ސިޔާސީ ޕާޓީތަކުގެ ތެރެއިން އަޅުގަނޑު އެންމެ ސަޕޯޓުކުރި ޕާޓީއަކީ އެމްޑީޕީ އެވެ. އެންމެ ގިނަ ދުވަސް ވަންދެން އެފިކުރެއްގެ މަތީ ދެމިހުރި ސިޔާސީ ފިކުރަކީވެސް އެއީއެވެ. ވޯޓު ލުމުގެ ޙައްޤު ލިބުމަށްފަހު މިހާތަނަށް ވޯޓު ދިނީވެސް އެމްޑީޕީގެ ކެންޑިޑޭޓަށެވެ. އެހެނަސް... އެދުވަސް މާޒީވެ ހިނގައްޖެއެވެ. މިއަދު އަޅުގަނޑު ކައްކަން މިއުޅެނީ އެމްޑީޕީ ކުލައިގެ މުގު ރިހަގަނޑެކެވެ. ރަހަ ހެޔޮވަރުކުރާނީ ޢަބްދުﷲ ޝާހިދު ލައިގެންނެވެ. ރަހަ ނުބައި ވެއްޖެނަމަ އެނުބައިވީ 'ކޮންމެވެސް މީހަކު' އެޔަށް 'މައުމޫނު' ލީމައެވެ. އެކަމާ އަޅުގަނޑު ކުރާނޭ ހަމަ އެއްކަމެއްވެސް ނެތެވެ.
އެމްޑީޕީ ވުޖޫދަށް އައުމަށްފަހު އެޕާޓީން އެންމެ ބާރަށް ގޮވަމުންއައި ގޮވެލިފައްޗަކީ "މައުމޫނުގެ އަނިޔާވެރި 30 އަހަރު ގެ ޑިމޮކްރަސީ އާއި ބީރައްޓެހި، ޚުދުމުޚްތާރު ސަރުކާރު" ގެ ވާހަކައެވެ.
މިހިސާބުން އަޅުގަނޑަކީ ރަތްލާޖެހީ އެމްޑީޕީ މީހެއްކަމުގެ ތަސައްވުރު ގެންނަވާށެވެ!
އަނިޔާވެރި 30 އަހަރެވެ! އެޔަށްފަހު އިތުރު 5 އަހަރާއެކު، އެކު ޖުމްލަ 35 އަހަރަށް އަނިޔާވެރިކަން ހިންގުމަށް މައުމޫނު ގަސްތު ކުރެއްވިއެވެ. އެޔާއެކު މިއަނިޔާވެރިކަން ހިންގެވުމަށް ވާގިވެރި އެހީތެރިޔަކަށް މައުމޫނު ޚިޔާރުކުރެއްވީ އަޙްމަދު ތަސްމީން އަލީއެވެ. މިޓީމުގައި ދެންހިމެނުނު ބޭފުޅުންގެ ތެރެއިން އެކަކީ ޢަބްދުﷲ ޝާހިދެވެ.
ރަން ތިރީސް އަހަރުގެ ގޮތުގައި މައުމޫނުގެ ވެރިކަމުގެ ޙަޔާތް ސިފަކުރައްވަމުން އަނިޔާވެރިކަން ނަގަހައްޓައި ދެމެހެއްޓުމަށް ކަށިން ހިތްވަރުނަގައި މަސައްކަތްކުރެއްވި އެއް ބޭފުޅަކީ ޢަބްދުﷲ ޝާހިދެވެ. ޑިމޮކްރަސީ އާއި ބީރައްޓެހި މުސްކުޅި ޒަޢީމް ކުރިޔަށް ނެރުއްވައިގެން ސިޔާސީ ބާރުވެރިކަން ހޯއްދެވުމަށް ޢަބްދުﷲ ޝާހިދު ގެންދެވީ މަތިހަށިނަގައި މަސައްކަތް ކުރަމުންނެވެ. މައުމޫނުގެ ސަރުކާރަށް އިތުރު ފަސް އަހަރު ލިބުނު ނަމަ، އެސަރުކާރުގެ އެންމެ ބަސްވިކޭނެ އެއް ލީޑަރަކީވެސް ޢަބްދުﷲ ޝާހިދު ކަމާމެދު ޝައްކެތްނެތެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު އަކީ ރައީސް މައުމޫނުގެ ސަރުކާރުގެ ތަފާތު އެތައް މަޤާމެއް ފުރުއްވި މައުމޫނުގެ އަރިސް ބޭކަލެކެވެ. ރައީސުލް ޖުމްހޫރިއްޔާގެ އެގްޒެކެޓިވް ސެކްރެޓަރީ ގެ މަޤާމުގެ އިތުރުން ދައުލަތުގެ ވަޒީރުކަންވެސް ކުރެއްވި ބޭފުޅެކެވެ. 2008 ވަނަ އަހަރު ނޮވެމްބަރ 11 ވަނަ ދުވަހާ ހަމަޔަށް ޝާހިދު ހުންނެވީ މައުމޫނު ސަރުކާރުގެ ފޮރިން މިނިސްޓަރ ކަމުގެ މަޤާމުގައެވެ.
ސިޔާސީ ނުފޫޒާއި ބާރުވެރިކަން ހޯއްދެވުމަށް ޢަބްދުﷲ ޝާހިދަށް މައުމޫނު ވަރެއް ނެތެވެ. މައުމޫނު އަތުން ވެރިކަން ބީވެގެން ދިޔުމަށްފަހު، ޚިޔާލު ތަފާތުވުމަކީ އަދި އެހެން މައްސަލައެކެވެ. އަނިޔާވެރި، ޑިމޮކްރަސީ ނުދަންނަ، ޒަޢީމް މައުމޫނުގެ ވެރިކަން ދިފާޢު ކުރައްވަމުން ޢަބްދުﷲ ޝާހިދު ވިދާޅުވަމުން ގެންދެވީ "ތިޔައީ ޒަޢީމެ އަދު މިދިވެހި ލޮބުވެތި ޤައުމު ފަޚުރުވެރިވާ" އެވެ. އަނިޔާވެރިކަމުން މިންޖުވެ، އަމިއްލަ މިނިވަންކަމާއި، ޑިމޮކްރަސީ އަށް މަސައްކަތް ކުރަމުންދިޔަ "އެމްޑީޕީގެ ހިތްވަރުގަދަ ފަހުލަވާނުން" ޝާހިދުމެން ސިފަކުރައްވަމުން ގެންދެވީ ތަނެއްދޮރެއް ނުދަންނަ 'ގުންޑާއިން' ގޮތަށެވެ.
އާދޭހެވެ! މައުމޫނުގެ ސަރުކާރަކީ އޭރުވެސް، މިހާރުވެސް އެމްޑީޕީ އިން ސިފަކުރާފަދަ އަނިޔާވެރި ސަރުކާރެއް ކަމުގައި ވާނަމަ، އެއަނިޔާވެރިކަން ހިންގުމުގައި ޢަބްދުﷲ ޝާހިދު އަކީވެސް އެއް ޙިއްސާދާރެވެ. ކޮންމެ ޕާޓީއެއްގައި ހުންނެވި ކަމުގައިވިޔަސްވެސް ޝާހިދު ޖެހިވަޑައިގަންނަވާނީ ޙިއްސާ ނަންގަވާށެވެ. އަދި އެކަމަށްޓަކައި ތަޢުބާވެ، ރައްޔިތުންގެ ކިބައިން މަޢާފަށް އެދިވަޑައިގަންނަވާށެވެ. އިންސާފުގެ ކުރިމައްޗަށް ނިކުމެވަޑައިގަންނަވާށެވެ.
ވިސްނުންތެރި ރައްޔިތުންނޭވެ! މީހަކު ގޯސް ކަމެއް ކުރުމަށްފަހު، އޭނާ އެކަން ކުރިއިރު ލައިގެން ހުރި ހެދުން ބާލާފައި އައު ހެދުމެއް ލުމަކީ، އޭނާ އެކަން ނުކުރާކަމަށް ހެދޭނެ މަޤްބޫލު ސަބަބެއްތޯއެވެ؟ ސިޔާސީ އެއްޕާޓީން އަނެއް ޕާޓީ އަށް ކޮންމެވެސް 'އަގެއް' ލިބިގެން ޓްރާންސްފާރ ވުމަކީ ނަސޫޙް ތަޢުބާއަކުން ތަޢުބާ ވުންތޯއެވެ؟ ނުވަތަ އަނިޔާ ލިބުނު މީހުންނަށް އިންސާފު ލިބުންތޯއެވެ؟ އެހެންކަމުގައި ވާނަމަ....
އެހެންކަމުގައި ވާނަމަ އަނިޔާވެރި މައުމޫނު ސަރުކާރުގެ އެއް ހިއްސާދާރު، ޢަބްދުﷲ ޝާހިދު އަކީ މިއަދު މައުސޫމް މީހެކެވެ. އޭނާ އެހުންނެވީ ނަސޫޙް ތަޢުބާ އަކުން ތަޢުބާވެގެންނެވެ. ތިޔަ ރައްޔިތުން ތިޔަ ތިއްބެވީ އަނިޔާވެރިއެއްގެ ކިބައިން އިންސާފުވެސް ލިބިގެންނެވެ.
އުފާވެރިކަމުގެ އަތް ޖައްސަވާށެވެ. ހެމުން، ނަށަމުން، ލަވަކިޔަމުން ޢަބްދުﷲ ޝާހިދަށް ތަޢުރީފާއި ސަނާގެ ގުލްހާރުތައް ވެދުންކުރައްވާށެވެ. އަދި ދަންނަވަންތޯއެވެ؟ މިލިޔުން ހަޖަމް ނުވާނަމަ ކޮންމެވެސް ބޭސް ނަމްބަރަކުން ޖުއްލާބުގުޅައެއް ބަލައްވައިގަންނާށެވެ. ތަޙައްމަލު ނުކުރެވޭނަމަ، އެކިޔާ 'މާތް ޑިމޮކްރަސީ' ކުލާހަކަށް ވަޑައިގެން އުނގެނި ވަޑައިގަންނަވާށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...