ކޮލަމިސްޓް

އުފާވެރި ގެވެހިދިރިއުޅުން- 6 ( ފިރިހެނުންނަށް ޚާއްޞަ )

ކުރީބަޔާއިގުޅޭ:
********
51. ދިރިއުޅުމުގައި ގޭތެރޭގެ ކަންކަމުގައި ދެމީހުން މަޝްވަރާކޮށްހަދާށެވެ. އެކަމުން ބައެއް ފަހަރު ޚިޔާލަށްވެސް ނާންނަފަދަ ހަރުދަނާ ރަނގަޅު ޚިޔާލު ތަކާއި ރަނގަޅުގޮތްތައް އެނގިގެންދާނެއެވެ.

52. އަނބިމީހާއަށް ދުވަހަކުވެސް ދޮގުހަދައި، ލަނޑުދީ އޮޅުވާލައިނުހަދާށެވެ. މިކަންކަމަކީ އިސްލާމްދީނުގައި ވެސް މުޅިން މަނާކުރައްވާފައިވާ ކަންކަމެވެ. އަދި އެހެން އަންހެނުންނަށް ހިތްކިޔައި އެކަމަށް ޝައުޤުވެރިނުވާށެވެ.

53. އަނބިމީހާޔާއެކު ވާހަކަދައްކާލުމަށް ދުވާލަކު މަދުވެގެން ބައިގަޑިއެއްހާއިރު ހޭދަކުރާށެވެ. ހިތުގެ އެދުންތަކާއި ހިތާމަޔާއި އުފާތައް ހިއްސާކޮށް ހަދާށެވެ. މިގޮތަށް ވާހަކަދައްކަން ވަގުތު ހޭދަކުރުމަކީ އަނބިމީހާ ވަރަށް ލޯބިކުރާކަމެކެވެ. އެދުވަހެއްވޭތުވުމުން އެދުވަހުގެ ކަންތައްތައް ދިޔައީ ޚާއްޞަކޮށް ގޭތެރޭގެ ކަންތައްތައް ދިޔައީ ކިހިނެއްތޯ ސުވާލުކޮށް ހަދާށެވެ. އެއަށްފަހު އޭނަގެ ވާހަކަތައް ސަމާލުކަމާއެކު އަޑުއަހަން އިންނާށެވެ. މިހެން ޢަމަލުކުރުމުން ދެމީހުންގެ ގުޅުމަށް ވަރަށް ރަނގަޅު އަސަރުކުރާނެއެވެ.

މައްސަލަ އެއް ޖެހިދާނެހެން ހީވާއެއްވެސް ވާހަކައެއް ނުދައްކާށެވެ. އެކަކު އަނެކަކުގެ ވާހަކައަޑު އަހައި ހަމްދަރުދީވާށެވެ. އެވަގުތު އެކަމުގެ ޙައްލުކިޔައިދިނުމުގެ ބަދަލުގައި އަނބިމީހާގެ ވާހަކަތައް ސަމާލުކަމާއެކު އަޑުއަހާށެވެ.

54. ހަފުތާއަކު އެއްފަހަރު ނަމަވެސް ދަރިންނާ ވަކިން ދެމީހުން އެކުގައި ބޭރަށްގޮސް ކައިހަދާލާށެވެ. ނުވަތަ އައިސްކްރީމް ބޯލާހަދާށެވެ. ފިރިމީހާއަށް ހަމަޖެހުން ލިއްބައިދޭ ތަނަކީ ގެ ކަމުގައިވިޔަސް ގެއަކީ އަނބިމީހާގެ މަސައްކަތްތައް ކުރުމަށްވާތަނެވެ. އަނބިމީހާއަށް ހިތްހަމަޖެހުން ލިބޭނީ ބޭރަށްގޮސް ހެދުމުންނެވެ.

ކުޑަ ވަގުތުކޮޅެއް ނަމަވެސް ހަމަހިމޭން މާހައުލެއްގައި ވަގުތުކޮޅެއް ހޭދަކޮށްލާށެވެ. ދެމީހުން އެކުގައި ކަންކަމާމެދު މަޝްވަރާކޮށްލާހަދާށެވެ. ނަމަވެސް ހިތްހަނުޖެހޭވާހަކަޔާއި ޝަކުވާ އެވަގުތުތަކުގައި ނުކުރާށެވެ. ދެތިންމަހުން އެއްފަހަރު ގެސްޓްހައުސްއެއްގައި އެއްރޭ ހޭދާކޮށްލާށެވެ. ވާނަމަ މުޅި ޢާއިލާޔާއެކު އަހަރުއެއްފަހަރު ނަމަވެސް ހިތްހަމަޖެހޭފަދަ މާހައުލަކަށް ޕިކްނިކް ގޮސްލާށެވެ.

55. ދަނބިދަރިޔާއި (އަންހެން) މައިދައިތަގެ ހަމަނުޖެހުމަކީ ޢާންމު ދިރިއުޅުމުގައި ކޮންމެހެން އޮންނަން ޖެހޭ ކަމެއްހެން ޢާއިލާތަކުގައި ހިގާކަމެކެވެ. އެދެމީހުންގެ ދެބަސްވުމުގައި އަނބިމީހާއަށް ހަމްދަރުދީވާށެވެ. އޭނާއަށްހިތްވަރުދީ ހަމަޖައްސައިދޭށެވެ. އަނބިމީހާ އެކުގައި ވާކަމަށް ބުނާށެވެ. ދެބަސްވުމުގައި އަނބިމީހާގެ ކުށެއްވާނަމަ ލޯބިން އޯގާތެރިކަމާއެކު ވިސްނައިދޭށެވެ. މަންމަގެ ކުށެއްވާނަމަ އެކަމަށް އިޢުތިރާފުވާށެވެ. އަދި އެއީ ކަނބުލޭގެވެސް މަންމައޭ ބުނާށެވެ. މަންމަޔާ ދިމާލަށް އެއްޗެކޭ ބުނާކަށް ނުވާނެއޭ ތިބާ ބުނާށެވެ. އަދި ދަނޑިވަޅެއް ލިބިއްޖެނަމަ މަޑުމައިތިރިކަމާއެކު މަންމައަށް ވިސްނައިދިނުމަށް މަސްކަތްކުރާށެވެ. މިފަދަ ހާލަތްތަކުގައި އަނބިމީހާގެ ވާހަކަތައް ޝައުޤުވެރިކަމާއެކު އަޑުއަހި އޭނަޔާއި އެކުގައި ވާކަމަށް ބުނާށެވެ. މިކަމުން އަނބިމީހާއަށް ހަމަޖެހުންލިބޭނެއެވެ. ކަމުގެ ހައްލު މިދަނޑިވަޅުގައި ބުނުމުގެ ބަދަލުގައި އޭނަގެ ވާހަކަތައް އަޑުއެހުމުން އެކަމުން އަނބިމީހާއަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭނެ އެވެ.

56. ކޮންމެ ގެއެއްގައިވެސް ކޮންމެވެސް މަސްއަލައެއްއުފެދޭ ދަނޑިވަޅުއާދެއެވެ. އޮފީހުގެ މަސްއަލަތަކަށް ސަމާލުކަންދޭފަދައިން މިމަސްއަލަތަކަށް ސަމާލުކަންދީ ވަގުތުން ޙައްލުކުރުމަށް މަސައްކަތްކުރާށެވެ. މަސްއަލަ ވަކިގޮތަކަށް ނިންމުމުގެ ކުރިން ކަމާބެހޭ ހުރިހާ މަޢުލޫމާތެއް އެއްކުރުމަށްފަހު އަނެކާގެ ވާހަކަތައްވެސް އަޑުއަހާލާށެވެ.

57. ތިބާއަށްވުރެ ހަޔާތުގެ ބައިވެރިޔާ ވިސްނުމާއި ޤާބިލްކަމުން ދަށްކަމުގައި ނުވިސްނާށެވެ. އަދި ދަށްކުރުމަށް މަސައްކަތްވެސް ނުކުރާށެވެ. ޚާއްޞަކޮށް އެހެންމީހުންގެ ކުރިމަތީގައި އެފަދަ ޢަމަލެއް ނުކުރާށެވެ. މިފަދަކަންކަމަކީ ގެވެހިދިރިއުޅުމަށް ޒަހަރުލުންފަދަ ކަންކަމެވެ. ބޮޑާކަމަކީ މާތްﷲ ނުރުއްސަވާ ސިފައެކެވެ.

58. ޖިންސީއެދުންފުއްދުމަކީ ދެމީހުންވެސް ވަރަށް ލޯބިކުރާކަމަށްވީނަމަވެސް އަންހެނުންނަކީ ޖިމާޢުވުމުގެ ކުރިން ލޯބިކުރުމާ ލޯބީގެ ވާހަކަތައްދެއްކުމަށް ވަރަށް ބޮޑަށް ލޯބިކުރާބައެކެވެ.

ތިރީގައި އެވަނީ ހަންހާރަވެތިކޮށް އުޅުމުގައި ފިރިމީހާ އެކަނބުލޭގެއަށްޓަކައި ކުރުމަށްއެދޭ ބައެއްކަންކަމެވެ.
********************************************************
• އޮފީހުގައި ނުވަތަ މަސައްކަތުގައި އުޅެމުންވެސް (ޚާއްޞަކޮށް ކައިވެނީގެ ކުރީކޮޅުގައި) ފޯނުކޮށްފައި ކަލާދެކެ ވަރަށްލޯބިވަމޭ މިހާރުވެސްމިވިސްނަނީ ކަލާޔާ މެދުގައޭ ބުނާށެވެ.
• އަނބީހާއަށް ހަދިޔާއެއް ގެނެސްދޭށެވެ. ކިތަންމެ ކުޑަނަމަވެސް އެންމެ ރަނގަޅެވެ. އަންހެނުންނަކީ ހަދިޔާއަށް ވަރަށް ލޯބި ކުރާބައެކެވެ. މިސާލަކަށް މަލެއް، އޭނަ ޝައުޤުވެރިވާ މަޖައްލާއެއް ނުވަތަ ފޮތެއް، ޗޮކްލެޓެއް ނުވަތަ އައިސްކްރީމެއް ނަމަވެސް ގެނެސްދޭށެވެ.
• ވަޒީފާގެ ނުވަތަ ވިޔަފާރީގެ ކަމެއްގައި ރަށުންބޭރަށް ދާންޖެހިއްޖެ ކަމުގައިވީނަމަވެސް މަދުވެގެން ދުވާލަކު އެއްފަހު ފޯނުކޮށް އަނބިމީހާގެ ޙާލުބަލައި އޭނަޔާމެދު ވިސްނޭ ވާހަކަ ބުނާށެވެ.
• އަނބިމީހާގެ އަތުގާ ހިފާލާ ލޯބިން ބައްދާލާހަދާށެވެ.
• އަނބިމީހާގެ އަތުގައި ހިފާއިގެން އެކުގައި ހިނގާލަންދާށެވެ.
• އެހެންމީހުންގެ ކުރިމަތީގައި އޭނަގެ ރަނގަޅުކަންކަމަށް ތަޢުރީފުކުރާށެވެ.
• އަނބިމީހާއާއި އެކު ހޭދަކުރިދުވަސްތަކުގެ އުފާވެރިކަން ބަޔާންކޮށް ލޯބީގެ ސިޓީ ލިޔެދީހަދާށެވެ.
• އެކުގައި ދަތުރުގޮސް ހަދާށެވެ.
• ތަރިތަކުގެ ނުވަތަ ހަނދުވަރުގައި ވަގުތު ހޭދަކުރުމަށް އަނބިމީހާ ވަރަށް ލޯބިކުރާނެއެވެ. ރެސްޓޯރެންޓަށް ކާންގޮސްފިނަމަ އަނބީހާއަށް އެންމެ މީރު އެއްޗަކަށް އޯޑަރދޭށެވެ.
• ކާރުގައި އުޅޭނަމަ އަނބިމީހާއަށްޓަކައި ކާރުގެ ދޮރު ހުޅުވައިދޭށެވެ.
• އަނބިމީހާ އެދޭ ކަންތައްތައް ވީއެންމެ އަވަހަކަށް ކޮށްދެވޭތޯ ބަލާށެވެ. މިސާލަކަށް "ކޮޓަރީގެ ލައިޓް ހުރީ މަސްއަލަޖެހިފައޭ، މިބަދަލުކޮށްލަދޭސޢ" ބުނެފިނަމަ އަވަހަށް ބަދަލުކޮށްލަދޭށެވެ. މަޤުޞާދަކީ އަނބިމީހާ ބުނާހާކަމެއް ބުނާދަނޑިވަޅުގައި ކުރުމެއްނޫނެވެ. ނަމަވެސް މިފަދަ ކަންކަމަމީ ދެމިނެޓްވެސް ނުނަގާނޭކަންކަމެވެ.
************

( ނުނިމޭ )
ކުޑަރަދީފު:
ހަންހާރަވެތި: ލޯބިވެތި

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *