ރިޕޯޓް އިސްލާމްދީނުގެ ދަޢުވަތު ފަތުރާބަޔަކާއި އެކަން ހުއްޓުވާ ބަޔަކު: އެއްފަދަވާނީ ކޮންގޮތަކުންތޯ؟

އިސްލާމްދީނުގެ ދަޢުވަތު ފަތުރާބަޔަކާއި އެކަން ހުއްޓުވާ ބަޔަކު: އެއްފަދަވާނީ ކޮންގޮތަކުންތޯ؟

އިސްލާމްދީނުގެ ދަޢުވަތު ފަތުރާބަޔަކާއި އެކަން ހުއްޓުވާ ބަޔަކު: އެއްފަދަވާނީ ކޮންގޮތަކުންތޯ؟

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

 

އެއީ ގާތްގަނޑަކަށް މީގެ 6 އަހަރު ކުރިއެވެ. އެދުވަހު ތިޔަ އަޚާ އަހަރެންގާތު ނަމާދަށްދިއުމަށް ހަނދާންކޮދިނުމުން، އަހަރެންގެ މޫނުމަތީގައި ބޭސްއަޅާފައިވާ ފާރުކޮޅެއްދައްކާފައި މިއާހެދި ޥުޟޫނުކުރެވޭނެކަމަށް ބުނެ، ނަމާދު ނުކުރުމަށް އުޛުރުވެރިކަން ފާޅުކުރުމުން، ތިޔަ ފާރުގަނޑު ހިމެނޭ ހިސާބުގައި ފެންނުޖައްސާ، މޫނުގައި ފެންފުހެލުމުން ޥުޟޫ ޞައްޙަ ވާނޭ، ނަމާދުނުކޮށް ހުންނާކަށްނުވާނެއޭ، ތިބާފާފަވެރިވާނޭބުނެ ނަޞޭޙަތް ދިންހަނދާން ތިޔަ އަޚާ ވޭހެއްޔެވެ. ﷲ ގަންދީ ބުނަމެވެ. އޭރު އަހަރެން ދީނުގެ އެއްވެސް ޢިލްމުވެރިއަކު ނުދަންނަމެވެ. އަދި ދީނީ ޢިލްމުވެރިންނަކީ ކޮބައިކަންވެސް ނޭންގެއެވެ. ﷲ ގަންދީ ބުނަމެވެ. ތި އަޚާ އެދުވަހު އަހަރެންނަށް ދިން ނަޞޭޙަތަކީ، އަހަންނަ ﷲ ތެދުމަގު ދެއްކެވުމަށް މެދުވެރިވި ސަބަބެކެވެ.

އޭގެފަހުން އަހަރުމެން އެއްތަންވެއްޖެނަމަ، ދީނީ ވާހަކަދައްކާ، ރަށުގެ ޙާލަތާމެދު ދެރަވެ ހިތާމަކުރަމެވެ. އަދި ދީނީ ޢިލްމުވެރިންނަކީ ކޮބައިކަމާ، އެ ބޭފުޅުން އުއްމަތައްޓަކާ ކުރައްވަމުންއަންނަ ބޮޑު ޤުރުބާނީވެސް އެނގިގެންދިޔައެވެ. އެހިސާބުން އަޅުގަނޑުމެންނަށް ވިސްނުނީ މިހެންތިބެގެން ކަމުނުދާނެކަމަށެވެ. ރަށް ފަސާދަވެ ނެތިދަނީއެވެ. ރަތްޔިތުންނަށް ހެޔޮގޮތް ބުނެދޭނެ ޢިލްމުވެރިއަކު ލިބޭތޯ މަސަކަތްކުރި ހަނދާން ތިއަޚާ ވޭހެއްޔެވެ.

އަހަރުމެން ކުރަމުންއައި މަސައްކަތައް ބަރާބަރު 2 އަހަރުވީފަހުން ﷲ އަހަރުމެން ކުރަމުންއައި މަސަކަތުގައި ބަރަކާތް ލައްވައި ފުރަތަމަ ފަހަރަށް ޢިލްމުވެރިއަކުގެނެސް މުޅިރަށުގެ ހުރިހާ ފަރުދުން ޝާމިލްވާގޮތަށް ނަޞޭޙަތް ދެވުނުހަނދާން ތިއަޚާ އެބަހުރިހެއްޔެވެ. އެދުވަހުގެ ދަރުސްގައި ޝެއިޚް ވިދާޅުވިނޫން ހެއްޔެވެ. "ﷲ އެއިލާހުގެދީން ތިޔަބައިމީހުން ކިތަންމެ ނުރުހުނުކަމުގާވިޔަސް ފަތުރުއްވާނެއެވެ. އެއިލާހުގެ ދީނަށް ގޮވާލާބަޔަކު އަބަދުވެސް މިބިންމަތީގައި ޤިޔާމަތް ޤާއިމްވެއްޖެއުމައްދާންދެން ތިބޭނެކަމެވެ. އަދި އެބަޔަކު ﷲ އިމްތިހާން ކުރައްވާނެތެވެ. ދުއްތުރާތަކާ، ދަތިތަކާ، ފުރައްސާރައާ ކުރިމަތިވާނެކަމެވެ." ތިއަޚާ މިޖުމްލަކޮޅު ހަނދާން އެބަހުރި ހެއްޔެވެ. މީ އަހަރެންގެ ގަދަ ހަނދާނުގައި ހަރުލި ޖުމްލަކޮޅެކެވެ. އަހަރެން ހެޔޮކަމަކާ ކުރިމަތިލާ ކޮންމެފަހަރަކު ކަހަލަގޮތަކަށް މިޢިބާރަތުން ފުރިގެންވާ ބަސްކޮޅު ހަނދާނަށް އާދެއެވެ.

ތެެދެކެވެ. ޝެއިޚް އެދުވަހުވިދާޅުވީ ހަމަ ޙައްޤު ދެދުބަހެއްކަން މިއަދު މިދަނީ ދުވާލުގެ އިރުފަދައިން ސާފުކޮށްފެންނަމުންނެވެ. އިސްލާމްދީނުގެ ދަޢުވަތުފަތުރައި، އެދީނުގެ ރިވެތި އަޙްލާޤުތައް ބުނެދޭން މަސަކަތްކުރާ ޢިލްމުވެރިންނަށް ފުރައްސާރަކޮށް، ދީނުގެ ދަޢުވަތު ފެތުރިޔަނުދީ ހުއްޓުވުމަށް ބަޔަކު މިއަދުމިވަނީ މެކުހަށްޖަހާފައެވެ. ދެރައީ މިކަން ކުރަމުންގެންދަނީ އަހަރެމެންގެތެރޭގައި ތިބޭ މުސްލިމުންކަމަށް ދަޢުވާކުރާ ބައެއްގެ އަތްތަކުންނެވެ. އަހަރެން ޤަބޫލުކުރާ ކުލައިގެ ވެރިމީހާ ބުނާތީ އެބަސް އެއީ އިސްލާމްދީން ނުރުހޭ ބަހެއްކަމުގައިވިޔަސް ވަރިހަމަ ވަނީވެފައެވެ. އެހާހިސާބުން ރައްބެއް ރަސޫލެއް ނޯވެއެވެ.

އޭ އަޚާ އެވެ. މިއަދު ތިޔައަޚާގެ ބަސްމަގުވެސް ހުރީ ﷲ ގެ ދީނަށް ނަޞްރުދީ، އެދީނުގެ ހުކުމްތައް ބަޔާން ކޮށްދެމުންދާ ޢިލްމުވެރިންނަށް ސަނާކިއުމުގެ ބަދަލުގައި، ﷲ ގެ ނޫރުފުޅު ނިއްވާލުމަށް ފާޅުގައި މަސަކަތްކުރަމުންދާ މީހުންނާ އެއްހަމައަކަށް ފައްތާފައެވެ. سبحان الله! ކޮންފަދައަކުންތޯ މިދީނުގެ ނޫރު ދިރުވަން މަސަކަތްކުރާ ބަޔަކާ، މި ދީނުގެ ނޫރު ނިއްވާލަން މަސަކަތްކުރާ ބަޔަކާ ހަމަހަމަކުރެވޭނީ، އަޚާއެވެ. ތި އަޚާއަށް ތިއުޅެނީ ތެލާއި، ފެނާއި އެއްކުރަންހެއްޔެވެ. އެކަމެއްނުވާނެކަން މިއަދު ނާސަރީގައި އުޅޭ ތުއްތުކުދިންނަވެސް އިނގޭނެއެވެ.

"ތިމަންނަ ދެކޭގޮތުގައި ރަނގަޅު އެއްބަޔަކުވެސް ނެތޭ! އެމްޑީޕީއެއް، ޕީޕީ އެމްއެއް، އަދާލަތެއް ކިޔާނެކަމެއްނެތެވެ." މީ ތި އަޚާގެ އަގައިން އަހަރެންގެ ކަންފަތުގައި ޖެހި ތަފާލެއްނޫންހެއްޔެވެ. އާއެކެވެ. ތި އަޚާއަށްއައި ބަދަލު އަހަންނަ އެގުމަށް ﷲ މިންވަރުކުރެއްވި ބަހަކަށްވެސް ވެދާނެއެވެ.

އޭ އަޚާއެވެ. ތި އަޚާ ދުވަހަކުވެސް އަޑުއެހިންތޯ، އަދާލަތު ޕާޓިން، ނުވަތަ އެހެން ގޮތަކުންވެސް އިންތިޒާމުވެގެން ބާއްވާ ޝެއިޚް އިލްޔާސްއާއި އެހެނިހެން ޝެއިޚުންގެ އެއްވެސް ދަރުސް އެއްގައި، މިސްކިތުގައި ބަޔަކު ދަރުސްދޭނަމަ ހުޓުވާށޭ، މިވެނި އެވެނި މުސްލިމެއްގެ ފަހަތުގައި ނަމާދު ނުކުރާށޭ މިވެނި މީހަކު އަރައިފިއްޔާ މިސްކިތުން ފައިބައިގެންދާށޭ ބުނެ ފަތުވާދެނިކޮށް، އަޅެ ނިކަން ހަދާން ކޮއްބަލާށެވެ. ﷲ ގަންދީ ބުނަމެވެ. ތި އަޚާ ﷲ އަށް ބިރުވެތިވާ ޙާލު، ތެދުބުނާނަމަ ތިބާ މިޖުމްލަތައް ބުނެވޭނީ އަޑު ނާހާކަމުގައެވެ. އަދި ކިއެއް، ﷲ އަށް ތަޤުވާވެރިވެ، ނަމާދު ޤާއިމްކޮށް، ޒަކާތްދީ، ރޯދަހިފާ، އަޚުވަންތަކަން ޤާއިމްކޮށް، ފާފަތަކުން ދުރުވެ ހުރުމަށް ބުނާ އަޑު ނޫން ދެން ކޮންއަޑެއްތޯ ތި އަޚާއަށް އިވުނީ.

"އަޚާއެވެ. މި ދެޢަމަލު އެއްގުޅިއަކައްލައި ބަންދުކުރެވިދާނެހެއްޔެވެ. މިކަން ނުވާނެކަން އަހަންނަވުރެ މާރަނގަޅަށް ތި އަޚާއަށް އިނގޭނެއެވެ. އިސްލާމް ދީނުގެ ދަޢުވަތު ފަތުރާ ބަޔަކާ، އެ ދަޢުވަތު ފެތުރިޔަނުދީ ހުއްޓުވާ ބަޔަކާ، ކޮން ގޮތަކުންތޯ އެއްފަދަވާނީ، އަދި އެކަން އެއްފަދަކުރާމީހުންގެ ޙުކުމަކީ ކޮބައިތޯއެވެ؟" ނިކަން ތި އަޚާއަށް އިތުބާރުކުރެވޭ ޢިލްމުވެރިއެއްގާތުން އަހާބަލާށެވެ. މީ އަހަރެން ތި އަޚާއަށް ކުރިމަތި ކުރުވި ހަމަ އެންމެ ސުވާލެކެވެ. އަޅެ ނިކަން އެކަނި އިނދެ މިކަމާ ވިސްނާލަބަލާށެވެ. ﷲ އިރާދަކުރެއްވިއްޔާ އިސާހިތަކު ތި އަޚާއަށް ޙައްޤު ގޮތް އެނގިދާނެއެވެ. ﷲ އަހަންނަށާއި ތި އަޚާއަށް އިސްލާމްދީނުގެ ފުރިހަމަ ނޫރުން ނޫރުދެއްވައި، އެމަގުގައި ފައިތިލަސާބިތުކޮށްދެއްވުންއެދި ދުޢާ ކުރަމެވެ. އަދި މިނޫންވެސް ކިތަންމެވާހަކައެއް އެބަހުއްޓެވެ. އެކަމަކު މިވަރުން ފުދޭނެ ކަމަށް އުންމީދުކުރަމެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.