މަޖިލީހުގެ ގާނޫނުލް އުގޫބާތުގެ ބިލް ދިރާސާ ކުރާ ކޮމެޓީއިން އިން ގާނޫނުލް އުގޫބާތުގެ ޑްރާފްޓް ވެގެންދާނީ އެ ޑްރާފްޓްއަކަށް އެންމެ ގިނަ ބަޔަކު ވާހަކަ ދެކެވިފައިވާ ޑްރާފްޓް ކަމަށެވެ. އެބިލް އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލުމާއި އެކު ގިނަ ބަޔެއްގެ ޝަކުވާ ޑްރާފްޓްގެ ގިނަ މާއްދާތަކަށް އަމާޒުވިއެވެ. ޢިލްމުވެރިންނާއި ލޯޔަރުންގެ ޝަކުވާ ތަކުގެ އިތުރުން އާންމު ރައްޔިތުންވެސް މިއާއި މެދު ވާހަކަ ދައްކާފައިވެއެވެ. އެހެނަސް ފާހަގަ ކޮށްލަން ޖެހޭ މުހިންމު ނުކުތާ އަކީ މަޖިލިހުގެ ކޮމެޓީއަށް މި ޑްރާފްޓުން އެއްވެސް މައްސަލައެއް ފެނިފައިނުވުމުންނެވެ.
މަޖިލީހުގެ ކޮމެޓީގެ މެމްބަރު އެބިލް ދިފާއު ކޮށް ވާހަކަ ދެއްކި ނަމަވެސް އެބިލް ދިފާއުކޮށް ދައްކާ ވާހަކަތަކުގެ އޮއްޓަރެއް ނެތްކަމަށް ގިނަ ބަޔަކު ފާހަގަ ކުރެވެއެވެ. އެކަން އެންމެބޮޑަށް ފާހަގަވެގެން ގޮސްފައިވަނީ މަޖިލިހަށް ޝެއިޚް އިލްޔާސް ހާޒިރުކޮށް މެމްބަރުން ދެއްކި ވާހަކަތަކުންނެވެ. އެދުވަހު ޝެއިޚް އިލްޔާސް އާއި ބަހުސްކޮށް ބަލި ޤަބޫލު ކޮށްފައިވާކަން ގިނަ ބަޔަކު ފާހަގަ ކުރާ އިރު ޝެއިޚް ސަމީރު އެދުވަސް ފާހަގަ ކުރަނީ "އިސްލާމް ދީނަށާއި ޢިލްމުވެރިންނަށް ނަސްރު ލިބުނު ދުވަހެއްގެ" ގޮތުގައެވެ. ޝެއިޚް ސަމީރު ވިދާޅުވެފައިވަނީ "ޝެއިޚް އިލްޔާސްގެ ޒަރީއާއިން އެނގިގެން ހިނގައްޖެ ޢިލްމުވެރިން އެދެއްކި ވާހަކަތަކަކީ ހަގީގަތެއްކަމާއި މަޖިލީހުގެ ކޮމެޓީ މެމްބަރުން މިއަދާއި ހަމައަށްވެސް ދައްކަވަމުން އެގެންދެވީ ދޮގުކަން ސާފުކޮށް ބަޔާންވެގެން ހިނގައްޖެ."ކަމަށާއި "ކޮން ބަޔަކަށް ކަން އަޅުގަނޑުމެން އިތުބާރު ކުރަންވީ އެނގިގެން ހިނގައްޖެ.”ކަމަށްވެސް ޝެއިޚް ސަމީރު ވިދާޅުވިއެވެ.
“ޝެއިޚުން ބަދުނާމު ކުރުމުގެ މަޤްސަދުގައި އެކަހަލަ މަޖިލީހަކަށް ހާޒިރު ކުރެވި އެމީހުން އަމިއްލައަށް އެމީހުންގެ ކުށަށް އިއުތިރާފު ވީ”ކަމަށާއި “ކުރިން ދައްކަމުން ދިޔަ ވާހަކަ ރަނގަޅު ނޫންކަމާއި ޤުރުއާނާއި ސުންނަތާއި ޚިލާފު މާއްދާތަކެއް އޭގައި ހުރިކަން ރާއްޖޭގެ ރައްޔިތުންގެ ކުރިމަތީގައި އެއްބަސްވުން އެއީ އިސްލާމް ދީނަށާއި ޢިލްމުވެރިނަށް ލިބުނު ވަރަށް ބޮޑު ނަސްރެއް.”ކަމަށްވެސް ޝެއިޚް ސަމީރު ވިދާޅުވެފައިވެއެވެ.
ޤާނޫނުލް އުޤޫބާތު ބިލަށް އާންމުންގެ ޚިޔާލަށް ފުރުސަތު ހުޅުވާލިނަމަވެސް މަޖިލީހުންވަނީ އެމުއްދަތު އަވަސްކޮށްފައެވެ. އަވަސް އަރުވާލައިގެން އެބިލް ފާސްކުރަން އުޅޭކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރިނަމަވެސް މަޖިލީހުން އިތުރު ފުރުސަތެއް ޚިޔާލު ހުށައަޅަން ދީފައެއް ނުވެއެވެ. ޤާނޫނުލް އުޤޫބާތުގެ ބިލުގެ ދެލިކޮޕީ އާމެދު ޚިޔާލު ހުށަހެޅުއްވުމަށް ވަގުތު ދިނުމަށް އެދި އިސްލާމިކް މިނިސްޓްރީ އިން ވެސް ވަނީ ރައްޔިތުންގެ މަޖިލިހަށް ސިޓީއަކުން އެދެފިއެވެ.
ޖަމިއްޔަތުއް ސަލަފުންވެސް ވަނީ ޚިޔާލު ފޮނުވުމުގެ ސުންގަޑި އަވަސްކުރުމުން އެކަން ކުށްވެރިކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ. އެޖަމިއްޔާއިން ނެރުނު ނޫސްބަޔާންގައިވަނީ "އެގޮތަށް ނިންމި ނިންމުމުގެ އަޑީގައި ފޮރުވިފައިވަނީ އިސްލާމީ ޝަރީޢަތުގެ ޙުކުމްތަކަށް ބެލުމެއްނެތި، ރާއްޖެއިން އިސްލާމީ ޝަރީޢަތުގެ ކަންކަން ފަނޑުކުރުމަށް ކުރެވެމުންދާ ހީލަތްތެރި ރޭވުންކަމުގައި ނޫނީ ނުބެލެވޭނެ"ކަމަށެވެ
ޚިޔާލު ހުށައަޅަން ދިން މުއްދަތު ކުރުވުމާއި ގުޅިގެން ހިތްހަމަނުޖެހުން ހުރިނަމަވެސް ފިޤުހު އެކަޑަމީ، އަދާލަތު ޕާޓީ އަދި ޖަމިއްޔަތުއް ސަލަފުންވަނީ އެބިލްއަށް ޚިޔާލު ފޮނުވާފައެވެ. އަދި ޢިލްމުވެރިންވެސް ވަނީ އެކި ގޮތްގޮތަށް ޚިޔާލު ފޮނުވާފައެވެ.
ފިޤުހު އެކަޑަމީގެ ނައިބް ރައީސް ވެސް ވަނީ މިމައްސަލލާގައި ވާހަކަ ދައްކަވާފައެވެ. ފިޤުހު އެކަޑަމީގެ ނައިބް ރައީސް ޑރ. މުހައްމަދު އިޔާޟް އަބްދުއްލަތީފް ދިއިސްލާމް އަށް ވިދާޅުވީ “ގާނޫނުލް އުގޫބާތުގެ ބިލަށް ޚިޔާލު ހުށައެޅުމަށް ހުޅުވާލި ފުރުސަތުގައި ފިޤުހު އެކަޑަމީ އިން ހިޔާލުތަކެއް ހުށައެޅުމުން މަޖިލީހުން އެހިޔާލުތައް ބަލައި ނުގަތުން ދޭހަވަނީ އިސްލާމީ ޝަރީއަތާ އެއްގޮތަށް ގެންދަން ބޭނުން ނޫންކަމަށާއި އެބޭފުޅުން ބޭނުންވަނީ އެބޭފުޅުންގެ ހަވާ ނަފްސަށް ޤާނޫނު ހެދުމަށް” ކަމަށެވެ. އަދި “ދެލިކޮޕީއަށް ބެލިއިރު އެކަޑަމީއަށް ފާހަގަ ކުރެވުނު ގޮތުގައި މިޤާނޫނުލްޢުޤޫބާތުގެ މާއްދާތަކުގެ މައިގަނޑު މަސްދަރަކީ އިސްލާމީ ޝަރީއަތެއް ނޫން. މިޤާނޫނު އަސާސީގެ 10 ވަނަ މާއްދާގެ (ހ) އާ އަރާރުންވާ ޤާނުނެއް. ޖުމްލަގޮތެއްގައި މިދެލިކޮޕީގައި އިސްލާމީ މަފްހޫމްތައް ވަނީ ވަރަށް ބޮޑަށް އޮޅިފައި. މިސާލަކަށް ބަލާނަމަ ވައްކަމާއި ގަދަކަމުން އެއްޗެއް ފޭރުމާއި އެއްހަމަކޮށްފައިވޭ މިދެލިކޮޕީގައި. މިފަދަ ތާކުންތާކުން ނުޖެހޭ ކަންކަމުގެ ސަބަބުން މިޤާނޫނުގެ ދެލިކޮޕީގެ ސަބަބުން އިސްލާމީ ޝަރީއަތުގައި އަދަބު ދިނުމުގެ ހިކްމަތް ނެތިގެންދާ ކަން ފާހަގަ ކުރާ"ކަމަށް ޑރ އިޔާޝް ވިދާޅުވެފައިވެއެވެ.
ޤާނޫނުލް އުޤޫބާތުގެ ބިލާއި ބެހޭ ގޮތުން ދިއިސްލާމްއިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝައިޚް ސަމީރު ވަނީ މިޤާނޫނާއި މެދު ކަންބޮޑުވުން ފާޅުކުރާ ސަބަބު ބަޔާންކޮށް ދެއްވާފަ އެވެ. ޝެއިޚް ސަމީރު ވިދާޅުވެފައިވަނީ “ޤާނޫނު އުޤޫބާތު ޑްރާފްޓްކޮށްފައިވަނީ ޝަރުއީ ވައްޓަފާޅިއަކަށް ނޫން. މިނޫނަސް ރާއްޖޭގައި ޤާނޫނުތައް އެބަހެދޭ. އެޤާނޫނު ތަކުގައިވެސް ޝަރީއާ އާއި ފުށުއަރާ ޤާނޫނުތައްވެސް އެބަހުރި. އެހެންނަމަވެސް ޤާނޫނު އުޤޫބާތާއި މެދު ވާހަކަ ދައްކަން މިޖެހެނީ އިސްލާމީ ޝަރީއާގައި ވަރަށް މުހިންމު ބައިތަކެއް މީގައި ހިމެނޭ އެއްޗެއްކަމަށް ޤާނޫނު އުޤޫބާތު ވާތީ. އެއީ ﷲ ތަޢާލާ ވަކި ގޮތަކަށް ނިންމަވާފައިވާ އަޅުގަނޑުމެންނަށް އޭގައި އަތްލުން ހުއްދަނުވާ ގޮތައް ނިންމަވާފަހުރި ކަންތައްތަކެއް މިޤާނޫނުގައި ހިމެނޭތީ އެހާވަރަށް އަޅުގަނޑުމެން ކަންބޮޑުވުން މިފާހަގަކުރަން ޖެހެނީ”ކަމަށެވެ.
އެހެންނަމަވެސް މަޖިލީހުގެ ކޮމެޓީ މެމްބަރުން މިކަމާއި އެއްބަހެއް ނުވެއެވެ. ޤާނޫނުލް އުޤޫބާތުގެ ފުރަތަމަ ޑްރާފްޓް އައި އިރު ދީނީ ކަންތައްތަކަށް ފުށުއަރާ ވަރަށް ގިނަ ކަންތައްތަކެއް ޑްރާފްގައި ހިމެނިފައިވާކަމަށް ޝެއިޚް އިލްޔާސް ވިދާޅުމުން މަޖިލީހަށް ހާޒިރުކޮށް ދެއްކި ވާހަކަތަކުގެ ތެރޭގައި ނައިފަރު މެމްބަރު އަޙްމަދު މުހައްމަދު ވިދާޅުވެފައިވަނީ "އަޅުގަނޑުމެންނަކީ ދީން ހިމާޔަތްކޮށް ދީން ރަށްކާތެރިކުރުމަށްޓަކައި ހަމަވެވުނު ވަރަކުން މަސައްކަތްކުރާ ބައެއް"ކަމަށާއި "ޝެއިހް އިލްޔާސް ގެނައުމުގެ ބޭނުމަކީ ޑްރާފްޓް ކުރެވިފައިވާ ޤާނޫނުލް އުޤޫބާތުގައި ޝެއިޚް އިލްޔާސް ދަރުސްގައި ވިދާޅުވި ކަންކަން ހުރީ އެހެން ނޫންކަން" ބުނެދޭން ކަމަށެވެ.
ނައިފަރު މެމްބަރު އަޙްމަދު މުހައްމަދު ގެ ވާހަކަތަކުން ވެސް ދޭހަވަނީ ޤާނޫނުލް އުޤޫބާތުގެ ޑްރާފްޓްގައި މައްސަލައެއް ނެތްކަމަށެވެ.
ޝެއިޚް އިލްޔާސް މަޖިލީހަށް ހާޒިރު ކުރި ދުވަހު ޖުމްލަކޮށް ހުރިހާ ބޭފުޅުންވެސް ވިދާޅުވަމުން ގެންދިޔަ ވާހަކަތަކުން ދޭހަވަނީ "ޝެއިޚް އިލްޔާސްއަށް ތިޔަ އުޅެނީ އޮޅިގެންނޭ. މީގައި މައްސަލައެއް ނެތޭ" ބުނާ ހެންނެވެ.
ޤާނޫނުލް އުޤޫބާތު ކޮމިޓީގެ މުޤައްރިރު ބިލެތްދޫ ދާއިރާގެ މެމްބަރު އަޙްމަދު ޙަމްޒާ ވެސް ވަނީ ޝެއިޚް އިލްޔާސް މާރޗް 23 ވަނަ ދުވަހު މަސްޖިދުލް ފުރުޤާނުގައި ދެއްކެވި ވާހަކަފުޅުތަކަކީ ދޮގު ވާހަކަތަކެއް ކަމަށް ބުނެފައެވެ.
ދިވެހިސަރުކާރާއި އ.ދ އާދެމެދު ސްޕޮންސަރ ކުރެވިގެން ޑްރާފްޓް ކުރެވިފައިވާ ޤާނޫނުލް އުޤޫބާތުގެ ބިލަކީ، ބައިނަލްއަޤްވާމީ ވަރަށް ގިނަ ފަރާތްތަކެއްގެ ބައިވެރިވުން ލިބިގެން ތައްޔާރުކުރެވިފައިވާ ބިލެއް ކަމަށާއި މިބިލަށް ދީނީ ޢިލްމުވެރިންނާއި ޝަރުޢީ ދާއިރާގެވެސް ވަރަށް ގިނަ ބޭފުޅުންގެ ބައިވެރިވުން ލިބިފައިވާކަމަށް ވިދާޅުވެ މެމްބަރުން ވަނީ ވާހަކަ ދައްކަވާފައެވެ.
މަޖިލިސް މެމްބަރުންނަށް ކަމުދިޔަ، ޢިލްމުވެރިންނަށް ކަމުނުދިޔަ 'ޤާނޫނުލް އުޤޫބާތުގެ ބިލް' މިހާރު އޮތީ ކީރިތި ޤުރުއާނުގައި އަންގާވާފައިވާ ހައްދުތައް ހިމަނައިގެން ނޫން ކަމަށް ޤާނޫނުލް އުޤޫބާތު ބިލް ދިރާސާ ކުރާ ކޮމިޓީއިން ވަނީ އެއްބަސްވެއްޖެއެވެ. އިލްޔާސް ތަކުރާރުކޮށް ސުވާލު ކުރައްވަމުން ގެންދެވުމުން ކޮމިޓީގެ މުޤައްރިރު އަދި އެމްޑީޕީގެ ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ ކޮމެޓީގައި ވިދާޅުވެފައިވަނީ އެބިލް މިވަގުތު އޮތީ ކީރިތި ޤުރުއާނުގައި ހައްދުތައް ކަނޑައެޅިފައިވާ ގޮތަށް ނޫން ކަމަށާއި ނަމަވެސް، އެގޮތަށް އޮންނަން ޖެހިފައިމިވަނީ ރާއްޖޭގެ ޝަރުޢީ ދާއިރާގެ ޙާލަތުގެ ސަބަބުންކަމަށެވެ.
މަޖިލިސް މެމްބަރުން މަޖިލީހުގައި ތިއްބަވައިގެން ކުރައްވާ މަސައްކަތަށް ޝެއިޚުން ބަސް ބުނާނެކަމަށް ޝެއިޚުން ދަނީ ފާޅުގައި ބުނަމުންނެވެ. އެގޮތުން މަޖިލީހަށް ހާޒިރު ކޮށް ސުވާލުކުރުމުން ދެއްވި ޖަވާބުގައި ޝެއިޚް އިލްޔާސް ވިދާޅުވީ "ދީނީ ގޮތުން އަޅުގަނޑު ބުނަންޖެހޭ އެއްޗެއް ބުނާނަން”ކަމަށާއި “މިބިލް މިހާރު މިއޮތް ގޮތަށް ތިބޭފުޅުން ފާސްކުރައްވާނަމަ އަޅުގަނޑު މިހުރީ މިރޭވެސް މިކަމާއި ދެކޮޅަށް ތެދުވަން.”ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...