ވާހަކަ

އަންދަލުސްގެ ވާހަކަ (1 ވަނަ ބައި)

އޭރު އަހަރެންނަކީ ކުޑަކުއްޖަކީމެވެ. ގޭތެރޭގައި ހިނގަމުންދާ ކަންތައްތަކެއް އަހަރެންނަކަށް ނޭގެއެވެ. އަހަރެންނަށް، އަހަރެންގެ ލޯބިވާ ބައްޕަ ފެންނަ ކޮންމެ ފަހަރަކުވެސް ބައްޕަ ހުންނަނީ ނުލާހިކު ކަންބޮޑުވެ ހާސްވެފައެވެ. ހަދާނެގޮތް ހުސްވެފައެވެ. އަބަދުވެސް ކޮންމެވެސް ފުން ވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ. ބައްޕަގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވެފައިވާ ތަން ފެންނާނީ މަދު ފަހަރަކުއެވެ. ކޮންމެ ދުވަހަކުވެސް ބައްޕަގެ މޫނުމަތީން ފެންނަނީ މަރުގެ އަސަރުތަކެވެ.

ކޮންމެ ދުވަހަކުވެސް މަދަރުސާއިން ގެއަށް އާދެވުމާއެކު މަދަރުސާގައި ދަސްކުރި އިންޖީލުގެ އާޔަތްތައް އަހަރެން، ބައްޕައަށް ކިޔައިދެމެވެ. އަދި އަލަށް ދަސްވާ ސްޕެނިޝް ބަހުގެ ލަފްޒުތައްވެސް ކިޔައިދެމެވެ. ކުޑައިރުކޮޅެއް ވާންދެން، އަހަރެން ދައްކާ ވާހަކަތައް އަޑުއަހަން ހުރުމަށްފަހު ގޭގެ އެންމެ އެތެރޭގައި ހުންނަ ކޮޓަރިއަށް ބައްޕަ ހިނގައިދެއެވެ. އާނއެކެވެ! އެއްވެސް މީހަކަށް ވަނުމުގެ ހުއްދަ ނެތް ކޮޓަރިއަށެވެ. ސިއްރުތަކުން ފުރިފައިވާ ކޮޓަރިއަށެވެ.

އެކޮޓަރީގައި ބައްޕަ ވަރަށް ގިނަ ވަގުތު ހޭދަކުރެއެވެ. އެތާނގައި ބައްޕަ ކުރަނީ ކީއްކަމެއް އަހަރަމެންނަކަށް ނޭގެއެވެ. އެކޮޓަރިން ބައްޕަ ނުކުންނަ ވަގުތު އަހަރެން ވަރަށް ފަރުވާތެރިކަމާއެކު ބައްޕައަށް ބަލަމެވެ. ބައްޕަގެ ލޯ ހުންނަނީ ރަތްވެފައެވެ. ހީވަނީ ވަރަށް ގިނައިރު ރޮއިފާ ހުރިހެންނެވެ. ބައެއްފަހަރު ބައްޕަގެ ކުރިމަތީގައި އަހަރެން ބޭންދުމަށްފަހު އަހަރެންނަށް ބަލަން އިނދެއެވެ. އަދި ބައެއް ލަފްޒުތައް ބައްޕަގެ ދުލުން އަދާކުރެއެވެ. އެކަމަކު އެބަސްތަކެއް އަހަރެންނަކަށް ނުވިސްނެއެވެ. ވިސްނޭނީވެސް ކިހިނަކުން ހެއްޔެވެ؟ އޭރު އަހަރެންނަކީ ވަރަށް ކުޑަ ކުއްޖެކެވެ. މިހެން އިނުމަށްފަހު އަހަރެންނާ އެއްވެސް ވާހަކައެއް ދެއްކުމެއްނެތި ތެދުވެގެން ދުރަށް ހިނގައިދެއެވެ.

އަހަރެންގެ މަންމަ އަބަދުވެސް އަހަރެން ގޮވައިގެން މަދަރުސާއަށް ދެއެވެ. މަންމަވެސް އަބަދު ހުންނަނީ ކަންބޮޑުވެ ހާސްވެފައެވެ. މަންމަގެ ލޮލަށް ކަރުނަތައް ހުންނަނީ އަބަދުވެސް ޖަމާވެފައެވެ. އަހަރެން މަދަރުސާއިން އެނބުރި އައުމުން މަންމަ އަހަރެންނާ އޮޅުލައިގަނެއެވެ. އެތައް ދުވަހަކު ގެއްލިގެން އުޅުމަށްފަހު ފެނުމުން އޮޅުލައިގަންނަ ފަދައިންނެވެ. އަހަރެންނަށް ބޮސްދެއެވެ. އަދި އަހަރެންނަށް ލޯބިކުރުމުގައި ފަހަރެއްގައިވެސް ވަރުބައްޔެއްނުވެއެވެ.

އަހަރެންގެ މަންމަ އާއި ބައްޕަ އެހެން މީހުންނާ ވަކިން ތިބޭ ބައެއް ފަހަރު ފަހަރު ޢަޖައިބެއްފަދަ ބަހަކުން އާދަޔާޚިލާފު ވާހަކަތަކެއް ދައްކައެވެ. ހަމަ ޔަޤީނުންވެސް އެއީ ސްޕެނިޝް ބަހެއްނޫނެވެ. ނަމަވެސް އަހަރެން އެމީހުންގެ ކައިރިއަށް ގޮސްފިނަމަ ހަމަ ވަގުތުން ވާހަކައިގެ ރާގު ބަދަލުކޮށް ސްޕެނިޝް ބަހުން ވާހަކަދައްކަން ފަށައެވެ. އެމީހުންގެ މި ޙަރަކާތްތަކާއި މެދު އަހަރެން ވަރަށް ޢަޖައިބުވެއެވެ. އަހަރެންނަށް ކަންތައްތަކެއް ފޮރުވައި ސިއްރުކުރަންވީ ކީއްވެ ހެއްޔެވެ؟ އަހަރެންނަކީ އެމީހުންގެ ދަރިއެއްނޫން ހެއްޔެވެ؟ ފަހަރުގައި އެމީހުންގެ ޙަޤީޤީ ދަރިއަކަށް އަހަރެން ނުވަނީ ކަންނޭގެއެވެ. އަހަރެންގެ ހިތަށް ބައެއް ފަހަރުފަހަރަށް މިޒާތުގެ ޝައްކުތައް ވަނުމުން ވަރަށް ގިނައިން ރޮވެއެވެ.

މިކަންތައްތަކުގެ ސަބަބުން އަހަރެންގެ މިޒާޖަށް ބޮޑެތި ބަދަލުތަކެއް އައެވެ. އާނއެކެވެ! އެހެން ކުދިންނާއި ވަރަށް ތަފާތު މިޒާޖެކެވެ. ޅަ ޢުމުރުގައިވެސް އިންތިހާއަށް އަހަރެން ސީރިއަސްވިއެވެ. ކުޅިވަރާއި މަޖަލަށް ނަފްރަތުކުރެވުނެވެ. ވަރަށް މަދުން ނޫނީ ގެއިން ބޭރަކަށް ނުނިކުންނަމެވެ. އަހަރެންނާ އެއް ޢުމުރެއްގެ ކުދިން ކުޅިވަރުތައް ކުޅެ ދުވެ އުޅެއެވެ. އެކަމަކު އަހަރެން ގެއިން ބޭރަކަށް ނުނިކުންނަމެވެ. އަހަރެން އެކަނިމައިއެކަނި އިނދެ ފިކުރުކުރަމެވެ. ގޭގެ ޙާލަތާއި މެދު ވިސްނަމެވެ. އަހަރެންނަށް ބޭނުންވެގެންވަނީ އަބާދާއި އަބަދު އަހަރެންގެ ސިކުނޑީގައި އެނބުރެމުންދާ ސުވާލުތަކުގެ ޖަވާބެވެ. މިގޮތަށް ވިސްނުމާއި ފިކުރުގެ ތެރެއަށް ގެއްލިފައި އިންދާ އަހަރެންގެ އުސްތާޒު "ޚޫރީ" އައިސް އަހުރެންގެ އަތުގައި ހިފައި ނަގާފައި ބުނާނެއެވެ. ޔޫސަޢު މަސީޙަށް އަޅުކަންކުރަން ފައްޅިއަށް ދަމާ ހިނގާށެވެ.

އަހަރެންގެ ކޮއްކޮ އުފަންވީ ދުވަސްމަތިން ފަހަރެއްގައިވެސް އަހަރެން ހަނދާނެއްނުނެތޭނެއެވެ. ޢާންމުގޮތެއްގައި މީހެއްގެ ގޭގައި ދަރިއަކު އުފަންވެއްޖެނަމަ މުޅި ޢާއިލާއަށް އުފާވެރިކަން ވެރިވެގެންދެއެވެ. އަހަރެންގެ އެލޯބި ލޯބި ކޮއްކޮ އަށް އަދަޔާޚިލާފު ރީތިކަމެއް ލިބިގެންވިއެވެ. އެހެންވެ އަހަރެންނަށް ހަމަ އެކުއްޖާއަށް ނަޒަރު ހުއްޓާލައިގެން ހުރެވުނީއެވެ. ނަމަވެސް އަހަރެންނަށް ފެނުނީ އަހަރެންގެ މަންމަ ރޯ ތަނެވެ. ކޮއްކޮގެ އުފަންވުމުން ބައްޕައަކަށްވެސް އެއްވެސް އުފަލެއް ނުލިބުނެވެ. ބައްޕަގެ މޫނު މަތީގައި އުފާވެރިކަމުގެ ބަދަލުގައި ވަނީ ހިތާމަވެރިކަމެވެ. ދެން އަހަރެންނަށް ފެނުނީ ބައްޕަ އަވަސްއަވަހަށް "ޚޫރީ" ހޯދަން ދިޔަތަނެވެ. އެއީ ކުޑަދަރިފުޅު "ބެޕްޓައިސް" ކުރުމަށެވެ. ކުޑަ އިރުކޮޅެއްގެ ފަހުން ބައްޕަގެ ފަހަތުން ޚޫރީ ވެސް އަތުވެއްޖެއެވެ. އޭނާވެސް ހުރީ އިސްޖެހިފައެވެ. ކަންބޮޑުވެ ހާސްވެފައެވެ. ކުޑަދަރިފުޅުގެ އުފަންވުމުގެ އެއްވެސް އުފަލެއް އޭނާގެ ކިބަޔަކުންވެސް ނުފެނެއެވެ.

ދެން އަހަރަމެންނާ ބައްދަލުކުރީ "އީސްޓަރ" ގެ މުނާސަބަތެވެ. އެއީ ނަޞާރާއިންގެ މަޝްހޫރު ޢީދެކެވެ. މުޅި ޣަރްނާޠާ ވަނީ އަލިވެ އުޖާލާވެފައެވެ. މުޅި ޝަހަރު ވަނީ ތަފާތު އަޑު ތަކުން ގުގުމާލައިފައެވެ. މީހުންތައް ގިނަ ޢަދަދަކަށް ތަންތަނަށް ޖަމާވެ އުފާ ފާޅުކުރަމުން ގެންދިޔައެވެ. އަލްޙަމްރާގެ ފާރުތައްވެސް ވަނީ ކުލަބޮކިތަކުން ޖަރީވެފައެވެ. އެތާނގެ މުންނާރަށް އާދަމުގެ ދަރިއެއްގެ އިސްކޮޅު ހުރި ޞަލީބެއް ނަގާފައިހުއްޓެވެ.

އެއްރެއަކު ރޭ ދެބައިވީފަހުން އަހަރެން ނިދާފައި އޮއްވައި ބައްޕަ، އަހަރެންނަށް ގޮވައި ނެގިއެވެ. ގޭތެރޭގައި ވަނީ ހަމަހިމޭންކަމެވެ. އަހަރެން ގޮވައިގެން ބައްޕަ މިޞްރާބު ޖެހީ އެއްކަލަ ސިއްރު ކޮޓަރި އާއި ދިމާއަށެވެ.  އަހަރެންގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. އަހަރެންނަކީ ޢުމުރުގެ ގޮތުން ކުޑަކުއްޖަކަށް ވީ ނަމަވެސް ގޭގެ މާޙައުލު ވަނީ އަހަރެން  ބޮޑު މީހަކަށް ހަދައިފައެވެ. އަހަރެން ވަރަށް ބިރުގަނެ ފަސްޖެހިފައި  ހުރެގެން ބައްޕަގެ ފަހަތުން ދިޔައީމެވެ. އަހަރަމެންނަށް ކޮޓަރިއަށް ވަދެވުމާއެކު ބައްޕަ ކޮޓަރީގެ ދޮރު ލައްޕައި ތަޅުލިއެވެ. އެއަށްފަހު ބައްތި ހޯދަންފެށިއެވެ. ބައްޕަ ބައްތި ދިއްލުމުން އަހަރެން އެކޮޓަރީގެ ތެރެއަށް ނަޒަރު ހިންގައިލީމެވެ.

މިއީ އެތައް ޒަމާނަކުއްސުރެ އެތަނެއްގެ އެތެރެ ދުށުމަށް އަހަރެން އެދިއެދި ހުރި ސިއްރުން ފުރިގެންވާ ކޮޓަރިއެވެ. އަހަރެން ހީކޮށްގެން ހުރީ އެކޮޓަރި ފުރިފައި ހުންނާނީ ތަފާތު ބާވަތްތަކުގެ އާދަޔާޚިލާފު އާޘާރީ ތަކެތީން ކަމަށެވެ. ނަމަވެސް އެތަން ހުރީ ހުސްކޮށެވެ. އެއްފަރާތެއްގައި ހުރި މޭޒެއްގެ މަތީގައި ފޮތެއް އޮތެވެ. ފާރުގައި ކަނޑިއެއް އެލުވާފައި ހުއްޓެވެ. އަނެއް ފަރާތުގައި ދިގު ގޮނޑިއެއް ހުއްޓެވެ. އެގޮނޑީގައި އިށީނުމަށް ބައްޕަ އަހަރެންނަށް އިޝާރާތްކުރިއެވެ. އަދި ބައްޕަ ވެސް އެގޮނޑީގެ އެއްކޮޅުގައި އިށީނެވެ. ވަރަށް ގިނަ އިރު ވަންދެން އަހަރަމެން ދެމީހުން ބަހެއް ނުބުނެ މަޑުމަޑުން ތިބީމެވެ. އަހަރެންގެ ބައްޕަ އަހަރެންނާއި ދިމާއަށް އާދަޔާޚިލާފު ގޮތަކަށް ބަލަމުން ގެންދިޔައެވެ. ރޭގަނޑުގެ އަދިރިކަމާއި އެ ހަމަހިމޭން މާޙައުލުގެ ސަބަބުން އަހަރެން އިނީ ބިރުގެންފައެވެ.

އެންމެފަހުން ބައްޕަ ކުރިއަށް ޖެހި ލޯތްބާއި އެކު އަހަރެންގެ އަތުގައި ހިފުމަށްފަހު ބުނަންފެށިއެވެ. އަހަރެންގެ ލޯބިވާ ދަރިފުޅާއެވެ! ދަރިފުޅުގެ ޢުމުރުން މިހާރު 10 އަހަރު ވީއެވެ. ދަރިފުޅު މިހާރު ތިޔަ ކުރިމަތިލަނީ ޒުވާންކަމުގެ ދުވަސްތަކާއެވެ. މިއޮތް ހުރިހާ ދުވަހު ދަރިފުޅަށް ސިއްރުކޮށްގެން އުޅުނު ކަންތައް މިއަދު ދަރިފުޅަަށް އަންގަން ބައްޕަ ބޭނުމެވެ. ދަރިފުޅަށް މި ސިއްރު، ސިއްރެއްގެ ގޮތުގައި ހިފެހެއްޓިދާނެ ހެއްޔެވެ؟ ދަރިފުޅާއެވެ! މި ސިއްރު ފުރިހަމަޔަށް ފޮރުވާށެވެ! ތިބާގެ މަންމައަށާއި ގާތްތިމާގެ މީހުންނަށާއި އެކުވެރީންނަށްވެސް ވަންހަނާކުރާށެވެ! ފަހަރެއްގައިވެސް މީހަކަށް ފާޅުނުކުރާށެވެ!  އެއްވެސް މީހަކަށް މި ސިއްރުގެ އިޝާރާތެއްގެ މިންވަރުކުރިޔަސް ސިއްރު ފުލުހުން ދަރިފުޅުގެ ބައްޕަ ކުދިކުދިކޮށް ކޮށައިލާނެއެވެ.

ސިއްރު ފުލުހުންގެ ނަން އަޑު އިވުމާއެކު އަހަރެންގެ އިސްތަށިތައް ކޮޅަށް ޖެހުނެވެ. އަހަރެން ކުޑައެއްކަމަކު އެބުނާ ސިއްރު ފުލުހުންނަކީ ކޮންބައެއްކަން ރަގަޅަށް އެނގެއެވެ. އެބައިމީހުންގެ ހަރުކަށިކަމާއި އަނިޔާވެރިކަމުގެ މަންޒަރުތައް ކޮންމެ ދުވަހަކުވެސް އަހަރެން ދެކެމެވެ. މަދަރުސާއިން އަންނަ އައުމުގައި އެތައްފަހަރަކު އެމީހުންގެ ވަޙުޝީ އަނިޔާތައް އަހަރެންނަށް ވަނީ ފެނިފައެވެ. މީހުން ޞަލީބަށް އަރުވާ ތަން ދެކެމެވެ. އަންދާލެވިފައިވާ ހަށިތައް ދެކެމެވެ. އަންހެނުންގެ ޢިއްޒަތާއި ޢިއްފަތަށް އަރައިގަންނަ މަންޒަރު ދެކެވެ. ވެއްޔާއި މޮޑެވި ފިސްފިސްވެފައިވާ އެމީހުންގެ ހަށިތައް ދެކެމެވެ. އަހަރެންގެ ކުރިމަތީގައި މަންޒަރަކަށް ފަހު މަންޒަރެއް އެނބުރިގެންދިޔައެވެ. އަހަރެން ކުރިންވެސް އިނީ މަޑުންނެވެ. އެކަމަކު މިހާރު ހަމަ ރަގަޅަށްވެސް އަހަރެންގެ ބަސްހުއްޓި ގަމާރުވެއްޖެއެވެ.

އަނެއްކާވެސް ބައްޕަ، އަހަރެންނާ މުޚާޠަބުކުރިއެވެ. ބައްޕަގެ ސުވާލަށް ޖަވާބު ނުދިނީ ކީއްވެހެއްޔެވެ؟ ބައްޕަގެ ސިއްރު ދަރިފުޅު ވަންހަނާ ކުރާނަންހެއްޔެވެ؟

އަހަރެން ބުނީމެވެ. އާނއެކެވެ! ހަމަ ޔަޤީނުންވެސް ވަންހަނާކޮށް ސިއްރުކުރާނަމެވެ.

ބައްޕަ ސުވާލުކުރިއެވެ. ހުރިހާ އެންމެނަށްވެސް ހެއްޔެވެ؟ އެންމެ ކުޑަމިނުން ދަރިފުޅުގެ މަންމައަށް ވެސް ހެއްޔެވެ؟

އަހަރެން ބުނީމެވެ. އާނއެކެވެ! މަންމައަށް ވެސް ސިއްރުކުރާނަމެވެ.

ދެން ބައްޕަ ބުންޏެވެ. އެހެންވީއިރު ބައްޕަ އާއި ކައިރިވާށެވެ. ކަންފަތް ރަގަޅަށް ހުޅުވާށެވެ! ބައްޕަ ވާހަކަދައްކަން ބޭނުމީ ވަރަށް މަޑުންނެވެ. ފާރުގައިވެސް ކަންފަތްހުރެއޭ ބުނާތީ އަޑުނާހަން ހެއްޔެވެ؟ ބައްޕަގެ ވާހަކަތައް ސިއްރު ފުލުހުންނަށް އިވިއްޖެނަމަ އެމީހުން، ބައްޕަ ދިރިހުއްޓައި އަންދައިލާނެއެވެ.

އަހަރެން ބައްޕަ އާއި ގާތަށް ޖެހިލީމެވެ. އަދި ބުނީމެވެ. އަޅުގަނޑު މިހުރީ އަޑުއަހަން ތައްޔާރަށެވެ.

މޭޒުމަތީގައި އޮތް ފޮތަށް އިޝާރަތްކުރަމުން ބައްޕަ ސުވާލުކުރިއެވެ. މިއީ ކޮން ފޮތެއްކަން ދަރިފުޅަށް އެނގޭހެއްޔެވެ؟

އަހަރެން ނޭގެއޭ ބުނީމެވެ.

ބައްޕަ ބުންޏެވެ. މިއީ ﷲ ގެ ފޮތެވެ.

އަހަރެން ތަފްޞީލަށް ބޭނުންވިއެވެ. އެއީ ޔަސޫޢު މަސީޙު ގެނެސްދެއްވި މުޤައްދަސް ފޮތް ހެއްޔެވެ؟؟؟!!!

ބައްޕަ ކުޑަކޮށް ހާސްވިއެވެ. ދެން ބުންޏެވެ. ނޫނެކެވެ! މިއީ ކީރިތި ޤުރުއާނެވެ. މިއީ ވަރަށް މުޤައްދަސް ފޮތެކެވެ. މިފޮތް ބާވައިލެއްވީ ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ. އެކަލާނގެއީ އެއްކައުވަންތަ އިލާހެވެ. އެއްވެސް ބައިވެރިއެއް ޝަރީކެއް އެކަލާނގެއަކަށް ނުވެއެވެ. އެއްވެސް މަޚްލޫޤަކަށް އެކަލާނގެ ބޭނުންވެވޮޑިގެނެއްނުވެއެވެ. ނަމަވެސް ހުރިހާ މަޚްލޫޤުން ވަނީ އެކަލާނގެ އަށް ބޭނުންވެގެންނެވެ. އެކަލާނގެ އަށް އެއްވެސް ދަރިއެއް ދަރިކަނބަލެއް ނުވެއެވެ. އަދި އެކަލާނގެއީ އެއްވެސް މީހެއްގެ ދަރިއެއް ނޫނެވެ. އެކަލާނގެއާ އެއްފަދަވެގެންވާ އެއްވެސް އެއްޗެއް ނުވެއެވެ. އެކަލާނގެ މިފޮތް ބާވައިލެއްވީ އެންމެ މާތް، އެންމެ މަތިވެރި އިންސާނާ، ނަބީބޭކަލުންގެ ސާހިބާ މުޙައްމަދު ބިން ޢަބްދުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ މައްޗަށެވެ.

ބިރުން ގޮސް އަހަރެންގެ ދެލޯ ތަންމިނަށް ހުޅުވުނެވެ. އަހަރެންނަކަށް އެކައްޗެއްވެސް ނުވިސްނުނެވެ.

ބައްޕަ އިތުރަށް ބުންޏެވެ. މި ފޮތަކީ އިސްލާމް ދީނުގެ އަޞްލެވެ. މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް މެދުވެރިކުރައްވައި ﷲ ތަޢާލާ ވަނީ އިސްލާމްދީން ފުރިހަމަކުރައްވައިފައެވެ. އެތަން ވަނީ މިތަނާއި ވަރަށް ދުރުގައެވެ. ކަނޑުގެ އަނެއް ފަރާތުގައެވެ. ޞަހަރާތަކާއި ވާދީތަކަށްވުރެވެސް ދުރުގައެވެ. އެދީން ފެށުނީ މައްކަތުލްމުކައްރަމާ އިންނެވެ. ހަރުކަށި، ޖާހިލު، މުޝްރިކު ޤައުމެއްގެ ތެރެއިންނެވެ. މި މުޤައްދަސް ފޮތުގެ ސަބަބުން އެމީހުންނަށް ތައުޙީދުގެ މަތިވެރި ނިޢުމަތް ލިބުނެވެ. އެކުވެރިކަމުގެ ގަދަކަން ލިބުނެވެ. އަދި މުޅި ދުނިޔޭގެ ވެރިކަންވެސް ލިބުނެވެ.

ﷲ ތަޢާލާ، އެބައިމީހުންނަށް ބާރާއި، ޢިލްމާއި އަދި ކުރިއެރުން މިންވަރުކޮށްދެއްވިއެވެ. އެފަދައިން އެޤައުމު ސީދާވެގެންވާ ހެޔޮ މަގަށް އައެވެ. އެއްކައުވަންތަ އިލާހަށް އީމާންވާ ބަޔަކަށް ވިއެވެ. އެއަށްފަހު އެމީހުން ﷲ އަށް ބިރުވެތިވުން އިޚްތިޔާރުކުރިއެވެ. އަދި އެމީހުންގެ އީމާންކަން ވަރުގަދަކުރިއެވެ. އެހިނދު މުޅި ދުނިޔެ އެމީހުންގެ ފައިތިލަ ދަށަށް އަންނާން ފެށިއެވެ. އެބައިމީހުން މަޝްރިޤާއި މަޣްރިބް ފަތަޙަކުރަމުން އެންމެ ފަހުން އަންދަލުސް (މިހާރުގެ ސްޕޭން އަދި ޕޯޗްގަލް ހިމެނޭ ސަރަޙައްދު) އޭ ކިޔުނު މިޖަޒީރާ އާއި ހަމަޔަށްވެސް އައެވެ. އޭރު މިޤައުމުގެ ވެރިޔަކަށް ހުރީ ވަރަށް އަނިޔާވެރި ރަސްކަލެކެވެ. މިޤައުމުގެ ރައްޔަތުން ނުލާހިކު ފަޤީރުވެފައި ނިކަމެއްޗެވެ. އެބައިމީހުންގެ ތެރޭގައި ޢިލްމާއި ތަރައްޤީއޭ ކިޔުނު ހަމަ އެކައްޗެއްވެސް ނެތެވެ. ޢަރަބި މުޖާހިދުން އެ އަނިޔާވެރި ރަސްގެފާނު ޤަތުލުކުރިއެވެ. އަނިޔާވެރި ވެރިކަން ނިމުމަކަށް ގެނައެވެ. ޢަދުލާއި އިންޞާފުގެ ނިޒާމް ޤާއިމްކުރިއެވެ. މީސްތަކުންނަށް އަމާންކަމާއި ރައްކާތެރިކަން ހޯދައިދިނެވެ. އެބައި މީހުންނަށް ކިޔަވައިދީ ޢިލްމުވެރިކުރުވިއެވެ. ތަރައްޤީ ދިނެވެ. އެގޮތުގެ މަތީން ދިގު މުއްދަތެއްގައި މިޤައުމުގެ ވެރިކަންކުރިއެވެ. ކިތައް އަހަރުކަން ދަރިފުޅަށް އެނގޭ ހެއްޔެވެ؟ އަށްސަތޭކަ އަހަރު ވާންދެނެވެ. އަށްސަތޭކަ އަހަރު ވާންދެން އަންދަލުސްގައި ވިހުރެމުން ދިޔައީ މުސްލިމުންގެ ދިދައެވެ. ދުނިޔޭގައި އޮތް އެންމެ ރީތި ބިންކޮޅަށް އެބައިމީހުން މިތަން ހެދިއެވެ. ދުނިޔޭގެ އެއްވެސް ތާކުން އެފަދަ މިސާލެއް ނުފެންނާނޭ ފަދަ ޢިމާރާތްތައް އެމީހުން މިތާނގައި ބިނާކުރިއެވެ. އާނއެކެވެ! ދަރިފުޅާއެވެ! އަހަރަމެންނަކީ ޢަރަބި މުސްލިމުންނެވެ!!!

އަހަރެންނަކަށް އަހަރެންގެ ދުލުގެ މައްޗަކަށް ބާރެއްނުފޯރުވުނެވެ. ބިރުވެރިކަމާއި ޙައިރާންކަމުގެ ސަބަބުން އަހަރެންނަށް ޢަަޖައިބު ގޮތްތަކެއް ވަމުންދިޔައެވެ.

ބައްޕަ ވަރަށް ޖޯޝާއެކު ސުވާލުކުރިއެވެ. ދެން ނިކަން ބުނެބަލާށެވެ! އަހަރަމެންނަކީ ކޮން ބައެއް ހެއްޔެވެ؟] އަހަރެންނަށް ހަޅޭއްލައިގެންފައި ކަހަލަ ގޮތަކަށް ބުނެވުނެވެ. އަހަރަމެންނަކީ ޢަރަބި މުސްލިމުންނެވެ.ދަރިފުޅާއެވެ! ބައްޕަ، ދަރިފުޅަށް ބުނެދޭން ބޭނުންވި ސިއްރަކީ މިއީއެވެ. އާނއެކެވެ! އަހަރަމެންނަކީ އެއްދުވަސްވަރެއްގައި މިޤައުމުގެ ވެރިންނެވެ. ދަރިފުޅަށް ތިޔަ ފެންނަ ގަނޑުވަރުތައް ބިނާކުރީ އަހަރަމެންގެ ކާބަފައިންނެވެ. އެގަނޑުވަރުތަކުގެ ކޮންމެ ގަލެއްގައި އަހަރަމެންގެ އަސްލާފުންގެ ހުނަރުވެރިކަމާއި، ބުރަ މަސައްކަތުގެ އަސަރުތައްވެއެވެ. މިއަދު އެތަންތަނުގެ މައްޗަށް އަހަރަމެންގެ ދުޝްމަނުން އެވަނީ ގަދަވެގެންފައެވެ. އެއްއިރެއްގައި ފަލަކުގައި ބޮސްދެމުންދާ އެމުންނާރުތަކުން ބަންގިިިީގެ މުޤައްދަސް ނިދާ ގުގުމަމުން ދިޔައެވެ. އަހަރަމެން ވަރަށް ރީތި މިސްކިތްތައް ބިނާކުރީމެވެ. އެމިސްކިތްތަކުގައި މުސްލިމުން ފަސްވަގުތު އެމީހުންގެ ރައްބަށް ސަޖިދަކުރަމުން ގެންދިޔައެވެ. އެ މިޙުރާބުތަކުން ﷲ ގެ ކަލާމްފުޅުގެ ނޫރާނީ އަޑު އިވެމުންދިޔައެވެ. އެކަމަކު މިއަދު އެމިސްކިތްތައް އެވަނީ ފައްޅިތަކަށް ބަދަލުކުރެވިފައެވެ. މިއަދު އެތަންތަނުގައި ފާދިރީން އެގެންދަނީ އިންޖީލު ކިޔަވައި، ކިޔަވައިދެމުންނެވެ.

އާނއެކެވެ! ދަރިފުޅާއެވެ! އަޑުއަހާށެވެ! އަހަރަމެންނަކީ ޢަރަބި މުސްލިމުންނެވެ. މިޤައުމުގެ އެންމެހައި ކަންކޮޅެއްގައި އަހަރަމެންގެ އަސްލާފުންގެ ފިޔަވަޅުތަކުގެ އަސަރުތައް ވިދައި ބަބުޅަމުން ދެއެވެ. އަހަރަމެންގެ ކާފަމެންނާއި ބައްޕަމެން މި ބިން ދިރުވައިފައި ވަނީ އެމީހުންގެ ދަލާއި ލޭ ދީގެންނެވެ. މިބިމުގެ ކޮންމެ ޒައްރާއެއްގައި އަހަރަމެންގެ ޝަހީދުންގެ ލޭ ވަނީ އުނގުޅިފައެވެ. އާނއެކެވެ! ދަރިފުޅަށް ތިޔަ ފެންނަ ރީތި ޝަހަރުތަކާއި ރަށްތައް އާބަދުކުރީ އަހަރަމެންނެވެ. މި ބޮޑެތި ފާލަންތަކާއި މަގުތައް ހެދީ އަހަރަމެންނެވެ. މި ރީތި ބަގީޗާތަކާއި ފަތިފައްޗަށް ހެދިފައިވާ ގަސްތަކާއި މި ހުރިހާ އެއްޗެއްސަކީ އަހަރަމެންގެ ކާބަފައިން ކުރި ބުރަ މަސައްކަތުގެ ސާބިތު ހެކިތަކެވެ.

އެކަމަކު ސާޅީސް އަހަރު ފާއިތުވެ ހިނގައްޖެއެވެ....... ދަރިފުޅު އެބަ އަޑުއަހަން ހެއްޔެވެ.....؟

 ބައްޕަ ވާހަކަ ކުރިޔަށް ގެންދިޔައެވެ. ސާޅީސް އަހަރު ފާއިތުވެ ހިނގައްޖެއެވެ. އަހަރަމެންގެ ވެރިއެއްކަމުގައިިވި އަބޫ ޢަބްދުﷲ ޞަޣީރް.... އެއީ އިސްލާމީ އުންމަތުގެ ޚާއިނެކެވެ.... އޭނާ ވަނީ ދީނާއި ޤައުމަށް ޣައްދާރުވެފައެވެ..... އެއީ މިޤައުމުގައި  އެންމެ ފަހުން ވެރިކަން ކުރި މުސްލިމް ވެރިޔާއެވެ. އޭނާ ދުޝްމަނުންގެ ދޮގު ވަޢުދުތަކަށް އިތުބާރުކުރިއެވެ. އޭނާ ޣަރްނާޠާގެ ތަޅުދަނޑި އެމީހުންނާއި ޙަވާލުކުރިއެވެ. ތިމާގެ ކާބަފައިން ވަޅުލެވިފައިވާ ބިން އެމީހުންނަށް ދިނެވެ. ގަނޑުވަރުތަކާއި އާބާދީތައް ދުޝްމަނުންނަށް ދޫކޮށްލުމަށްފަހު ދެރަވެ ނިކަމެތިވެގެންވާ ޙާލު މަޣްރިބް (މޮރޮކޯ) އަށް ދިޔައެވެ. އެތާނގައި މަރުވުމަށެވެ. އެބައިމީހުން އަހަރަމެންނަށް ވަޢުދުވިއެވެ. މުސްލިމުންނަށް ފިކުރާއި ޢަމަލުގެ މިނިވަންކަން އޮންނާނެއެވެ. އިންޞާފު ލިބޭނެއެވެ. ދިރިއުޅުމުގެ ޙައްޤު އޮންނާނެއެވެ. ދީނީ މިނިވަންކަންވެސް އޮންނާނެއެވެ.

ނަމަވެސް ވެރިކަމުގެ ބާރުތައް ހަމަ ލިބުމާއެކު އެމީހުން އަހަރަމެންނަށް ޚިޔާނާތްތެރިވިއެވެ. ހުރިހާ ވަޢުދުތަކެއް ފުރަގަހަށް އެއްލައިލިއެވެ. ތަޙުޤީޤު އޮފީހުގެ ނަމުގައި ސިއްރު އިދާރާއެއް ޤާއިމްކުރިއެވެ. ގަދަކަމުން އަހަރަމެން ނަޞާރާކުރުވިއެވެ. އަހަރަމެންގެ ބަސް ދޫކޮށްލަން މަޖުބޫރުކުރުވިއެވެ. އަހަރަމެންގެ އަތުން އަހަރަމެންގެ ދަރިން ފޭރިގަނެވުނެވެ. އެއީ ޢީސާއީންގެ ގޮތުގައި އެކުދިން ބޮޑުކުރުމަށެވެ. އެހެންވެ އަހަރަމެން ސިއްރުން އަޅުކަންކުރާ ތަން ދަރިފުޅަށް ފެންނާނެއެވެ. އަހަރަމެން ދެރަވެ ހިތާމަކުރާ ތަން ވެސް ދަރިފުޅު ދެކޭނެއެވެ. ކީއްވެ ހެއްޔެވެ؟ ސަބަބަކީ އަހަރަމެންގެ ދަރީން ވަނީ ގަދަކަމުން ނަޞާރާ ކުރެވިފައެވެ. އެކަމުގެ ސަބަބުން އަހަރަމެންގެ ހިތްތައް މިވަނީ ކުދިކުދިއެވެ.

އަހަރަމެން މި ޢަޒާބުތައް ބަރުދާސްތުކުރާތާ މިހާރު ސާޅީސް އަހަރުވީއެވެ. މިހިރަ ހިލަ ފަރުބަދަތަށްވެސް މިޢަޒާބު ބަރުދާސްތުކުރަން ޖެހުނުނަމަ މިހާރު ކުދިކުދި ވެއްޖައީހެވެ. އެދުވަހުއްސުރެ އަހަރަމެން މިތިބެނީ ﷲ ގެ މަދަދުގެ އިންތިޒާރުގައެވެ. މިއަނދިރި ރޭގަނޑު އުފާވެރި ފަތިހަކަށް އަލިވިލޭނެކަމުގެ އުންމީދުގައެވެ. އަހަރަމެން މާޔޫސެއްނުވަމެވެ. އެއްގޮތަކަށްވެސް ނުވަމެވެ. އެހެނީ އަހަރަމެންގެ ދީނުގައި މާޔޫސްވުމަކީ ޙަރާމްކަމެކެވެ. އަހަރަމެންގެ ދީނަކީ ބާރުގެ ދީނެވެ. ކެތްތެރިކަމާއި ޖިހާދުގެ ދީނެވެ.

ދަރިފުޅާއެވެ! ދަރިފުޅު ގާތު ބައްޕަ ބުނަން އުޅުނު ސިއްރަކީ މިއީ އެވެ. ކޮންމެ ޙާލަކުންވެސް މިވާހަކަ ސިއްރުކުރާށެވެ! އެއްވެސް ފަރުދަކަށް، ބަޝަރަކަށް ފާޅުނުކުރާށެވެ! ހަނދާންކުރާށެވެ! ދަރިފުޅުގެ ބައްޕަގެ ދިރިއުޅުން މިހާރު މިވަނީ ދަރިފުޅުގެ ދެތުންފަތުގެ ތެރޭގައެވެ. ﷲ ގަންދެމެވެ! ބައްޕަ، މަރުދެކެ ބިރެއްނުގަންނަމެވެ. ބައްޕަ މިހުރީ ބައްޕަގެ ވެރި ރަސްކަލާނގެ އާއި ބައްދަލުކުރުމުގެ އުންމީދުގައެވެ. ނަމަވެސް ބައްޕަ އަދި ކުޑަ ދުވަސްކޮޅަކު ދުނިޔޭގައި ހުންނަން ބޭނުމެވެ. އެއީ ދަރިފުޅަށް ދަރިފުޅުގެ ދީނުގެ ބަސް ދަސްކޮށްދިނުމަށެވެ. ދަރިފުޅުގެ ދީން ސަލާމަތްކުރުމަށެވެ. ކުފުރުގެ އަނދިރިކަމުން ދަރިފުޅު ނެރެ އީމާންކަމުގެ އަލިކަމަށް ގެނައުމަށެވެ. ދަރިފުޅާއެވެ! މިހާރު ފަތިސްވާން އުޅެނީއެވެ. ތަރިތަކުގެ އަލިކަން ފަނޑުވަނީއެވެ. ދެން ތެދުވާށެވެ! ދަރިފުޅުގެ ތަންމައްޗަށް ގޮސް އޮށޯވެ ނިދާށެވެ. (ނުނިމޭ)

 

 

ގުޅުންހުރި

1 ޚިޔާލު

  1. ވ.ސަޅި

Your email address will not be published. Required fields are marked *

More in ވާހަކަ