ކޮލަމިސްޓް މިސްކިތްތަކުގައި ދަރުސްދިނުމަށް ފޯމެއް ފުރާލުމަކީ އެހާވަރުގެ ކަމެއްބާ!

މިސްކިތްތަކުގައި ދަރުސްދިނުމަށް ފޯމެއް ފުރާލުމަކީ އެހާވަރުގެ ކަމެއްބާ!

މިސްކިތްތަކުގައި ދަރުސްދިނުމަށް ފޯމެއް ފުރާލުމަކީ އެހާވަރުގެ ކަމެއްބާ!

ކިޔާލަން ހޭދަވާނީ 5 މިނިޓް

ފޮންޓް ސައިޒް

ބަންޑާރަމިސްކިތުގައި އެތައް އަހަރުތަކެއް ވަންދެން ކޮންމެ ހުކުރު ވިލޭރެއަކު ބާއްވަމުން އައި ދީނީ ދަރުސް ސިޓީ ކައުންސިލުން ހުއްޓުވިކަމުގެ ވާހަކަ ވަނީ ތަފާތު ނޫސްތަކަށް އަރާފައެވެ. މިސްކިތްތަކުގައި ދަރުސްދިނުމަށްޓަކައި ސިޓީ ކައުންސިލުން ތައްޔާރުކޮށްފައިވާ ފޯމެއް ފުރައިގެން ހުއްދަ ހޯދަންޖެހެއެވެ. ޢާއްމުންގެ އެތައް ބައެއްގެ ހިތުގައި އުފެދޭ ސުވާލުތަކަކާއި ދެކޭގޮތްތަކެއް އެބަހުއްޓެވެ. ދީނީ ދަރުސް ދެވެންވާނީ ވަކި ހުއްދައެއްގެ ދަށުންނެވެ. ކޮންމެ ކޮންމެ މީހަކަށް ދަރުސް ދެވިގެންނުވާނެއެވެ. އެހެންކަމުން މިސްކިތްތަކުގައި ދަރުސްދިނުމަށް ފޯމެއް ފުރާލުމަކީ އެހާވަރުގެ ކަމެއްބާއެވެ!

އާއެކެވެ. މިސްކިތްތަކުގައި ދީނީ ދަރުސްދިނުމަށް ޢާއްމުކޮށް ހުޅުވާލެވިގެންނުވާނެއެވެ. މިސްކިތްތަކާ ޙަވާލުވެ ތިއްބެވި ބަޔަކު އެކަންކަން ބަލައި ހަދަންވާނެއެވެ. ދީނީ ދަރުސް ވަކި އުޞޫލަކުން ގެންދިއުމަށްޓަކައި ދިވެހިރާއްޖޭގެ އިސްލާމީ ކަންކަން ވަކި ޤަވާޢިދަކުން ގެންދިޔުމަށްޓަކައި ޙަވާލުވެފައިވާ އިސްލާމިކް އެފެއަރޒުން ވަނީ، ކަނޑައަޅާފައިވާ ޤަވާޢިދުތަކުގެ ދަށުން ދީނީ ވަޢުޡުތައް މިސްކިތްތަކުގައްޔާއި އެހެން ތަންތަނުގައި ދިނުމަށް، އެޤަވާޢިދުތަކަށް ފެތޭ ބަޔަކަށް ވަނީ ހުއްދަ ދެއްވާފައެވެ.

މާލޭގެ މިސްކިތްތައް ސިޓީ ކައުންސިލާ ޙަވާލުވުމުން، ކޮންމެ ނިޔަތެއްގައި ނަމަވެސް ވަނީ، މިސްކިތްތަކުގައި ދީނީ ދަރުސްތައް ދިނުމަށްޓަކައި ފޯމެއް ތައްޔާރުކޮށްފައެވެ. ޢާއްމުންގެ ގިނަމީހުންނަށް މިފޯމްގައި އޮތް އެއްޗެއް ނޭނގުނު ނަމަވެސް، ޚަބަރުތަކުގައި އައިސްފައިވަނީ، އަދި ސިޓީ ކައުންސިލުން ބުނަމުން ގެންދަނީ ވަކި ނިޒާމަކުން ގެންދިޔުމަށް ފޯމު ފުރަންޖެހެނީ ކަމަށެވެ. ބޭރުފުށުން ވަރަށް ރީއްޗެވެ. ފުރިހަމަ ނިޒާމެއްކަމަށް ހީވެއެވެ. އެހެންނަމަވެސް އެފޯމަށް ޖެހިލާ ހިނދު އެއީ ދީނީ ދަރުސްތައް މިސްކިތްތަކުގައި ދިނުން ހަނިކުރުމަށްޓަކައި ވާ ފޯމެއް މެނުވީ އެހެން ފޯމެއް ނޫނެވެ. ޢަރަބިބަހުގެ ހަރުބަހެއްގައިވާ ފަދައިން އެމީހާގެ ފަންނު ނޫން އެހެން ފަންނުތަކާމެދު ވާހަކަ ދައްކަންޏާ ތަފާތު ބީރައްޓެހި ވާހަކަތައް އެމީހާގެ ފުށުން އިވޭނެއެވެ. ޑޮކްޓަރީކަން ނޭނގޭ މަސްވެރިއެއް ޑޮކްޓަރީ ކަންކަމާމެދު ވާހަކަ ދެއްކުމުން އަޑުއިވޭ ދެކޮޅު ނުޖެހޭ ވާހަކަތައް އަޑު އިވޭނެއެވެ.

އެ ފޯމަށް ޖެހިލާއިރު، އެންމެ ފުރަތަމަވެސް އަޅައިގަންނަނީ އެ ފޯމްގެ ނަމުގައެވެ. "މިސްކިތްތަކުގައި ދަރުސާއި، ވަޢުޡު ދިނުމުގެ ހުއްދައަށް އެދޭ ފޯމް" އެވެ. އިސްލާމިކް އެފެއަރޒުން ދަރުސާއި، ވަޢުޡު ދިނުމަށް ފުރަންޖެހޭ ފޯމު ފުރައިގެން އެލިބޭ ހުއްދައަކީ އެއީ ކޮން ހުއްދައެއް ބާވައެވެ؟ އެ ހުއްދައިން މިސްކިތްތައް އިސްތިސްނާވެގެން ވަނީ ބާވައެވެ. ނޫނީ ސިޓީ ކައުންސިލުން އެފޯމް ފުރީމަ މިސްކިތްތަކުގައި ދަރުސްދޭން މިސްކިތް ދޫކުރަނީ ތޯއެވެ. ނޫނީ ހަމަ އިސްލާމިކް އެފެއަރޒުން ނަގާފައިވާ ހުއްދައިގެ އިތުރަށް އިތުރު ހުއްދައެއް ދޫކުރަނީތޯއެވެ. ވައްތަރީ އިތުރު ހުއްދައެއް އެބޭފުޅުންނަށް ދެއްވާހެންނެވެ. ސަބަބަކީ އިސްލާމިކް އެފެއަރޒުން ދޫކޮށްފައިވާ ހުއްދައަކީ ސިޓީ ކައުންސިލްކައިރީގައި އެއްޗަކަށްނުވެ، އަލުން އެ ހުއްދައާއި، ސެޓްފިކެޓްތަކުގެ ކޮޕީތަކާއި، އައިޑީކާޑު ކޮޕީ ގެންދަންޖެހުމެވެ. ބޭނުމަކީ ދީނީ ދަރުސް ދެނީ ކާކުކަން އެނގުމެވެ. އިސްލާމިކް އެފެއަރޒުން ދޫކޮށްފައިވާ ހުއްދާގައި ފޮޓޯއާއި އެނޫން ހުރިހާ މަޢުލޫމާތެއް އޮތުމުންވެސް ނުފުދެނީތޯއެވެ؟ ނޫނީ ބޭނުމަކީ ހަމަ އުނދަގޫކުރުންތޯއެވެ؟

ދެން މިއިންނަނީ، އެފޯމާއެކު ދަރުސްދޭ މަޢުޟޫއާއި މަޢުޟޫޢުގެ އަނާޞިރުތައް ހުށަހަޅަންޖެހޭ ވާހަކައެވެ. ސިލްސިލާކޮށް ގެންދާ، އެތައް އަހަރަކަށް ގެންދާ ދަރުސްތަކަކަށް މިފަދައިން ތައްޔާރުކުރާނީ ކިހިނެއްތޯއެވެ؟ އަދި ދަރުސް ދެއްވާ އެކި ބޭފުޅުންގެ މަޢުލޫމާތު އަދި ދަރުސްގެންދަވާ ޕޮއިންޓުތައްވެސް ތަފާތުވާނެއެވެ. މަޢުޟޫޢުގެ އަނާޞިރުތައް ހަދައިގެން ގެންގޮސްފިނަމަ ސިޓީ ކައުންސިލުގައި ތިއްބަވާ "ޢިލްމުވެރިން" އެ ރައްދުކުރައްވަފާނެކަމުގެ ބިރު ކުޑައެއް ނޫނެވެ. ނޫނީ އެބޭފުޅުން ބޭނުންވާގޮތަށް މަޢުޟޫޢު ބައްޓަން ނުކުރާހާ ހިނދަކު އެދަރުސެއް ނުދެވުމަކީވެސް ވަކި ކުޑަ ބިރެއްނޫނެވެ. އޭރުން ވާނީ ދީނީ ދަރުސާއި ވަޢުޡު ދިނުމުގެ ހުއްދަ ލިބިފައިވާ މީހުންގެ އަނގައިގައި، ދީނީ ދަރުސާއި ވަޢުޡު ދިނުމުގެ ހުއްދަ "ނެތް" މީހުން ޓޭޕް އެޅުވުމަށެވެ. ނޫނީ ވާނީ ހުއްދަނެތްމީހުންގެ އަނގައިން ހުއްދަ އޮތްމީހުން ވާހަކަ ދެއްކުމަށެވެ.

މިފޯމަކީ ތާކުންތާކު ނުޖެހޭ، އަދި މިސްކިތްތަކުގައި ދީނީ ދަރުސް ދިނުން ހަނިކުރަން ހަދާފައިވާ ފޯމެއްކަން ހާމަވާ އަނެއް ކަމަކީ "އުނގަންނަވައިދެވޭނެ ވަޤުތު" ލިޔެފައި ދެ ގަޑިއެއް ލިޔެފައި އިޚްތިޔާރުކުރާ ގަޑިއެއްގައި ފާހަގަޖަހަން ހަދާފައިވާ ބައެވެ. މި ދެގަޑި ފިޔަވާ އިތުރު ތިންވަނަ ގަޑިއަކަށް އެއްވެސް ކަހަލަ އިޚްތިޔާރެއް ނެތުމެވެ. އިޚްތިޔާރު ދީފައިވާ ދެ ގަޑިއަކީ ދީނީ ދަރުސްތަކަށް މިސްކިތްތަކަށް ޙާޟިރުވެ އުޅޭ މީހަކު ހިތްހަމަޖެހޭނެގަޑިއެއް ނޫނެވެ. އަދި އެފަދަކަމެއް ކުރުމަށް އެކަށީގެންވާ ދެ ގަޑިއެއްވެސް ނޫނެވެ. ދީނީ ދަރުސްތަކަށް ވަޑައިނުގަންނަވާ ބޭފުޅުންނަށް މިއީ ހަމަ އެންމެ ރަނގަޅުކަމަކަށް ވެދާނެއެވެ. ކުރީގައި ދެންނެވުނުފަދައިން އެމީހާގެ ފަންނު ނޫން އެހެން ފަންނުތަކުގައި ވާހަކަ ދައްކަންޏާމު މިކަހަލަ ޢަޖައިބު ހިނި އަންނަ ވާހަކަ އިވޭނެއެވެ.

އިޚްތިޔާރު ދީފައިވާ މިދެގަޑިއަކީ ރޭގަނޑު 9 ން 10 އަކަށް، ނުވަތަ ރޭގަނޑު 10 ން 11 އަށެވެ. ޢަޖައިބެކެވެ. ދަރުސް ދިނުންފަދަ ކަންކަން އިޚްލާޞްތެރިކަމާއެކު ކުރާކަމުގައިވާނަމަ، އެކަންކަން ބިނާވެގެންވާންވާނީ އެއަޑު އަހަން އަންނަ ބަޔަކަށް ފަސޭހަވާނޭފަދަގޮތަށެވެ. މިގޮތުގައި ދީނީ ދަރުސް އަޑުއަހާމީހަކަށް އޮތީ ދެގޮތުންކުރެ ގޮތެކެވެ. މިސްކިތުގައި އެކަމަށްޓަކައި 9 ނުވަތަ 10 ޖަހަންދެން އިނުން ނުވަތަ މިސްކިތުން ގޮސް 9 ނުވަތަ 10 ޖަހާއިރު އައުމެވެ. ސުބުހާނަﷲ! މިއީ ހަމަމިކަން ގެންދަންޖެހޭ އުޞޫލުތޯއެވެ؟ ނުވަތަ ބަޔަކަށް ކުރާ ޖެއްސުމެއްތޯއެވެ؟ ނުވަތަ އެފަދަ ދަރުސްތަކުން ޝައިޠާނާއަށް އުނދަގޫވާ ފަދައިން އެފަދަ ދަރުސްތައް ހުއްޓުވުމަށްޓަކައި ހަދާނެގޮތެއް ނެތިގެން ކުރާ ކަމެއްބާއެވެ؟ ދީނީ ދަރުސް އަޑުއެހުމަށްޓަކައި މިސްކިތުގައި 9 ނުވަތަ 10 ޖަހަންދެން އިންނަމީހާ ނުވަތަ މިސްކިތުން ގެއަށް ނުވަތަ އެހެންތާކަށްގޮސް އެގަޑިއަށް ހަމަ ދަރުސް އަޑުއެހުމަށްޓަކައި މިސްކިތައް އަންނާނެމީހަކީ ހަމަގައިމުވެސް އީމާންކަން ވަރަށް ވަރުގަދަ ތަޤުވާވެރި، ދީނަށް ޝަޢުޤުވެރިކަން ހުރިމީހެއްކަމުގައި މެނުވީ ނުވާނެވެ. މިކަންމިހެން އޮތްއިރު، އެނޫން މީހަކަށް މިސްކިތްތަކުގައި ދީން އޮޅުންފިލުވޭނެ އިތުރުގޮތެއް ހަމަނެތީތޯއެވެ؟ މިސްކިތްތަކުގެ ދައުރު ތިޔަބައިމީހުން ބޮލައިލާޖެހީ ފަހެ ކޮންތާކަށް ހެއްޔެވެ؟ އެތަނުގެ ޙަޤީޤީ ޝަރަފާއި ޢިއްޒަތް ނުދެނީ ކީއްވެ ހެއްޔެވެ؟ އެތަނުގެ ފައިދާ ހަނިކުރަނީ ފަހެ ކޮންސަބަބަކާ ހުރެ ހެއްޔެވެ؟ ސިޔާސީ އެއްވުންތަކަށާއި ތަފާތު ޝޯވތަކާއި ކުޅިވަރުތައް ބޭނުން ކޮންމެ ވަގުތަކު ކުރިޔަށް ގެންދިޔުމަށް ހުޅުވާލެވިފައިވާއިރު، ދީނީ ދަރުސް މިސްކިތުގައި ދިނުމަށް ތިޔަ ފަދައިން ހިފަހައްޓަނީ ކީއްވެތޯއެވެ؟ އެ އެއްވުންތަކުގައި ކިޔާތަކެއްޗާއި ލަވާހަޅޭކުގައި، ދީނީ ދަރުސްގައި ކިޔާތަކެއްޗަށްވުރެ ރީތީ ވާހަކަތަކެއް، ނުވަތަ މުޖުތަމަޢުއަށް ފައިދާކުރާ ވާހަކަތަކެއް ހުންނަނީ ހެއްޔެވެ؟

އެފޯމުގައި ދެން މިއިންނަނީ އެންމެ ހެއްވާ އެއްބައެވެ. "ޗެކްލިސްޓް" ބައެވެ. ސެޓްފިކެޓްތަކަށާއި އެނޫންކަންކަމަށް ބައްލަވައި އިސްލާމިކް އެފެއަރޒުން ދީފައިވާއިރުވެސް އަނެއްކާ މިފޯމާއެކު ސެޓްފިކެޓްތަކާއި، ފޮތެއް ކިޔަވައިދޭއިރު އެފޮތުގެ ނަމާ އެއްޗެހި ހުށަހަޅަންޖެހެއެވެ. ހިނިއަންނަވަރުވެއެވެ. އެ ސެޓްފިކެޓްތަކުގައިވާ ޢަރަބި އެއްޗެހި ރަނގަޅަށް ދަންނަނީ ސިޓީ ކައުންސިލުގައި ތިއްބެވި ކިތައް ބޭފުޅުންނަށް ބާވައޭ ހިތަށް އަރައެވެ. އަދި ފޮތުގެ ނަން އިނުމުން އެއީ ކޮންފޮތެއްކަން އެނގޭނީ ކިތައް ބޭފުޅުންނަށް ބާވައެވެ؟ ނޭނގޭ ޙާލު އިސްލާމިކް އެފެއަރޒުން އެދެއްވާފައިވާ ހުއްދައަށް ބުރަނުވެވިގެން ތިޔަ އުޅުއްވަނީ ކީއްވެގެންތޯއެވެ؟

އެހެންކަމުން، މިފޯމު ފުރައިގެން ދޮގެއް ހެދުމަށްވުރެ، މިފޯމު ނުފުރުން މާ ރަނގަޅު ނޫންތޯއެވެ؟ ދީނީ ދަރުސް ދެއްވާ ބޭފުޅުން ވަޤުތު ހުސްކޮށްގެން ރޭގަނޑު 9 ނުވަތަ 10 ޖަހާއިރު މީހަކު ނެތި މިސްކިތަށް ދަރުސްދިނުމަކީ ހަމަޖެހޭކަމެއްތޯއެވެ؟ ﷲގެ ގެކޮޅުގައި ﷲ މަތިން ހަނދުމަކުރުމާއި، އެއިލާހުގެ ދީން އުނގެނުމަށް ހުރަސް ނޭޅުމަށް ދަންނަވަމެވެ. އެއީ އަޅުގަނޑުމެންގެ ދީނުގެ ޙައްޤުގައެވެ. މުޖުތަމަޢުގެ ޙައްޤުގައެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް ހެޔޮމަގަށް މަގުދައްކަވާށި! އާމީން.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.