މިސްރުގެ ގޮވާލުމަކަށް، ޣައްޒާ ގެ ހާލަތާއި މެދު ބަހުޘު ކުރުމަށް އދ ގެ ސަލާމަތީ މަޖިލިހުން ކުއްލި ޖަލްސާ އެއް އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމައިފި އެވެ. އިސްރާއީލުން ޣައްޒާ އަށް ރޭގައި ދިން ޙަމަލާ ތަކަށް އިޙްތިޖާޖް ކުރުމުގެ ގޮތުން މިސްރުން ވަނީ އިސްރާއީލުގައި ހުންނަ މިސްރުގެ ސަފީރު އަނބުރާ ގެންގޮސްފައެވެ. ސެކިއުރިޓީ ކައުންސިލުން ނިންމި މި ނިންމުގައި މި ޖަލްސާ ގައި ފަލަސްތީނާއި އިޒްރޭލުގެ މަންދޫބުން ވާހަކަ ދައްކާ ގޮތަށް އެޖެންޑާ ކޮށްފައި ވާ ކަމަށް އަލްޖަޒީރާ އިން ޚަބަރު ދެއެވެ.
އެމެރިކާގެ ރައީސް އޮބާމާ އިޒްރޭލުގެ ރައީސް ނަތަންޔާހޫ އަށް ފޯނުން ގުޅުއްވާ، ޣައްޒާގެ ހާލަތު މައިތިރި ކުރުމުގެގޮތުން ފަލަސްތީނުގެ ރޮކެޓް ހަމަލާތައް ހުއްޓުވުމުގެ މުހިއްމު ކަމާއި މެދު އެއްބަސްވެ ވާހަކަ ބަދަލު ކުރިކަމަށް ވެއެވެ. ހަމަ މިއާއި އެކު މިސްރުގެ ރައީސް މުހައްމަދު މުރްސީ އަށް އޮބާމާ ފޯނުން ގުޅުއްވާ ޣައްޒާގެ ޙާލަތު ހަމައަކަށް ގެނައުމުގެ މުހިއްމު ކަމާއިމެދު ވާހަކަ ދެއްކި ކަމަށްވެސް އަލްޖަޒީރާ ޚަބަރު ދެއެވެ.
މިސްރުން ރޭގެ ވަގުތެއްގައި ވަނީ ޣައްޒާ އަށް އިޒްރޭލުން ދިން ޙަމަލާއަށް އިޙްތިޖާޖު ކުރުމުގެ ގޮތުން އިޒްރޭލުގައި ހުންނަ މިސްރުގެ ސަފީރު އަނބުރާ ގެނެސްފައެވެ. އަދި މިސްރުގައި ހުންނަ އިޒްރޭލުގެ ސަފީރު، އެމްބަސީގެ މުވައްޒަފުންތަކެއް ގޮވައިގެން މިސްރުން ތެލް އަވީވަށް ފުރި ކަމަށް ޤާހިރާ އެއަރޕޯރޓުގެ މަސްދަރުތަކުން ޚަބަރުދެއެވެ.
ކަތާއިބް ޢިއްޒުއްދީނުލް ޤައްސާމް(ޤައްސާމް ބްރިގޭޑް)ގެ ލީޑަރ އަޙްމަދުލް ޖަޢުބަރީ އަށް އިޒްރޭލުން ދިން ޙަމަލާގައި އޭނާ އާއި އެކު 8 މީހުން ވަނީ ، ޝަހީދުކޮށްލާފައެވެ. އަދި މި ޙަމަލާގައި 90 މީހުން ޒަޚަމް ކޮށްލާފައިވެއެވެ. އަޙްމަދުލް ޖަޢްބަރީ ޣައްޒާގެ ޕަބްލިކް ސަރވިސް ކޮމްޕްލެކްސް އެއްކައިރިން ކާރުކޮޅުގައި ވަޑައިގަންނަވަނިކޮށް އިޒްރޭލުން ކާރުކޮޅަށް އަމާޒުކޮށް ދިން ޙަމަލާގައި ކާރުކޮޅު ދުއްވަން އިން ޑްރައިވަރުވެސް ވަނީ ޝަހީދުވެފައެވެ.
މިސްރުގެ ވުޒާރަތުލް ޚާރިޖިއްޔާގެ ފަރާތުން ވާހަކަ ދެއްކެވި ޢަމްރޫ ރުޝްދީ ވިދާޅުވިގޮތުގައި "ޣައްޒާއަށް އިޒްރޭލުން ދިން ޙަމަލާތަކަށް އިޙްތިޖާޖު ކޮށް ވަރަށް ހަރުކަށި ޢިބާރާތުން" އެވުޒާރާއިން ވަނީ އިޒްރޭލުގެ ސަފީރަށް ސިޓީއެއްފޮނުވާފައެވެ.
ޣައްޒާގައި އިޒްރޭލުގެ އޮޕަރޭޝަން ތައް އިތުރު ކުރާނެ ކަމަށް ނަތަންޔާހޫ އިންޒާރު ދީފައިވާ އިރު ޙަމާސްގެ ފަރާތުން ވާހަކަ ދެއްކެވި އުސާމާ ޙަމްދާން ވަނީ ޙަމާސުން އިޒްރޭލުގެ މި ޙަމަލާތަކަށް ރަައްދުދޭނެ ކަމަށް ވިދާޅުވެފައެވެ. 2008- 2009 ގެ ޣައްޒާ ހަނގުރާމައިގައި އަލްޣައްސާމް ގެ ސަފުތަކުގެ ލީޑަރެއްގެ ގޮތުގައި ހުންނެވީ އަޙްމަދުލް ޖަޢުބަރީ ކަމާއި އިޒްރޭލުގެ ސިފައިންގެ މީހާ ޖިލްޢާދު ޝާލިތު 2006 ގައި ކިޑްނެޕް ކުރުމުގައި އިސްވެ ހުންނެވިކަން އެންމެނަށް އެނގޭކަމަށާއި އިޒްރޭލުގެ ޙަމަލާތައް މިފަހަރު މިފެށީ ބަދަލު ހިފުމުގެ ގޮތުން އޭނާއަށް އަމާޒު ކުރުމާއި އެކު ކަމަށް އުސާމާ ޙަމްދާން ވިދާޅުވިއެވެ. އަދި ފަލަސްތީނުގެ ލީޑަރުންނަށް އަމާޒުކޮށް ހަމަލާތައް ދިނުމުގެ ގޮތުން ކަމަށާއި އަދި ބަދަލު ހިފުމުގެ މި ޙަމަލާތައް ކުރިއަށް ދާނެކަމަށްވެސް އުސާމާ ހަމްދާން ވިދާޅުވިއެވެ.
އިޒްރޭލުން ކުރިޔަށް ގެންދާނެ ހަމަލާ ތަކަކީ ހަމައެކަނި ވައިގެ ޙަމަލާތައް ނޫން ކަމަށާއި ޣައްޒާގެ ކަނޑުގެ ސަރަހައްދުގައި ތިބޭ އިޒްރޭލުގެ ބޯޓު ފަހަރުތަކުންވެސް ހަމަލާ ދޭނެ ކަމަށް އިޒްރޭލުގެ ހައްދުފަހަނަ އަޅާފައިވާ ރައީސް ތަންޔާހޫ ބުނެފައިވާ ކަމަށް އަލްޖަޒީރާ އިން ޚަބަރުދެއެވެ.
ޚަބަރު: އަލްޖަޒީރާ.ނެޓް
ކޮމެންޓް (0)
ލޯޑް ކުރަމުން...