ޔަމަނުގެ ކުރީގެ ރައީސް ޢަލީ ޢަބްދުﷲ ޞާލިޙް 33 އަހަރު ވެރިކަން ކުރެއްވުމަށްފަހު އަލަށް އިންތިޚާބުކުރެވުނު ރައީސް ޢަބްދުރައްބު މަންޞޫރު ހާދީ އާއި ވެރިކަމުގެ ބާރުތައް ރަސްމީގޮތުން ހަވާލުކުރައްވައިފިއެވެ.
ޞަންޢާގައި ހުންނަ ރިޔާސީ ގަނޑުވަރުގައި ބޭއްވި ޙަފްލާގައި ވާހަކަ ދައްކަވަމުން ޞާލިހް ވިދާޅުވެފައިވަނީ އާ ރައީސަށް އޭނާ ފުރިހަމަޔަށް ތާއީދުކުރައްވާ ކަމަށެވެ.
66 އަހަރުގެ ޢަބްދުރައްބު މަންޞޫރު ނިސްބަތްވެވަޑައިގަންނަވަނީ ދެކުނު ޔަމަނަށެވެ. ފެބްރުއަރީ 21 ގައި ބޭއްވުނު އިންތިޚާބުގައި އޭނާވަނީ 99.8 އިންސައްތަ ވޯޓް ކާމިޔާބުކުރައްވާފައެވެ. އޭނާއަކީ މިއިންތިޚާބުގައި ވާދަކުރެއްވި ހަމައެކަނި ކެނޑިޑޭޓެވެ. ގަލްފް ކޯޕަރޭޝަނުން ހުށައެޅި އެއްބަސްވުމުގެ ދަށުން ހާދީ ވެރިކަންކުރައްވާނީ 2 އަހަރުގެ މުއްދަށެވެ. އެއަށްފަހު އާ ރިޔާސީ އިންތިޚާބަކާއި ޢާންމު އިންތިޚާބެއް އެޤައުމުގައި ބާއްވަންޖެހޭނެއެވެ.
ވެރިކަން ހަވާލުކުރުމުގެ ރަސްމިއްޔާތާއި ދިމާކޮށް އާ ރައީސްގެ ގަނޑުވަރު ކައިރީގައި އެތައްބަޔަކު ވަނީ މުޒާހަރާވެސް ކޮށްފައެވެ. އެމީހުން ގޮވަމުން ގެންދިޔައީ ޞާލިޙުގެ ތިމާގެ މީހުން ސިފައިންނާ ސަލާމަތީ ބާރުތަކުގެ ވެރިކަމުން ދުރުކުރުމަށެވެ. އެމީހުން ބުނި ގޮތުގައި " އަހަރަމެން ހާދީ ހޮވީ ޔަމަނުގެ ވެރިއެއްގެ ގޮތުގައެވެ. ޞާލިޙްގެ ނޯކަރެއްގެ ގޮތުގައެއްނޫނެވެ."
ޞާލިޙް ވެރިކަން ދޫކޮށްލަން އެއްބަސްވީ އޭނާއާ ދެކޮޅަށް އެއްވެސް ދަޢުވާއެއް ނުކުރެވޭނެ ގޮތަށް މުޅިން އާ ޤާނޫނެއް ފާސްކޮށް ޤާނޫނު އަސާސީން އޭނާއަށް ހިމާޔަތް ދިނުމުންނެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން މިހާރު ގެންދަނީ ޞާލިޙްގެ ވެރިކަމާ ދެކޮޅަށް މުޒާހަރާކުރި އެތައް ބަޔަކު މަރާފައިވާތީ އޭނާގެ މައްޗަށް ދަޢުވާކުރުމަށް ގޮވާލަމުންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...