ރިޕޯޓް ސެޕްޓެމްބަރ 11 ގެ ހާދިސާގައި ޖަވާބު ނުލިބޭ އެތަށް ސުވާލެއް!

ސެޕްޓެމްބަރ 11 ގެ ހާދިސާގައި ޖަވާބު ނުލިބޭ އެތަށް ސުވާލެއް!

ސެޕްޓެމްބަރ 11 ގެ ހާދިސާގައި ޖަވާބު ނުލިބޭ އެތަށް ސުވާލެއް!

ކިޔާލަން ހޭދަވާނީ 6 މިނިޓް

ފޮންޓް ސައިޒް

2001 ވަނަ އަހަރުގެ ސެޕްޓެމްބަރ 11 ވަނަ ދުވަހަކީ މުޅި ދުނިޔޭގެ މަލަމަތި ބަދަލު ކޮށްލި ވަރުގަދަ ހަމަލާއެއް ދެވުނު ތާރީހީ ދުވަހެކެވެ. އެއީ އެންމެން ބިރުވެރިކަމަށް ގެނުވި ހަމަލާއެކެވެ. އާދަޔާ ހިލާފު ކަންތައް ތަކެއް އޭގައި އެކުލެވިގެންވާ ހަމަލާއެކެވެ. އަދި ޖަވާބު ނުލިބޭ ސުވާލުތަކެއް އެކުލެވިގެންވާ ހަމަލާއެކެވެ.

އަޅުގަނޑުމެން އެންމެންގެ ލޮލުގައި 'ކާފަރުން' ވަނީ ހަގީގަތް އޮޅުވާލާފައި 'ސެޕްޓެމްބަރ 11'ގެ ހާދިސާ ސިފަކޮށްދީފައެވެ. އޭގެ ސަބަބުން އަޅުގަނޑުމެންގެ މިގައުމުގެ ފަރާތުން އަދި އަޅުގަނޑުމެން ރައްޔިތުންގެ ފަރާތުންވެސް އެމީހުންނަށް 'ތައުޒިޔާ'ކިއެވެ. ހިތާމައަކީ އިސްވެ ދެންނެވި ހާދިސާގައި ހައިރާން ކުރުވާހާ އޮޅުވާލުންތަކެއް އޮޅުވާލާފައިވާކަމެވެ. އެކަން މުސްލިމުންގެ އަމަލެއްގެ ގޮތުގައި 'ފޫޅު ކެނޑި'ކަމެވެ. މުސްލިމުންނަކީ 'ޓެރަރިސްޓުން' ކަމުގައި ހެދިކަމެވެ. އަދި އަޅުގަނޑުމެން އެކަން ޤަބޫލުކުރިކަމެވެ.

އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭނެ ފަދައިން ޔަހޫދިންގެ ހިތް ދުވަހަކުވެސް މުސްލިމުންނަކަށް ސާފެއް ނުވާނެއެވެ. ޔަހޫދިންގެ މަގްސަދަކަށް އަބަދުވެސް ވެފައި އޮންނާނީ މުސްލިމުން 'އަނދަވަޅަކަށް' ވައްޓާލުމެވެ. މުސްލިމުންގެ ބޮލުގައި ވަގު ބަދުނާމު އެޅުވުމެވެ. އެގޮތުން 'ސެޕްޓެމްބަރ 11' އަކީ މިފަދަ ތަމްސީލެކެވެ. މިއަދު އެ ހިތާމަވެރި ހާދިސާއަށް އެތައް އަހަރެއް ވީއިރު އެ ހިތާމައިގެ ފުރަގަހުގައި 'މަކަރުވެރިކަމުގެ' ކަންތައްތަކެއް ހިނގާފާވާކަން އެއީ އެންމެން ދަންނަ 'ސިއްރު' ވާހަކައެކެވެ. އެގޮތުން މި ހާދިސާ ހިނގާ ދިޔަ ގޮތަކީ 'އަޖާއިބެކޭ' ވެސް ބުނެވިދާނެއެވެ. މި އަޖާއިބުން ފުރިގެންވާ ހާދިސާއަކީ މޮޅު ރޭވުމަކުން މުސްލިމުންގެ ބޮލުގައި އެޅުވި 'ބަދުނާމެ'ކެވެ. މުސްލިމުން އިނދަ ޖައްސާލުމަށް މުސްލިމުންގެ އަދުއްވުންގެ މޮޅު ރޭވުމެކެވެ. މިހަގީގަތް މިއަދު ބައެއް އެމެރިކާނުންވެސް ދަނީ ގަބޫލު ކުރަމުންނެވެ. އަދި އެމީހުންދަނީ އެކަމާއި ހިތާމަ ކުރަމުންނެވެ.

މިހާދިސާގެ ހަގީގަތާއި ހިސާބަށް އަޅުގަނޑާއި އެކު ހިންގަވާށެވެ. މައިގަނޑު ދެ ހާދިސާއެއް '11 ސެޕްޓެމްބަރ' ގައި ހިނގާފައިވެއެވެ. އެދުވަހު ހައިރާން ކުރުވަނިވި ގޮތެއްގައި ވޯލްޑް ޓްރޭޑް ސެންޓަރ ބިމާ ހަމަވެގެން ދިޔައެވެ. އަދި ޕެންޓަގަން އަށް ބޯޓެއް ޖެހި ގަތެވެ.

ވޯލްޑް ޓްރޭޑް ސެންޓަރ ބިމާ ހަމަވެގެން ދިޔައީ 'އަތުރާލެވިފައިވާ ކާޑު ތަކެއްހެން' ނެވެ. މަތިންދާ ބޯޓެއް އެ އިމާރާތުގައި ޖެއްސުމާއި އެކު ކުޑަ އިރުކޮޅެއްގެ ތެރޭގައި އެ އިމާރާތް ބިމާ ހަމަވީ އެ ހަމަލާގައި ގޮވި ގޮވުމުގެ ސަބަބުން އިމާރާތުގެ ދަގަނޑު ފްރޭމް ވިރިގެން ދިޔުމުގެ ސަބަބުންކަމަށް އެވެރިން ބުނެއެވެ. އެހެނަސް މިއީ ގަބޫލު ކުރަން ދަތި އަދި އެހާމެ އާދަޔާ ހިލާފު ތިޔަރީ އެކެވެ. ސަބަބަކީ އެފަދަ އެތައް އިމާރާތެއް އަލިފާން ހިފުމުގެ ސަބަބުން އެތައް ދުވަހަކު އަނދަ އަދާ ހުރިކަމުގެ ހެކި ތާރީހުން ހެކިދޭތީއެވެ. ދަންނަވަން މިއުޅެނީ ޓްވިން ޓަވަރު ބިމާ ހަމަވެގެން ދިޔައީ ހަމަ އެކަނި މަތިންދާ ބޯޓެއް ޖެއްސުމަކުން ނޫނެވެ. ބޯޓު ޖެއްސި ވަގުތު އެ އިމާރާތުގެ އެކި ހިސާބުތަކުން ބޮޑެތި ގޮވުންތައް ގޮވި އަޑު ގިނަ ބަޔަކު ވަނީ އަހާފައެވެ. ބޯޓު ޖެއްސީ އިމާރާތުގެ މެދާ ހިސާބުކަމުގައި އެންމެން ދަންނަ އިރު އެ އިމާރާތުގެ މެދަކާ ހިސާބުން ގޮވާ ތަކެތި ގޮވާފައިވާކަން އެއީ ގަބޫލުކުރަންޖެހޭ ހަގީގަތެކެވެ. ބޯޓު ގޮވިތަން ފެނި އަޑު އެހި މީހުންގެ އިންޓަވިއުތަކުގައި ބުނެފައިވަނީ 'އިމާރާތައް ބޯޓް ޖެހިގަތުމާއިއެކު އިމާރާތުގެ ތެރެއިން ގޮވުންތަކެއް ގޮވި' ކަމަށެވެ. މީގައި ފާހަގަ ކޮށްލަން ޖެހޭ ކަމަކީ ސަލާމަތީ ކަންތައް އެހާ ވަރުގަދަ އިމާރާތެއްގައި 'ބޮން ހަރުކޮށްފައި' ހުރެދާނެބާއެވެ؟ ހަރު ކުރި ނަމަ ކޮންމެ ކޮންމެ ބަޔަކަށް އެކަމެއް ނުވާނެކަން ޔަގީނެވެ. އަދި ހައިރާންވާންޖެހޭ އަނެއް ނުކުތާއަކީ އެ އިމާރާތް ގޮވި ދުވަހުގެ ކުރިންވަނީ އިމާރާތުގައި ކޮންމެވެސް 'މަސައްކަތްތަކެއް' ކުރެވިފައެވެ. ގިނަ ވަގުތު ތަކުގައި އިމާރާތުގެ އެކި ހިސާބުތަކުގައި މެދު ނުކެނޑި މަސައްކަތްތަކެއް ކުރިކަން އެ އިމާރާތުގައި ވަޒީފާ އަދާކުރާ މީހުން ހެކިދެއެވެ. އެހެންކަމުން ބައެއް ފަރާތްތަކުން ޔަގީން ކުރާ ގޮތުގައި އެ އިމާރާތުގައި ބޯޓު ޖެއްސި ވަގުތު 'ހަތަރު ފަރާތުން' ގޮއްވާލީއެވެ. އަދި މަޑުމަޑުން އިމާރާތް ތިރިވެގެން ދިޔައީ 'އަތުރާލެވިފައިވާ ކާޑު ތަކެއްހެން'ނެވެ.

މި ހަމަލާތަކާއި މުސްލިމުން ގުޅުވުމަށް ބުޝްގެ ސަރުކާރުންވަނީ އެތައް ދޮގުތަކެއް ހަދާފައެވެ. އެމީހުންގެ މަގްސަދަކީ އެއީއެވެ. މުސްލިމުންގެ ބޮލުގައި މި ހަމަލާތައް އަޅުވާ މުސްލިމުންގެ ނަން 'ޓެރަރިސްޓުން'ގެ ގޮތުގައި ލޭބަލް ކުރުމެވެ. އެގޮތުން އެމީހުން ކިތައްމެ ވަރަކަށްވެސް މި ހަމަލާ މުސްލިމުންނާއި ގުޅުވިއެވެ. ބޯޓު ޖެއްސިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ބޯޓުގައި ތިބިކަމަށް ބުނާ އަރަބިންގެ ނަންތައް ހާމަކުރީ ފޮޓޯ އާއި އެކުގައެވެ. އެމީހުން ބޯޓު ހައިޖެކް ކޮށްގެން ޖާނުން ފިދާވީ ކަމަށް ބުނަމުންނެވެ. އެހެނަސް ހެއްވާ ކަމަކީ އެ ލިސްޓުގައި މާ ކުރިން މަރުވެފައިވާ މުސްލިމުންގެ ނަންތައް ހިމެނޭ ކަމެވެ. އަދި ގޮއްވާލެވުނު ބޯޓުގައި ތިބިކަމަށް ބުނާ މުސްލިމުންގެ ތެރެއިން ބައެއް މީހުން ދިރި ދުނިޔާގައި ތިބިކަމެވެ. މިއީ އަޖާއިބުން އަންތަރީސް ވާވަރުގެ ކަމެއް ނޫންތޯއެވެ؟ އިމާރާތް ބިމާ ހަމަވެގެން ދިޔަ އިރު ބޭނުން ކުރެވޭ އެކައްޗެއްވެސް ނެތޭ ދެންނެވިދާނެއެވެ. މުޅި ސަރަހައްދުވަނީ 'ކުދި ކުދި' ވެފައެވެ. އެހެނަސް ބުޝްގެ ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކުގެ ވިސްނުން ތޫނުކަމުން އެތަނުގެ އެންމެ އެތެރެއިން 'މުސްލިމެއްގެ ޕާސްޕޯޓެއް ވަނީ ހޯދާފަ'އެވެ. މިއީ ހަތް އަޖައިބުގެ ތެރެއަށް އިތުރުވި އަޖައިބެއް ނޫންބާއެވެ؟

ދެން އޮތީ 'ޕެންޓަގަން'އަށް ބޯޓެއް ޖެއްސި ތަމްސީލުގެ ވާހަކައެވެ. ޕެންޓަގަން އަށް ހައިޖެކް ކޮށްގެން އައި ބޯޓެއް ޖެއްސިކަމަށް ބުނާ އިރު އެބުނާ ބޯޓު އެހިސާބުން ފެނިފައިނުވެއެވެ. ޕެންޓަގަންގެ ހަމަލާ ދެވުމާއި އެކު އެ ސަރަހައްދުގެ މަންޒަރުތައް 'ވަގުތުން' ޓީވީތަކުން ގެނެސްދެވިފައެވެ. އަދި އެސަރަހައްދުވަނީ ފޮޓޯ ނެގިފައެވެ. އެހެނަސް އެބުނާ ބޮޑު ބޯޓު އެމަންޒަރުތަކުން ޢައިބުވެފައެވެ. ފާހަގަ ކޮށްލަން ޖެހޭ 'ބޯ ހަމަނުޖެހޭ' އެތައް ކަމެއް މި ހަމަލާގައިވެސް ފާހަގަ ކުރެވެއެވެ. ޕެންޓަގަން އެކުލެވިގެންވަނީ ހަތަރު ފަށަލަ އިމާރާތެއްގެ މައްޗަށެވެ. އެހެނަސް އެބުނާ ބޮޑު ބޯޓު ޖެއްސުމުން ގެއްލުންވީ އެންމެ ފަށަލަ އަކަށެވެ. ބަރުދަނުގައި ގާތްގަޑަކަށް 100 ޓަން ހުންނަ އަދި މަދުވެގެން ގަޑި އަކު 250 މޭލަށް ދަތުރު ކުރާ ބޮއިންގެ މަތިންދާ ބޯޓެއް ޕެންޓަގަންއަށް 'ޖެހިގަތުމުން' ޕެންޓަގަންގެ ބޭރު ފަށަލައަށް އެކަނި ގެއްލުން ވާންވީ ކީއްވެތޯއެވެ؟ ޕެންޓަގަންގައި ގޮވާފައިވާ ތަނުގެ ފުޅާ މިނުގައި އެބުނާ  ބޮއިން ބޯޓުގެ ފިޔައިގެ ދިގުމިނެއްވެސް ނެތެވެ. މިއީ ކިހިނަކުންވާނެ ކަމެއްތޯއެވެ؟ ބޯޓު އިމާރާތުގައި ޖެހޭ އިރު ބޯޓުގެ ބޮޑު މިނަށް އަނދަންޖެހޭނެއެވެ. އެއީ ބުއްދި ގަބޫލުކުރާ އެންމެ ކުޑަ މިންވަރެވެ. އެހެނަސް ޕެންޓަގަން ގައި އަލިފާން ހިފާފައިވާ ތަނުގެ ފުޅާ މިން  ބޮއިން ބޯޓަކަށް ވުރެ މާ ކުޑައެވެ. އަދި މަތިން އައި ބޯޓެއް ޕެންޓަގަން މައްޗަށް ޖެހިގަންނަ އިރު ޕެންޓަގަންގެ ދެ ވަނަ ބުރީގައި 'ލޯވަޅެއް' އެޅެންވީ ސަބަބެއްވެސް ނުވިސްނެއެވެ. އަދި އިމާރާތުގައި ހެދިފައިވާ ބާގަނޑު ބޮއިން ބޯޓުގެ ކޮޅުގެ ފުޅާމިނަށް ކުޑަކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.

ވަކިކޮޅަކަށް ނުޖެހޭ އެމެރިކާގެ ފަރާތްތަކުން މިކަން ތަހުގީގުކޮށް ދުނިޔެއަށް ހާމަކުރެއްވީ ވަރަށްވެސް ހައިރާންކުރުވަނި 'ވާހަކަ'ތަކެކެވެ. ވޯލްޑް ޓްރޭޑް ސެންޓަރ ގޮއްވާލެވުނީ ބޯޓު ޖެއްސުމާއި އެކު އެ އިމާރާތުގެ ވަށައިގެން ބޮން ގޮއްވާލައިގެންކަމަށް އެފަރާތްތަކުން ކަށަވަރުކޮށްދެއެވެ. އެކަން ބުނަމުންދަނީ 'ސައިޓިފިކް' ހެކިތަކާއިވެސް އެކުގައެވެ. އެ އިމާރާތް ގޮވި އިރު އެމަންޒަރު ލޮލުން ދެކެފައިވާ މީހުންނާއި ކަންފަތުން އެ ގޮވުންތަކުގެ އަޑު އިވިފައިވާ މީހުންގެ ބަސްތަކުން ހާމަވަނީ އެއީ ބަޔަކު އަޑީގައި ތިބެގެން ކުރުވި ކަމެއްކަމެވެ. ދެން އޮތީ  ބޮއިން ގެ ބޯޓެއް ޕެންޓަގަންއަށް ޖެހިގަތް އިރު ބޯޓު ގެއްލުނު ވާހަކައެވެ. ބޯޓުގެ ބައިތައްވެސް އެ ސަރަހައްދުގައި ފެންނަން ނެތްކަމީ ހައިރާންވާންޖެހޭ ކަމެއް ނޫންތޯއެވެ؟ ހަގީގަތް ގަބޫލުކުރާ ފަރާތްތަކުން ބުނަމުންދަނީ ޕެންޓަގަންއަށް ބޯޓެއް ނުވެއްޓޭ ކަމެވެ. އެހެނަސް މިސައިލަކުން ނުވަތަ އެފަދަ ކޮންމެވެސް ގޮވާ އެއްޗަކުން ގޮއްވާލީކަމެވެ. ސަލާމަތީ ކަންކަން އެހާ ވަރުގަދަ ތެނުގައި އެފަދަ ހަމަލާއެއް ދެވިދާނެތޯ؟ އެއީވެސް އުފެދޭ ސުވާލެކެވެ. ސުވާލުތައް ބައިވަރެވެ. 'ސެޕްޓެމްބަރ 11' ގެ ވީޑިއޯތައް ރަނގަޅަށް ބަލައި ދިރާސާ ކުރި މީހަކަށް އަމިއްލައަށް އެ ސުވާލުތަކުގެ ޖަވާބު ލިބިގެންދާނެއެވެ. މިއީ ޔޯލަ ވާހަކަތަކެއް ނޫނެވެ. މިއީ ހަގީގަތެވެ.

'ސެޕްޓެމްބަރ 11'ގެ ހާދިސާގެ ބޭނުން ކިތައްމެ ރަނގަޅަކަށްވެސް އެވެރިން ހިފައިފިއެވެ. ހަމަލާ ދެވުމާއި އެކު 'ޓެރަރިޒަމާއި ދެކޮޅަށް ހަނގުރާމަ' އިއުލާން ކުރިއެވެ. އެމެރިކާނުންނަށް ލިބުނު ހިތާމަވެރިކަމުގެ ސަބަބުން ހުރިހާ ގައުމުތަކުން އެވެރިންނަށް ހަމްދަރުދީވިއެވެ. އަދި އެމީހުންނާއި އެއްބައިވިއެވެ. އެގޮތުން ފުރަތަމަ ފެނިގެން ދިޔައީ 'އަފްޤާނިސްތާނުން ޓެރަރިސްޓުން ފައްސާލުމަށް' ފެށި ހަނގުރާމައެވެ. އެ ހަމަލާގެ ފަހަތުގައި ވަނީ އުސާމާ ބިން ލާދިން ކަމުގައި ބުނެ ފެށި ހަނގުރާމައެވެ. އަދި އަދަށް ދާންދެންވެސް އުސާމާ ވަނީ އަތު ނުޖެހިއެވެ. އަފްޤާނިސްތާނު ތަޅާ ސުންނާފަތި ކުރުމަށްފަހު ދިމާ ކުރި 'އިރާގަށް'ށެވެ. އިރާގުގައި ޓެރަރިޒަމް ފަތުރާކަމަށް ބުނަމުންނެވެ. އެތަނުގައި 'ފަނާ ކުރަނިވި ހަތިޔާރު' ހުރިކަމަށް ބުނަމުންނެވެ. އެހެނަސް އެތަނުން 'އަތް ދޫކޮށްލީ' އެފަދަ ހަތިޔާރެއްގެ ހިލަމެއް ނުވެގެންނެވެ. 'އޮޅުމަކުން' އިރާގު ސުންނާފަތިކޮށް މުސްލިމުން ބިކަ ކުރުމަށްފަހު ދިމާ ކުރީ ސީރިޔާ އަށާއި އީރާނަށެވެ.

ކޮންމެއަކަސް މިއީ ދައްކާ ކޮޅުން ލާނެ ވާހަކަތަކެއް ނޫނެވެ. މިކަމުގެ 'މިނިވަން ތަހުގީގު' ތަކުގެ މައްޗަށް އެކުލެވޭ އެތައް ފޮތްތަކެއްވަނީ ޝާއިއު ކުރެވިފައެވެ. އަދި 'ސެޕްޓެމްބަރ 11' ގެ ހަގީގަތާއި ބެހޭ ގޮތުން ފުރިހަމަ މައުލޫމާތުތަކެއްވަނީ ދުނިޔެއަށް ފާޅުކޮށްފައެވެ. އަޅުގަނޑު މިލިޔުމުގައި އަޅާމިލީ ހަމައެކަނި ސުރުހީތަކެކެވެ. މިއީ އެވާހަކަތަކުން ވަރަށް ކުޑަ މިންވަރެކެވެ. އަޅުގަނޑުމެންގެ ތެރޭގައިވެސް 'ސެޕްޓެމްބަރ 11' އަކީ މުސްލިމުންގެ މުޑުދާރު އަމަލެއްކަމުގައި ގަބޫލުކުރާ މީހުން ވަރަށްވެސް ގިނައެވެ. ހަގީގަތް ނޭނގި ތިބެ އެފަދަ މީހުންދަނީ މުސްލިމުންނަށްވެ ހުރެ މުސްލިމުންގެ ބޮލުގައި އެ ހަމަލާއިގެ ޒިންމާ އަޅުވަމުންނެވެ. ހުޅަނގުގެ މީޑިއާތަކުން ދައްކާ ވާހަކަތައް ރޭރުވެގެންނެވެ. އެމީހުން އެހަދާ ދޮގު ޤަބޫލުކުރަމުންނެވެ. އެހެނަސް ހަގީގަތަކީ 'ސެޕްޓެމްބަރ 11'ގެ ހާދިސާއަކީ އެމެރިކާނުން އެމީހުންގެ އެދުންތަކެއް ހާސިލު ކުރުމަށް ރޭވި ނުބައި ރޭވުމެކެވެ. އެއީ އެންމެންނަށް އެނގޭ 'ސިއްރެ'ކެވެ. ގަބޫލު ކުރަން އުނދަގޫވިޔަސް ނުވަތަ ގަބޫލު ނުކުރިއަސް ހަގީގަތަކީ މިއީއެވެ.

-ނިމުނީ-

އިތުރު މައުޟޫމާތު ހޯދުމަށް ތިރީގައިވާ ބަސްތައް ގޫގަލްގައި ޖައްސަވާ!

911 conspiracy

911 truth

loose change

what really happened

Youtube video

ޓެގް

ދިރާސާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.