ކުރީގެ ބަޔާއި ގުޅޭ: ނަޝީދުގެ ވާހަކައިން ދޭހަވާ މާނަ (1 ވަނަ ބައި)
ކުރީގައި ވާނީ ނަޝީދުގެ ވާހަކައިގައި ފުރަތަމަ ފެންމަތިވި މައްސަލައަށް ބަލާލެވިފައެވެ. ދެން އޮތީ 'އަނެއް ވާހަކަ' އެވެ. ނަޝީދު ދަލުގައި ޖެހި ދެން ސަލާމަތް ނުވެވޭ ހިސާބަށް ދަނީ މިހާ ހިސާބުންނެވެ. މީގައި ނަޝީދުގެ ދިފާޢުގައި ދައްކާނެ ވާހަކައެއްވެސް ނެތެވެ. 'އެހެން ގޮތެއް' ހަމަ ނެތީއެވެ.
ފުރަތަމަ ނަޝީދުގެ ދިފާޢުގައި އެމް.ޑީ.ޕީ އިން ނެރުނު ނޫސްބަޔާނަށް ބަލާލަމާ ހިނގާށެވެ. އޭގައިވަނީ ނަޝީދު ދެއްކި ވާހަކަ ދިފާޢުކޮށްފައެވެ. އެންމެ މަތީ ދަރަޖައިންނެވެ. ދީނީ ޢިލްމުވެރިންނާއި ދީނީމީހުން ޢާއްމު ރަށްޔިތުން އޮޅުވާލަނީ ކަމަށް ތުހުމަތު ކޮށްފައިވެއެވެ.
އެޕާޓީއިން ނެރުނު ނޫސްބަޔާނުގައި ވެއެވެ. "އަދި ދީނީގޮތުން ހައްދުފަހަނައަޅާފައިވާ ފިތުނަވެރި ވިސްނުމާއި ފަސާދައާއި ދެކޮޅަށް މުސްލިމުން ތެދުވާން ވެއްޖެކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ."
އެމް.ޑީ.ޕީގެ ބަޔާނުގައިވާ ފުރަތަމަ އޮޅުވާލުމަކީ މިއީއެވެ. ހައްދު ފަހަނައެޅުމާ ދެކޮޅަށް 'މުސްލިމުން ތެދުވާން ވެއްޖެ ކަމުގައި ނަޝީދު ބުނިކަމަށް ލިޔެފައިވުމެވެ. ނަޝީދު ބުނީ އެހެން ތޯއެވެ؟ ނޫނެކެވެ. ނަޝީދު ތަކުރާރު ކުރި ވާހަކައަކީ 'ރެޑިކަލް މުސްލިމުން'ނާ ދެކޮޅަށް 'ލިބަރަލް މުސްލިމުން' ތެދުވާންވީ ވާހަކައެވެ. ނަޝީދު އެބުނާ 'ރެޑިކަލް މުސްލިމުން'ނަކީ ކޮބާކަން ނަޝީދުވަނީ ކުރީގައި ދެއްކި ވާހަކައިގައި ސާފުކޮށްދީފައެވެ. އެއީ ޤުރުއާނާއި ސުންނަތުން ހުރިހާ ކަމެއްގެ ޖަވާބު ހޯދާ މީހުންނެވެ.
ދެންބަޔާނުގައި ވަނީ މިހެންނެވެ. "މިފަދަ ފިތުނަވެރި ވިސްނުމާއި ފަސާދައިގެ ސަބަބުން މުޅި ދުނިޔެއަށް ބިރުވެރިކަން ކުރިމަތިވެފައިވާއިރު ދިވެހިރާއްޖޭގައި ޑިމޮކްރަސީ ޤާއިމްވެ ސިޔާސީ ހަމަޖެހުމުގެ ތެރެއިން މިގޮންޖެހުންތަކާ ދެކޮޅަށް މުހިއްމު މަސައްކަތްތަކެއް ދިވެހި ރާއްޖެއަށް ކުރެވޭނެ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. "
ބަޔާނުގައި އަލިއަޅުވާލަނީ ނަޝީދުގެ މިވާހަކައަށެވެ. ދެއްކި ގޮތަށް ދެއްކި ބަހުން ލިޔެލާނަމެވެ. ނަޝީދުގެ ވާހަކައިގައި އެތައް ޤައުމެއްގައި މިބުނާ 'ރެޑިކަލް އިސްލާމް' ފެތުރެމުންދާ ކަމުގައި ބުނިއެވެ. އެގޮތުން އެތައް ޤައުމެއްގެ ނަން ކިޔުމަށްފަހު ނަޝީދު ބުނީ:
Because Maldives is very Islamic country apparently, it is able to play a very very important role in the spread of these religious ideas. And similarly I believe that with proper democracy in the Maldives we can play a very important role as a counter to the reformation or rather the Jesuits have to come up quickly.
"ފެންނަ ފެމުނަށް ރާއްޖެއަކީ ވަރަށް އިސްލާމީ ޤައުމަކަށް ވުމުން މިފަދަ ދީނީ ވިސްނުންތައް ފެތުރިގެން ދިއުމުގައި ވަރަށް މުޙިއްމު ރޯލެއް އަދާކުރޭ. އަދި ހަމައެފަދައިން އަހަރެން ޤަބޫލު ކުރާގޮތުގައި ފެތުރެމުން މިދާ ފިކުރުތަކަށް ރައްދު ދިނުމުގައި އަހަރުމެންނަށް މުހިންމު ރޯލެއް އަދާކުރެވިދާނެ އެކަށީގެންވާ/ފުރިހަމަ ޑިމޮކްރަސީއަކާ އެކީ. ނޫނީ ޖެޒުއެޓްސް މިކަމާ ދެކޮޅަށް އަވަހަށް ތެދުވެގެން."
ކުރީގައި ނަޝީދު ދެއްކި ވާހަކަތަށް ސިކުނޑީގައި ބަހައްޓައިގެން މިކިޔާށެވެ. އެބުނާ ވިސްނުމުގެ ވާހަކަ ދެން ބާއްވަމާ ހިނގާށެވެ. ދެން ނަޝީދު އެބުނަނީ ނަޝީދު ޤަބޫލު ކުރާގޮތުގައި މިފިކުރަށް އެބަހީ 'ރެޑިކަލް އިސްލާމް' އަށް ރައްދު ދިނުމުގައި ޑިމޮކްރަސީއެއްގެ މުހިންމު ކަމުގެ ވާހަކައެވެ. ނަޝީދު އެބުނާ 'ރެޑިކަލް އިސްލާމް' ގެ ޙަޤީޤަތް ހަނދުމަ ކުރާށެވެ. އެއީ ޤުރުއާނާއި ސުންނަތުން ހުރިހާ ކަމެއްގެ ޙައްލު ހޯދާ މީހުންނެވެ.
މިހާ ހިސާބުން މިއާދެވުނީ އެންމެ ފަހު މަރުޙަލާ އަށެވެ. ކުރިން ބުނި ފަދައިން ނަޝީދު ދަލުގައި ޖެހި ދެން ސަލާމަތް ނުވެވޭ ހިސާބަށް ދިޔައީ މިތަނުންނެވެ. ނަޝީދުގެ ދިފާޢުގައި ދައްކާނެ ވާހަކަ ހުސްވީ މިހާ ހިސާބުންނެވެ. ނަޝީދުގެ މިބަހެވެ.
or rather the Jesuits have to come up quickly.
"ނޫނީ ޖެޒުއެޓްސް މިކަމާ ދެކޮޅަށް އަވަހަށް ތެދުވެގެން" މިހެން ބުނި ހިސާބުންނެވެ. ކިޔުންތެރިންނޭވެ. ސަމާލުވާށެވެ. ޖެޒުއެޓްސް އަކީ ކޮން ބައެއް ކަން އިނގޭތޯއެވެ؟ އެއީ ނަޞާރާ ދީނުގެ އެންމެ ބޮޑު ބައިގަނޑު ކަމަށްވާ 'ރޯމަން ކެތޮލިކް ޗާރޗް' އަށް ނިސްބަތްވާ ބައެކެވެ.The society of Jesus އެވެ. އީސާގެ ފާނުގެ މުޖުތަމަޢު ނޫނީ އަހުލުންނެވެ. މިބައިގަނޑުގެ މެންބަރުންނަށް ކިޔާ ނަމަކީ 'ޖެޒުއެޓްސް' އެވެ. މިމީހުންނަށް ކިޔާ 'އަނެއް ނަމަކީ' 'ކަލާނގެ ހަނގުރާމަވެރިން'ނެވެ. ހަނދާން ނައްތާނުލާށެވެ. ނަޞާރާއިންވަނީ މަގުފުރެދިފައެވެ. އީސާގެ ފާނުގެ މުޖުތަމަޢު ނުވަތަ އަހުލުންނޭ ނަމަކަށް ކިޔަސް އެމީހުންވަނީ މަގުފުރެދިފައިކަން ވަނީ އަހަރުމެންގެ 'ހެލްޕް ލައިން' ޤުރުއާނާއި ސުންނަތުގައި ބަޔާންވެގެންނެވެ.
އެމް.ޑީ.ޕީގެ ބަޔާނުގައި އޮޅުވާލައިވާ އޮޅުވާލުމަކީ މިއީއެވެ. ނަޝީދު ބުނީ ހައްދު ފަހަނައެޅުމާ ދެކޮޅަށް 'މުސްލިމުން' ތެދުވާށޭ ކަމުގައި އެބަޔާނުގައި ވެއެވެ. އެހެނަސް ނަޝީދު މިބުނީ އެހެންތޯއެވެ؟ ނަޝީދުގެ ދިފާޢުގައި ވާހަކައިގެ އެއްބައި 'އިގްނޯރ ކޮށްލުމަށްފަހު' ފެންނާން އޮތް މާނަ އޮޅުވާލަނީއެވެ.
ކިޔުންތެރިންނޭވެ. ރަށްޔިތުންނަށް އޮޅުވާލަނީ ކޮންބައެއްތޯއެވެ؟ ރަށްޔިތުންނަށް އޮޅުވާލީ ހަމަ ޢިލްމުވެރިންތޯއެވެ؟ އެމް.ޑީ.ޕީގެ ބަޔާނުގައި އޮތީ މިހެންނެވެ. "އަދި ދީނީގޮތުން ހައްދުފަހަނައަޅާފައިވާ ފިތުނަވެރި ވިސްނުމާއި ފަސާދައާއި ދެކޮޅަށް މުސްލިމުން ތެދުވާން ވެއްޖެކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ." އެހެނަސް ނަޝީދު ބުނީ ހަމަ އެހެންތޯއެވެ؟ ނޫނެކެވެ. ނަޝީދު ބުނީ ނަޞާރާއިންގެ ބައިގަނޑެއްގެ ވާހަކައެވެ. އެމީހުން 'ރެޑިކަލް މުސްލިމުންނާ' ދެކޮޅަށް ތެދުވާން ވެއްޖެ ވާހަކައެވެ. މަގުފުރެދިފައިވާ ނަޞާރާއިންގެ ބަޔަކު މަގުފުރެދިފައިވާ މުސްލިމުންގެ ބަޔަކު ހުއްޓުވަން ނިކުންނަން ޖެހޭނެ ސަބަބެއް ވޭހެއްޔެވެ؟ ނޫނެކެވެ. އޮތީ އެންމެ ގޮތެކެވެ. އެއީ ޙަޤީޤީ އިސްލާމުންނާ ދެކޮޅަށް މަގުފުރެދިފައިވާ ނަޞާރާއިން ނިކުތުމެވެ. އެހެން ކޮން ސަބަބެއް ތޯއެވެ؟ ނަޞާރާއިން ނުރުހުންވެ ޖެހިލުންވަނީ ޙަޤީޤީ އިސލާމްދީނާއި އެދީނުގެ އަހުލުވެރިން ދެކެއެވެ. ބަޔަކު މީހުން އެދީނާ ދުރަށްދާނަމަ އެމީހުން ތިބޭނީ އެބަޔަކަށް އެހީތެރިވުމުގައެވެ. މިއީ ޙަޤީޤަތް ނޫންތޯއެވެ؟
ކުރީގައި އިސްލާމްގެ ލިބަރަލް ވާޝަން އެއްގެ ވާހަކަވެސް ދައްކައިފިއެވެ. އަދި ލިބަރަލް އިސްލާމް އަކީ އަސްލު އިސްލާމް ކަމުގައިވެސް ބުނެފިއެވެ. ކިޔުންތެރިންނޭވެ. ނަޞާރާއިންގެ ޖެޒުއެޓްސް ގެ ފަރާތުން އެހީއާއި މަދަދަށް އެދޭނީ ހަމަ އަސްލު އިސްލާމްގެ އަސްލު މުސްލިމުންތޯއެވެ؟
ކަންތައް މިހާހިސާބަށް ދިއުމުން ނަޝީދުގެ ދިފާޢުގައި ދައްކާނޭ ވާހަކަތައް ހުސްވެއްޖެއެވެ. ވަރަށް ގިނަ 'އެކްޓިވިސްޓުން' މަތަވެއްޖެއެވެ. އެއްބަޔަކު ގޮތް ހުސްވީމާ ބޭނުންކުރާ ހަތިޔާރާއިގެން ތެޅެން ފަށައިފިއެވެ. އެއީ ނަޝީދުގެ ދިފާޢުގައި މައުމޫނާއި ވަޙީދު އައްޑަނަ އަކަށް ނެގުމެވެ. އެމީހުންގެ ޙާލާއި މެދު އަހަރެން ހިތާމަ ކުރަމެވެ. ޙައްޤާއި ދެކޮޅަށް އަބަދަކުމެ ހަނގުރާމަ ނުކުރެވޭނެއެވެ. މަކަރާއި އޮޅުވާލުމުގައި އަބަދަކުމެ ހެވިފައި ނުތިބެވޭނެއެވެ.
ދުޢާ އަކީ ﷲތަޢާލާ އެމީހުންނަށް ހެޔޮވިސްނުން ދެއްވުމެވެ. އާމީން
ކޮމެންޓް (0)
ލޯޑް ކުރަމުން...