ހުރިހާ މުސްލިމުން ކޮންމެ ދުވަހަކު ފަސްފަހަރު އެތަނަކަށް ކުރިމަތިލާ މާތްވެގެންވާ ކަޢުބަތުﷲ ގެފުޅުގެ ބަނޑޭރި އުމުރުން 82 އަހަރުގައި ނިޔާވެއްޖެއެވެ. ގެފުޅުގެ ބަނޑޭރި ކަމުގައި ޢަބްދުލް އަޒީޒު ހުންނަތާ މިއީ 16 އަހަރެވެ. އަބްދުލްއަޒީޒު ނިޔާވީ އާދިއްތަ ދުވަހު ގެ ހެނދުނުއެވެ.
މި ތަޅުދަނޑި އަކީ އިސްލާމްދީން ފާޅުވުމުގެ ކުރިން ޝައިބީ އާއިލާއިން ބަލަހައްޓަމުން އަންނަ ތަޅުދަނޑިއެކެވެ. އަދި ގެފުޅުގެ ބަނޑޭރިކަން އޮންނަނީ އެއާއިލާގެ އެންމެ ދުވަސްވީ މީހަކަށެވެ. މި ޢާއިލާގައި 350 މީހުން އެބަތިއްބެވެ. އޭގެތެރެއިން ގިނަމީހުން ދިރިއުޅެނީ މައްކާގައެވެ.
ގެފުޅުގެ ބަނޑޭރިކަން އޮތް މި ޢާއިލާ އަކީ ރަސޫލުﷲ ސައްލަﷲ ވަސައްލަމަގެ ޒަމާނުގައި އުޅުއްވި ޝައިބާ ބިން އުޝްމާނު އަބީތަލްޙާ އާއި ގުޅިފައިވާ ދަރިކޮޅެކެވެ. ނުވަތަ ޤަބީލާއެވެ. މިދަރިކޮޅުން ގެފުޅުގެ ބަނޑޭރިކަމުގައި ތިބޭތާ 15 ޤަރުނަށްވުރެ ގިނަދުވަސްވެއްޖެއެވެ.
އިސްލާމީ ހުރިހާ ވެރިކަން ކުރެއްވި ބޭފުޅުންވެސް މިއާއިލާއަށް އިޙުތިރާމްކޮށްފައިވެއެވެ. ޢަބްދުލްއަޒީޒުވަނީ ގެފުޅު އަހަރަކު ތިން ފަހަރު ޢާންމުންނަށް ހުޅުވާލާފައެވެ. ނަމަވެސް ފަހަކަށް އައިސް މީހުން ގިނަވުމުގެ ސަބަބުން މިހާރު މިގޮތަށް ޢަމަލެއްނުކުރެއެވެ.
ގެފުޅުގެ ދޮރުގެ އުސްމިނަކީ 2.4 މީޓަރެވެ.އަދި ފުޅާމިނަކީ 1.70 މީޓަރެވެ. އެންމެ ފަހުން ގެފުޅުގެ ދޮރު ބަދަލުކުރެވުނީ ކިންގު ޚާލިދުގެ ދުވަސްވަރުއެވެ. ނަމަވެސް ދޮރުގެ ތަޅުބަދަލުކުރެވިފައެއްނުވެއެވެ. އެންމެ ފަހުން ދޮރު ހެދިފައިވަނީ ޚާލިސް ރަނުންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...