ކޮލަމިސްޓް "ހުޅަނގަށް" ދިވެހިރާއްޖެ މުހިއްމުވީ ކީއްވެ؟

"ހުޅަނގަށް" ދިވެހިރާއްޖެ މުހިއްމުވީ ކީއްވެ؟

"ހުޅަނގަށް" ދިވެހިރާއްޖެ މުހިއްމުވީ ކީއްވެ؟

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ދިވެހިރާއްޖެއަކީ ތިންލައްކަ ފަންސާސްހާހެއްހާ މީހުން ދިރި އުޅޭ ކުޑަކުޑަ ޤައުމެކެވެ. އަސްކަރީ ގޮތުންނާއި އިޤްތިޞާދީ ގޮތުން މާބޮޑު ބާރެއް އޮތް އަދި ބިމުގެ މުއްސަނދިކަން ނިޞްބަތުން ކުޑަ ޤައުމެކެވެ. އެހެން ނަމަވެސް އަޅުގަނޑުގެ ހިތަށް އަރާ ސުވާލެކެވެ. "ހުޅަނގަށް" ދިވެހިރާއްޖެ މުހިއްމުވީ ކީއްވެހެއްޔެވެ؟ އދ. އާއި ކޮމޮންވެލްތާއި ސީމެގާއި އަދިވެސް ހުޅަނގުގެ ގިނަ ޖަމްޢިއްޔާތަކާއި ސަރުކާތުތަކެއް ރާއްޖޭގެ ފަހަތުން މުގޯލިއަޅަމުން މިވަރަކަށް އުޅެންޖެހެނީ ކީއްވެހެއްޔެވެ؟

ދާޚިލީ މައްސަލަތަކެއްގެ ސަބަބުން ތަނެއް ޞުލްޙަ ކުރަން ބޭނުންނަމަ ދިވެހިރާއްޖެއަށް ވުރެ ދާޚިލީ ހަނގުރާމަ ބޮޑެތި ތަންތަން އެބަހުއްޓެވެ. ދުނިޔޭގެ ތަފާތު ޖަމްޢިއްޔާތަކުގެ އުޞޫލުތަކާއި ޗާޓަރު ތަކާއި ރާއްޖެ ޚިލާފް ވެފައި ނުވާ އިރު، އެފަދަ އުޞޫލުތަކާއި ޗާޓަރު ތަކާއި ޚިލާފުވެ އަދި ޚިލާފު ވަމުންދާ ޤައުމުތައްވެސް އެބަހުއްޓެވެ. އިންސާނީ ޙައްޤުގެ ނަމުގައި މަސައްކަތް ކުރާ ނަމަ ފުރަތަމަ އަންނަންވީ މި ޤައުމަކަށް ނޫނެވެ. މިނިވަންކަން ހޯދާއިދޭށޭ ކިޔާ އަންނަން ބޭނުންވާ ނަމަ މިއަށްވުރެ "ޑިމޮކްރެޓިކް" އަދި މިނިވަން ޤައުމެއް މިހާރަކު ނެތެވެ.

ކޮންމެޔަކަސް، އިސްވެ ކުރެވުނު ސުވާލުގެ ޖަވާބު ކޮންމެވެސް ވަރަކަށް މޭރުން ވެއެވެ. އެހެނީ ބޭރުގެ އެކި އެކި ޑިޕޮލޮމެޓުން މި ރާއްޖެއަށް އައިސް ދައްކާ ވާހަކަތަކުން މި މީހުން ބޭނުންވެގެން މި އުޅެނީ ކީއްކަން އެބަ އެނގެއެވެ. މިގޮތުން ތަފާތު ނަންނަމުގައި އަންނަ ޖަމާޢަތްތަކުން އެންމެ ކަންބޮޑުވާ އެއްކަމަކީ މި ތަނުގައި ހަމަ އެކަނި އިސްލާމް ދީން އޮވެ ، އެހެންދީންތަކަށް ފުރުޞަތު ހުޅުވާނުލުމެވެ. އަޅުގަނޑު ދަންނަވާލަން އޮތި މި ޤައުމުގެ ރައްޔިތުންގެ ޙައްޤެގޭ އެއީ، އިސްލާމްދީން މަތީގައި ދެމި ތިނބުން، އެހެންވީމާ އެކަމާ ތިޔަވެރިންގެ ވަގުތާއި ފައިސާ ހޭދަ ނުކުރާށެވެ.

ދިވެހިރާއްޖެ ސައްތައިންސައްތަ މުސްލިމު ޤައުމެއްގެ ގޮތުގައި އޮތުމަށް ހުޅަނގުން ނުރުހެއެވެ. މިއީ ބަޔަކު ޤަބޫލުކުރަން ބޭނުން ނުވިޔަސް އެންމެން ދަންނަ ޙަޤީޤަތެކެވެ.  ކޮންމެޔަކަސް، ހުޅަނގުން ބޭނުންވާ ގޮތަށް މި ޤައުމު ބަންޓަން ކުރަން އެމީހުން އަންނަނީ ތަފާތު މަސައްކަތްތަކެއް ކުރަމުންނެވެ. ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމަށް އެމީހުން ބޭނުންވާ ވެކްސިން ޖަހައިގެންނާއި އަދި އެވަރުން ނުފުދިގެން ޤައުމުގެ ހިންގުމުގެ މައި ހަށިގަނޑަށްވެސް އެމީހުންގެ ވައިރަސް ފޮނުވައިގެންނެވެ.

ދިވެހިން ދިވެހިންގެ ގޮތުގައި، އިސްލާމްދީނުގެ މަތިވެރި އުޞޫލަތަކުގެ މަތީގައި ތިބުމަށް ވަރަށް ބުރަ މަސައްކަތެއް ކުރަން މިވަނީ ޖެހިފައެވެ. ޤައުމުގެ އެތެރެއިންނާއި ޤައުމުގެ ބޭރުން ތަފާތު ފިއްތުންތަން އަންނަނީ ކުރިމަތިވަމުންނެވެ. އަޅުގަނޑުމެން މާތްﷲ އަށް ވާގިއެދޭޙާލު ގަދައަޅާ މަސައްކަތް ކުރަން ޖެހެއެވެ. އަންނަށް އޮތް ޖީލަށް މި ޤައުމު ސަލާމަތްތެރިކަމާއެކު ރައްދު ކޮށްދިނުމަށްޓަކައެވެ. އިސްލާމްދީން ނޫން އެހެން ދީނަކަށް މި ޤައުމުން ފުރުޞަތު ހުޅުވާނުލުމަށެވެ.

މިއީ ދިވެހިންގެ ޤައުމެވެ. މި ދީބުގައި އޮންނާނީ ދިވެހިންގެ ދީން ކަމަށްވާ އިސްލާމް ދީނެވެ. ދިވެހިންނަށް ލިބޭ ހިލޭ އެހީއަށްވުރެން މުހިއްމީ މި ޤައުމާއި ޤައުމުގެ ދީނެވެ. ހުޅަނގަށް ދިވެހިރާއްޖެ މުހިއްމުވިޔަސް، ދިވެހިރާއްޖެއަށް ހުޅަނގު މުހިއްމެއް ނޫނެވެ. މާތްﷲ އަޅުގަނޑުމެންގެ މި ކުޑަކުޑަ ދީބު މަކަރުވެރިންނާއި ޚިޔާނާތްތެރިންގެ ރޭވުންތަކުން ސަލާމަތްކުރައްވާށި އެވެ. އާމީން!

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.