ޢީދު ދުވަހު ރަސްގެފާނުގެ ގަނޑުވަރުގައި އޮތް ޙަފްލާއަކަށް ޝައިޚް ޢިއްޒުއްދީން ބިން ޢަބްދުއްސަލާމް ވަޑައިގެންނެވިއެވެ. އެކަލޭގެފާނަށް އެތަނުން ފެނިވަޑައިގަތީ ސިފައިންގެ ލަޝްކަރުތައް ރަސްގެފާނު ނަޖުމުއްދީންގެ ކުރިފުޅުމަތީގައި ނުހަނު އަދަބުވެރިކަމާއެކު ސަފުސަފަށް ކޮޅަށް ތިބީތީއެވެ. އަދި ޚުދް ރަސްގެފާނުވެސް ނަލަހެދިވަޑައިގެން ޤައުމުގެ ކުރިމަތީގައި އިށީނދެވަޑައިގެން އިންނެވީތީއެވެ. އަދި ވަޒީރުންނާއި އަމީރުން ރަސްގެފާނަށް ކުރުނީސްކުރަމުން ގެންދިޔައީތީއެވެ.
މި މަންޒަރު ފެނިވަޑައިގަތުމުން ޝެއިޚް ޢިއްޒުއްދީން ބާރު އަޑުފުޅުން ރަސްގެފާނާއި މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. އޭ އައްޔޫބެވެ! ﷲ ތަޢާލާ ޤިޔާމަތްދުވަހު، ތިބާ އާއި މިފަދައިން ސުވާލުކުރައްވައިފި ނަމަ، ތިބާ ދޭނީ ކޮންޖަވާބެއް ހެއްޔެވެ؟ ހަމަކަށަވަރުން ތިމަންރަސްކަލާނގެ މިޞްރުގެ ބިމުގައި ތިބާގެ ވެރިކަން ވަރުގަދަކޮށްދެއްވުމުން ތިބާ ބަނގުރަލުގެ ވިޔަފާރީގައި ބައިވެރިވީ ކީއްވެހެއްޔެވެ؟
ރަސްގެފާނު ސުވާލުކުރެއްވިއެވެ. އެކަން ހިނގަމުން އެބަދޭހެއްޔެވެ؟
ޝެއިޚް ޖަވާބުދެއްވިއެވެ. އާނއެކެވެ! އެވެނި ބާޒާރެއްގައި ބަނގުރާގެ ވިޔަފާރި ކުރެވެމުން އެބަދެއެވެ. އަދި އެހެނިހެން އެތައް މުންކަރާތެއްވެސް އެތާނގައި ދަނީ ހިނގަމުންނެވެ. އެކަމަކު ތިބާ ތިޔަ ގެންދަވަނީ އެކަމުން ޣާފިލްވެގެންވާ ޙާލު، އުފަލާއި އަރާމުގައި ދުވަސްތައް ހޭދަކުރައްވަމުންނެވެ.
ރަސްގެފާނު ވިދާޅުވިއެވެ. ސާހިބާއެވެ! އެއީ ފަހަރެއްގައިވެސް އަހަރެން ކުރިޔަށްގެންދާ ބާޒާރެއް ނޫނެވެ. އަދި އެތަން ބިނާކުރެވުނީ އަހަރެންގެ ވެރިކަމުގައެއްވެސް ނޫނެވެ. އަދި ކިއެއްތަ! އެއީ އަހަރެންގެ ބައްޕާފުޅުގެ ޒަމާނުން ފެށިގެންވެސް ކުރިއަށްދާ ބާޒާރެކެވެ.
ޝެއިޚް ވިދާޅުވިއެވެ. ތިބާވެސް ހިމެނެނީ މިފަދައިން ބުނި މީހުންގެ ތެރެއިން ހެއްޔެވެ؟ إِنَّا وَجَدْنَا ءَابَاءَنَا عَلَى أُمَّةٍ وَإِنَّا عَلَى ءَاثَارِهِمْ مُّقْتَدُوْنَ (الزخرف :23) މާނައީ: "އަހަރަމެން ދުށީ އަހަރަމެންގެ ކާބަފައިން ގޮތެއްގެ މަތީގައި ވަނިކޮށެވެ. އަހަރަމެންވެސް އެމީހުންގެ އެ ގޮތުގައި ހިފައި އެމީހުންނަށް ތަބަޢަވަނީއެވެ."
ކޮންމެއަކަސް ޝެއިޚްގެ ނަސޭޙަތް އަޑުއެއްސެވުމަށްފަހު ހަމަ ވަގުތުން އެބާޒާރު އަންދާލުމަށް ރަސްގެފާނު އަމުރުކުރެއްވިއެވެ.
ޙަފްލާއިން އެނބުރިވަޑައިގަތުމުން ޝެއިޚްގެ ދަރިވަރަކު ސުވާލުކުރެއްވިއެވެ. އުސްތާޒެވެ! ކަލޭގެފާނު އެފަދައިން ޢަމަލުކުރެއްވީ ކީއްވެތޯއެވެ؟ ކަލޭގެފާނަށްޓަކައި ހަމައެކަނި ރަސްގެފާނަށް ނަސޭޙަތްތެރިވުން ފުދުނީހެވެ.
ޝެއިޚް ޖަވާބުގައި ވިދާޅުވިއެވެ. އޭ ދަރިފުޅާއެވެ! ތިމަންނައަށް ރަސްގެފާނު އެފަދަ މަތިވެރިގޮތެއްގައި މީސްތަކުންގެ ކުރިމައްޗަށް ނުކުމެވަޑައިގެން އިންނެވި މަންޒަރު ފެނުމުން ތިމަން ގަސްތުކުރީ ކިބުރުވެރިކަމާއި ބޮޑާކަމުން ރަސްގެފާނު ސަލާމަތްކުރުމަށެވެ. އެހެނީ އެކަމުގައި ހައްޔަރުވެއްޖެނަމަ ފަހުން ގެއްލުން އުފުލަން އެމަނިކުފާނަށް ޖެހިވަޑައިގެންފާނެއެވެ.
ދަރިވަރު ސުވާލުކުރިއެވެ. އެވަގުތު ރަސްގެފާނު ދެކެ ކަލޭގެފާނު ބިރުފުޅެއްނުގަތްތޯއެވެ؟
ޝެއިޚް ޖަވާބުދެއްވިއެވެ. ރަސްގެފާނާއި މުޚާޠަބު ކުރި ވަގުތު ތިމަންގެ ކުރިމަތީގައި ވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހައިބަތްވަންތަކަމާއި މަތިވެރިވަންތަކަމެވެ. އެހެންކަމުން ތިމަންގެ ކުރިމަތީގައި ރަސްގެފާނުވީ ބުޅަލެއް ފަދައިންނެވެ. – ނިމުނީ -
(މަލިކުއްޞާލިޙު ނަޖްމުއްދީން އައްޔޫބް (637 ހ – 647 ހ) އަކީ ސުލްޠާން ޞަލާޙުއްދީން އައްޔޫބީގެ އަޚް މަލިކުލްޢާދިލްގެ ކާފަ ދަރިކަލެކެވެ. އަދި އެއީ މިޞްރާއި ޝާމްކަަރައިގެ ރަށްތަކުގައި ވެރިކަންކުރެއްވި އައްޔޫބީ ޢާއިލާގެ ހަތްވަނަ ރަސްގެފާނެވެ. އެރަސްގެފާނު ޝަހީދުވީ ހިޖްރައިން 647 ވަނަ އަހަރު ޞަލީބީންނާއި ކުރެވުނު ހަނގުރާމައެއްގައެވެ.)
__________________________________________
މަޞްދަރު: ސުންހެރޭ ފައިޞަލާ / ޝެއިޚް ޢަބްދުލްމާލިކް މުޖާހިދް
ކޮމެންޓް (0)
ލޯޑް ކުރަމުން...