މޯލްޑިވްސް އިސްލާމިކް ބޭންކުން ކުއްޔަށް ދޫކުރާ ސައިކަލްގެ ކުލީގެ އަގަށާއި، މިޚިދުމަތްދިނުމުގައި ބަލާ ޝަރުތުތަކަށް ބަދަލުގެނެސްފިއެވެ.
މި ބަދަލު ގެނައުމާއި އެކު ހަމައެކަނި މަހު މުސާރައިން ކުލި އުނިކުރާ ގޮތަށް ކުރިން އޮތް އުސޫލުގެ ބަދަލުގައި، އެހެނިހެން ގޮތްގޮތުންވެސް މަހުކުލި ދެއްކޭނެ ގޮތްތައް ހަމަޖެހިގެންދާނެ ކަމަށް އިސްލާމިކް ބޭންކުން މަޢުލޫމާތު ދެއެވެ. މިގޮތުން ޕޯސްޓް ޑޭޓެޑް ޗެކްއިން ފައިސާދެއްކޭނެގޮތާއި, މަހުކުލި އަމިއްލައަށް ޖަމާކޮށްގެން ފައިސާ ދެއްކޭނެގޮތް ވެސް ހަމަޖެހިފައިވާ ކަމަށް އެމް އައި ބީ އިން ހާމަކުރެ އެވެ.
އެމް.އައި.ބީ އިން ވިދާޅުވާގޮތުގައި ސައިކަލް ކުއްޔަށްދޫކުރުމުގެ އަގަށް ގެނެވުނު ބަދަލާއިއެކު މިހާރު ސައިކަލު ދޫކުރެވޭ ކުލީގެ އަގު މާކެޓްގައި ކޮމްޕެޓިޓިވްކޮށް އަގުހެޔޮވާނެއެވެ. އަދި ކުރިއެކޭވެސް އެއްގޮތަށް، އެމް.އައި.ބީ އިން ކުއްޔަށް ދޫކުރާ ސައިކަލުތައް ހުންނާނީ ކުލީގެ މުއްދަތުގައި ހިލޭ އިސްލާމިކް އިންޝުއަރެންސް (ތަކާފުލް) ކުރެވިފައިކަމަށް އެމް.އައި.ބީ އިން ހާމަކޮށްފައި ވެއެވެ.
މިޚިދުމަތަށް ގެނެވުނު އެހެނިހެން ބަދަލުތަކުގެ ތެރޭގައި، ޚިދުމަތަށް އެދޭ އުމުރުފުރާއަކީ 20 އަހަރާއި 60 އަހަރާއި ދެމެދުކަމަށް ގެނެވުނު ބަދަލުހިމެނެއެވެ. އަދި މީގެއިތުރުން އަތޮޅުތަކުގައި ވަޒީފާއަދާކުރަމުންދާ ސަރުކާރާއި ސަރުކާރު ހިއްސާވާކުންފުނިތަކުގެ މުވައްޒަފުންނަށް މި ޚިދުމަތައް އެދި ހުށަހެޅޭނެ ގޮތް މިހާރު ހަމަޖެހިފައިވާ ކަމަށްވެސް އެމް އައި ބީ އިން ހާމަކުރެ އެވެ. މިގޮތަށް އަތޮޅުތަކުގައި މިޚިދުމަތް ފޯރުކޮށްދެވޭނީ ބޭންކާއެކު އެއްބަސްވުމުގައި ސޮއެކުރެވިފައިވާ ސަރުކާރުގެ މުއައްސަސާތަކުގެ މުވައްޒަފުންނަށްކަމަށް ވެސް އެފަރާތުން މަޢުލޫމާތު އެވެ.
އެމް.އައި.ބީ އިން މިޚިދުމަތްދޭގޮތަކީ، ކަސްޓަމަރަކު ސައިކަލް ކުއްޔަށްހިފަން އެއްބަސްވުމުން ބޭންކުން އެ ސައިކަލް ގަނެ ކަނޑައެޅޭމުއްދަތަކަށް ކަސްޓަމަރަށް ކުއްޔަށް ދޫކުރުމެވެ. މިގޮތަށް ކުލިދައްކަމުންގެންދާ މުއްދަތުގެތެރޭގައި ސައިކަލްގެ ވެރިފަރާތަކީ ބޭންކެވެ. އަދި ކުލީގެ މުއްދަތު ހަމަވުމުން ސައިކަލުގެ މިލްކުވެރިކަން ކަސްޓަމަރަށް ބަދަލުކުރުމުގެ އިންތިޒާމް ހަމަޖައްސައިދެއެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތު އެމް.އައި.ބީ ގެ ވެބްސައިޓުން ލިބެންހުންނާނެ ކަމަށް އިސްލާމިކް ބޭންކުން މަޢުލޫމާތު ދެއެވެ.އިސްލާމިކް ބޭންކްގެ ވެބްސައިޓް އެޑްރެހަކީ http://www.mib.com.mv/ އެވެ.
.

















ޚިޔާލު