ރިޕޯޓް

އަނެކާ އޮރިޔާންކުރާ ވިޔަފާރި!؟

 

މާލޭގެ މަގުތަކަކީ މިއަދު އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ސިޓިންގ ރޫމްތަކުން މިފެންނަ ސެޓަލައިޓް ޓީވީ ޗެނަލްތަކުން ފެންނަ ގިނަ މަންޒަރުތަކާއި ތަފާތު މަންޒަރުތަކެއް ނޫނެވެ. "ނަންކިޔާ" ޔޫރަޕީ ތަމައްދުންގެ ތެރެއިން އަޅުގަނޑުމެން ވެސް ވަނީ މަތީ މިންވަރެއް ހާޞިލްކޮށްފަ އެވެ. އަދި ކިއެއްތަ ބައެއް ކަންތައްތަކުގައި އަޅުގަނޑުމެންވަނީ އެމީހުންނަށްވުރެ ކުރިއަރާގޮސްފަ އެވެ. ހިތާމައަކީ އެމީހުންގެ ފުށުން ނަކަލުކޮށް އަޅުގަނޑުމެންނަށް ކުރިއަރާ މިދެވުނީ އެބައިމީހުންގެ ތެރޭގައި ހުރި އުނި ކަންތަކުންނެވެ. ވިޔާނުދާ އަޚްލާޤީގޮތުން އަގެއްނެތް ކަންކަމުގަ އެވެ. ހިތާމައަކީ އެ ދަޅަތަކަކަށް ހެއްލި އަދި އެކުލަތަކެއް ރީތިވެ އެފެޝަންތަކަށް އަޅުގަނޑުމެން ލޯބިކޮށްފައި މިވަނީ އެއިން ދުނިޔެއާއި އާޚިރަތުގައި ވެސް މަންފާއެއް ނުކުރާ އަދި އެއިން އާޚިރަތުގެ ހަލާކުނޫނީ ނުލިބޭނޭ ކުލަތަކާއި ފެޝަންތައް ކަމެވެ. އަނެކާގެ ކުރިމަތީގައި ތިމާގެ އަމިއްލަ ނަފްސު "ބަރަހަނާކޮށް" ޒީނަތްތެރިކަން ހިލޭ ފިރިހެނުންގެ ކުރިމަތީގައި ދައްކަމުން ބޮޑާކަމާއެކު ތިމާ ހިނގަމުންދާއިރު އެއްބަޔަކު ލަދުވެތިކަމުގައި އިސްތިރިކޮށްލާއިރު އަނެއްބަޔަކު ތިބެނީ ތިމާ ޝިކާރަކޮށްލާނޭ ގޮތަކާމެދު ހިތުގައި ރޭވުންތައް ރާވާލަ ރާވާލަ އެވެ.

ދުރުދުރުން މިވާހަކަ ބުނުމުގެ މާނައެއް ހަޤީޤަތުގައި ނެތްކަން އަޅުގަނޑު ވެސް ޤަބޫލުކުރަމެވެ. އެހެނީ މި ދައްކަނީ އާވާހަކައެއް ނޫނެވެ. މިއަދު އަޅުގަނޑުމެންގެ ތެރޭގައި ޢާންމުވެފައިވާ ކަމެއްގެ ވާހަކަ އެވެ. ނޫކަށި ފުރައިގެ ޒުވާން ޖިންސުން ލަޠީފުން ޒުވާންކަމުގެ ޅަނދޮޅުކަމާއެކު އަމިއްލަ ނަފްސު އިޝްތިހާރުކުރަމުން "އޮރިޔާން" ހާލުގައި މާލޭގެ މަގުމަތީގައި ހިނގާ ބިނގާވެ އުޅޭ އުޅުމަކީ ސިއްރެއް ނޫނެވެ. އަދި ކިއެއްތަ އެއީ ގިނަބަޔަކަށް މިއަދު ލަދުވެތިކަމެއް ވެސް ނޫނެވެ. ކައިވަތެއްހާވަރުގެ ނަލަ ފޮތިކޮޅަކުން ނިވާވިތަނެއް ނިވާކޮށްލައިގެން އަނެއް ކައިވަތުން ހަށިގަނޑުގެ ކުލަޔާއި ވަނާ އެނގޭހާވަރުގެ ތުނި ނުވަތަ "ޓްރާންސްޕޭރަންޓް" ދާކޮޅަކުން ވީވަރެއް ކޮށްލައިގެން ބާކީބައި ހާމަކޮށްގެން ގޭގެ ދޮރުން ނުކުމުގެން އެދަނީ މައިންބަފައިންގެ ކުރިމަތިންނެވެ. ނުވަތަ އެއްބަނޑު ތިމާގެ މީހުގެ ކުރިމަތިންނެވެ. ލަދުހަޔާތުގެ ކަންފުޅެއްނެތްތާ އަނެކާއަށް އިޚްތިރާމްކުރުމެ އްވެސް ހަމަ ނެތީ އެވެ.

ކޮންމެއަކަސް އަޅުގަނޑު ދައްކަން މިއުޅޭ ހަޤީޤީ ވާހަކަ ނުބުނެވި ލައްކަ ވާހަކަ ދިގުވެއްޖެ އެވެ. ސީދާ މައުޟޫއަށް ދަމާ ހެއްޔެވެ. އަނެކާ އޮރިޔާންކުރާ ވިޔަފާރި އެވެ. ނުވަތަ ވިޔަފާރިވެރިންނެވެ. އާނއެކެވެ. ކުރިން އަޅުގަނޑު ދައްކަމުންދިޔަ ވާހަކައާއި ވިޔަފާރިވެރިންނާ ހުރީ ކޮން ގުޅުމެއްހެއްޔެވެ؟ މާގިނަ ވާހަކަތަކެއް ނުދެއްކި ނަމަވެސް މިހާރު މި މައުޟޫއަށް އިންސާފުކުރެވިއްޖެ ކަމުގައި ދެކެމެވެ. ނަމަވެސް ދީނަކީ ނަސޭހަތެވެ. ބައެއް ފަރާތްތަކަށް އެކަން އެހެން އެކުރެވެނީ ނޭނގުމެއްގެ ތެރޭގައި ކަމަށް ވެސް ވެދާނެ އެވެ.

މިއަދުގެ މާލޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކުރެވޭ ވިޔަފާރިއަކީ އަންނައުނުގެ ވިޔަފާރި އެވެ. އޭގެ ތެރޭގައި ރެޑީމޭޑް ހެދުން ވިއްކާ ފަރާތްތަކާއި ހެދުން ފެހުމަށް ބޭނުންވާ ތަފާތު ފޭރާން ވިއްކާ ފަރާތްތައް ވެސް ހިމެނެ އެވެ. މިއިން ގިނަ ފިހާރަތަކަށް ނަޒަރުހިންގާ ބަލާލާއިރު ފެންނަނީ ޔޫރަޕާއި އިންޑިއާގެ ފަހުގެ ޒަމާނީ ޑިޒައިންތަކެވެ. ކުރިން ދަންނަވާ ސިފަކޮށްދިންފަދަ އެ ލާމީހަކަށްވެސް ނޭނގި އަމިއްލައަށް "އޮރިޔާން" ވާފަދަ ހެދުންތަކެވެ. މިބުނި ފަދައިން އޮރިޔާން ހާލުގައި އައިސް އެ ހެދުމެއް ރީތިވެގެން ގަނެގެންދާ ހެދުން ލައިގެން އަނެއްކާވެސް ދުވަސްކޮޅަކުން އައިސް ފިހާރައިގެ ސޭޓަށް ދައްކާލާނަ އެވެ. އަމިއްލަ ނަފްސު "އޮރިޔާން" ހާލުގައި އިޝްތިހާރުކޮށްލާނެ އެވެ.

ޝައްކެތްނެތެވެ. މިއީ ހަމަ ޔަޤީނުން ވެސް ފާފަތަކަށް އަރައިގަތުމަށް އެހީތެރިވުން ކަމުގައި ނޫނީ ނުވާނެ އެވެ. ފޮތި ވިއްކާ ފިހާރަތަކުގެ ހާލަކީވެސް ހަމަ މިއީ އެވެ. ކުރިން ދެންނެވި ފަދައިން އައުރަ ނިވާނުވާވަރުގެ ތުނި އަދި ގެތުން ދުރުކޮށް ގަތާފައިވާ ފޮތިތަކާއި ޒީނަތްތެރިކަމުން ހައްދަުފަހަނައަޅާފައިވާ ފޮތިތައް ކަނޑަމުން އެގެންދަނީ އެފަދަ ފޮތީގެ މަދު މިންވަރަކުން "ނަމުގައި" އައުރަ ނިވާކޮށްގެން ތިބި ކުދިންގެ ކުރިމަތީގައި އެކުދިންނަށްޓަކަ އެވެ. އަދި ކިއެއްތަ ބުމަ ހެދުމާއި އެނޫންވެސް އެކަންކަން އިސްލާމްދީނުގައި ނަހީކުރައްވާފައިވާ ކަންކަން ކުރުމަށް ބޭނުން ކުރާ ތަފާތު އާލާތްތަކާއި ސާމާނު ވިއްކަމުން މިގެންދަނީ ވެސް ހަމަ އެފަދަ ހާލުގައި ތިބި ބަޔަކަށެވެ. ހިތާމަކުރަންޖެހޭ އަނެއްކަމަކީ މިފަދަ ގިނަ ފިހާރަތަކަކީ ސުންނަތަށް ތަބާވެ ސުންނަތުގައިވާ ގޮތުގެ މަތިން ދިރިއުޅެވޭތޯ ބަލަމުންދާ ބަޔަކަށް ނިސްބަތްވާ ފިހާރަތަކެއް ކަމެވެ. އަދި އެފަދަ ފިހާރަތަކުގައި ސޭލްސް މަނުންގެ ގޮތުގައި ތިބޭ ގިނަ މީހުންނަކީވެސް ސުންނަތަށް ލޯބިކުރާ އަދި ކިއެއްތަ ބޭރުފުށުން ސުންނަތުގެ ސިފަތައް ފާޅުވާ މީހުންނެވެ. އެހެންކަމުން ކަމުގެ ހަޤީޤަތް ނޭނގޭތީ އެފަދަ ކަންކަމުގައި އުޅެވެނީ ކަމުގައި ހަމައެކަނި ބުނެ ނިންމާލެވޭކަށް ނެތެވެ.

މާތްﷲ ކީރިތި ޤުރުއާނުގެ އަލް މާއިދާ ސޫރަތުގެ 2 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެ އެވެ.
وَتَعَاوَنُوا عَلَى الْبِرِّ وَالتَّقْوَىٰ وَلَا تَعَاوَنُوا عَلَى الْإِثْمِ وَالْعُدْوَانِ
މާނައީ: "އަދި ހެތޮކަންތައް ކުޅައުމާއި، ތަޤްވާ ވެރިވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ ވާގިވެރިވާށެވެ! އަދި ފާފަވެރިވުމާއި، އަދާވާތްތެރިވުމުގެ މައްޗަށް، ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރި ނުވާށެވެ!"

ޢިލްމުވެރިން ބަޔާންކޮށްދެއްވާ އަންގަވައިދެއްވާފައިވާ ގޮތުގައި ކޮންމެ ކަމެއްގެ ހުކުމް ވެސް ވަނީ އެކަމެއްގެ ނިމުމާއި ގުޅިފަ އެވެ. އެހެންކަމުން ހަރާމް ކަމަކަށް މަގުދައްކާ ކޮންމެ ކަމެއް ވަނީ ހަރާމް ކުރައްވާފަ އެވެ. އެކަމެއްގެ ފެށުމުގައި އެއީ ހުއްދަ ކަމެއް ނަމަވެސް އެކަން ފުރިހަމަވެ ނިމިގެންދާއިރު އެއީ ހަރާމް ކަމެއް ކަމަށް ބަދަލުވެގެންދާކަން ތިމާއަށް އެނގޭނަމަ އެކަމެއް ފެށުންވެސް ވާނީ ހަރާމް ކަމެއް ކަމުގަ އެވެ.

މި ބަޔާންވެދިޔަ މައްސަލައާއި ގުޅޭގޮތުން ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ބަޔާންކުރައްވާފައިވެ އެވެ.

"މީހަކު އެމީހަކު ވިއްކާ ހެދުމެއް ނުވަތަ ފަހާދޭ ހެދުމެއް އެ ބޭނުންކުރާ ފަރާތަކުން ބޭނުންކުރާނީ ހަރާމް ގޮތުގައި ކަން އެނގޭ ހާލުގައި އެމީހަކަށް އެފަދަ ހެދުމެއް ވިއްކުން ނުވަތަ ފަހާ ދިނުން ހުއްދަވެގެންނުވެ އެވެ." ޝަރަހުލް އުމްދާ، 386/4
އަޅުގަނޑުމެން މިކަމުން ރެކޭނީ ކިހިނެއްތޯ އެވެ؟ އެހެނީ އެފަދަ ހެދުން ނުވަތަ އެފޮތިތައް އަޅުގަނޑުމެން މި ވިއްކަނީ އައުރަ ނިވާނުވާ ހާލުގައި އައިސްތިބި ބަޔަކަށެވެ. އެހެންކަމުން އެފޮތި ނުވަތަ ހެދުން އެ މީހަކު ބޭނުންކުރާނީ އޭނާގެ ފިރިމީހާއަށް ޒީނަތްތެރިކަން ދެއްކުުމުގެ ބަދަލުގައި މަގުމަތީގައި އާންމުގެ ތެރޭގައި އެ ލައިގެނ އުޅުމަށްކަން އެބަ ޔަޤީންވެ އެވެ. އަޅުގަނޑު މިވާހަކަތައް މި ލިޔެލީ މިކަމާމެދު ކަންބޮޑުވާތީ އެވެ. އަދި މިކަމުގައި އަޅުގަޑުމެންގެ މުސްލިމް އަޚުންނާއި އުޚްތުން ޣަރަގުވެފައިވާ މިންވަރު މިއަދު ބަލާލި ކޮންމެ ދިމާލަކުން ފެންނަމުންދާތީ އެވެ. ޝައްކެތްނެތެވެ. ވިޔަފާރިކުރުން ﷲ ވަނީ ހުއްދަކުރައްވާފަ އެވެ. ނަމަވެސް އެއީ އަނެކާ އޮރިޔާންކޮށް އަނެކާ ފާފައިގެ ތެރެއަށް ގެންދިއުމަށް މަގު ފަހިކޮށްދޭ ވިޔަފާރިއެއް ނޫނެވެ. އަޅުގަނޑުމެންގެ ކޮންމެ ޢަމަލެއް ވާންޖެހޭނީ ﷲ ރުހިވޮޑިގަންނަވާފަދަ މުއުމިނުންގެ ޢަމަލަކަށެވެ.
މާތް ﷲ ތައުބާ ސޫރަތުގެ 71 ވަނަ އާޔަތުގައި ވަޙީކުރައްވާފައިވެ އެވެ.

وَالْمُؤْمِنُونَ وَالْمُؤْمِنَاتُ بَعْضُهُمْ أَوْلِيَاءُ بَعْضٍ يَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنكَرِ وَيُقِيمُونَ الصَّلَاةَ وَيُؤْتُونَ الزَّكَاةَ وَيُطِيعُونَ اللَّهَ وَرَسُولَهُ أُولَٰئِكَ سَيَرْحَمُهُمُ اللَّهُ إِنَّ اللَّهَ عَزِيزٌ حَكِيمٌ
މާނައީ: "މުޢުމިން ފިރިހެނުންނާއި، މުޢުމިން އަންހެނުންނީ، އޭގެ އެއްބަޔަކު އަނެއްބަޔެއްގެ އެހީތެރިންކަމުގައިވާ މީހުންނެވެ. އެއުރެން ހެޔޮކަންތަކަށް އަމުރުކުރެތެވެ. އަދި އެއުރެން ނުބައިކަންތައް ނަހީކުރެތެވެ. އަދި އެއުރެން ނަމާދު ޤާއިމްކޮށް، ޒަކާތްދީ، ﷲ އާއި އެކަލާނގެ ރަސޫލާއަށް ކިޔަމަންވެތެވެ. އެއުރެންނަށް ﷲ ރަޙްމަތްލައްވާހުއްޓެވެ. ހަމަކަށަވަރުން ﷲ އީ އަޒީޒްވަންތަ ހަކީމްވަންތަ ރަސްކަލާނގެ އެވެ."

އޭ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ތިމާގެ އަމިއްލަ ނަފްސަށް ނޭދޭ ކަންކަން އަނެކާއަށް ނޭދޭށެވެ. ތިމާ ހައްޤުގެ މަގުގައިހުރެ އަނެކާ މަގުފުރެދި ދިއުމަށް ވާގިވެރިނުވާށެވެ. ﷲ އަށް ބިރުވެތިވެ ފާފަތަކުން ޠާހިރުވެގެންވާ ބައެއްކަމުގައި އަޅުގަނޑާއި ތިޔަ ލޮބުވެތި އަޚުން ލައްވާށި އެވެ. ހަރާމް ކަންކަމުން ލިބޭ ފައިދާއަށް ވުރެ ބޮޑު ފައިދާއެއް އެކަން ތިބާ ދޫކޮށްލައިފިނަމަ ﷲ ތިބާއަށް ދެއްވާނެތެވެ.

ސޫރަތުލް ޠަލާޤްގެ 2 ވަނަ އަދި 3 ވަނަ އާޔަތުގައި މާތް ﷲ ވަހީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެ އެވެ.

"... އަދި ﷲ އަށް ތަޤްވާވެރިވާ މީހާ (ދަންނާށެވެ!) އެކަލާނގެ އޭނާއަށް ނުކުންނާނެ މަގެއް ދައްކަވާނެތެވެ. އަދި ހީވެސް ނުކުރާފަދަ ގޮތްގޮތުން އޭނާއަށް ރިޒްޤު ދެއްވާނެތެވެ. އަދި ﷲ އަށް ވަކީލުކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާއަށް އެކަލާނގެ ފުދެއެވެ. ހަމަކަށަވަރުން، ﷲ އީ އެކަލާނގެ އަމުރުފުޅު ހިންގަވައި، ފުރިހަމަކުރައްވާ ރަސްކަލާނގެ އެވެ. ހަމަކަށަވަރުން، ﷲ ކޮންމެ އެއްޗަކަށް މިންވަރެއް ކަނޑައަޅުއްވާފައިވެ އެވެ."

ގުޅުންހުރި

8 ޚިޔާލު

  1. ވ ރަގަޅުވާހަކައެއް!
    ވ ކުރިންސުރެއް ހިތައް އަރާ ވާހަކަތަކެއްތީ. ﷲ ތިބާގެ މަސައްކަތުގައި ބަރަކާތް ލައްވާށި. އާމީން!

  2. އަޅުގަނޑުމެންގެ މިއަދުގެ ހާލާތު.ހިތާމަ ހުރި.

  3. ވަރަށް ދުވަސްވެއްޖެ މިކަމާ ވިސްނޭތާ… ﷲއިރާދަފުޅުން މިއަދު މިފަދަ ލިޔުމެއް އާންމު ކުރެވިއްޖެ. އަޅުގަނޑުމެން އެންމެނަށް މާތް ﷲ ބަރަކާތް ލައްވާ ހެޔޮވިސްނުން ދެއްވާށި! އާމީން

  4. ރަނގަޅު ލިޔުމެއް.އެކަމަކުވެސް ދި އިސްލާމް ކަހަލަ ސައިޓަކުން މީހުންގެ މަސްކާ ކަހަލަ ލިޔުން ފެންނާތީ ކަންބޮޑުވޭ.ތިމާމެން އިސްލާހުވެގެން އެެހެން މީހުންގެ ވާހަކަ ލިޔާނީ އޯކޭ

  5. އެއްދުވަހަކު އަޅުގަނޑު ސްކޫލް އައް ގެންދަން އެއްޗެއް ގަނެލަން ތިޔަވިދާޅުވިޒާތުގެ ތަނަކައް ވަދެފަ ހަމަކޮސްވި މުދާގިނަކަމަކުންވެސްނޫން މީހުންގިނަކަމަކުންވެސްނޫން އެތާގަ އެތިބީ ސުންނަތައް އުޅޭ ސުންނަތާނުލާ ނޫޅެވޭވަރުގެ ކުދިން އެތަން ތަނައް ވަންނަ ޒުވާން ޖިންސުންލަތީ ފުންނާ ވާހަކަ ދައްކާލި ގޮތުން.އަދި އެމީހުން ނައްހާއްސަ ކުރެވުނު ސަރަހައްދުން ދައްކާލި ތަކެތިން.އަޅުގަނޑުގެ ވިސްނުމާމުޅިން ހިލާފް ހީކުރިން ސުންނަތޭ އެކަމަކު ކައިރިވެސް ނުކުރެ؟!……….ހަމަ އަޖައިބު ވާވަރުވޭ އެތާ އެތެރޭގަ…..

  6. ތިބާއަށް ބަރަކާތް ލައްވާށި. މިފަދަ ލިޔުންތައް އިތުރު ކުރުން ވ މުހިންމު

  7. ޙަޤީޤަތް ހާމަކުރުމަކީ މަސްކެއުމެއް ނޫނެއް ނޫންތޯ ؟ ތިމާ އިސްލާހުވެ އަދިވެސް އެއްފަހަރު ނުވަތަ އެއަށްވުރެ ގިނަ ފަހަރު ކިޔައިގެން ވެސް ބުނާ އެއްޗެއް ސާފުކޮށްލުން އެދޭވާހަކަ ދަންނަވަން.

  8. ވަރަށް ވެސް ރަނގަޅު ލިޔުމެއް….
    އަޅުގަނޑު ހިތަށް އަރާ ޖިލްބާބް ފަދަ ތަންތަނުން އަންހެން ކުދިން ބޮލުގަ މިހާރު ޖަހާފަ އެހުންނަ “ޖަމަލުގެ ގޮއްގަނޑު” ހަދަން ބޭނުން ކުރާ މާ ގަނޑު ނުވިއްކާނަމަ މިއުލޭ އަންހެން ކުދިންނަށް އެޖަހާނެ މަގެއް ފަހި ނުވާނެ ނުންތޯ އޭ!

Your email address will not be published. Required fields are marked *

More in ރިޕޯޓް