ނަބީންނަށް ދެރަ ބަސްބުނެ ފުރައްސާރަކުރުމަކީ މަނާ ކަމަކަށް ހެދުމަށް ސަޢޫދީ އަރަބިއްޔާގެ މުފްތީ ބައިނަލްއަޤްވާމީ މުއައްސަސާތަކަށް ގޮވާލައިފިއެވެ.
މުފްތީ ޢަބްދުލް ޢަޒީޒް ޢާލް ޝެއިޚް، އިބްރާހީމްގެފާނާއި، މޫސާގެފާނާއި، ޢީސާގެފާނާއި، މުޙަންމަދު ޞައްލަﷲ ޢަލައިހިވަސައްލަމް ފަދަ ނަބީންނަށާއި ރަސޫލުންނަށް ދެރަ ބަސްބުނެ ފުރައްސާރަކުރުމަކީ މަނާކަމަކަށް ހެދުމަށެވެ. މިގޮތަށް ގޮވާލައިފައިވަނީ މާތް ނަބިއްޔާ މުޙަންމަދުގެފާނަށާއި އިސްލާމްދީނަށް ފުރައްސާރަކޮށް އެމެރިކާގައި ހެދި ފިލްމު ކުށްވެރިކޮށް ނެރުނު ބަޔާނެއްގައެވެ. އަދި މި ބަޔާނުގައި ކީރިތި ރަސޫލާ މުޙަންމަދު ޞައްލަﷲ ޢަލައިހިވަސައްލަމްގެ ނަމަށް އެއްވެސް ހުތުރުކަމެއް ގެނުވަން ކުރާ މަސައްކަތްތަކާއި އިސްލާމީ ޚުދޫދުގެ ތެރެއިން ބާރުގެ ބޭނުންނުކޮށް ދެކޮޅުވެރިވުމަށްވެސް ވަނީ ގޮވާލާފައެވެ.
ކީރިތި ރަސޫލާ މުޙަންމަދު ޞައްލަﷲ ޢަލައިހިވަސައްލަމްގެ އަށް ފުރައްސާރަކުރުމަށް ކުރާ މަސައްކަތްތަކަށް ދެކޮޅުހަދައި އިންކާރުކުރަންވާނީ ﷲ ގެ ޤާނޫނާއި ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމްގެ ސުންނަތުގެ ގިއުގަނޑުގެ ތެރެއިންކަމަށާއި، މައުސޫމް މީހުންގެ ލޭ ނުއޮހުރުވުމަށާއި، އަމިއްލަ ތަންތަނަށާއި، އާންމުންގެ ތަންތަނަށްވެސް ގެއްލުން ނުދިނުމަށް ޝެއިޚް ވަނީ ގޮވާލާފައެވެ. އަދި އިސްލާމް ދީނަށް ނަފްރަތުކުރާ ފިލްމް ހަދާ މީހެއްގެ މަސައްކަތަކުން މުޙަންމަދު ޞައްލަﷲ ޢަލައިހިވަސައްލަމްގެ ސަހުސިއަޔަތަކަށް އެއްވެސް އުނި ކަމެއް ނާންނާނެ ކަމަށާއި އެކަން ރައްދުވާނީ ހަމަ އެ ނުބައި ހިޔާލުތައް ފަތުރަން އުޅުން ބަޔަކަށް ކަމަށްވެސްޝެއިޚް ވިދާޅުވިއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...