އަޅުގަނޑުމެންގެ ޙަޔާތުގައި ލޯގަނޑުގެ ދައުރަކީ ވަރަށްވެސް މުހިއްމު ދައުރެކެވެ. ފެންވަރާލައިގެން ނިކުމެ ރީތިވެލަނީ ލޯގަނޑު ކުރިމަތީގައެވެ. މޫނުގައި ފުށްޖަހާ ބޮލުގައި ފުނާ އަޅާ ހަދަނީ ލޯގަނޑު ކުރިމަތީގައެވެ. ވަކިން ޚާއްޞަކޮށް ހަފުލާއަކަށް ތިއްތިވެ ނަލަވާނަމަ، އެތައް ފަހަރަކު ލޯގަނޑުން އަޅުގަނޑުމެންގެ ބުރުސޫރަ ހުރީ ކިހިނެއްތޯ ބަލާލެވެއެވެ.
އަޅުގަނޑުމެންގެ ހަށިގަނޑުގައި ނުވަތަ ފޭރާމުގައި މިލައެއް ނުވަތަ އެހެންވެސް އައިބުކަމެއް ޖެހިފައި ހުރެއްޖެނަމަ އެ ލޯގަނޑުން ފެންނާނެއެވެ. ލޯގަނޑު އެ އައިބުތައް އަޅުގަނޑުމެންނަށް ބުނެދެނީ ތެދުވެރިކަމާއެކުއެވެ. ނެތް އުނިކަމެއްގެ ވާހަކަ ބުނެއެއް ނުދޭނެއެވެ. އަދި ހުރި އުނިކަމުގެ ވާހަކަ ބުނެދޭނީ ތެދުވެރިކަމާއެކުއެވެ. އިތުރު ކުރުމެއް ނެތިއެވެ. އަދިކިއެއްތޯ، އެ އައިބު ނުވަތަ އުނިކަން ފިލުވާލަންދެން ލޯގަނޑު އަޅުގަނޑުމެންނާ އެކުގައިވެއެވެ. އެހީތެރިވެދެއެވެ.
އަޅުގަނޑުމެންގެ ބޭރުފުށުން ފެނުނު އުނި ސިފައިގެ ވާހަކަ އެ ލޯގަނޑު އެހެން މީހުން ކައިރީގައި ދައްކާ އަޅުގަނޑުމެން ފަޟީޙަތް ނުކުރާނެއެވެ. ބޭރުފުށުގައި ހުރި އުނިކަން އަޅުގަނޑުމެން ނައްތާލުމުން، އެ އުނިކަމުގެ ވާހަކަ އިތުރަކަށް އެ ލޯގަނޑު ކިޔައެއް ނުދޭނެއެވެ. އަދި އެހެންމީހުން ކައިރީގައި އެ އުނިކަމުގެ ވާހަކަ ދައްކާ އެލޯގަނޑު ނަހަދާނެއެވެ. އުނިކަމެއް ހުރެއްޖެނަމަ، އެ ލޯގަނޑު އެވާހަކަ ބުނާނީ އަޅުގަނޑުމެން ކައިރީގައެވެ.
ހަމައެފަދައިން، އަޅުގަނޑުމެންގެ ބޭރުފުށުގައި ރީތި ސިފައެއް ހުރެއްޖެނަމަ، ލޯގަނޑު އެވާހަކަވެސް އަޅުގަނޑުމެން ގާތުގައި ބުނެދެއެވެ. އެކަމަށް ލޯގަނޑުވެސް ފަޚުރުވެރިވާ ފަދައެވެ. ލޯގަނޑު ކުރިމައްޗަށް އަޅުގަނޑުމެން ދަނީ ދާހިތުންނެވެ. އަޅުގަނޑުމެންނަށް އެއީ ނަސީބެކެވެ. އަޅުގަނޑުމެން ބޭރުފުށުގައި ހުރި އުނިކަމެއް ލޯގަނޑު ކިޔައިދެނީ އޯގާތެރިކަމާއި ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކުގައި ކަމަށްވާތީއެވެ. އަޅުގަނޑުމެންނަށް ލޯގަނޑު ހެޔޮ އެދޭ ކަމީ އަޅުގަނޑުމެން އެކަމާ ޝައްކުކުރާ ކަމެއް ނޫނެވެ.
މިހިސާބަށް ދިޔައިރު، ބަޔާންކުރަން މިއުޅޭ ވާހަކަ ކޮންމެވެސް ވަރަކަށް ތިބާއަށް ތަޞައްވަރުވެފައި އޮތުމަކީ ގާތް ކަމެކެވެ. އާދޭހެވެ! ދައްކަން މިއުޅެނީ އުއްމަތުގެ މާތް ނަބިއްޔާ ޞައްލަﷲ ޢަލަހި ވަސައްލަމްގެ ޙަދީޘްފުޅެއްގެ ވާހަކައެވެ. އެ ޙަދީޘްފުޅުގެ ބަލާޣާތްތެރިކަމާއެވެ. އެކަލޭގެފާނަކީ، މާތް ﷲ ޖަވާމިޢުލް ކަލިމަ ދެއްވިބޭފުޅެކެވެ. ޖަވާމިޢުލްކަލިމައަކީ ޙަދީޘްފުޅު ކުރައްވަން ބޭނުންފުޅުވާ އެއްޗެއް ކުރުކޮށް ފޮނިކޮށް އެހާމެ މާނަ ފުންކޮށް، ބަލާޣާތްތެރިކަމާއެކު ޙަދީޘްފުޅު ކުރެއްވުމުގެ ހުނަރެވެ.
އެގޮތުން މާތް ނަބިއްޔާ ޞައްލަﷲ ޢަލަހި ވަސައްލަމްގެ މިފަދަ ޙަދީީޘްފުޅުގެ ތެރޭގައި " المؤمن مرآة أخيه " ހިމެނެއެވެ. މާނައީ: " މުއުމިނު އަޅާއަކީ އޭނަގެ އަޚާއަށްޓަކައި މޫނުބަލާ ލޯގަނޑެއް ފަދައެވެ."
ސުބުޙާނަﷲ، ގިނަވެގެންވާ ޤަވާޢިދުތަކެއް ހިމެނޭ ޙަދީޘްފުޅެއްގައި އެވަނީ އެންމެ ތިން ލަފުޒެވެ. އަޅުގަނޑުމެންގެ މުސްލިމު އަޚުންނާ މެދުގައި އަޅުގަނޑުމެން އަމަލު ބަހައްޓަންވީ ގޮތުގައި ގައިޑުލައިނެވެ. ލޯގަނޑަށް ނަޒަރު ހިންގާލުމުން އެ ޤަވާޢިދުތައް އެނގި ހާމަވެދާނެއެވެ.
ތިބާވާން ޖެހޭނީ ތިބާގެ އަޚާއަށްޓަކައި ތެދުވެރި މީހަކަށެވެ. އޭނަގެ އުނިކަމެއް ހުރެއްޖެނަމަ އެކަމުގެ ޚަބަރު އޭނާއަށް އޯގާތެރިކަމާއެކު ތިބާ ދޭނެއެވެ. މިންވަރަށް ވުރެ އެކަން ބޮޑުކޮށްގެން އެވާހަކަ ނުދައްކާނެއެވެ. އޭނައަކީ މުޅިން ގޯސް މީހެއްކަމަށް ނުބުނާނެއެވެ. އަދި އެ އުނި ސިފަ އޭނާގެ ކިބައިން ނައްތާލުމަށްވެސް ތިބާ އޭނާއަށް އެހީތެރިވެދޭނެއެވެ. ތިބާގެ އަަޚާގެ ވާހަކަ އެހެން މީހުން ގާތުގައި ތިބާ ނުދައްކާނެއެވެ. ތިބާގެ އަޚާގެ ރީތި ސިފައެއް ހުރެއްޖެނަމަ އެކަމާ ތިބާ ފަޚުރުވެރިވެ އޭނައަށް ހިތްވަރުދޭނެއެވެ. ތިބާގެ އަޚާގެ އުނި ސިފައެއް ހުރިތޯ ދަނެގަންނަން އޭނާ ތިބާގެ ކައިރިޔަށް އަންނާނެއެވެ. އަދި ތިބާގެ ނަޞޭހަތާއި ލަފާ އަޑުއަހާނެއެވެ. ތިބާގެ އަޚާ ތިބާއަކީ އޭނައަށްޓަކައި މާތް ﷲ މެދުވެރިކުރެއްވި ނިޢުމަތެއްކަމުގައި ދެކޭނެއެވެ. ތިބާގެ އަޚާއަށްޓަކައި ތިބާއަކީ ހަމަ ލޯގަނޑެއް ފަދައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...