ޢިރާޤުގައި ހުންނަ މަޝްހޫރު ޖަލެއްކަމުގައިވާ އަބޫ ޣުރައިބް ޖަލު މުޖާހިދުންގެ ހަމަލާއެއްގައި ފަޅާލާ، 6000 އަށް ވުރެ ގިނަ އަސީރުން މިނިވަންކޮށްފިކަމަށް ބައެއް މީޑިޔާ ރިޕޯރޓްތައް ހާމަކޮށްފިއެވެ. ޢިރާޤުގެ އަލްޤައިދާގެ ނަމުން މަޝްހޫރުވެފައިވާ ޖަމާޢަތްކަމުގައިވާ ޢިރާޤުގެ އިސްލާމީ ދައުލަތާއި ސޫރިޔާގެ އަލްޤައިދާގެ ގޮތުން މަޝްހޫރުވެފައިވާ ޖަބްހަތުއް ނުޞްރާ ގުޅިގެން މިއަހަރު އުފައްދާފައިވާ ކޯލިޝަން ޖަމާޢަތެއްކަމުގައިވާ ޢިރާޤާއި ޝާމްގެ އިސްލާމީ ދައުލަތުގެ ފަރާތުން ހިންގި މި އޮޕަރޭޝަނުގައި މަޝްހޫރު އަބޫ ޣުރައިބް ޖަލުގެ އިތުރުން ބަޣުދާދުގެ އުތުރުގައިވާ ތާޖީ ޖަލުތަކަށްވެސް ހަމަލާދީ ފަޅާލާފައިވެއެވެ.
ޢިރާޤުގެ އަބޫ ޣުރައިބް ސިޓީގައި ހުންނަ މަޝްހޫރު އަބޫ ޣުރައިބް ޖަލާއި ބަޣުދާދުގެ އުތުރުގައި ހުންނަ ތާޖީ ޖަލަކީ އަލްޤައިދާގެ ވަރަށް އިސް ކޮމާންޑަރުން ހައްޔަރުކޮށްފައިވާ ޖަލުތަކެކެވެ. އަލްޖަޒީރާއިން ޚަބަރުދޭ ގޮތުގައި މިޙަމަލާތަކުގެ އަމާޒަކީ މިކޮމާންޑަރުން މިނިވަންކުރުމެވެ.
ރޮކެޓް ބަޑިއާއި މޯޓަރުން މުޖާހިދުން ދިން ކުއްލި ޙަމަލާއަށްފަހު އަސީރުން ވަނީ ޖަލުތަކުގައި ހަޅުތާލު ހިންގާފައިކަމަށް މަޢުލޫމާތު ލިބެއެވެ. އެތައް ހާސް އަސިރުން މިނިވަންކޮށްފައިވާ މި ކާމިޔާބު ޙަމަލާއަށް ރައްދުދިނުމުގެ ގޮތުން އެސަރަޙައްދުތަކަށް ޢިރާޤުގެ ސަރުކާރުގެ ފަރާތުން ފުލުހުންނާއި ޙަމަލާދޭ ހެލިކޮޕްޓަރުތައް މިހާރު ފޮނުވާލާފައިވާކަމަށް އަލްޖަޒީރާއިން ޚަބަރުދެއެވެ.
މިއީ މި ރަމަޟާން މަހު މުޖާހިދުން ހިންގި އޮޕަރޭޝަންތަކުގެ ތެރެއިން އެންމެ ކާމިޔާބު އޮޕަރޭޝަންކަމަށް މަސްރަޙްދިރާސާކުރާ ފަރާތްތަކުން ހާމަކުރެއެވެ.
ޢިރާޤުގެ އަބޫ ޣުރައިބް ސިޓީގައި ހުންނަ މިޖަލަކީ، އެމެރިކާއިން ޢިރާޤު އަޅުވެތިކުރުމަށްފަހު އެޖަލުގައި ހައްޔަރުކޮށްފައިވާ މުސްލިމް އަސީރުންނާމެދު ހިންގާފައިވާ ލާއިންސާނީ ޢަމަލުތަކުގެ ސަބަބުން ދުނިޔޭގެ ސަމާލުކަން ލިބިފައިވާ ޖަލެކެވެ. މިހާރު މިޖަލަށް ކިޔެނީ ބަޣްދާދު ސެންޓްރަލް ޕްރިޒަން އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...