ޞިއްޙަތު

”ވައިޓް ބަޓަން މަޝްރޫމް“ އިން އިންސާނާގެ ދިފާއީ ނިޒާމާށް ލިބިދޭ ފައިދާތައް

ތަރުޖުމާ: އަބޫޤުދާމާ އަލްމާލްދީފީ

ކެއުމަށް ބޭނުން ކުރާ ހުރިހާ ވައްތަރެއްގެ މަޝްރޫމްއަކީ ވެސް އޭގައި ތަފާތު ސިއްޚީ ފައިދާތައް އެކުލެވިގެންވާ ތަރުކާރީތަކެކެވެ. ފަހުގެ ހޯދުންތަކުން ސާބިތުވެފައިވާ ގޮތުގައި ވައިޓް ބަޓަން މަޝްރޫމްއަކީ އިންސާނާގެ ދިފާއީ ނިޒާމް ރަގަޅު ސިއްހަތެއްގައި ބަހައްޓައިދިނުމަށް ވަރަށް ބޮޑަށް އެހީތެރިވާ އެއްޗެކެވެ.

ސައިންޓިސްޓުން ހަދާފައިވާ ތަހުލީލުތަކުން އެގުނު ގޮތުގައި ވައިޓް ބަޓަން މަޝްރޫމް ބޭނުން ކުރުމުން ދިފާއީ ނިޒާމްގައި ހުންނަ ބަލިކަށިވެފައިވާ ސެލްތަކުގެ ބާރު ގަދަކޮށްދީ ރަނގަޅު ކޮށްދެއެވެ.

ތަފާތު ހޯދުންތަކުގެ ނަތީޖާތައް ދައްކާ ގޮތުން ވައިޓް ބަޓަން މަޝްރޫމް ބޭނުން ކުރުމުން ދިފާއީ ނިޒާމްގެ މަސައްކަތް ވަރުގަދަ ކޮށްދިނުމަށްޓަކައި، ބަލި އުފައްދާ ވައިރަސްތަކާއި ހަނގުރާމާ ކުރުމަށް ޕްރޮޓީންސް އުފައްދާ ދެއެވެ.

ބަލިއުފައްދާ ވައިރަސްތައް ހަށިގަނޑު ތެރޭ ހަރަކާތްތެރި ވަމުންދާކަން ދިފާއީ ނިޒާމަށް އެނގުމުން، ދިފާއީ ނިޒާމްގެ ސެލްތަކުގެ އަދަދާއި މަސައްކަތް އިތުރުކުރަން ފަށައެވެ. ދިފާއީ ނިޒާމުން އޭގެ މަސައްކަތައް ބޭނުންވާ ސެލްތައް މިފަދައިން އުފެއްދުމަށް ގިނައަދަދެއްގެ ނިއުޓްރިޝަނަލް މައްދާތަކަށް ބޭނުންވެއެވެ. ދިފާއީ ނިޒާމްގެ މަސައްކަތް އޭގެ ފުރިހަމަ ގޮތުގައި ކުރުވުމަށް ބޭނުންނަމަ އެއަށް ބޭނުންވާ ނިއުޓްރިޝަން މާއްދާތައް ލިބިދިނުން ހުއްޓިގެން ނުވަތަ މަދުވެގެން ނުވާނެއެވެ.

ހޯދުންތަކުން ދެއްކި ގޮތުގައި ވައިޓް ބަޓަން މަޝްރޫމްއިން ދިފާއީ ނިޒާމަށް ލިބޭ ފައިދާތައް ބިނާވެގެން ވަނީ ވައިޓް މަޝްރޫމް ބޭނުންކުރާ މިންވަރުގެ މައްޗަށެވެ. ވައިޓް ބަޓަން މަޝްރޫމް ގިނައިން ބޭނުން ކުރިވަރަކަށް ދިފާއީ ނިޒާމަށް ބޭނުންވާ މާއްދާތައް ގިނައިން ލިބިދޭނެއެވެ.

ކެއުމަށް ބޭނުން ކުރާ ތަފާތު ވައްތަރުގެ މަޝްރޫމް ތަކަކީ ސިއްހަތައް ފައިދާ ހުރި ތަރުކާރީ ތަކެކެވެ. މިތަރުކާރި ތަކުގައި، އެހެނިހެން ތަރުކާރީ ތަކަށް ވުރެ ގިނައިން ޕްރޮޓީންސް އާއި ސެލެނިއަމް އެކުލެވިގެން ވެއެވެ. ހަމަމިފަދައިން ޕޮސްޕޯރަސް، ޕޮޓޭސިއަމް އަދި ވިޓަމިން ބީ12 ވެސް އެކުލެވިގެން ވެއެވެ.

ކުރެވިފައިވާ ތަފާތު ތަހުލީލު ތަކުން ދައްކަ ގޮތުގައި ވައިޓް ބަޓަން މަޝްރޫމް އަކީ ކެންސަރު އުފެދި ފެތުރުމުންވެސް ދުރުހެލި ކޮށްދޭ އެއްޗެކެވެ. ތަހޫލީލު ތަކުގައި ބޭނުން ކުރެވުނު ތަފާތު ހަތް ވައްތަރެއްގެ ތަރުކާރީގެ ތެރެއިން ވައިޓް ބަޓަން މަޝްރޫމް އަކީ، އުރަމަތީގެ ކެންސަރު އުފެދުމަށް އެހީވެދޭ އެންޒައިމެއް ކަމުގައިވާ ”އެރޮމެޓެސް “ އުފެދުމުން ރައްކާތެރިކޮށްދިނުމަށް އެންމެ ބޮޑަށް އެހީތެރި ވެދޭ ތަރުކާރިއެވެ.

މަޝްރޫމް ކައްކައިގެން ނުވަތަ ރޮލާ ވެސް ކެވިދާނެއެވެ. ތެޔޮކޮޅެއްގައި ހަނާ ކޮށްލައިގެން ނުވަތަ ސޫޕަށް އަޅައިގެން ނުވަތަ ސަޓަންޏަށް ނުވަތަ ގެރިމަހުން ހަދާ ކެއުމަށް އަދި މިނޫންވެސް ކެއުން ތަކަށް އަޅައިގެން ވެސް ވައިޓް ބަޓަން މަޝްރޫމް ބޭނުން ކުރެވިދާނެއެވެ.

މަސްދަރު: ކްލިކް4އިސްލާމް

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *