ކޮލަމިސްޓް ޑިމޮކްރަސީގެ ނިވަލުގައި ހިންގަމުންދާ ޖަރީމާ

ޑިމޮކްރަސީގެ ނިވަލުގައި ހިންގަމުންދާ ޖަރީމާ

ޑިމޮކްރަސީގެ ނިވަލުގައި ހިންގަމުންދާ ޖަރީމާ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޑިމޮކްރަސީ ފައްކާ ކުރުމަށް ދުނިޔޭގެ ކަންކޮޅުތަކުގައި ދަނީ ތަފާތު ހަރަކާތްތައް ހިންގަމުންނެވެ. ސެމިނާރ ތަކާއި ވޯކްޝޮޕްތައް އެކިއެކި ޖަމިއްޔާތަކުގެ އެހީތެރިކަމާއި އެކު ދަނީ ހިންގަމުންނެވެ. ހާއްސަގޮތެއްގައި އިސްލާމީ ޤައުމުތަކުގައި ޑިމޮކްރަސީ މުޑުވައްކުރުމާއި ފައްކާ ކުރުމުގެ ހަރަކާތަކީ ހުޅަނގުގެ ގައުމުތަކުން އިސްކަން ދީގެން ހިންގާ ކަންކަމެވެ. އެކަން ކަން ކުރަނީ އެގައުމެއްގެ މީހުން މެދުވެރިކޮންނެވެ.

"ޑިމޮކްރަސީ"ގެ ނިވަލުގައި ހިންގަމުންދާ ޖަރީމާތައް ފަހަކަށް އައިސްދަނީ ފަޅާ އަރަމުންނެވެ. ޑިމޮކްރަސީގެ ނިވަލުގައި ގައުމުތަކުގެ ޚާއިނުންނަށް އެހީތެރިވުމުގެ ގޮތުން ބޯކޮށް ފައިސާ ފޯރުކޮށްދެނީ ޑިމޮކްރަސީގެ ނިވަލުގައެވެ. ނަމުގައި އެފައިސާތައް ދެނީ ޑިމޮކްރަސީ ފައްކާ ކުރުމަށް ތަފާތު ޕްރޮގްރާމްތައް ހިންގާށެވެ. ނުވަތަ ހިންގާތީއެވެ. އެހެނަސް އެފައިސާތަކުން އެފަދަ ޚާއިނުންގެ ފަރާތުން ޤައުމަށް ލިބެނީ އިންތިހާ ގެއްލުމެވެ.

މިސްރަށް ދާދިފަހުން ގެނައި ބަޤާވާތުގެ އަޑިގައިވެސް ތިބީ "ޑިމޮކްރަސީގެ ނިވަލުގައި" ތިބި ޚާއިނުންނެވެ. ދާދިފަހުން އާންމުވެފައިވާ ރަސްމީ ލިޔެކިޔުންތަކުން ހާމަވެފައިވާ ގޮތުގައި ޑރ މުރުޝީ ވެރިކަމުން ދުރުކުރުމަށް ހިންގި ހަރަކާތަށް އެމެރިކާއިން އެހީތެރިކަން ދީފައިވާކަމަށެވެ. އެ އެހީތެރިކަން ދީފައިވަނީ މިސްރުގެ ޑިމޮކްރަސީ އާލާކޮށް ހެދުމުގެ ގޮތުން އިދިކޮޅު ސިޔާސީ މީހުންނަށެވެ. އެފަދަ އެހީ ލިބިފައިވާ މީހުންނަކީ މިސްރަށް އަންނަމުންދާ ދީނީ ރަނގަލު ބަދަލުތަކާއި ދެކޮޅަށް ވަކާލާތުކުރާ ސެކިއުލާރ ނުވަތަ ލަދީނީ ފިކުރުގެ މީހުންނަށެވެ. އެފަދަ އެހީތަށް އެމެރިކާ މެދުވެރިކޮށް ދީފައިވަނީ "ޑިމޮކްރަސީ"އަށް ކުރެވޭ މަސައްކަތައް ހިނގާ ޚަރަދުގެ ގޮތުގައެވެ.

މިސްރަށް ގެނައި ބަޤާވާތުގެ އަޑީގައި ތިބި މީހުންނަށް އެކި ފަރާތްތަކުން އެހީތެރިވެފައިވަނީ އަމިއްލަ ޖަމިއްޔާތަކަށް އެހީ ދިނުމުގެ ނަމުގައެވެ. އެޖަމިއްޔާތަކަކީ ޑިމޮކްރަސީއަށް މަސައްކަތްކުރާ ޖަމިއްޔާތައްކަން ފާހަގަކުރެވެއެވެ. ޑރ މުރުސީއަށް އޮތް ހިތްހަމަނުޖެހުމާއި ދެކޮޅަށް މިސްރުގެ އިދިކޮޅު ފަރާތްތައް ނުކުތުން ވެގެން ދިޔައީ ރޭވިގެން އައި ހަރަކާތެއްގެ ގޮތުގައެވެ. އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި ޑރ މުރުސީ އާއި ދެކޮޅަށް ނުކުމެ ހިފަހައްޓާލެވިއްޖެނަމަ ހުޅަނގުން އެކަމަށް އިޖާބަދީ ޑރ މުރުސީ ވެރިކަމުން ވައްޓާލުމަށް އެހީވާން ތައްޔާރަށް ތިބި ކަމުގެ އިޝާރާތް ލިބިފައިވާކަމަށެވެ. އެހެންކަމުން އެފަރާތްތަކުން ފައިސާގެ އިތުރުން ބަހުގެ ޔަގީންކަންވެސް އިދިކޮޅު ފަރާތްތަކަށް ވަނީ ދީފައެވެ.

މުސްލިމް ބްރަދާހުޑް އިން ހުޅަނގުން އެކިޔާ "ޑިމޮކްރަސީ"ގެ މަގުން ރައްޔިތުންގެ ލޯބި ހޯދައިގެން ރައްޔިތުންގެ ވޯޓް ހޯދައިގެން 83 އަހަރު ފަހުން ވެރިކަމަށް އައިއިރު މުސްލިމް ބްރަދާހުޑްގެ ވެރިކަން ނިމުމަކަށް ގެނެސްފައިވަނީ "ޑިމޮކްރަސީ"ގެ ނިވަލުގައި ތިބި ޤައުމަށް ޤައްދާރުވި ސިޔާސީ މީހުންކޮޅެކެވެ. މަދު ލާރިކޮޅަކަށް ހުޅަނގަށް ވިކިފައިވާ ބައެކެވެ. އެމީހުންނަކީ ސެކިއުލާރ ފިކުރު ނުވަތަ ލާދީނީ ފިކުރު މިސްރުގައި ފަތުރަން ބޭނުންވެފައިވާ ބައެއްކަން އެމީހުންގެ އަމަލާ ބަހުން ދަނީ ހާމަވަމުންނެވެ. އެމީހުން މިސްރަށް ބަޤާވާތް ގެނައުމަށްފަހު އަދިވެސް ދަނީ "ޑިމޮކްރަސީގެ ނިވަލުގައި ތިބެ" ޖަރީމާތައް ހިންގަމުންނެވެ. އެވެސް ޑިމޮކްރަސީގެ ޗެމްޕިއަނުންކަމަށް ދައުވާކުރާ ޤައުމުތަކުގެ އެހީތެރިކަމާއި މަދަދާއި އެކުގައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.