަށް ފެމިނިޒަމް ޕްރޮމޯޓް ނުކުރައްވާށެވެ. ތިމާގެ ޢާއިލާ ރޫޅުނަސް އަދި ތިމާއަކީ ފިރިއަކަށް އެކަށީގެންވާ މީހަކަށް ނުވިޔަސް އެހެން އަންހެނުންގެ ދިރިއުޅުން "ޒަމާނީ" ގެ ނަމުގައި ގެއްލެނި ނުކުރައްވާށެވެ. ތިއީ ހަސަދައެވެ. މިވަރުން އާމާލުއަށް މިއީ ކާކުކަން އެނގިވައިޑައި ގަންނަވާނޭ ކަމަށް ދެކޭ"ކަމަށެވެ.
"އަންހެނުން ތައުލީމީ ގޮތުން ކުރިއަށް ދާއިރު ދީނީ ގޮތުން ހެޔޮ މައުލޫމާތު ލިބޭ ނަމަ އޭނާގެ ރޯލަކަށް ވާނީ ހަމައެކަނި ފިރިމީހާ ބުނާ ގޮތަށް ކަންތައްތައް ކުރުން ނޫން." ކަމަށް ޑރ އާމާލް ވަނީ ބުނެފައެވެ. އެވާހަކައަށް ކިޔުންތެރިންގެ ޚިޔާލުތަކުން ދީފައިވާ ޖަވާބުތަކުން ޑރ އާމާލްގެ ދީނީ މައުލޫމާތު ހުރި މިންވަރާއި މެދު ބައެއް ކިޔުންތެރިން ވަނީ ސުވާލު އުފައްދާފައެވެ. "އުސޫލުތަކުގެތެރޭގަ އަބިމީހާއައް އަމުރުކުރާހާހިނދަކު، އެކަމަކު. ދީނުގެ ތަރަހަ ތަކުގެބޭރުން ފިރިމީހާ އަމުރުކުރާނަމަ ނޫނީ އަމަލުތައްބަހައްޓާނަމަ އަބިމީހާ ފިރިމީހާއައް ކިޔަމަން ނުވުމަށް ދީނުގައި ވަނީއަންގަވާފަ."ކަމަށް ކިޔުންތެރިއަކު ކޮމެންޓް ކޮށްފައިވެއެވެ.

ޑރ އާމާލް ގެ ވާހަކަތަކަކީވެސް "ބޯދާ" ވާހަކަތަކެއްކަމަށް ބުނެ ބައެއް ފަރާތްތަކުން ހިތްހަމަ ނުޖެހުން ފާޅުކުރާއިރު ޑރ އާމާލް ދެއްކި ވާހަކަތަކަށް ތައުބާވެ މައާފަށް އެދުމަށްވެސް ބައެއް ފަރާތްތަކުން ވަނީ ގޮވާލާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.