
ފަލަސްޠީނުގެ އެންމެ ވާދަވެރި ދެ ޕާޓީ ކަމަށްވާ ފަތަޙް ޖަމާޢަތާއި ޙަމާސް ޖަމާޢަތުގެ އިސްލީޑަރުން މިޞްރުގެ ޤާހިރާގައި ބަދަލުކުރައްވާ، ޞުލްޙައިގެ ވާހަކަފުޅުތައް ކުރިއަށް ގެންދެވުމަށް ނިންމަވައިފިއެވެ.
މިގޮތުން މިދިޔަ ބުދަ ދުވަހު ޤާހިރާގައި ފަލަސްޠީނުގެ ރައީސް އަދި ފަތަޙް ޖަމާޢްތުގެ އިސް ލީޑަރު މަޙްމޫދު ޢައްބާސާއި ޙަމާސް ޖަމާޢަތުގެ ޕޮލިޓިކަލް ބިއުރޯގެ ޗީފް ޚާލިދު މިޝްޢަލް ބައްދަލުކުރައްވާފައެވެ.
މި ބައްދަލުކުރެއްވުންތަކުގައި 2011 ވަނަ އަހަރު ޤާހިރާގައި ސޮއިކުރެވުނު ޞުލްޙައިގެ އެއްބަސްވުމުގެ ނުކުތާތައް އިތުރަށް މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވެއެވެ.
2011 ވަނަ އަހަރު ފަތަޙް ޖަމާޢަތުންނާއި ޙަމާސް ޖަމާޢަތުންވަނީ، ދެޕާޓީ ގުޅިގެން ފަލަސްޠީނުގައި އިއްތިޙާދީ ސަރުކާރެއް ހެއްދެވުމަށް ނިންމަވާފައެވެ. ނަމަވެސް މިއަދާ ޖެހެންދެންވެސް މިއެއްބަސްވުމުގެ މުހިއްމު ނުކުތާތަކަށް ޢަމަލީ ސިފައެއް ނާދެއެވެ.
ރައީސް މަޙްމޫދު ޢައްބާސް އާއި ޚާލިދު މިޝްޢަލް އާ ދެބޭފުޅުން ބައްދަލުވެވަޑައިގަތުމުގެ ކުރިން މިޞްރުގެ ރައީސް މުޙައްމަދު މުރުސީ ވަނީ މިދެބޭފުޅުންނާއި ވަކިވަކިން ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.
މިދިޔަ ނޮވެމްބަރު މަހު، 150 ފަލަސްޠީނުގެ ރައްޔިތުންގެ ފުރާނަ ގެއްލިގެންދިޔަ އިސްރާއީލް ޢަސްކަރިއްޔާގެ ޚާއްޞަ ޙަރަކާތްވެސް ނިމިގެން ދިޔައީ މިޞްރު މެދުވެރިއަކަށްވެ ހުރެ، ފަލަސްޠީނާއި އިސްރާއީލާއި ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުންނެވެ.
ފަހަކަށް އައިސް ފަތަޙް ޖަމާޢަތާއި ޙަމާސް ޖަމާޢަތުގެ ގުޅުން ރަނގަޅުވަމުން އަންނަ ކަމުގެ ނިޝާންތަކެއްދަނީ ފެންނަމުންނެވެ. ފަތަޙް ޖަމާޢަތުގެ ބާރުގެ ދަށުގައި އޮންނަ ފަލަސްޠީނުގެ އިރުމަތީ އައްސޭރީގެ ސަރަޙައްދުގައި ޙަމާސް ޖަމާޢަތުގެ ޙަރަކާތްތައް ބޭއްވުމަށް މިދިޔަމަހު ރައީސް މަޙްމޫދު ހުއްދަދެއްވާފައިވާއިރު، ޙަމާސްގެ ބާރުގެ ދަށުގައިވާ ޣައްޒާގައި ފަތަޙް ޖަމާޢަތުގެ ބޮޑު އެއްވުމަށް ޙަމާސް ޖަމާޢަތުންވަނީ ހުއްދަ ދީފައެވެ.
މިމަހުގެ 4 ވަނަ ދުވަހު ރައީސް މަޙްމޫދު ވަނީ މި ވާދަވެރި ދެ ޖަމާޢަތުގެ 5 އަހަރުގެ ދެކޮޅުވެރިކަން ދޫކޮށްލާ އެކަތިގަނޑަށްވުމަށް ގޮވާލައްވާފައެވެ. މީގެ އިތުރުން ފަލަސްޠީނުގެ އެތައް ހާސް ރައްޔިތުންނެއްވަނީ ޣައްޒާގެ ސަރާޔާ މައިދާނަށް އެއްވެ ފަލަސްޠީންގެ ހުރިހާ ރައްޔިތުން އިއްތިޙާދުވެ، އެއްބައިވަންތަވުމަށް ގޮވާލަ އަޑުއުފުލައިފިއެވެ.
ޙަމާސް އާއި ފަތަޙްގެ ލީޑަރުން ޤާހިރާގައި ބައްދަލުކުރައްވައިފި
ކޮމެންޓް (0)
ލޯޑް ކުރަމުން...