ފަލަސްޠީނުގެ އިންތިފާޟާއަކީ ކޮބާ؟
ދިވެހި ބަހުގައި އިންތިފާޟާއަށް ކިޔާ ވަކި ހާއްޞަ ނަމެއް ނޯވެއެވެ. ނަމަވެސް ފަލަސްޠީނުގެ އިންޠިފާޟާގައި މުސްލިމު އަހުންނާއި އުޚްޠުން ކުރިޔަށް ގެންދާ ހަރަކާތްތަކުގެ މަށްޗަށް ބިނާކޮށް ދިވެހިން، އިންތިފާޟާ މާނަކުރެވޭނީ، ފަލަސްޠީނުގެ “އުތުރި އެރުން” ފަދަ ގޮތަކަށެވެ. އެހެނީ އިންތިފާޟާއަކީ، ޔަހޫދީންގެ އަތްތަކުން މުސްލިމުންގެ މުޤައްދަސް ބިން މިނިވަންކުރުމަށާއި، ހަމައެއް ލަމައެއް ނެތި ފަލަސްޠީނުގެ ރައްޔިތުން މަރަމުން ދާ ދިޔުން ހުއްޓާލުމަށާއި، މުސްލިމުންގެ ގެތައް ސުންނާފަތިކުރުން ހުއްޓާލުމަށް ގޮވާލާ އެތައް މުސްލިމުންނެއް އެއްފަހަރާ ޔަހޫދީންނާ ދެކޮޅަށް ތެދުވާ ތެދުވުމުކެވެ.
މިހާތަނަށް ކިތައް އިންތިފާޟާ ކުރިޔަށް ގެންގޮސްފި؟
ޔާހޫދީންގެ އަތްދަށުން މުސްލިމުންގެ މުޤައްދަސް ބިން މިނިވަންކުރުމަށްޓަކައި، މީގެ ކުރިން ވަނީ ދެ އިންތިފާޟާއެއް ކުރިޔަށް ގެންގޮސްފައެވެ.
ފުރަތަމަ އިންތިފާޟާ.
ފަލަސްޠީނުގެ ފުރަތަމަ އިންތިފާޟާ ފަށާފައިވަނީ 1987 ވަނަ އަހަރުގެ ޑިސެންބަރ 8 ވަނަ ދުވަހުއެވެ. ފުރަތަމަ އިންތިފާޟާ ހިނގަން މެދުވެރިވީ، ޔަހޫދީއަކު ދުއްވި ޓްރަކަކުން ޖައްސާ ފަލަސްޠީނުގެ ޖަބަލިއްޔާ ކޭމްޕްގައި އުޅުނު 4 މުސްލިމުން ޝަހީދުކޮށްލި ހިސާބުންނެވެ. އަދި ޖެހިގެން އައި ދުވަހުގެ ހެނދުނު އިޒްރޭލުގެ ސިފައިންގެ މީހަކު ދިން ހަމަލާއެއްގައި 17 އަހަރުގެ ކުއްޖަކު މަރާލުމާ ގުޅިގެން އިންތިފާޟާގެ ހަރަކާތްތައް އިންތިހާއަށް އިތުރުވިއެވެ. އިންތިފާޟާގެ ހަރަކާތްތައް ފެށުނު އިރު، ލީޑް ކުރާނެ ބަޔަކު ނެތް ނަމަވެސް ފަހުން މި ހަރަކާތް ލީޑް ކޮށްފައިވަނީ ‘ޕަލެސްޓައިން ލިބަރޭޝަން އޯގަނައިޒޭޝަނުން’ނެވެ. ފުރަތަމަ އިންތިފާޟާގެ ހަރަކާތްތައް 6 އަހަރުވާންދެން ކުރިޔަށް ގެންދިޔައެވެ.
ދެވަނަ އިންތިފާޟާ (އަލް އަޤްޞާ އިންތިފާޟާ)
ފަލަސްޠީނުގެ ދެވަނަ އިންތިފާޟާ ފެށިފައިވަނީ 2000 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 28 ގައެވެ. މި އިންތިފާޟާއަށް ‘އަލް އަޤްޞާ އިންތިފާޟާ’ގެ ނަމުންވެސް މުހާޠަބު ކުރެވެއެވެ. އަލް އަޤްޞާ އިންތިފާޟާ ފެށިގެން އައީ، އިޒްރޭލުގެ އޭރުގެ ބޮޑު ވަޒީރު، އެރިއެލް ޝެރޯން އޫރު ސަލީމުގައި ހުންނަ، އަލް ޝަރުމުލް ޝަރީފަށް (ޓެމްޕުލް މައުންޓް) ދިޔުމުންވެ. އަލް އަޤްޞާ އިންތިފާޟާގެ ފުރަތަމަ ދެތިން ދުވަހުގެ ތެރޭ ޔަހޫދީންގެ ހަމަލާތަކުގައި ފަލަސްޠީނުގެ 47 މީހުން މަރާލާ 1800 އަށްވުރެ ގިނަ މީހުން ޒަހަމްކޮށްލިއެވެ. ދެވަނަ އިންތިފާޞާގެ ހަރަކާތްތައް ނިމުނު ތާރީހަކާ މެދު ގިނަ ބަޔަކު ވަނީ ޚިޔާލު ތަފާތުވެފައެވެ.
ތިންވަނަ އިންތިފާޟާ.
ފަލަސްޠީނުގެ ތިންވަނަ އިންތިފާޟާ ފެށިފައިވަނީ 2011 ވަނަ އަހަރުގެ މެއި މަހުގެ 15 ވަނަ ދުވަހުއެވެ. މި އިންތިފާޟާގެ ހަރަކާތްތައް މިހާރުވެސް ދަނީ ކުރިޔަށެވެ. ކުރީގެ ދެ އިންތިފާޟާއާ ޚިލާފަށް، މިފަހަރުގެ އިންތިފާޟާގައި މުޅި އަރަބި ދުނިޔެ ވަނީ ބައިވެރިވެފައެވެ. އެގޮތުން އިންތިފާޟާގެ ހަރަކާތް ފުރަތަމަ ފެށިގެން އައީ، ގާހިރާގެ “ތަހުރީރު” މައިދާނުންނެވެ. އެގޮތުން އިންތިފާޟާ ފެށުމުގެ 2 ދުވަސްކުރިން އެ މައިދާނަށް އެތައް މިލިއަން ބަޔަކު އެއްވިއެވެ. އަދި، 15 ވަނަ ދުވަހު “މިލިއަން މޭން މާޗް” ގެ ނަމުގައި، ހިނގާފައި، ރަފަހަ ބޯޑަރާ ދިމާއަށް އެ އެންމެން އަމާޒު ޖެހިއެވެ. މިސްރުގެ އިތުރުން، ލުބުނާނު ގައްޔާއި، ޖޯޑަންގައިވެސް 3ވަނަ އިންތިފާޟާގެ ހަރަކާތްތައް ދަނީ ކުރިޔަށެވެ. މެއި 15 ވީ ދުވަހު ފަލަސްތީނުގެ ލުބުނާނާއި، ޖޯޑަން އާ ވީ ފަޅިންވެސް ވަނީ ބޯޑަރ ހުރަސްކޮށް ފަލަސްޠީނަށް އެތެރެވާން މަސައްކަތް ކޮށްފައެވެ.
ނޯޓް: މިއީ ދިއިސްލާމް މަޖައްލާގެ 1 ވަނަ އަދަދުގައި ޝާއިއުކޮށްފައިވާ ލިޔުމެކެވެ. މިއަދަދުގެ އެހެން ލިޔުންތައް ވިދާޅުވޭ!
ކޮމެންޓް (0)
ލޯޑް ކުރަމުން...