ބަރުމާގެ ރޮހިންގްޔާ ދަރިކޮޅުގެ މުސްލިމުންނާއި ދެކޮޅަށް އެޤައުމުގެ ސަލާމަތީ ބާރުންނާއި އަދި ހައްދުފަހަނައަޅާފައިވާ ބުދިސްޓުން ހިންގަމުން އަންނަ ލާއިންސާނީ ޖަރީމާތަށް ސައުދި ޢަރަބިޔާއިން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ސަލާމް ގަނޑުވަރުގައި ބޭއްވުނު ސައުދީ ވަޒީރުންގެ މަޖިލީހުގައިވަނީ ބަރުމާގެ މައްސަލައަށް އަލިއަޅުވާލައި މަޝްވަރާތަކެއް ކޮށްފައެވެ. އެގޮތުން ބަރުމާގެ މުސްލިމުން މަރައި، އެރައްޔިތުންގެ އިންސާނީ ޙައްޤުތައް ނިގުޅައިގަނެ އެނިކަމެތި ރައްޔިތުން އެޤައުމުން ފައްސާލަން އެޤައުމުގެ ސަރުކާރުން ކުރަމުންދާ މަސައްކަތަކީ އެއީ މުޅި އިންސާނިއްޔާތާއި ޚިލާފް ޖަރީމާއެއްކަމުގައި ސައުދީ ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގައި ސިފަކުރައްވާފައިވެއެވެ.
ދެޙަރަމުގެ ޚާދިމް ޢަބްދުﷲ ރަސްގެފާނު ރިޔާސަތު ބަލަހައްޓަވާފައިވާ މިމަޖިލީހުގައި ވަަނީ ބަރުމާގެ މުސްލިމުންނަށް އެހީވުމަށް ވަގުތުން ވަގުތަށް މަސައްކަތްކުރުމަށް ބައިނަލްއަޤްވާމީ މުޖްތަމަޢުއަށް ގޮވާލައްވާފައެވެ.
މިމަހު 14 އަދި 15 ވަނަ ދުވަހު މައްކާގައި ބޭއްވުމަށް ހަމަޖހިެފައިވާ މުސްލިމު ޤައުމުތަކުގެ ލީޑަރުންގެ ބައްދަލުވުމުގައި ސީރިޔާ މައްސަލައަށާއި އަދި ބަރުމާގެ މައްސަލައަށް ޙައްލުހޯދުމަށް މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވޭނެކަމަށް ވަޒީރުންގެ މަޖިލީހުގައި ހާމަކުރައްވާފައިވާކަމަށް މުވާސަލާތީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. ޚޮޖާ ވިދާޅުވިއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...