ރިޕޯޓް ސިޔާސީ ޓެރެރިޒަމް ނައްތާލުމާއި އިސްލާޙީ ޙަރަކާތް ނެގެހެއްޓުން!

ސިޔާސީ ޓެރެރިޒަމް ނައްތާލުމާއި އިސްލާޙީ ޙަރަކާތް ނެގެހެއްޓުން!

ސިޔާސީ ޓެރެރިޒަމް ނައްތާލުމާއި އިސްލާޙީ ޙަރަކާތް ނެގެހެއްޓުން!

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

މާތްވެގެންވާ އިސްލާމްދީނާއި އެދީނުގެ ދިފާޢުގައި މަސައްކަތްކުރާ ކޮންމެ މުސްލިމެއްގެ ބޮލުގައި ހަމަކޮންމެ ޒަމާނެއްގައިވެސް އެޅުވޭ އެންމެ ބޮޑު ބާޠިލު ޢިލްޒާމަކީ ހަރުކަށިކަމާއި ހައްދުފަހަނައަޅާ ދިޔުމުގެ ޢިލްޒާމެވެ. ތައުޙީދުގެ ބައްޕަ ސަލާމްލެއްވި އިބްރާހީމްގެފާނުގެ އިސްތަށިފުޅުގައި ނަމުރޫދު ރަސްގެފާނުވަނީ ޒަމާންތަކެއްކުރިން އެދޮގު ޢިލްޒާމް އަޅުވާފައެވެ. ސަލާމްލެއްވި މޫސާގެފާނުގެ މައްޗަށް ފިރުއަޢުނާއި ހާމާނުވަނީ އެބުހުތާނު އުފުލާފައެވެ. ނަމަވެސް އެއިން އެއްވެސް ބޭކަލަކީ ކަނޑިބަޑިއާއި، ލޮންސިތީރާއި، ރޮކެޓުމިސައިލް، ހިއްޕަވައިގެން އުޅުއްވިބޭކަލުންނެއްނޫނެވެ. އަދި ކީއްތޯއެވެ؟ އެއީ ހަމައެކަނި އެއްކައުވަންތަކަމަށް ގޮވާލެއްވުމުގައި ދެމިތިއްބެވި މެދުމިނުގެ ނަބީބޭކަލުންނެވެ.
ހަރުކަށިކަމާއި ހައްދުފަހަނައަޅާދިޔުމުގެ އިލްޒާމުން އިސްލާޙަށްގޮވާލާ މުޞްލިހުންގެ މޫނުމަތި ކިލަނބުކޮށްފައިވަނީ ތާރީޚު ހެކިދޭގޮތުގައި މިއަދާ ހަމަޔަށްވެސް ޤައުމުތަކުގެ އަނިޔާވެރި ވެރިކަމުގެ ފަރާތުންނެވެ. އެއީ އިސްލާޙަށް ގޮވާލާ ފަރާތްތަކުގެ ބަސް ޤަބޫލުކުރުމާމެދު އެބައިމީހުންގެ ހިތްތަކުގައި އުފެދިފައިވާ ބޮޑާކަމެއްގެ ސަބަބުންނާއި، ޙައްޤަށް ރުޖޫޢަވުމާމެދު އެބައިމީހުންގެ ނަފްސުތަކުގައި އުފެދިފައިވާ ދެކޮޅުވެރިކަމެއްގެ ސަބަބުންނެވެ. ބިންމަތިގައި ޚަލްޤުތަކުންގެ މައްޗަށް ހިތުހުރިހާ ގޮތަކަށް އަނިޔާވެރިކަމާއެކު ވެރިކަންހިންގުމުގެ މަގު ބަންދުވެދާނެތީއާއި، ޢަދުލުވެރިކަމާއި އިންސާފުވެރިކަމުގެ މައްޗަށް އެބައިމީހުންގެ ހިތްތަކުގައި އުފެދިފައިވާ ނުތަނަވަސްކަމެއްގެ ސަބަބުންނެވެ. މިހުރިހާކަމެއް ހިނގަމުންދާއިރުވެސް ވެރިކަމުގެ ފަރާތުން ޖާއިޒުނޫން މަންފާތަކެއް އޮހެމުންދާބަޔަކު ތިމާމެންގެ ދީނަށާއި ވަޠަނަށް ޣަދަރުވެރިވެ، އަނިޔާވެރިކަމާއި ކުފުރާއި ޝިރުކުގެ ދިފާޢުގައި ގަދައަޅައި މަސައްކަތްކުރެތެވެ. އެއީ އެއުރެން ޙައްޤު ދަނެތިބޭ ޙާލުގައެވެ.
ތިމާމެންގެ އަމިއްލަ ދީނާއި، ވަޒަނާއި، އަމިއްލަވަންތަކަމުގެ ޙައްޤުގައި ހިންގޭ ޙަރަކާތްތަކަކީ ސަރާސަރު ސުލްޙަވެރި ޙަރަކާތްތަކެވެ. އެމަސްދަރުތައް ރައްކާތެރިކުރުމަކީ އިސްލާޙުގެމަގުގައި އެޅޭނެ އެންމެ މުހިންމު ފިޔަވަޅެވެ. އެއީ އިސްލާމްދީނާއި ދިވެހިވަންތަކަމުގެ ދިފާޢުގައި ހިންގޭ ޙަރަކާތްތަކެވެ. އެއީ އަލި ރަސްގެފާނާއި، މުޙަންމަދު ތަކުރުފާނާއި، ދޮންބަންޑާރައިންނާއި، ޝަހީދު ޙުސައިން އާދަމް ގެ ޤައުމީ ޖިހާދުން ހިތްވަރުލިބިގެން ހިންގޭ މަދަނީ ޙަރަކާތްތަކެވެ. އެއީ މިއަދު މިޤައުމުން ފެނިގެންމިދާފަދަ އަލިފާން ބޯޅައުކުމާއި، މަދަނީންނަށް ގެއްލުންދިނުމާއި، ދައުލަތުގެ މުދާ އެންދުންފަދަ ނޭއްގާނީ ދަށުދަރަޖައިގެ ޢަމަލުތައްހިންގޭ ޙަރަކާތެއްނޫނެވެ.
އިސްލާޙި ޙަރަކާތްތަކަށް ބިރުދެއްކުމަށްޓަކައި ރައްޔިތުންގެ ވަސީލަތްތައް ބެއިނުން ކޮށްގެން، ސިފައިންނާއި ފުލުހުންގެ މުއައްސަސާ މެދުވެރިކޮށް ސިޔާސީ ލީޑަރުންނާއި، މަދަނީ ޙަރަކާތްތެރިން ހިފައިހައްޔަރުކޮށް މުޖުތަމަޢު ހަލަބޮލި ކުރުމުގެ ޙަރަކާތްތައް ދުރުނޫން މާޒީގައި މިޤައުމުގައިވެސް ހިނގަމުންއައެވެ. އަދި ޤާނޫނު އަސާސީއިން ދިވެހިރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އެއްވެއުޅުމާއި މިނިވަންކަމާއެކު ޚިޔާލުފާޅުކޮށްއުޅުމުގެ ޙައްޤަށް ހުރަސްއަޅާ، އަނިޔާވެރިކަން އިސްކޮށް، ނިޒާމު ގަޑުބަޑުކޮށްލުމުގެ ސަބަބުން ވެރިކަމުގެ ހައިސިއްޔަތާމެދު ޤާނޫނީ އަދި ޝަރުޢީ ބަޙުޘްތައް ކުރެވޭމިންވަރަށް ކަންކަން ފާލުންނެއްޓިގެންދިޔައެވެ. ރައްޔިތުންގެ އުތުރުއެރުންތަކާއި އާދޭސްތަކަށް ހަޖޫޖެހާ، ކާއިނާތުގެ ޚާލިޤަށް ގޮންޖަހާ، ޝަރީޢަތުގެ މީޒާން މުގުރާލި ވެރިންގެ ވާހަކަ ތާރީޚުގައި ލިޔެވެމުންދޭވެ. ދައުލަތުގެ މުއްސަނދިކަން ފަރަންޖީންނަށާއި، ގާތްތިމާގެ އެކުވެރިންނަށް ބަހާލާ ތިމާމެންގެ އަންބޮނޑި ބޮޑުކުރުމަށްޓަކައި އެކަނި ވެރިކަންކުރާ ސަރުކާރުތައް މިޤައުމުގައި އުފެދިފައި އެބަހުއްޓެވެ. އެއީ ސިޔާސީ ޓެރެރިޒަމެވެ. ޙަޤީޤީ ބަޣާވާތެވެ. ޣައްދާރުވުމާއި އަނިޔާވެރިކަމަކީވެސް އެއީއެވެ.
ދިވެހިން އެދޭ އިސްލާހު ދިވެހިންނަށް ޙާސިލުވާނީ ކޮންދުވަހަކުން ބާއެވެ؟ ބިރުވެރިކަމުން ސަލާމަތްވެގެންވާ އަމާން ވެއްޓެއްގައި ދިރިއުޅުމުގެ ޙައްޤު ލިބޭނީ ދިވެހީންގެ ކޮންޖީލަކަށް ބާއެވެ؟ ރައްޔިތުންގެ މުއްސަނދިކަމަށް ރައްކާތެރިވެ، ދައުލަތުގެ ޚަޒާނާޔަށް އަމާނާތްތެރިވެ، ޤައުމުގެ އިސްތިޤުލާލު ނަގަހައްޓާ، ޢަދުލުވެރި ވެރިކަމެއްހޯދޭނީ ކޮންގޮތަކުން ބާއެވެ؟ އިސްލާމީ މަތިވެރި ޝިޢާރުތައް ނަގަހައްޓާ، ކަރާމާތްތެރި ޝަރީޢަތުގެ ހަމަތަށް ހިފަހައްޓާ ދައުލަތަކަށް ދިވެހި ދައުލަތްވާނީ ކޮންޒަމާނަކުން ބާއެވެ؟ ރައްޔިތުންގެ ލޯބި ލިބިގެންވާ، ރައްޔިތުންދެކެ ލޯބިވާ ވެރިކަމެއް މިޤައުމުގައި ބިނާވާނީ ކިހިނަކުން ބާއެވެ؟ އެއްކައުވަންތަ ޙަޞުރަތަށް ބޯލަނބާ، އެއިލާހުގެ ޙަޞުރަތުން ވާގިއެދިގެން މިދީބުގައި ވެރިކަން ކުރާނީ ކާކު ބާއެވެ؟
ދިވެހިންގެ އެދުންތައް ވަރަށް ސާފެވެ. ސިޔާސީ ލީޑަރުންނަށް އެކަންކަން އޮޅިގެންނުވާ މިންވަރަށް ދިވެހިންގެ ޘާބިތުކަން ހިނގައްޖެކަން ކަށަވަރެވެ. ރައްޔތުންގެ އެދުންތަކަށް ގޮންޖަހާ ސަރުކާރަކަށް ދިވެހި ދައުލަތުގެ ބާރުތަކުގައި ބަގުޑިބައްދާގެން، ރައްޔިތުންގެ ވިންދާއި ޝުޢޫރުތައް އޮބަހައްޓައިގެން ވެރިކަމުގެ ސިންގާސަނާ ޙިމާޔަތްނުކުރޭވޭނެކަން އެއީ ހިނގަމުންމިދާ ކަންކަން ދަސްކޮށްދޭ ޙަޤީޤީ ފިލާވަޅެވެ.
އިސްލާޙީ ޙަރަކާތް ނަގަހައްޓައި ދިވެހި ޤައުމު އާރާސްތުކޮށް އުފާވެރި މުސްތަޤުބަލަކަށްޓަކައި މުޅިން އާފިޔަވަޅުތަކެއް އަޅަންޖެހޭވެ. މާޒީގެ އަނދިރިކަމުން ސަލާމަތްވެ، ސިޔާސީ އަރާރުންތަކުން އެއްކިބާވެ، ދީނާއި ޤައުމާއިގެން ކުރިއަށްދާނެ މަގެއް ހޯދަންޖެހޭވެ. މިކަމަށްޓަކައި ވަކީން ޚާއްސަގޮތެއްގައި ޒުވާނުން އެމީހުންގެ ޖަޒުބާތީ ޝުޢޫރުތައް ދޫކޮށްލާ، ބުއްދިވެރިކަން އިސްކުރަންޖެހޭވެ. ވޭތުވެދިޔަ މާޒީގައި ދިވެހީން މައްސޫލިއްޔަތު ޙަވާލުކުޅަ ފަރާތްތައް ވަނީ ދިވެހިން ގެ އުއްމީދުތައް ޙަސިލުކޮށްދިނުމުގައި ފޭލިވެފައެވެ. އެހެންކަމުން ތިންވަނަފަރާތަކަށް ފުރުސަތުދޭން އެބަޖެހޭވެ. މީހެއްގެ ވަށާގެން ބީނާކޮށްފައިވާ ސިޔާސީ ޖަމާޢަތްތަކުގެ ބަދަލުގައި ފިކުރެއްގެ މަތީގައި ބިނާކޮށްފައިވާ ސިޔާސީ ޙަރަކާތްތަކަށް އިސްކަންދޭންޖެހޭވެ. އެފަދަ ފިކުރުތަކަށް އެއްބާރުލުންދީ އެފަދަ ޙަރަކާތްތައް ނެގެހެއްޓުމުގެ މަސައްކަތް މިހާރުއްސުރެ ފަށަން އެބަޖެހޭވެ. އިލާހީ އިރުޝާދުގެ މައްޗަށް ވެރިކަމުގެ މުޅިނިޒާމު ބައްޓަންކޮށް، ޝަރީޢަތުގެ ހަމަތަކާ ފުށުނައަރާނެ މަގުން ދައުލަތް ހިންގާނެ ތޫނުފިލި ބަޔަކާ ވެރިކަން ޙަވާލުކުރަންޖެހޭވެ.

ޓެގް

ސިޔާސީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.