ތިބާ ވިހި އަހަރުގެ މީހަކާއި ބައްދަލުވެ އޭނާގެ ކިބައިގައި ހުރި ޚާއްޞަ ސިފަތަކެއް ދެނެގަނެވިދާނެއެވެ. އަދި ހަމަ އެމީހާގެ ޢުމުރުން 30 އަހަރުގައި ހަމަ އޭނާއާއި ބައްދަލުކުރާ ހިނދު ފާއިތުވެ ދިޔަ ދިހަ އަހަރުގެ ތެރޭގައި އޭނާގެ މިޒާޖާ މުޢާމަލާތުކުރުމުގައި އެއްވެސް ތަފާތެއް ކުރިއެރުމެއް ނެތްކަމުގައި ތިބާއަށް ފާހަގަކުރެވިދާނެއެވެ. ނަމަވެސް ބައެއް މީހުންނާއި ތިބާ އެފަދައިން ބައްދަލުވާހިނދު އެމީހުންނަށް ލިބިފައިވާ މިފަދަ ތަފާތު ހުނަރުތަކުގައި އެމީހުން ކުރިއެރުން ހޯދާފައިވާތީ ތިބާއަށް ފާހަގަކުރެވޭނެއެވެ. އެމީހުންގެ ދިރިއުޅުމަށް ދުނިޔަވީގޮތުން ނުވަތަ ދީނީގޮތުން ނަމަވެސް ކުރިއެރުމެއް ނުލިބޭ އެންމެ ދުވަހެއް އަދި ކިއެއްތަ އެންމެ ހިނދުކޮޅެއްވެސް ފާއިތުވެގެން ނުދާކަން ތިބާއަށް ފާހަގަކުރެވޭނެއެވެ. ތިރިއުޅުމުގެ އަމިއްލަ ހުނަރުތައް ތަރައްޤީކޮށް ކުރިއެރުވުމުގެ ތަފާތު މީހުންގެ ކަންކަން ދެނެގަތުމަށް ބޭނުންވާނަމަ މި މިސާލަށް ބައްލަވާލައްވާށެވެ.
ބައެއް މީހުންނަކީ ސެޓަލައިޓް ޓީވީފަދަ ތަފާތު ޒަމާނީ މުނިފޫހިފިލުވުމުގެ ވަޞީލަތްތައް މެދުވެރިކޮށް އެމީހުންގެ އާންމު މަޢުލޫމާތާއި ވިސްނުމާއި ފިކުރު ތަރައްޤީކުރުމަށް މަސައްކަތްކުރާބައެކެވެ. އެގޮތުން ބައެއްމީހުން ބިނާކުރަނިވި ބަހުސްތައް އެފަދަ ވަޞީލަތްތަކުންބަލާ ބަހުސްކުރުމާއި މުޢާމަލާތުކުރުމުގެ ސިފަތަކާއި ވައްޓަފާޅި ދަސްކޮށް ބަސް މޮށުންތެރިކަމުގެ ފެންވަރު ރަނގަޅުކޮށް އެހެންމީހުނަށް ކަންކަން ވިސްނައިދީ އޮޅުންފިލުވައިދިނުމުގެ ހުނަރު ތަރައްޤީކުރެއެވެ.
އަނެއްބައިމީހުންނަކީ އެފަދަ މުނިފޫހި ފިލުވުމުގެ ވަޞީލަތްތަކުން އަންނަ ތަފާތު ބަދުނަޞީބު ލޯބީގެ ވާހަކަ ސިލްސިލާތަކާ، ޖާޒުބާތީ ޑްރާމާތަކާއި، ބިރުވެރި ފިލްމުތަކާއި، ހަޤީޤަތެއްނެތް އަދި ކިއެއްތަ ހަޤީގަތާއި ތިމާގެކަމެއްވެސްނެތް ތަފާތު ޚިޔާލުތަކުގެ މައްޗަށް ގެނެސްދެވޭ ސިލްސިލާތަކުގެ ތެރެއިން އެންމެ ޕްރޮގްރާމެއްވެސް ގެއްލުވާނުލާ ބައެކެވެ.
މި ދެންނެވުނު ދެބާވަތުގެ މީހުންގެ ތަފާތު އޭގެ ފަސް އަހަރު ނުވަތަ ދިހަ އަހަރު ފަހުން ވަޒަންކޮށްލައްވާށެވެ. މި ދެބާވަތުގެ މީހުންގެ ތެރެއިން އެމީހުންނަށް ލިބިފައިވާ ދިރިއުޅުމުގެ ހުނަރުތައް ތަރައްޤީވެ، އާންމު މަޢުލޫމާތު މުއްސަނދިވެ އެހެންމީހުންގެ މައްޗަށް ނުފޫޒުފޯރުވުމުގެ ކުޅަދާނަކަން ލިބި ދިރިއުޅުމުގެ ތަފާތު ގޮންޖެހުންތަކާ ފުރިހަމަގޮތުގައި ކުރިމަތިލެވޭނީ ކޮންބާވަތެއްގެ ބަޔަކަށްތޯއެވެ؟ ޝައްކެތްވެސް ނެތްގޮތުގައި އެއީ ފުރަތަމަ ދެންނެވުނު ބާވަތުގެ މީހުންނެވެ. އެމީހުންގެ މިޒާޖާއި ދިރިއުޅުމުގެ ވައްޓަފާޅީގައި ބޮޑެތި ތަފާތުތަކެއް ތިބާއަށް ފާހަގަކުރެވޭނެއެވެ. އެމީހުން ކަންކަމާއި މުހާސަބާކޮށް ވާހަކަދައްކާނީ ހެއްކާއި ޤަރީނާގެ މައްޗަށް ބުރަވެ ތާރީޚާއި ތަފާސްހިސާބުގެ މައްޗަށް ބުރަވެތިބެއެވެ. ނަމަވެސް އަނެއްބާވަތުގެ މީހުންނަށް ބުނަންއެނގޭނީ ކޮންމެވެސް ފިލްމީތަރިއެއް ނުވަތަ ލަވަކިއުންތެރިއެއް ބުނެފައިވާ ކޮންމެވެސް ވާހަކައެކެވެ. އެއްފަހަރަކު ދެކެވުނު ވާހަކައެއްގެ ތެރެއިން މީހަކު ބުންޏެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. "އޭ ތިމަން ﷲ ގެ އަޅާއެވެ. ވިތްވަރުކުރާށެވެ. އޭރުން ތިމަން ﷲ ކަލެއާއެކު ހިތްވަރުކުރާހުށީމެވެ." އަހަރެމެން އޭނާގާތު ތިޔައީ ﷲ ބަސްފުޅެއްނޫންކަމުގައި ބުނީމެވެ. އޭނާގެ ކުލަ ކުއްލިއަކަށް ބަދަލުވެ ހަމަ ހިމޭންވެއްޖެއެވެ. ފަހުން އޭނާގެ އެޖުމްލައާއިމެދު ވިސާނާލިއިރު އެއީ މިސްރުމީހުގެ ތެރޭގައި ބޭނުންކޮށްއުޅޭ މަޖާޒީބަހެކެވެ. އެ ބަސް އޭނާއަށް އެނގިފައިވަނީ ކޮންމެވެސް ޑްރާމާ ޕްރޮގްރާމަކުންނެވެ.
ހަމަ މި މަޢުލޫއަށް އެހެން ގޮތަކަށް ވިސްނާލަމާތޯއެވެ؟ މިގޮތުން ނޫސްމަޖައްލާތަކަށް ބަލާލަމާތޯއެވެ. އެފަދަ ނޫސްމަޖައްލާތަކުގައި ހުންނަ މުހިންމު ޚަބަރުތަކާއި ފައިދާކުރަނިވި މަޢުލޫމާތުތައް ކިޔައި ދިރާސާކުރުމަށް ޝައުޤުވެރިކަންހުންނަނީ ކިތައް ކިތައް މީހުން ބާވައެވެ؟ އަދި މިފަދަ ގިނަގުނަ މަޢުލޫމާތުތަކެއް ނޫސްމަޖައްލާތަކުގައި ހުރިނަމަވެސް ހަމަ އެކަނި ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ޚަބަރުތައް ކިއުމަށް ކިހާބަޔަކު ޝައުޤުވެރިވޭހެއްޔެވެ؟ މިދެންނެވުނުފަދަ މީހުންގެ ޢަދަދު ގިނަކަމަށް ދަލީލުދެނީ އެފަދަ މަޖައްލާތަކާއި ނޫސްތަކުގައި ހުންނަ މުހިންމު ފައިދާ ކުރަނިވި ޚަބަރުތަކުގެ ބަދަލުގައި ކުޅިވަރާއި މުނިފޫހިފިލުވުމުގެ ބައިތައް އިތުރުކުރުމަށް އެނޫސްތަކުން ކުރަމުންގެންދާ މަސައްކަތްތަކުންނެވެ. އަހަރެންމެގެ ތަފާތު އެއްވުންތަކާއި ބައްދަލުވުންތަކުގައިވެސް ކަންހިނގަނީ މިފަދައިންނެވެ.
ކަން މިހެން އޮތްއިރު ތިމާއަކީ ނިގުލަކަށް ވުމުގެ ބަދަލުގައި ބޮލަކަށްވުމަށްޓަކައި ތިމާއަށް ލިބިފައިވާ ހުނަރުތައް ތަރައްޤީކުރުމަށާއި އިތުރު ހުނަރުތައް ލިބިގަތުމަށް މަސައްކަތްކުރަންޖެހެއެވެ.
އަބްދުﷲ އަކީ ވަރަށް ހީވާގި މީހެކެވެ. ނަމަވެސް ބައެއްކަހަލަ ހުނަރުތަކަށް އޭނާ ވަރަށް ބީރައްޓެސެވެ. އެއްދުވަހަކު އޭނާ މެންދުރު ނަމާދަށް މިސްކިތަށް ދިއުމަށް ގެއިން ނުކުތެވެ. އެހެނީ އޭނާއަކީ ނަމާދައް އަހައްމިއްޔަތުކަންދޭ ދީނަށް ލޯބިކުރާ މީހެކެވެ. އޭނާ ޤަމަތް ދިނުމުގެ ކުރިން މިސްކިތާ ހަމައަށް ފޯރާތޯ އަވަސް ފިޔަވަޅުމަތީ ހިނގަމުންދިޔައެވެ. ދިޔަ މަގުމަތީގައި އޭނާއަށް ކަދުރު ރުކެއްގެ މައްޗަށް އަރާ މަސައްކަތެއްކުރަން އޮތް މީހަކާއި ދިމާވިއެވެ. އަބްދުﷲ މިކަމާއި ހައިރާންވިއެވެ. އަދި ހިތައްއެރިއެވެ. "މިއީ ކާކުބާވައެވެ. އެނާގެ ހިތުގައި ނަމާދާމެދު އެއްވެސް ފަރުވާލެއްނެތެވެ. ނަމާދުގެ ބަންގީގެ އަޑު އޭނާއަށް ނުއިވޭފަދައެވެ. އަދި މިހާރު ދޭން ކައިރިވެފައިވާ ޤަމަތާއިމެދު އޭނާ ފިކުރެއްވެސް ނެތީބާވައެވެ."
އަބްދުﷲ އޭނާއާއި ދިމާއަށް ހަޅޭއްލަވައިގަތެވެ. "އޭ! ހަމަ މިހަރު ނަމާދައްދާން ފައިބާށެވެ."
ރުކުގައި އޮތްމީހާ މަޑުމަޑުން ޖަވާބުދިނެވެ. "އާން، އިރުކޮޅަކުން މިފައިބަނީ"
އަބްދުﷲ އަނެއްކާވެސް އޭނާށް ގޮވާލިއެވެ. "އޭ މިހިރަ ހިމާރާ އަވަހަށް ނަމާދުކުރަން ފައިބާ!"
ގަހުގައި އޮތް މީހާ ހަޅޭއްލަވައިގަތެވެ. "ކަލޭ އަހަރެންނާދިމާއަށް ހިމާރަށްގޮވަނީތަ؟!" ދެން އޭނާ އެރުކުރެ ފަތެއް އުފުރާލައިގެން އަބްދުﷲ ގެ ބޮލުގައި ޖެހުމަށް ފައިބަން ފެށިއެވެ. އަބްދުﷲ އަވަހަށް އޭނާއަކީ ކާކުކަން ނޭންގޭނޭހެން ބޮލުގައި އަޅާ ފޮށާއިން މޫނު ފޮރުވައިގެން އަވަސް ހިނގުމުގައިގޮސް އޮބާލައިފިއެވެ. އެމީހާ ގަހުން ފައިބައިގެން ގެއަށްގޮސް ނަމާދުކޮށްގެން އިރުކޮޅަކު ވަރުބަލިފިލުވާލުމަށްފަހު އަނެއްކާވެސް ރުކަށްއަރާ އޭނާގެ މަސައްކަތްފެށިއެވެ.
އަނެއްކާވެސް އެދުވަހުގެ އަސުރުވަގުތެވެ. އަބްދުﷲ ނަމާދައް މިސްކިތައް ދިއުމަށްޓަކައި ނުކުތެވެ. އަދި ދިޔަ މަގުމަތީގައި އެއްކަލަ މީހާ ހަމަ އެރުކުގައި އޮއްވާފެނުނެވެ. އަބްދުﷲ ޤަސްދުކުރީ މިފަހަރު އޭނާއާއި މުޢާމަލާތުކުރުން ބަދަލުކޮށްލުމަށެވެ. އަދި ބުންޏެވެ. "އައްސަލާމަ އަލައިކުމް! ހާލުކިހިނެތް؟"
އޭނާ ޖަވާބުދިނެވެ. "އަލްހަމްދުލިﷲ، ވަރަށް ރަނގަޅު!"
އަބްދުﷲ ބުންޏެވެ. "އަހަރެންނަށް އުފާވެރި ޚަބަރެއް ދީބަލާށެވެ! މިއަހަރު ތިޔަ ރުކުގެ ކަދުރުތައް ކިހިނެތް ހެއްޔެވެ؟"
އޭނާ ޖަވާބުދިނެވެ. "ﷲ އަށް ހަމްދުހުއްޓެވެ."
އަބްދުﷲ ބުންޏެވެ. "ﷲ ކަލެއަށް ކާމިޔާބު ދެއްވާށިއެވެ. އަދި ރިޒްޤު ފަހިކޮށްދެއްވާ ކަލޭގެ މަސައްކަތް ލުއިކޮށްދެއްވާށިއެވެ. އަދި އެއިލާހުގެ ނިޢުމަތްތައް ކަލެއަށްޓަކައި އުނި ނުކުރައްވާށިއެވެ."
އަބްދުﷲ ގެ މި ހެޔޮ އިހްސާންތެރި ދުޢާގެ ސަބަބުން އޭނާ ވަރަށް އުފާވިއެވެ. އަދި އެ ދުޢާއަށް ޖަވާބުދިނުމުގެ ގޮތުން ބުންޏެވެ. "އާމީން."
ދެން އަބްދުﷲ ބުންޏެވެ. ހީވާގޮތުން ތިބާ މަސައްކަތުގައި މާ އަވަދިނެތި އުޅުމުން އަސުރު ނަމާދުވަގުތުގެ ބަންގީގެ އަޑު ނުއިވުނީއެވެ. މިހާރު އަސުރުނަމާދަށް ބަންގި ގޮވައިފިއެވެ. އަދި މިހާރު އެ ޤަމަތްދޭން ތައްޔާރުވަނީއެވެ. ހީވަނީ މިހާރު މަސައްކަތް ހުއްޓާލާ ކުޑަކޮށް ހަމަޖެހިލައިގެން ނަމާދަށް ދާން ތައްޔާރުވާންވީހެންނެވެ. ނަމާދަށްފަހު އަނެއްކާވެސް މަސައްކަތާއިގެން ކުރިއަށް ދާނީއެވެ. މާތްﷲ ތިބާ ފުރިހަމަ ސިއްހަތުގައި ލަހައްޓަވާށިއެވެ."
އޭނާ ޖަވާބުދިނެވެ. "އިންޝާ ﷲ. އިންޝާ ﷲ.." އަދި ތިރިއަށް ފައިބަން ފެށިއެވެ. ދެން އޭނާ އަބްދުﷲ އާއި ދިމާއަށް އެނބުރި އޭނާއާއި ސަލާމްކޮށްލުމަށްފަހު ބުންޏެވެ. "ތިބާގެ ތިޔަ މާތް އަޚްލާޤަށްޓަކައި ތިބާއަށް ޝުކުރުވެރިވަމެވެ. އެކަމަކު މިއަދުގެ މެންދުރު މިހެން އެދިޔަ މީހާއަށް ހަޤީޤީ ހިމާރަކީ ކާކުކަން އަންގާލަން ބޭނުންވެއެވެ."
ނަތީޖާއަކީ.....
ތިބާ އަނެކާއާއި މުޢާމަލާތްކުރާ ގޮތަކީ އަނެކާ ތިމާއާއި މުޢާމާލާތްކުރާނޭ ގޮތް ކަނޑައަޅާދޭނޭ މިންގަޑެވެ.

















advertisment
ވަރަށް ސަޅި އިނގޭ ޢަބުދުﷲ ޝާކިރުގެ މިވާހަކަ ހަމަ ކުރިޔަށް
މާޝާﷲ،، ނަފްސު ތަރައްްޤީ ކުރުމައް މަސައްކަތް ކުރާ އަޅުން ގެ ތެރޭން ﷲ ތަޢާލާ އަޅަމެން ލަޢްވާށި އާމީން