ކޮލަމިސްޓް ތުނބުޅިބޭލުމުގެ މަޖުބޫރުކަން ނައްތާލުން!

ތުނބުޅިބޭލުމުގެ މަޖުބޫރުކަން ނައްތާލުން!

ތުނބުޅިބޭލުމުގެ މަޖުބޫރުކަން ނައްތާލުން!

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ދިވެހިރާއްޖޭގެ ރައްޔިތުން އިސްލާމް ދީނުގެ ހިދާޔަތުގެ މަތީގައި ޤާއިމްވެތިބޭތާ ހާހެއްހާ އަހަރުވަނީ އެވެ. ވޭތުވެދިޔަ ސާސްކަފެއްހާ ދުވަހު އިސްލާމް ދީނުގެ މަތިވެރި ޢަޤީދާ ހިތުގެއަޑިން ޤަބުލުކޮށް ކަށަވަރުކޮށްގެން ތިއްބެއްކަމަކު، ދިވެހިންގެ ތެރޭގައި އިސްލާމް ދީނުގެ ޢިލްމު ފެތުރި ދީނުގެ ކަންކަމަށް ހޭލުންތެރި ވެފައެއް ނުވެއެވެ. ޙާލަތު ބަދަލުވެ އިސްލާމީ ތަޢުލީމުގެ އޮއިވަރު ދިވެހި ރައްޔިތުންގެ މެދުގައި ފެތުރިންގެދިޔައީ ޙާއްޞަގޮތެއްގައި ވެތުވެދިޔަ ފަނަރަވަރަކަށް އަހަރުތެރޭގައި ދީނީ ޢިލްމުވެރިންނާއި ދީނުގެ ދަޢުވަތު ފެތުރުމުގައި އިސްނެގި ޢާންމުންގެ ހިތްވަރާއި ބުރަމަސައްކަތުންނެވެ.
ދުނިޔެގެ އެންމެ މަތީދަރަޖައިގެ ދަންނަބޭކަލެއްކަމަށް ދިވެހިން ދެކެމުންއައި މީހަކު މިޤައުމުގެ ވެރިކަންކުރި ޒަމާނުގައިވެސް ކުރިމަތިވަމުންއައި ބޮޑުމައްސަލައަކީ އިސްލާމް ދީނުގެ ބައެއް ޝިޢާރުތައް ފާޅުކުރުމުގައި ދިވެހިންނަށް ދައުލަތުގެ ފަރާތުން ކުރިމަތިކުރަމުންއައި ދުއްތުރާތަކެވެ. ވަކިން ޚާއްޞަކޮށް ދައުލަތުގެ އެކިއެކި މުއައްސަސާތަކުގައި ވަޒީފާ އަދާކުރާ ދިވެހިންނަށް މިފަދަ މުޞީބާތްތައް ލައިގަންނަކަން ފާހަގަކުރެވޭ އެވެ. ސަރުކާރުގެ ފަރާތުން ހިފަހައްޓަމުންއައި ދީނުގެ ޝިޢާރުތައް ފާޅުކުރުމުގެ އަގެއްގެ ގޮތުން ވެރިންގެ ނުރުއްސެވުމާއި ވަޒީފާގެ ކުރިއެކުމުން މަޙްރޫމުވުމާއި ވަޒީފާ ގެއްލުމަކީވެސް ބައެއްފަހަރު ކުރިމަތިވެފައި ހުރި ކަންކަމެވެ.

މިހުރިހާ ކަމެއްގެ އިތުރުން، ސައްތައިންސައްތަ އިސްލާމީ ޤައުމެއްގައި ދައުލަތުގެ ބައެއް މުއައްސަސާތަކުގައި ވަކި ޤަވާޢިދެއްގެ ދަށުން އިސްލާމްދީނުގެ ހަމަތަކާ ދިމާ ޚިލާފަށް ދިވެހިން އުޅުމަށް މަޖުބޫރުކުރަންވެގެން ހަދައިގެން އުޅުނު ޤާނޫނުތަކާއި ޤަވާއިދުތައް އެއީ އަދި މާބޮޑަށްވެސް އަންތަރީސް ވާންޖެހޭ ކަމެކެވެ. ވަކިން ޚާއްޞަކޮށް ދީނީ ޢިލްމު އުނގެނިގެން ހުރި ދަންނަބޭކަލަކު އެކަންކަން ކުރިކަމީ އަދި މާބޮޑަށްވެސް ލަދުވެތިކަމެކެވެ.

ކޮންމެއަކަސް އިސްލާމްދީން އުނގެނިގެން ހުރެމެ އިސްލާމްދީނުގެ ޝިޢާރުތަކަށް ގޮންޖަހައި ޝަރީޢަތަށް އިންކާރުކުރި ޒަމާން ފަހަނައަޅާ ގޮސް މިނިވަންކަމާއި 'ޑިމޮކްރަސީ' އަށް ގޮވިޒަމާން ފަހަނައަޅާދިޔައިރުވެސް ދިވެހި ސިފައިންނާއި ފުލުހުން ތިބެންޖެހުނީ އިސްލާމް ދީނުގެ ޝިޢާރުތައް ފާޅުކުރުމަށް، ޝަރީޢަތާއި ބައިނަލްއަޤުވާމީ ޤާނޫނުތަކުގެ ދަށުން ލިބިދޭ އަސާސީ ޙައްޤުން މަޙްރޫމްވެފަ އެވެ.
ތުނބުޅި ބޭލުމަށް ނުޙައްޤުން ކޮށްފައި އޮތް މަޖުބޫރުކަން ނައްތާލީ ދާދި އިހަކަށް ދުވަހު ހިނގަމުންމިދާ ސަރުކާރުންނެވެ. މިއަދަކު ތުނބުޅި ބޭލުމަށްވެސް އަދި ބެހެއްޓުމަށްވެސް ދައުލަތުގެ ފަރާތުން އެއްވެސް ދިވެއްސަކަށް، މަޖުބޫރުކުރެވޭނެ އެއްވެސް އުސޫލެއް ހަމަޖެހިފައެއް ނުއޮންނާނެ އެވެ. ދީނީ ޢިލްމުވެރިންގެ ހެޔޮލަފާފުޅުގެ މަތިން އެކަންކުރަން ބޭނުންވާ ހަމަކޮންމެ ފިރިހެނަކަށްވެސް އެފުރުޞަތު އޮންނާނީ ހާމަޔަށް ހުޅުވިފަ އެވެ.

ދިވެހިން ކުރިއަރާދާނީ ދީނީ ޝިޢާރުތައް ދިރުވާ، އާލާކޮށް، ކުރިއަރުވައިގެންނެވެ. އަސާސީ، މަދަނީ އަދި އިންސާނީ ޙައްޤުތައް ޙިމާޔަތްކޮށް ދަމަހައްޓާގެންނެވެ. ދީނުގެ ހަމަތަކާއި އުޞޫލުތަކަށް ފުރިހަމަޔަށް ޢަމަލުކޮށް އިޙްތިރާމް ކޮށްގެނެވެ. ލާދީނީ އަނިޔާވެރި ވެރިކަމުގެ ދިފާޢުގައި ޢައިރުދީން ފެތުރުމުގެ އެޖެންޑާ ފޮރުވައިގެން އުޅޭ ބޭރުގެ ޖަމާޢަތްތަކުން ނެރޭ ރިޕޯޓުތަކަކީ ތަރައްޤީ އާއި ތަހުޛީބުގެ ރަމްޒެއް ނޫނެވެ. އެއީ ވަކިފަރާތަކަށް ސިޔާސީ މަންފާ ހޯދައިދިނުމަށްޓަކައި ދުނިޔޭގެ ލޯމަތީގައި އަޅުވާ އަނދުނެކެވެ.

އިސްލާމް ދީނަށް ނަޞްރުދީ ދީންކުރިއަރުވާ ޙިމާޔަތްކުރުމަށްޓަކައި މުހިންމީ ޢަމަލުކުރާ މީހާއެވެ. ކަންކަން ތަންފީޒުކުރާމީހާ އެވެ. އިޞްލާޙަށްޓަކައި މަސައްކަތްކުރާ މީހާއެވެ. އެކި ޙާލަތުގއި އެކިގޮތައް އަނގަތަޅާ މީހާއެއްނޫނެވެ. ދީން ދަނެހުރެމެ ދީން އޮޅުވާލާ މީހާއެއްވެސް ނޫނެވެ. މިނިވަންކަމާއި ތަރައްޤީގެ ހުވަފެން ދައްކައިގެން ޣައިރުދީންތައް ފަތުރަން މަސައްކަތްކުރާ މީހާއެއްވެސް ނޫނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.