ދުނިޔޭގައި ހުރި އިހުޒަމާނުގެ އަޅުކަން ކުރެވޭ ތަންތަނާއި ވަލީވެރިންގެ ޒިޔާރަތްތަކާއި އަސާރުތައް އެންމެ ބޮޑަށް ދަމަހައްޓަން މަސައްކަތް ކުރާ އެއްބަޔަކީ ރާފިޟީންނެވެ. ނުވަތަ ޝީޔަޢީންނެވެ. އަދި އެމީހުންގެ ފަހަތުގައި ތިބި ހަމަ އެމަޛްހަބާއި ދާދި އެއްގޮތައް ދަތުރު ކުރަމުންދާ ޞޫފީންނެވެ.
މިލާދީން 1986 ގައި އަދި 1987 ގައި އިރާނުގެ ސަރުކާރާ ގުޅިގެން ބަޣީންގެ ބަޔަކު ވަނީ މައްކާ ހިފަން މަސައްކަތް ކޮށްފައެވެ. އެމީހުން އެންމެ ބޮޑަށްފާހަގަ ކުރި އެއް ނުކުތާއަކީ "އެންމެ ދުވަސްވީ މުޤައްދަސް ބިން މައްކާގައި ހުރި ސަޙާބީންގެ ޒިޔާރަތްތަކާއި މުހިއްމު ބިނާތައް ވައްހާބީން ވަނީ ވަނީ ތަޅާލާފައެވެ. އަދި އެ އާސާރީ ތަންތަނަށް އަހައްމިއްޔަތު ކަމެއް ނުދެއެވެ." އަދި މިކަމަކީ އެމީހުން އެންމެ ބޮޑަށް ޑިމާންޑު ކުރިކަންތައްވެސް މެއެވެ.
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސަލަމް ވަނީ މައްކާ ފަތަޙަ ކުރައްވާ އެތާގެ ވަށައިގެން ހުރި ޝިރުކަށް މަގުފަހިވާ އެންމެހާ ވަޞީލަތްތައް ނައްތަވާ ލައްވާފައެވެ. ފަތަޙައިގެ ދުވަހު އިތުރު އެކަލޭގެފާނު ޙަރަމްފުޅުގެ ތެރެއަށް ވަދެވަޑައިގަތް ހިނދު ދެކެވަޑައިގަތީ އެތާގެ ވަށައިގެން 360 ބުދު ބަހައްޓާފައި ވަނިކޮށެވެ. އަދި އެތާގައި ނޫޙުގެފާނުގެ ޒަމާނުގައި މީހުން އަޅުކަން ކުރަން ގެންގުޅުނު ޤަދީމީ ބުދުތައް ދެކިވަޑައިގަތެވެ. އެއީ ޤަދީމީ ތަކެތި ކަމުގައި ބައްލަވާ ދާރުލް އާޘާރަކަށް ލާ ބިއްލޫރި ކޮށްޓަކަށް ނުލައްވައެވެ. އަމިއްލަ އަތްޕުޅު އެހަޑި މުޑުދާރު ތަކެތި ބިންމައްޗަށް ވައްޓާލައްވާ ކުދި ކުދި ކުރެއްވިއެވެ.
އަދި ޙުދައިބިއްޔާގައި މީހުން ބަރާކާތް ޙާސިލްކޮށް ވާގި އެދެމުންދިޔަ ބޮޑު ބިޔަ ގަސް ކަނޑާލެއްވުމަށް ޢުމަރުގެފާނު އަމުރު ކުރެއްވިއެވެ. މިނޫންވެސް މިފަދަ އެތައް ވަސީލަތެއްވަނީ ނެތިކޮށްލައްވާ ޝިރުކުގެ ނަޖިސްކަމުން މައްކާގެ ބިން ޠާހިރު ކުރައްވާފައެވެ.
ދެން އެއަށްފަހު ޞަޙާބީ ބޭކަލުންނާއި މި އުމަތުގެ ސަލަފުއްޞާލިޙުންވަނީ އެމާތް ބިމުގައި އެންމެ ހެޔޮ ރަން ދުވަސްތައް ހޭދަ ކުރައްވާފައެވެ. އެއަށްފަހު ޚަލީފާވެރި ބޭކަލުންނާއި މަޝްހޫރު ޢިލްމުވެރިންވަނީ މާތް ނައްބިއްޔާ صلى الله عليه وسلم ގެނެސްދެއްވި ތެދުމަގުގައި ހިފަހައްޓައިގެން ތިބެ އީމާނުގެ އަހުލުވެރީންގެ ފިޔަވަޅުމަތީ ސާބިތު ވެލައްފާފައެވެ.
އަހަރުތަކަށް ފަހު ރާފިޟީންގެ ކަޅު އަންދިރި ދުވަސްތައް ފެށިއެއްޖެއެވެ. ހިޖުރައިން 400 އަހަރު ތަކުގައި މިޞްރުގައި ޢުބައިދީން ބަޣްދާދުގައި ބުވައިހީން ތިބެ އެކި ޞަޙާބީންގެ ނަންފުޅު ކުރިއަށް ލައިގެން ނަޖަފް އާއި ކަރްބަލާއާއި މިނޫންވެސް އެމީހުން ނުފޫޒު އޮތްތަންތާގައި ބޮޑެތި ޒިޔާރަރްތައް ހަދާ އެތަންތާގައި ދުޢާ ކުރުމާއި ނަދުރު ބުނުމާއި ނަމާދު ކުރުމާއި ރޮއެ ހެދުމާއި ޤުރުބާނީ ކަތިލުމާއި މިފަދަ ބޮޑެތި އެތައް ޝިރުކުގެ ޢަމަލްތައް ތަޢާރަފު ކުރިއެވެ. މިއަސަރު މައްކާއަށް ހިޖުރައިން 900 އަހަރުތަކުގައި ކުރަންފެށިއެވެ. މައްކާގައި އެދުވަސްވަރުގައި ތިބި ޞޫފީން އެކި މަޤްބަރާތަކުގައި ގުއްބާއި ބިނާތައް ހަދާ ކުރީގެ ޤަދީމީ ބިނާތައް ފާހަގަކުރަން ފެށިއެވެ.
އެގޮތުން "މިއީ މިވެނި ސަޙާބީއެއްގެ ގެކޮޅެވެ." "މިއީ ރަސޫލާ صلى الله عليه وسلم ފެންފޮދު ބޯން މަޑު ކުރެއްވި ހިސާބެވެ." "މިއީ މިވެނި ބޭކަލަކު ދަތުރު ކުރެއްވި ތަންކޮޅެކެވެ." މިފަދައިން ކިޔާ ފާހަގަކޮށް އެތާގައި ޤުއްބު ހަދާ ބިނާތައް ހަދާ މުޅި މައްކާ އަލުން އަނބުރާ ޖާހިލިއްޔަތުގެ ދުވަސްތަކަށް ރުޖޫޢަ ކުރިއެވެ. އެހެނީ އެދުވަސްވަރު މައްކާއަށް ޒިޔާރަތް ކުރާ ބައެއް މީހުން މަސްޖިދުލް ޙަރާމަށް ވުރެން މައިމޫނާގެފާނުގެ ޤުއްބު ކައިރިއަށާއި އާއިމިނަތުގެފާނުގެ ގަނޑުވަރު ހުރިކަމަށް ބުނާތަނަށް ޒިޔާރަތް ކުރުން އިސްކަން ދެއެވެ. މާބަނޑު މީހުން ގަސް ގަސްދޮށަށް ގޮސް ދަރިން ލިބޭތޯ ދުޢާކޮށް އުޅެގެން ފޫއެވެ. މައްކާއަށް ޒިޔާރަތްކޮށްފައި އެނބުރި ޤައުމަށް ދާމީހުން މިއީ މިވެނި ގަހެއްގެ ފަތެކޭ ! މިވެނި ފަރުބަދައިގެ ހިލަކޮޅޭ ! މިވެނި ބިމުގެ ވެލިކޮޅޭ! ގޭގައި އޮތިއްޔާ ރިޒުޤު ވަންނާނޭކިޔާފައި ހަމަ އެކަނި އެއްކައުވަންތަ ގަދަ ކީރިތި ވަންތަ މާތް ޚާލިޞް ކުރަންޖެހޭ އަޅުކަންތައް އެހެން ފަރާތަށް ބަރޯސާކޮށް ތިމާފަދަ އެހެން މަޚްލޫޤުންގެ ފަރާތުން ކަންކަމަށް އެދެން ފަށައިފޫއެވެ.
ހިޖުރައިން 1150 ގެ އަހަރުތަކުގެ ތެރޭގައި އަލް އިމާމް އަލް މުޖައްދިދު މުޙައްމަދު ބިން ޢަބްދުލް ވައްހާބުގެ އިސްލާޙީ ދަޢުވަތު ފެށިގެން ދިޔައެވެ. ކަމުގެ ނުރައްކާތެރި ކަމާއި ބިރުވެރިކަން މީސްތަކުންނަށް ބަޔާންކޮށް ދެއްވަން ފެއްޓެވިއެވެ. މާތް ﷲ އެކަލޭގެފާނު ކުރެއްވި އެމަތިވެރި މަސައްކަތުގައި ތައުފީޤު ދެއްވާ ދާދި މަދު އަހަރުކޮޅެއްގެ ތެރޭގައި މުޅި ޙިޖާޒާއި ނަޖިދުން ޝިރުކުގެ މައި މުގޫތައް މުލުން ލުހިގެން ދިޔައެވެ. އަދި އެދަޢުވަތުގެ އަސަރު މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އުދަރެސްތައް އަލިކޮށްލިއެވެ. މިއަދާ ހިސާބަށް ޙިޖާޒުގެ ޢިލްމުވެރިން ތިއްބެވީ އެފަދަ އެންމެހާ ފިކުރީ ނުރައްކާތަކުން އެ މުޤައްދަސް ބިންތަކާއި އިސްލާމީ ޝިޢާރު ޙިމާޔަތް ކުރަން އަތުކުރި އޮޅާލައިގެންނެވެ. ހަމަ އެކަނި ޢިލްމުވެރީންނެއް ނޫނެވެ. މާތް ނައްބިއްޔާ صلى الله عليه وسلم އާއި އެކަލޭގެފާނުގެ ޞަޙާބީން ދެއްކެވި މަގުގައި ތަބާވެގެން ތިބި އެންމެހާ މީހުންނެވެ.
މިކަމާއި މިއަދު އެންމެ ޙަސަދަ ވެރިވަނީ ރާފިޟީންނެވެ. ދެން މިއަދު މިކަމާއި އެންމެ ޙަސަދަ ވެރިވާ ބަޔަކަށް ދުނިޔެއިން ފެންނަނީ ހުޅަނުގެ މީހުންނެވެ. ދޭތެރެ ދޭތެރެއިން އެމީހުން ނޫސްތަކުގައި މައްކާގެ ދުވަސްވީ ބިނާތަކަށް އިހުމާލު ވާ ވާހަކައާއި އެއީ މުޙައްމަދުގެފާނު އުޅުއްވި ބިން ކަމާއި މައްކާގެ ޙަރަމާއި މަދީނާގެ ޙަރަމް ބޮޑު ކުރުމުގެ ނަމުގައި ބުލްޑޯޒާއިން މައްކާގެ ޤަދީމީ އާޘާރުތަށް ވަހާބީން ހަލާކުކޮށް އެތަނަށް ދޭ އަނިޔާތަކަކީ މުޙައްމަދުގެފާނަށް ކާޓުނު ކުރެހުމަށް ވުރެންވެސް ނުބައި ކަމަކަށް ބުނެހަދައެވެ. މި ބައިމީހުންގެ ހަމަ އެކަނި މަޤްސަދަކީ މުސްލިމުގެ ހިތްތަކުގައި ޝައްކާއި ވަހުމު އުފައްދާ އެއްބަޔަކު އަނެއް ބަޔަކަށް ޖެއްސުމެވެ.
ރާއްޖޭގައިވެސް ހުޅަނގުގެ ފަލްސަފާތަކަށް އަޅުވެތިވެފައި ތިބޭ މީހުން އަބަދުމެ ތިބެނީ ފުރުސަތަކަށް ބަލަ ބަލައެވެ. ހުޅަނގުގެ މީޑިއާ އެއްގައި އިސްލާމް ދީނަށާއި މުސްލިމުންގެ ދީނީ ޢަޤީދާ ބަލަކަށި ކޮށްލާފަދަ ވާހަކައެއްފެނިއްޖެތަ ! އެކަމަށް ހިއްވަރު ދީ ސަޕޯޓު ކޮށް ޓްވީޓް ކުރުމާއި އެޚަބަރު ފެތުރުމާއި ފޭސް ބޫކް ފަދަ ސޯޝަލް މިޑިއާގައި ވާހަކަތަށް ފެތުރުން ފަދަ ތަފާތު ޙަރަކާތްތަށް ހިނގަން ފަށައެވެ. މި ދައުރު އަދާ ކުރާ މީހުން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ޒަމާނުގައިވެސް އުޅުނެވެ. އޭރު ފޭސް ބޫކް އަދި ޓްވީޓަރ އެއް ނެތެވެ. ދީން ނެތިކޮށްލާނެ ފުރުސަތެއް ލިބިއްޖެތަ ! ޢަދަވާތްތެރިންނާއި ދެމެދު ސިޓީ ބިޓީ ބަދަލު ކޮށް އެއްބަޔަކު އަނެއްބަޔަކަށް ވާހަކަ ބަދަލު ކޮށް ސަޕޯޓް ދީ ހަދައެވެ. އެމީހުންނަށް ކިޔަނީ މުނާފިޤުނެނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...