ޚަލީލަކީ އެހެންމީހުންނާ ތަފާތު މިޒާޖެއްގެ ޒުވާނެކެވެ. އޭނާގެ ކުޅަދާނަކަމާމެދު އެކުކަވެސް ޝައްކެއް ނުކުރާނެއެވެ. ނަމަވެސް ކުރުމަށް ކުރިމަތިލާ ކަންކުމުގައި ދިމާވާ ދަތިތަކުގެ ސަބަބުން އެކަމަކަށް ފުރަގަސްދޭލެ އަވަސްކަމުން ޚަލީލުގެ ޢުމުރުން 30 އަހަރުވީއިރުވެސް ކާމިޔާބާއި ހަމަޔަށްފޯރުން އޭނާއަށްވަނީ ނާދިރުކަމަކަށްވެފައެވެ. ތަޢުލީމު ޙާޞިލްކުރިއިރުވެސް އެއްދާއިރާދޫކޮށް އަނެއްދާއިރާއާއި ދިމާލަށްދިޔައީ ދުވަމުންނެވެ. ވަޒީފާގެ ދާއިރާއަށްނުކުތުމަށްފަހުވެސް ޚަލީލުގެ ފުށުން ފެނުނީ މިމަންޒަރެވެ. ހަމަޖެހިލައިގެން އެއްވަޒީފާއެއްގައެއް ނުހުރެވުނެވެ. ކައިވެންޏަކާމެދުވެސް ވިސްނަން ނުކެރިފައިހުރީ ވަފީޒާގެ ޙާލުހުރިގޮތުންނެވެ.
ޚަލީލުގެ ހަމަޖެހުމެއްނުވާ މިއުޅުން އޭނާގެ މައިންބަފައިން ވަރަށް ނުތަނަވަސްކުރުވައެވެ. އެއްދުވަހަކު ޚަލީލުގެ ބައްޕަ ހެނދުނު ގަޑީގައި ފޯނުކޮށްލާފައި ބުންޏެވެ." ދަރިފުޅާ މިއަދު ބައްޕަޔާއި މަންމަ މި އަންނަނީ މާލެއަށެވެ. މިއަދު 3 ޖަހާއިރު 3 ބަފައިން އެކުގައި،ރެސްޓޯރެންޓަކުން ކާލަން ހަމަޖައްސާށެވެ."
ރަށުގައިއުޅުނުވަޒީފާއިން ވަކިވެގެން މާލެގެވަޒީފާޔަކަށް ޚަލީލު ބަދަލުވީތާ އަދި މިވީ ގާތްގަނޑަކަށް 3 މަހެވެ. މި 3 މަސްދުވަހު ޚަލީލުގެ މައިންބަފައިންނަކާއި ބައްދަލުވެފައެއްނެތެވެ. އެހެންވުމުން އެދެމީހުންނާއި ބައްދަލުކުރުމުގެ އުފާލިބިގަތުމަށްޓަކައި ވަގުތުޖެހުމުގެ މާކުރިން ޚަލީލު ރެސްޓޯރަންޓަކަށްގޮސް އިންތިޒާރުކުރަންފެށިއެވެ. އަދި ބައްޕަޔަށްގުޅާފައި އަންނަންވީ ރެސްޓޯރަންޓް ބުނެލިއެވެ. ކާމް ހޮޓަލުގެ މަތީބުރީގައި އިންނައިރު ބޭރުންފެންނަ މަންޒަރުރީތިވުމުން ޚަލީލުއިނީ އުފާވެރިކަމާއެކު އެދެމީހުންނަށް އިންތިޒާރުކުރުމުގައެވެ. ވެއިޓަރ އައުމުން، އޯޑަރ ދޭނީ އިންތިޒާރުކުރާ ފަރާތް އައުމަށްފަހު ކަމަށްބުނުމުން ހިނިތުންވެލާފައި ވެއިޓަރ އެތަނުންހިނގައްޖެއެވެ.
ގަޑިން ހަމަ 3 ޖެހުމާއެކު ކެތްމަދުވެފައިއިން ޚަލީލު ބައްޕަޔަށް ގުޅާފައި އަހާލިއެވެ. " ބައްޕާ އަދިވެސް ނާދެވޭތަ؟" ޖަވާބުގައި ބައްޕަ ބުންޏެވެ. " ވަރަށްކައިރިވެއްޖެ ހަމަ މިދެންއާދެވުނީއެވެ." ބައްޕަ މިހެންބުނުމަށްފަހު އިރުގަނޑެއްވެ ތިންގަޑިބައިވެސްވެއްޖެއެވެ. އަނެއްކާވެސް ޚަލީލު ބައްޕަޔަށް ގުޅާފައި އަހާލިއެވެ. ބައްޕަމެން ހަމަވަރަށްކައިރިވެއްޖެހެއްޔެވެ. ކެއްމަދުވެފައިހުރެ ޚަލީލު އިންތިޒާރުކުރަމުންދިޔައެވެ. މިހެންއިންދާ ހަތަރެއްވެސް ޖަހައިފިއެވެ. ބައްޕަމެން ނައުމުން އަނެއްކާވެސް ކޮބައިތޯ އަދި ތިބީ ހެޔޮހާލުގައިތޯ ބަލާލާން ފޯނުކުރިއެވެ. ޖަވާބުގައި ބައްޕަ ބުންޏެވެ. "ދަރިފުޅާ ބައްޕަމެން މި އަންނަނީއެވެ. މާލަހެއްނުވެ އިރާދަކުރެއްވިއްޔާ ތިތަނަށް ކައިރިކުރާނެއެވެ." އެހެންބުނުމާއެކު ބައްޕަ ފޯން ބޭއްވިއެވެ.
އިންތިޒާރުކޮޅުންލައި ހަވީރުވެ ފަހެއްވެސްޖެހިފަހުން ވެގެންއުޅެގޮތް އޮޅުންފިލުވުމަށްޓަކައި ޚަލީލު މިފަހަރު ގުޅީ މަންމަޔާއެވެ.ގުޅުމަށްފަހު މަންމަމެންތިބީހެޔޮހާލުގައިތޯ ސުވާލުކޮށްލިއެވެ. ޖަވާބުގައި މަންމަ ބުންޏެވެ." ދަރިފުޅާ މަންމައާއި ބައްޕަ މުޅިން ރަނގަޅެވެ. މިހާރުދެންމި ހަމަ އާދެވުނީއެވެ.
އިންތިޒާރުދިގުވެ އަހުމަދުގެ މޫނުމަތިން ފެންނަމުންދިޔައީ ރުޅީގެ އަސަރުތަކެވެ. ކިތަންމެ ރުޅިއެއްއަޔަސް ރެސްޓޯރެންޓުން ދެވޭކަށްނެތެވެ. އަދި ރުޅިގަދަވެ ބާރަށް އެއްޗިހިކިޔައިގަނެވޭކަށްވެސް ނެތެވެ. އެހެނީ އިންތިޒާރުކުރަމުން އެދިޔައީ އޭނަގެ ލޯބިވާ މަންމަޔާއި ބައްޕައެވެ. އަމިއްލަ ޠަބީޢަތާއި ޚިލާފަށް ޒަހަރުގެ ކޯވަރު ބޮލައި މަރުވަމުންދިޔަފަދައިން ދިޔައީ އެދެމީހުންނަށް އިންތިޒާރުކުރަމުންނެވެ.
އެންމެފަހުން ހައެއްޖެހިއިރު ޚަލީލުގެ މަންމައާއި ބައްޕަ ރެސްޓޯރެންޓަށް ވަދެގެންއައިތަން ޚަލީލަށް ފެނިއްޖެއެވެ. އައިސްފައިހުރި ރުޅިއޮއްބާލަމުން މަޑުމަތިރިކަމާއެކު ތެދުވެ މަންމައާއި ބައްޕައަށް ސަލާމްކޮށްލުމަށްފަހު އެހާ ލަސްވީކިހިނެއްވެގެންތޯ ސުވާލުކޮށްލިއެވެ.
ވަރަށްމަޑުމައިތިރިކަމާއެކު ޚަލީލުގެ ބައްޕަ ބުންޏެވެ. " މިހުރިހާ ލަހެއްމިވީ ދަރިފުޅުގެ ސަބަބުންނެވެ."
އަޅުގަނޑުގެ ސަބަބުންނޭ! ވަރަށްހައިރާންކަމާއެކު ޚަލީލު ބުނެލިއެވެ.
އަނެއްކާވެސް ވަރަށްމަޑުމައިތެރިކަމާއެކު ޚަލީލުގެ ބައްޕަ ބުންޏެވެ. " މިހުރިހާ ލަހެއްމިވީ ހަމަދަރިފުޅުގެ ސަބަބުންނެވެ."
ވާހަކަ މެދުކަނޑާލަމުން ޚަލީލުގެ މަންމަ ބުނެލިއެވެ. "ދެންއެންމެރަނގަޅެވެ. މަންމައާއި ބައްޕަ އައީނުހެއްޔެވެ. މިއަދުގެ މިކަންތަކުން ދަރިފުޅު ރަނގަޅު ފިލާވަޅެއްލިބިގަނެފިކަމަށް މަންމަ އުންމީދުކުރަމެވެ.
މިހާ ރުޅިގަދަވެފައި އިނދެގެން ލިބޭނީ ކޮންފިލާވަޅެއްހެޔެވެ. މަންމަ އަޅެބުނެބަލާށެވެ.
ރުޅިގަދަވެ ރެސްޓޯރެންޓުން ދަރިފުޅުދާންބެނުންވިކަމުގައިވިޔަސް ދަރިފުޅަކަށް މިއަދަކު ދެވޭގޮތެއްނުވިއެވެ. އެހެނީ ދަރިފުޅު އިންތިޒާރުކުރަމުންތިދިޔައީ ދަރިފުޅުގެ މައިންބަފައިންނަށެވެ. ރުޅިގަދަވެ އެތަކެއްފަހަރު ފޯނުވެސް ކުރިއެވެ.ހަޅޭލަވައިގަންނަންބޭނުންވިނަމަވެސް ބާރަށް އެއްޗެކޭބުނެވޭކަށްވެސްނެތެވެ. އެހެނީ ދަރިފުޅުގެ ކުރިމަތީގައިވަނީ ދަރިފުޅުގެ މައިންބަފައިންނެވެ. ދަރިފުޅުގެ މިއަދުގެ މަޤުޞަދަކީ ބައްޕަމެންނާއި ބައްދަލުކޮށްލާއި އެކުގައި ކާލުމުގެ ނަޞީބު ލިބިގަތުންކަމުގައިވަނީނަމަ ދަރިފުޅަށް ޖެހޭނީ ކިތައްމެ ހިތިކަމުގައިވިޔަސް ހަމަ އިންތިޒާރުކުރާށެވެ. އެގޮތަށް ކިތައްމެ ނުތަނަވަސްކަމުވީނަމަވެސް އިންތިޒާރުކުރުމުން ދަރިފުޅުގެ މަޤުޞަދު މިއަދު ކާމިޔާބުވެއްޖެއެވެ.
ޚަލީލުކައިރިއަށް އައިއްސަފަހުރި ރުޅިގަނޑު ފޮރުވަން މަސައްކަތްކުރަމުންދިޔައެވެ. ހިނގާގިޔަ ކަންތަކާއިމެދު ބައްޕަދެއްކިވާހަކައިގެ މަޤުޞަދެއް ޚަލީލަކަށް ވިސްނައެއްނުގަނެވުނެވެ. އަދި ބުންޏެވެ. " ދެންމެ ބައްޕަ ތިދެއްކިވާހަކައެއް ނުވިސްނުނެވެ."
ޚަލީލަށް އިޝާރާތްކޮށް ބައްޕަބުންޏެވެ." ދަރިފުޅާއެވެ. ދަރިފުޅަކީ ކޮންމެ ރޮނގަކުން ކުރިޔަށްދިއުމަށް މަސައްކަތްކުރިކަމުގައިވިޔަސް ކުރިޔަށް ދެވޭވަރުގެ ހުނަރާއި ކުޅަދާނަކަން ލިބިފައިވާ ދަރިއެކެވެ.ނަމަވެސް ކޮންމެކަމެއްވެސް ކާމިޔާބުވުމާހަމަޔަށް ފޯރުމަށްޓަކައި ކެތްތެރިކަމާއެކު އިންތިޒާރުކުރަންޖެހެއެވެ. ނަމަވެސް ދަރިފުޅުގައި އެކަމެއްނެތެވެ. ކެތްތެރިކަމާއެކު އިންތިޒާރުކުރުމަކީ ހިތިކަމެއްކަމުގައިވިޔަސް އޭގެމޭވާ ފޮނިވާނެއެވެ. ދަރިފުޅުގެ ހުވަފެންތައް ކާމިޔާބުކުރުމަށްޓަކައި، ދަރިފުޅުގެ މައިންބަފައިންނަށް މިއަދު އިންތިޒާރުކުރިފަދައިން އިންތިޒާރުކުރާށެވެ. އެހެނީ މިއަދު ރުޅިއައިސްގެން އަނގަހުޅުވޭކަށްނެތެވެ. ތަންދޫކޮށްދެވޭކަށްވެސް ނެތެވެ. ކިތަންމެ ރުޅިއައިކަމުގައިވިޔަސް ޖެހުނީ މިތާއިންނާށެވެ. އެހެނީ ދަރިފުޅުގެ ކުރިމަތީގައިވަނީ ދަރިފުޅުގެ މައިންބަފައިންނެވެ. މިއަދު ކިތަންމެ ވަރެއްވީކަމުގައިވިޔަސް، ދަރިފުޅު އިންތިޒާރުކުރުމުން މިއަދު ތިވަނީ ދަރިފުޅުގެ މަޤުޞަދު ޙާޞިލްވެފައެވެ.
ބަހެއްވެސް ނުބުނެ ޚަލީލު އިސްދަށްޖަހާލައިގެން ބައްޕަގެ ވާހަކަ އަޑުއަހަމުންދިޔައެވެ.ބައްޕަގެ ވާހަކަތައްކުރިޔަށްދިޔައިރު ޚަލީލަށް ހަމަރަނަގަޅަށްވެސް ރޮވިއްޖެއެވެ. އެއީ މީގެކުރިން ޚަލީލަށް އެތައްކަމެއް ކުރިމަތިވެ އެކަންކަން ކާމިޔާބުނުވެދިޔައީތީއެވެ. އެހުރިހާކަމެއްވެސް ޚަލީލަށް ކާމިޔާބުނުވެދިޔައީ އެއްކަމެއް، ކާމިޔާބުނުވަނީސް އެކަންދޫކޮށް އަނެއް މަސައްކަތާދިމާލަށްލަށްދިޔައީތީއެވެ. މިހުރިހާކަމެއްވެސް ކާމިޔާބުނުވުމުގެ އަސްލަކީ ނަތީޖާ ނުކުންނަންދެން އިންތިޒާރުނުކުރެވުމެވެ.
ޙަލީލުގެ ހިތަށްއަރަމުންދިޔައެވެ. ހުރިހިތާމައެއްގެ ބޮޑުކަމާއެވެ. ކުރިން މިހުރިހާކަމެއްވިސްނުނުނަމައެވެ. މިއަދު އަހަރެންނަކީވެސް ކާމިޔާބުމީހަކަށްވީސްކަން ކަށަވަރެވެ.
މަޝްހޫރު ސައިންވެރިއެއްކަމުގައިވާ މިސް އެޑިސަން ވިދާޅުވިއެވެ." ދުނިޔޭގެ ހަޔާތުގައި އިންސާނާކުރަމުންދާ މަސައްކަތްގިނަފަހަރު ހުއްޓާލާއިރު އެކަންއެހުއްޓާލެވެނީ ކާމިޔާބުވުމަށް ކިހާކައިވެފައިވަނިކޮށްކަމެއް އިންސާނާއަކަށްނޭނގެއެވެ."
ލިޔުންތެރިޔާގެ ބަސް:
އެހެންވީރު ކާމިޔާބު މީހަކަށްވުމަށް އެންމެ ބޭނުންތެރިކަމަކީ ކުރަމުންދާ މަސައްކަތެއް ދެމެހެއްޓެނެވިގޮތެއްގައި އެކަމެއް ކާމިޔާބުވަންދެއް ކުރުމެވެ. ކާމިޔާބަށްޓައި ކިތަންމެ ހިތިކަމުގައިވިޔަސް ކެތްތެރިކަމާއެކު އިންތިޒާރުކުރުމެވެ.















ޚިޔާލު