މި ލިޔުން ލިޔަން މަޖުބޫރުވީ ހަމަ ޙަޤީޤަތުގައި ވެސް ވަރަށް ބޮޑަށް ހިތުގައި ޖެހިގެންނެވެ. ދެރަވެސް ވެގެންނެވެ. ހިތައް ވަރަށް ބޮޑަށް އަސްރު ކޮއްފައިވާތީއެވެ. އަހަރުމެންގެ ތެރެއިން ބަޔަކު މީހުން ﷲއާ އެއިލާހުގެ ރަސޫލާއަށް ފުރައްސާރަ ކުރާއިރުވެސް ބައެއް އަޚުންނާއި އުޚްތުން އެމީހުންގެ ފަހަތުން ދާތީއެވެ. އެކަމާ ދެރަނުވާތީއެވެ. ނުވިސްނޭތީއެވެ. އަހަރުމެން އެންމެންނަށް ހެޔޮ ވިސްނުން ދެއްވުން އެދި ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ.
ބައެއް މީހުން ދެރަވަނީ އެބައި މީހުންނާ ދިމާލަށް "ލާ ދީނީ" ކިޔާތީއެވެ. ލޮބުވެތި އަޚުންނާއި އުޚްތުންނެވެ. މިހެން މި ކިޔަން ޖެހޭ ސަބަބާމެދު ފުންކޮއް ވިސްނަވާ ލެއްވުން އެދެމެވެ.
1 މާތް ވެގެންވާ އިސްލާމްދީނަކީ މުސްލިމް އަޅާގެ ދިރިއުޅުމުގައި، އޭނާގެ މުޅި ޙަޔާތް އޭގެ މަތީގައި ބިނާކޮއް، އޭނާގެ ބަސްތަކާ، ޙަރަކާތްތަކާއި، މުޢާމަލާތްތަކާއި ގުޅުންތައްވެސް އެ ދީނުގެ އަސްލުތަކާއި އުޞޫލުތަކުގެ މަތީގައި ބަހައްޓަންޖެހޭ ދިރިއުޅުމުގެ ފުރިހަމަ ނިޒާމެކެވެ. ދެން މުޖުތަމަޢެއްގެ ހައިސިއްޔަތުން އެ މުޖުތަމަޢެއްގެ ކަންތައް ބަހައްޓަންވާނެ ގޮތާއި، އެތަނެއްގައި ސިޔާސަތު ހިންގައި ރާވާ ބައްޓަން ކުރަން ޖެހޭނީ އެ ދީނުގެ މަތީގައި ކަމާމެދު މުސްލިމަކު ދެކޮޅެއް ނަހަދާނެކަން ކަށަވަރެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ކީރިތި ޤުރުއާނުގެ އަލްމާއިދަތް ސޫރަތުގެ 3 ވަނަ އާޔަތުގައި ވަޙީކުރައްވާފައި ވެއެވެ. اليوم أكملت لكم دينكم وأتممت عليكم نعمتى ورضيت لكم الإسلام دينا މާނައީ: "މިއަދު، ތިޔަބައިމީހުންގެ دين، ތިޔަބައިމީހުންނަށް ތިމަން ﷲ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަން ﷲގެ نعمة، ތިޔަބައިމީހުންގެ މައްޗަށް ތިމަން ﷲ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި إسلام دين ތިޔަބައިމީހުންނަށް دين އެއްކަމުގައި، ތިމަން ﷲ ރުހިވޮޑިގެންފީމެވެ."
ދީނާ ސިޔާސަތު ވަކި ކުރަން އުޅޭ މީހުން ޤަބޫލުކުރަނީ ހުރިހާ ކަމެއް މޮޅައް ދެނެވޮއިގެން ވާ އިލާހަށް އިންސާނާއަށް ބޭނުންވާ ސިޔާސަތު ނޭނގޭނެ ކަމަށް ހެއްޔެވެ.؟ އެބައިމީހުންގެ ޙާލުގެ ދުލުން މިހެން ބުނަމުން ދާއިރު އަހަރެން ދެރަވަނީ އެފަދަ މަޅީގައި ތިޔަ ލޮބުވެތި އަޚުންނާ އުޚްތުން ޖެހެމުން ދާތީއެވެ.
2 މާތް ވެގެންވާ އިސްލާމް ދީނުގެ ހިދާޔަތުގައި ދިވެހިން އުޅޭތާ އެތައް ސަތޭކަ އަހަރެއްވެފައި ވާއިރު މި ދިވެހި ދީބުގައި ތިބި މަދު ޣައްދާރުންތަކެއް ދަނީ އިސްލާމް ދީން ނޫން އެހެން ދީންތަކައް މި ތަނުގައި ޖާގަ ދެވެން ވާނެ ކަމަށް ބުނެ ވަކާލާތު ކުރަމުންނެވެ. މި ބައިމީހުންގެ ބޮޑަކުވަނީ މުޅި ދުނިޔޭގައިވެސް އޮތް އެންމެ ބޮޑަަށް އިސްލާމް ދީނާ ދެކޮޅައް މަސައްކަތް ކުރާ އެއް ޤައުމު ކަމަށްވާ ޑެންމާރކަށް ގޮސް މި މީހުންގެ އަޢުވާނުންތައް ރުއްސުމައްޓަކައި އިސްލާމް ދީން ނޫން އެހެން ދީނެއް މި ރާއްޖެއަށް ގެނައުމަށް ނަޞާރާއިންގެ މިޝަނަރީތަކުން ތެދުވުމަށް ގޮވާލާފައެވެ. ކުރިންވެސް ބަޔާންކުރެވުނު ފަދައިން ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ އަހަރެމެންނަށްޓަކާ އިސްލާމް ދީން އެއީ ދީނެއްކަމުގައި ރުހިވޮޑިގެންފައެވެ. އަދި އެ އިލާހުވަނީ އެ ދީން ނޫން އެހެން ދީނެއް ޤަބޫލުކުރެވިގެން ނުވާކަން ވެސް އަންގަވާފައެވެ. އެގޮތުން އާލް ޢިމްރާން ސޫރަތުގެ 85 ވަނަ އާޔަތުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. "دين އެއްގެ ގޮތުގައި إسلام دين ނޫން دين އެއް އެދޭމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން (އެކަން) قبول އެއް ނުކުރައްވާ ހުށްޓެވެ. އަދި، آخرة ގައި އޭނާ ވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ."
ލޮބުވެތި އަޚުންނާ އުޚްތުންނެވެ. މިހާ ސާފުކޮއް އޮތް މައްސަލައެއްގައި ﷲ ސުބްޙާނަހޫ ވަތަޢާލާގެ އަމުރުފުޅުގެ މައްޗަށް ބަސް ކިޔާމީހެއްގެ އަވައިގައި ޖެހި ދުނިޔަވީ ވަގުތީ މަންފާތަކަކަށްޓަކައި ތިބާގެ އާޚިރަތް ބަރުބާދުކޮއްލަން ހެޔޮވާނީ ކޮންފަދައަކުން ތޯއެވެ.
3 އިސްލާމުންގެ ނަމުގައި ތިބެގެން ﷲ އާ އެއިލާހުގެ ރަސޫލާ މުޙައްމަދް ޞައްލަﷲ ޢަލައިހި ވަސައްލަމްއަށް ފުރައްސާރަ ކުރުމުން ވެސް މި މީހުންނާ ދިމާއަށް ހަމަ ލާދީނީ އޭ ނުކިޔޭނެ ތޯއެވެ؟ ސޫރަތުއް ތައުބާގެ 65 ވަނަ އާޔަތާއި 66 ވަނަ އާޔަތުގެ މާނައާމެދު ވިސްނަވާލައްވާށެވެ. އަދި މިފަދަ މީހުންގެ ފިކުރުގައި ޖެހުމުން ސަލާމަތް ވެލައްވާށެވެ. ولئن سألتهم ليقولن إنما كنا نخوض ونلعب قل أبالله وآياته ورسوله كنتم تستهزئون މާނައީ: "ހަމަކަވަރުން، ކަލޭގެފާނު، އެއުރެންނާ سؤال ކުރައްވައިފިނަމަ، އެއުރެން ދަންނަވާނެކަން ކަށަވަރެވެ. ހަމަކަށަވަރުން، ތިމަންމެން ހަމައެކަނި ވާހަކަދައްކާލައި، ކުޅިވަރު ކުޅޭކަމުގައި ވީމުއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ތިޔަ މަލާމާތްކޮށް އުޅުނީ، اللَّه އާއި، އެކަލާނގެ آية ތަކާއި، އެކަލާނގެ رسول އާއަށް ހެއްޔެވެ؟"لا تعتذروا قد كفرتم بعد إيمانكم إن نعف عن طائفة منكم نعذب طائفة بأنهم كانوا مجرمين މާނައީ: "ތިޔަބައިމީހުން عذر ނުދައްކާށެވެ! ތިޔަބައިމީހުން إيمان ވުމަށްފަހު، ތިޔަބައިމީހުން ތިޔަތިބީ كافر ވެފައިކަން ކަށަވަރެވެ. ތިޔަބައިމީހުންގެ ތެރެއިން ބަޔަކަށް ތިމަންރަސްކަލާނގެ عفو ކުރެއްވިޔަސް، އަނެއްބަޔަކަށް ތިމަންރަސްކަލާނގެ عذاب ދެއްވަމެވެ. އެއީ ހަމަކަށަވަރުން، އެއުރެން ކުށްވެރި ބަޔަކު ކަމުގައި ވީކަމަށްޓަކައެވެ." ލޮބުވެތި އަޚާއެވެ. ލޮބުވެތި އުޚްތާއެވެ. މި އާޔަތް ބާއްވާލެއްވި ސަބަބެއްކަމަށް ޢިލްމުގެ އަހުލުވެރިން ވިދާޅުވެފައި ވަނީ މުނާފިޤުން ﷲ ގެ ރަސޫލާ މުޙައްމަދް ޞައްލަﷲ ޢަލައިހި ވަސައްލަމް އާއެކު ހަނގުރާމައަށް ވަޑައިގެންނެވި ޞަޙާބީންނަށް މަލާމާތް ކުރުމެވެ.
މިއަދު ބަޔަކު މީހުން މިދަނީ ހަމަ މުސްލިމް ޓެގް ޖަހައިގެންތިބެ ﷲ ގެ ނަބިއްޔާގެ ކައިވެނިފުޅަށާއި އެކަލޭގެފާނުގެ މަތިވެރި ސުންނަތްތަކަށް ފާޅުގައި ފުރައްސާރަކޮއް ވާހަކަ ދައްކަމުންނެވެ. އަދި ޖާހިލުކަމުގެ ނިދިން ނިދާފަ ތިބި ބައެއް އަޚުންނާ އުޚްތުން މިބައި މީހުންގެ މި ނުބައި ވާހަކަތަކަށް ތަރުހީބުދީ އަތްޖަހާ ޖެހުމާމެދު އަހަރެން ހިތާމަ ކުރަމެވެ. އަދި އެފަދަ މީހުންނަށް ހެޔޮވިސްނުން ދެއްވުން އެދި ﷲ އަށް ދުޢާ ދަންނަވަމެވެ.
4 ﷲ ސުބްޙާނަހޫ ވަތަޢާލާ ޢާލަމްތަކަށް ރަަޙްމަތެއްކަމުގައި ފޮނުއްވި މާތް ނަބިއްޔާ މުޙައްމަދް ޞައްލަﷲ ޢަލައިހި ވަސައްލަމްއަކީ އަހަރެމެންގެ އަމިއްލަ ނަފްސައްވުރެ ބޮޑަށް ލޯބިވާންޖެހޭ ފަރާތެކެވެ. އެހެން އެއްވެސް އިންސާނެއްދެކެ އެ ދަރަޖައަށް ލޯތްބެއް ނުވެވޭނެއެވެ. އެއީ ޙުއްދަ ކަމެއް ނޫނެވެ. ނަމަވެސް އެ ކަލޭގެފާނަށް އިހާނެތިކޮއް ބަދު ބަސް ބުނުމުންވެސް މި ލާދީނީ ބައިގަނޑުގެ ބޮޑުންނަށް ހަމަ އިހްތިރާމް ކުރަންވީހެއްޔެވެ؟ އެމީހުންނަށް ދޭންވީ ތި އަޚުންނާ އުޚްތުންގެ ރުހުމާއި ތާޢީދު ހެއްޔެވެ؟ ކޮބައިތޯ އެނަބިއްޔާއަށްޓަކާ ތިބާގެ ހިތުގައި އޮންނަންޖެހޭ ޣީރަތްތެރިކަން؟ މިދީނައްޓަކާ އެމާތް ނަބިއްޔާ އުފުއްލެވި ބުރައާ އެ މާތް ހަށިކޮޅުން އޮހޮރިގެންދިޔަ ލޭގެ އަގު ތިޔަ ދެނީ އެމާތް ނަބިއްޔާއަށް ޞަލަވާތް ކިޔަވަންވެސް އިންކާރުކުރާ މީހަކަށް ހެއްޔެވެ؟ ދެން އެއަށްފަހު ވެސް ތިމަންމެން ރަސޫލާ ދެކެލޯބިވަމޭ ބުނީމާ ޢަމަލާ ބަސްދިމާވާނީ ކޮންގޮތަކުންކަން ބުނެދެެެއްވާށެވެ. މާތް ނަބިއްޔާ މުޙައްމަދް ޞައްލަﷲ ޢަލައިހި ވަސައްލަމްއަށް ޞަލަވާތް ކިޔެވުމަކީ މުއުމިން އަޅާގެމައްޗަށް ﷲ ވާޖިބްކުރައްވާފައިވާ އަޅުކަމެކެވެ. އެކަމަށް ޢަމުރުކުރައްވާ ﷲ ސުބްޙާނަހޫ ވަތަޢާލާ އަލް އަޙްޒާބް ސޫރަތުގެ 56 ވަނަ އާޔަތުގައި ވަޙީކުރައްވާފައި ވަނީ إن الله وملائكته يصلون على النبي يا أيها الذين آمنو صلوا عليه وسلموا تسليماً މާނައީ: "ހަމަކަށަވަރުން، اللَّه އާއި، އެކަލާނގެ ملائكة ން ނަބިއްޔާގެ މައްޗަށް صلوات ލައްވަތެވެ. އޭ إيمان ވެއްޖެ މީސްކަތުންނޭވެ! ތިޔަބައިމީހުން އެކަލޭގެފާނުގެ މައްޗަށް صلوات ލެއްވުން އެދި دعاء ކުރާށެވެ! އަދި އެކަލޭގެފާނުގެ މައްޗަށް سلام ލެއްވުންއެދި ތިޔަބައިމީހުން ގިނަގިނައިން دعاء ކުރާށެވެ!" މިކަމައް އިންކާރުކުރާ މީހެއްގެ އީމާންކަން ސާލާމަތުން އޮންނާނެތޯ؟ އަދިވެސް ހަަމަ ތާޢީދު ކޮއްގެން ތިބެނީތޯއެވެ؟
5 ޢިލްމުވެރިންނަކީ އިސްލާމް ދީނުގައި ވަރަށް މަތިވެރި ދަރަޖައެއް ދެއްވާފައިވާ ބައެކެވެ. ދީނާ ދެކޮޅަށް ލާދީނީ މީހުން ކުރަމުންގެންދާ ހަނގުރާމައިގައި މި ބައިމީހުންވަނީ މީހުންގެ ހިތްތަކުގައި ޢިލްމުވެރިންނަށް ދީފައިވާ ޤަދަރު ކުޑަކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކޮއްފައެވެ. ޢިލްމުވެރިންގެ ބޮލުގައި ތަފާތު ދޮގު ތުހުމަތުއަޅުވަމުން ދެއެވެ. މި ބައިމީހުން ގެންދަނީ މި ބައިމީހުންނަށް ވާގިވެރިވާ މީޑިޔާތަށް މެދުވެރިކޮށް ތަފާތު ޕްރޮޕެގެންޑާ ހިންގަމުންނެވެ. އަދި މި މީހުންގެ ބޮޑުންވަނީ ޢިލްމުވެރިންގެ ބަސް ޤަބޫލު ނުކުރާނެކަމަށާއި ޢިލްމުވެރިން މިސްކިތްތަކަށް އެރީމާ މިސްކިތުން ފޭބުމަށްވެސް ގޮވާލާފައެވެ.
މިކަން މިހެން ކުރުމުގެ ފަހަތުގައިވަނީ ހަމަ އެންމެ މަޤްޞަދެކެވެ. މީސްތަކުންނަށް ދީން އުނގަންނައިދޭން ތިބި ފަރާތްތަކާ މީސްތަކުންނާ ދުރުކޮއް ޙައްޤާއި މީހުން ދުރުކުރުވައި މީސްތަކުންގެ ލޮލުގައި އަނދުން އެޅުވުމަށްފަހު މި މީހުންގެ ލާދީނީ އެޖެންޑާތަކަށް މަގުފަހި ކުރުމެވެ.
ދެން ޢިލްމުވެރިންނަށް ދީނުގައި ދެއްވާފައިވާ މަޤާމަށް ބަލާލަމާ ހިނގާށެވެ. ކީރިތި ޤުރުއާނުގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ޢިލްމުވެރިންގެ ވާހަކަ ބަޔާންކުރައްވާފަވެއެވެ. އެގޮތުން ޢިލްމުވެރިންގެ ދަރަޖަ މަތިވެރި ކުރެވިގެންވާކަން އަންގަވާ މާތްﷲ ސުބްޙާނަހޫ ވަތަޢާލާ އަލް މުޖާދަލާ ސޫރަތުގެ 11ވަނަ އާޔަތުގައި ވަޙީކުރައްވާފައި ވަނީ يرفع الله الذين آمنوا منكم والذين أوتوا العلم درجات މާނައީ: "ތިޔަބައިމީހުންގެ ތެރެއިން އީމާންވިމީހުންނާއި، ޢިލްމުލިބިގެންވާމީހުން ﷲ ދަރަޖަތަކަށް އުފުއްލަވާނެތެވެ." މާތް ނަބިއްޔާ މުޙައްމަދް ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘް ބަސްފުޅެއްގައި ޢިލްމުވެރިންނަކީ ނަބީބޭކަލުންގެ ވާރިޘުންކަން އަންގަވާފައިވެއެވެ.
މިހެންކަމުން ޢިލްމުގެ އަހުލުވެރިންނާއި މީސްތަކުން ދުރުކޮއް ލާދީނީ ޝައިތާނުންގެ މަގައް މީހުން ލަންބަން ކުރަމުން ގެންދާ މަސައްކަތް ދީނަށް ލޯބިކުރާކަމަށް ދައުވާކުރާ އަޚުންނާއި އުޚްތުންނަށްވެސް ނުފެންނާތީ އަޅުގަނޑު ނުހަނު ހިތާމަ ކުރަމެވެ.
6 ﷲ ސުބްޙާނަހޫ ވަތަޢާލާ އިންސާނާއަށް ފައިދާ ހުރި އެއްޗިއްސާއި ގެއްލުން ހުރި އެއްޗިހި މޮޅަށް ދެނެވޮޑިގެންވެއެވެ. އެހެންކަމުން އިންސާނާއަށް ގެއްލުންހުރި އެންމެހާ ތަކެތި އެ އިލާހު ވަނީ ޙަރާމްކުރައްވާފައެވެ. ބަނގުރަލާއި ފާޙިޝް އެންމެހާ ޢަމަލުތައްވެސް މެއެވެ. ނަމަވެސް މި ޤައުމުގެ ވެރިކަމަށް ފާރަވެރިވަމުންދާ މީހުންގެ ސިޔާސަތު ހުރީ މިކަންކަމަށް މަގުފަހި ކުރާގޮތަށެވެ. ބަނގުރާ ޙަރާމްކުރައްވާ އަލްމާއިދަތް ސޫރަތުގެ 90ވަނަ އާޔަތުގައި ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ. ياأيها الذين آمنوا إنما الخمر والميسر والأنصاب والأزلام رجس من عمل الشيطان فاجتنبوه لعلكم تفلحون މާނައީ:”އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން، ރާއާއި، ޖުވާކުޅުމާއި، އަޅުކަންކުރަން ހަދާފައި ހުންނަ ބުދުތަކާއި نصيب ހުރިގޮތް ބަލަން ގެންގުޅޭ ދުނިދަނޑިތަކަކީ، شيطان އާގެ عمل ތަކުގެ ތެރެއިންވާ މުޑުދާރު ތަކެއްޗެވެ. ފަހެ، ތިޔަބައިމީހުން އެކަންތަކާ ދުރުވެގަންނާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި نصيب ލިބުމަށްޓަކައެވެ."
އެހެންނަމަވެސް މީސްތަކުން ދީނާ ދުރުކުރުމަށް މަސައްކަތް ކުރަމުން ގެންދާ މީހުން ގޮވަމުންދަނީ ( ބޮވެންޖެހޭނެ. ބޯންއެބަޖެހޭ. އަދި ސަލާމަތްވާން އޮތީ ބޮއެގެން ) މިފަދައިންނެވެ. ހަމައެހެންމެ ރައްޔިތުމީހާ ތަރައްޤީކުރުމުގެ ނަމުގައި ގެސްޓްހައުސްއަޅާ ފާޙިޝް ޢަމަލުތަކަށް މަގުފަހި ކުރުވުމަށް މިދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. މީސްތަކުންގެ މެދުގައި ފާޙިޝް ޢަމަލު ހިންގުވަން މަސައްކަތް ކުރާމީހުންނާމެދު ﷲސުބްޙާނަހޫ ވަތަޢާލާ ނޫރު ސޫރަތުގެ 19ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެއެވެ. إن الذين يحبون أن تشيع الفاحشة في الذين آمنوا لهم عذاب أليم في الدنيا والآخرة والله يعلم وأنتم لا تعلمون މާނައީ: "ހަމަކަށަވަރުން، إيمان ވި މީހުންގެ ތެރޭގައި ހުތުރުކަންބޮޑު ފާފައިގެ ވާހަކައާއި، عمل، ފެތުރިގެންދިއުމަށް ލޯބިކުރާމީހުން (ދަންނާށެވެ!) ދުނިޔެއާއި آخرة ގައި ވޭންދެނިވި عذاب އެމީހުންނަށް ހުށްޓެވެ. اللَّه ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުންނަކަށް ނޭނގެތެވެ." އަދި ޝަހުވަތްތަކަށް ތަބާވާމީހުން ބޭނުންވަނީ މީސްތަކުން ﷲ ގެ މަގުން އެއްކިބާ ކުރަންކަން ބަޔާންކުރައްވާ ﷲ ވަޙީކުރައްވާފައިވެއެވެ. ސޫރަތުއް ނިސާގެ 27ވަނަ އާޔަތުގައިވެއެވެ. والله يريد أن يتوب عليكم ويريد الذين يتبعون الشهوات أن تميلوا ميلا عظيما މާނައީ: "އަދި، اللَّه އިރާދަކުރައްވަނީ، ތިޔަބައިމީހުންގެ މައްޗަށް توبة ލެއްވުމަށެވެ. އަދި، އަމިއްލަ އެދުންތަކަށް تبع ވާ މީހުން އެދެނީ (حق ގެ މަގު ފިޔަވައި باطل ގެ މަގަށް) ބޮޑުވެގެންވާ ލެނބުމަކުން ތިޔަބައިމީހުން ލެނބިގަތުމަށެވެ."
ލޮބުވެތި އަޚުންނާ އުޚްތުންނެވެ. ހަމައެކަމި މިއާޔަތުންވެސް މިބައިމީހުންގެ ބޭނުން ވަރަށް ރަނގަޅަށް އަހަރެންނަށް އެނގިއްޖެއެވެ. އެއީ އިސްލާމްދީން މި ޤައުމުން ފޮހެލުން ނޫން ދެވަނަ އެހެން ކަމެއްނޫނެވެ. ހަމަ ތި އަޚުންނާ އުޚްތުންނަށް އަދިވެސް ނުވިސްނެހެއްޔެވެ؟
މިކަހަލަ އެތައް އެތައް ކަމެއް ފާހަނގަކޮއްފަ ލިޔެވިދާނެއެވެ. އަހަރެންވެސް ޤަބޫލުކުރަން ތިޔައިގެ ތެރެއިން ބައެއް އަޚުންނާއި އުޚްތުން މި ބައިމީހުންނަށް ތާއީދުކުރީ ބަދަލަކަށް ބޭނުންވެގެންނެވެ. ކުރިން ހުރި ވެރިޔާގެ އަނިޔާވެރި ކަމުން ސަލާމަތްވުމަށް ޓަކައެވެ. ނަމަވެސް ދެން ވެރިކަމަށް އައި މީހާވެސް ވީ ހަމަ އަނިޔާވެރިއެވެ. ފާޅުގައެވެ. ނަޞޭޙަތްތެރިވި މީހުންގެ ނަޞޭޙަތް އަޑެއްނޭހިއެވެ. ދީނުގެ ކަންކަން ގެންދާނީ ޢިލްމުވެރިންގެ ބަހާ އެއްގޮތައްކަމަށް ބުނެ އެކަންވެސް ރައްޔިތުންނަށް އޮޅުވާލީއެވެ. ދެން ކުރިން ހުރި ވެރިޔާގެ މައްޗައް ތި އަޚުންނާއި އުޚްތުންގެ ހިތުގައި އޮތް ނަފްރަތެއްގެ ބޮޑުކަމުން މި ބަޔާންވެ ދިޔާ ކަންތައްތަކާއި އަދިވެސް އެތައްކަމެއް ހުރުމާއެކުވެސް ހަމަ މި މީހުންދެކެ ލޯބިވަނީ ހެއްޔެވެ.
އެހެންކަމަށް ވެއްޖިއްޔާ ހަނދާންކޮއް ދެމެވެ. ތިޔަ ލޯތްބާއި ތާއީދު ތިޔަ ދަނީ އިސްލާމް ދީނުގައި ކަނޑައަޅުއްވާފައިވާ މިންގަނޑާ ޚިލާފަށެވެ. އެހެނީ މުސްލިމުން އެކަކު އަނެކަކު ދެކެ ލޯބިވާން ޖެހެނީވެސް ﷲއަށްޓަކައެވެ. ހަމަ އެހެންމެ އެމީހަކުދެކެ ރުޅިއައިސް ނަފްރަތުވެސް ކުރަންޖެހެނީ ﷲއަށްޓަކައެވެ. ވިސްނަވާލައްވާށެވެ. ތިބާގެ ހިތުގައި އިސްލާމް ދީނައްޓަކައި އޮތް ލޯބި އަލުން މުރާޖަޢާކޮއްލާށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...