އަހަރެންގެ ހަޔާތުން ހަނދާން ހުންނަށް ފެށިއިރުންސުރެ އަހަރެން “ކަލާ” ދެކެ އިންތިހާ ލޯބިވަމެވެ. ކަލާގެ ހަޤީޤީ ސޫރަ އަހަރެންނަށް ނޭނގުނުކަމުގައިވިޔަސް އަހަރެން އައީ ކަލާ ދެކެ ލޯބިވަމުންނެވެ. ކަލާ އަހަރެންނާ ބައްދަލު ކުރާ ކޮންމެ ހިނދެއްގައި އަހަރެންގެ ހަޔާތަށް އާ ދިރުމެއްލިބެވެ. ހިތް އުފާވެއެވެ. ކަލާ އާ އެކީ ވަގުތު ހޭދަކުރަންބޭނުންވެއެވެ. ލޯބިވާ އޭ! ތިއީ އަހަރެންގެ ހަޔާތުގެ ދިރުމެވެ. އުފަލެވެ. ހިތްހަމަޖެހުމެވެ. އާދޭސްކޮށްފާއި ބުނަމެވެ. “ކަލާ” އަހަރެން ދޫކޮށްފައި ނުދާށެއެވެ.
އަހަރެންގެ ހިތުގައި “ކަލާ” އަށް ދެވިފައިވާ ލޯތްބަކީ ކިހާ މާތް ލޯތްބެއްހެއްޔެވެ؟ ތިޔަ ލޯބީގައި އަހަރެން މިވަނީ ދީވާނާ ވެފައެވެ. އަހަރެންގެ ހިތް އެދި އެދި ގޮވަނީ އަބަދުވެސް “ކަލާ” އަހަރެން ކައިރީގައި ހުރުމަށެވެ. ނަމަވެސް..
“ކަލާ” އަހަރެންގެ ހަޔާތަށް ދިރުން ގެނެސްދީފިއެވެ. އުފަލާއި ހިތްހަމަ ޖެހުން ގެނެސްދީފިއެވެ. މާތް ސިފަތަކުން ޒީނަތްތެރިކޮށްދީފިއެވެ. ހައްޤުގެ މަގުގައި ސާބިތުވާން ދަސްކޮށްދީފިއެވެ. ނަފްސަށް އާރޯކަމާއި ދިރުން ގެނެސްދީފިއެވެ. އަހަރެން މާޔޫސްވާ ކޮންމެ ވަގުތަކު ﷲގެ ނިއުމަތްތަކުން ހަނދުމަކޮށް ދިނުމަށް “ކަލާ” އަހަރެންނަށް ހަނދުމަކޮށްދީފައެވެ. ލޯބިވެރިޔާ އޭ ! އަހަރެން ދޫކޮށްފައި ނުދާށެއެވެ.!
މީހުންނަށް ހެޔޮ ކޮށް ހިތުމަށާއި އަޅާލުމަށް “ކަލާ” އަހަރެންނަށް ދަސްކޮށްދީފިއެވެ. ދީނުގައި ސާބިތުވުމަށް ދަސްކޮށްދީފިއެވެ. ﷲ ރުހިވޮޑިގެންވާ ހެޔޮ އަމަލުތައްކުރުމަށް ދަސްކޮށްދީފިއެވެ. އަހަރެން “ކަލާ” ގެ މާތްކަން ބަޔާންކުރަނީވެސް ކިހިނެއް ހެއްޔެއެވެ؟
އަހަރެންގެ ހިތުގައި “ކަލާ”ގެ ނަން ވަނީ ބިންވަޅު ނެގިފައެވެ. އަހަރެންގެ ހިތުގައި “ކަލާ” އަށް ވަނީ ހާއްސަ ޤަދަރެއް ދެވިފައެވެ. މި ޤަދަރަށް ބަދަލެއް ގެނެވޭނީ އަޅެ ކޮން މަޚްލޫޤަކަށް ހެއްޔެވެ. އިންޝާﷲ މި ޤަދަރަކަށް ، ލޯތްބަކަށް ބަދަލެއް ނުގެނެވޭނެއެވެ. އެހެން ވިޔަކަވެސް ނުދޭނަމެވެ. އަބަދުވެސް “ކަލާ” މަތިން އަހަރެން ހަނދާން ކުރާނެވެ.”ކަލާ” ދިން “ލައްޒަތާއި ހިތްހަމަޖެހުން” އަހަރެން ހަނދާން ނައްތާލާނީ ކިހިނެއްހެއްޔެއެވެ؟
އަހަރެންގެ މުޅި ހަޔާތުގައިވެސް “ކަލާ” އަށް އިންތިޒާރުކުރާނަމެވެ. ނަމަވެސް ދެން “ކަލާ” އާ ބައްދަލު ވާނެކަމުގެ އެއްވެސް ޔަޤީން ކަމެއް އަހަރެންނަކަށް ނެތެވެ. މިއީ “ކަލާ” އާ އަހަރެންނާއި ބައްދަލުވެ ،”ކަލާ” ގެ ފޮނި މީރުކަން ލިބޭނެ އެންމެ ފަހު ފަހަރުކަމުގައިވުންވެސް އެކަށީގެންވެއެވެ. މިއީ ދުނިޔޭގެ ޤާނޫނެވެ. މިކަމާ ދެކޮޅުހެދޭނެ އެއްވެސް މީހަކު މި ދުނިޔެއަކަށް ނާންނާނެކަން ކަށަވަރެވެ.
އާދޭސްކޮށްފައި ބުނަމެވެ. ކަލާ އަހަރެން ދޫކޮށްފައިނުދާށެއެވެ. އަބަދުވެސް “ކަލާ” އަހަރެންގެ ގާތު ހުންނާނެނަމައޭ ހިތައް އަރައެވެ. ނަމަވެސް ތަޤްދީރުގެ ނިޔާއަކަށް ބަދަލުއައުމެއް ނެތެވެ. “ކަލާ” ތިއީ އަހަރެންގެ ހިތުގެ ވިންދެވެ. “ކަލާ” ތިއީ އަހަރެންގެ ހިތަށް އުފާވެރިކަން ގެނެސްދިން ބަރަކާތްތެރި ރަމަޟާން މަހެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...