ފަލަސްޠީނުގައި ހުންނަ މުސްލިމުންގެ މުޤައްދަސް ބިނާއެއްކަމުގައިވާ މަސްޖިދުލްއަޤްޞާގެ ބިންގާ ނިކަމެތިކޮށް އެމިސްކިތް ވައްޓައިލާން ޔަހޫދީ ޒަޔަނިސްޓުން ކުރާ މަސައްކަތުގައި އިޒްރޭލުގެ ސަރުކާރާއި ސިފައިންގެ ލަޝްކަރުތަކާއި ޙައްދުފަހަނައެޅި ޔަހޫދީ ޖަމާޢަތްތަކުގެ އިތުރުން އެޤައުމުގެ ޔުނިވަސިޓީތަކުންވެސް ބައިވެރިވަމުން ގެންދާކަން ހާމަވެއްޖެއެވެ.
އިޒްރޭލުގެ ނޫސްތަކުގައި ޝާއިޢުކޮށްފައިވާ ރިޕޯޓްތައް ބުނާގޮތުން މަސްޖިދުލްއަޤްޞާ އާއި ޖެހިގެން އޮންނަ "ސިލްވާން" ސަރަހައްދުގައި ދާދިފަހުން ކޮނެވުނު ކޮނުންތަކުގައި އިޒްރޭލުގެ ބެން ގޫރިއަން ޔުނިވަސިޓީގެ އާސާރީ ތަރިކަ އާއި ބެހޭ މާހިރުން ވަނީ ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދީފައެވެ. ޔަހޫދީ ސަރުކާރުގެ ބެލުމުގެ ދަށުން ކޮނެވުނު މިކޮނުންތަކަށް ފަންޑު ހޯދައިދީފައިވަނީ ހައްދުފަހަނައެޅި ޔަހޫދީ ޖަމާޢަތެއްކަމުގައިވާ "އަލްޢާދް" އިންނެވެ.
އިޒްރޭލުން ގެންދަނީ ސިލްވާން ސަރަޙައްދުގައި "ދާވޫދު ޝަހަރު" ގެ ނަމުގައި އާ އަވަށްތަކެއް ބިނާކުރުމަށް މަސައްކަތްކުރަމުންނެވެ. މިސަރަހައްދު އޮންނަނީ ބައިތުލް މަޤްދިސްގެ އިރުމަތީގައެވެ. އަދި އަޤްޞާ މިސްކިތާ ހުރި ގާތްކަމުގެ ސަބަބުން މިސަރަޙައްދަކީ ވަރަށް ޙައްސާސް ސަރަޙައްދެއްކަމުގައި ވަނީ ވެފައެވެ.
________________________________--
މަޞްދަރު: ޕެލަސްޓީނިއަން އިންފޮމޭޝަން ސެންޓަރ

ކޮމެންޓް (0)
ލޯޑް ކުރަމުން...