ވާހަކަ

މަހާނައިން ވާހަކަދެއްކި ޒުވާނާ

ރަސޫލު ﷲ (صلى الله عليه وسلم) ގެ ޒަމާނުގައި އުޅުނު ޒުވާނެކެވެ. ތާއަބަދު މިސްކިތުގައި ވަގުތުތައް ހޭދަކުރާ މީހެކެވެ. ކޮންމެ ރެޔަކުވެސް ޢިޝާ ނަމާދަށްފަހު އޭނާގެ މުސްކުޅި ބައްޕަޔަށް ޒިޔާރަތްކުރުމަކީ އޭނާގެ އާދައެކެވެ. އެއްރެޔަކު މި ޒުވަނާ އާދާއިގެ މަތިން އޭނަގެ ބައްޕައަށް ޒިޔާރަތް ކުރުމަށްޓަކައި ދިޔައެވެ. އަދި ހަމަ މިމަގުން އާންމުކޮށް ދަތުރުކޮށް އުޅޭ ޒުވާން ރީތި އަންހެން ކުއްޖެއް ވިއެވެ. ޒުވާނާ ހިނގަމުން ހިނގަމުން ދަނިކޮށް މަގުމަތިން މި އަންހެން ކުއްޖާއާ ބައްދަލު ވިއެވެ. އަދި އަންހެން ކުއްޖާ ޒުވާނާއަށް އޭނާގެ ގެއަށް ދައުވަތު ދިނެވެ. ޒުވާނާއަކީވެސް އިންސާނެއްކަމުން އެދުންވެރިކަން އޭނާގެ މައްޗަށް ގަދަވެގަތެވެ. އެހެންކަމުން މި އަންހެންކުއްޖާގެ ދަޢުވަތު ޤަބޫލުކޮށް އެނާއާއި އެކު އޭނާގެ ގެއަށް ހިނގައްޖެ އެވެ. އަންހެންކުއްޖާގެ ފަހަތުން ގެއަށް ވަންނަ ދޮރާ އާރާ ހަމަވިތަނާ ޒުވާނާގެ ހިތަށް ބިރުވެރިކަމެއް ވެރިވިއެވެ. ކުއްލިއަކަށް އޭނާޔަށް ﷲ ގެ ވަޙީ ބަސްފުޅެއް ހަނދާންވިއެވެ.
إِنَّ الَّذِينَ اتَّقَوْا إِذَا مَسَّهُمْ طَائِفٌ مِنَ الشَّيْطَانِ تَذَكَّرُوا فَإِذَا هُمْ مُبْصِرُونَ .
”ހަމަކަށވަރުން، ތަޤްވާވެރިވި މީހުންގައި ޝައިޠާނާގެ ފަރާތުން އަންނަ އައުމެއް ބީހިއްޖެނަމަ، އެބައިމީހުން (ﷲ) ހަނދުމަކުރެއެވެ. ފަހެ، އެހިނދު ލޯހުޅުވިފައިވާ ބަޔަކު ކަމުގައި އެބައިމީހުން ވެއެވެ.“ (ސޫރަތުލް އަޢްރާފު 201)

މި ވަޙީ ބަސްފުޅު ހަނދާންވުމާއި އެކު އޭނާ ވަގުތުން ފަހަތަށް އެނބުރުނެވެ. އަދި ހަމައެވަގުތު ހޭނެތިގެން އެތަނަށް ވެއްޓުނެވެ.

އެރޭގެ ތިންބައި ފާއިތު ވުމަށްފަހު ޒުވާނާ ހޭވެރިކަންވެ އޭނާގެ ބައްޕަގެ ގާތަށް ގެންދެވުނެވެ. އަދި ޒުވާނާގެ ބައްޕަ ޒުވާނާޔާ ސުވާލު ކުރިއެވެ.

”އޭ އަހަރެންގެ ދަރިފުޅާއެވެ! ވެގެން ތިއުޅެނީ ކީއްހެއްޔެވެ؟“

އެވަގުތު ޒުވާނާ އޭނާއަށް ހަނދާންވި އާޔަތް ހަނދާނަށް އައެވެ. އަދި އެއާޔަތް ކިޔޭތޯ އުޅުނެވެ. އަނެއްކާވެސް އޭނާގެ ބައްޕަ އޭނާގެ ގާތު ސުވާލު ކުރި އެވެ.

”އޭ އަހަރެންގެ ދަރިފުޅާއެވެ. ބުނެބަލާށެވެ. އެއީ ކޮން އާޔަތެއް ހެއްޔެވެ؟“

އެހިނދު އޭނާ ޖަވާބުގައި ބުންޏެވެ.”އަހަރެން ޛިކުރު ކުރަން އުޅުނު އާޔަތަކި މިއީ އެވެ.
إِنَّ الَّذِينَ اتَّقَوْا إِذَا مَسَّهُمْ ...
”ހަމަކަށވަރުން، ތަޤްވާވެރިވި މިހުންގައި ޝައިޠާނާގެ ފަރާތުން އަންނަ އައުމެއް ބީހެއްޖެނަމަ ... “

މިހިސާބަށް ކިޔުނު ތަނާ އަނެއްކާ ދެވަނަފަހަރަށް އޭނަ ހޭނެތިއްޖެއެވެ. ނަމަވެސް މިފަހަރު އޭނަ ހޭނެތުނީ ހިނދުކޮޅަކަށެއް ނޫނެވެ. ދުވަސްތަކަކަށެއް ނޫނެވެ. އާނއެކެވެ. އަބަދުގެ އަބަދަށް ދެމިގެންވާ ޢާލަމަކަށް އޭނަ ދަތުރުކޮށްފިއެވެ. މި ޒުވާނާގެ ކަށުކަމާކެމި ނިންމާ ވަޅުލެވުނީ ރޭގަނޑުއެވެ. އަދި އަނެއްދުވަހުގެ ހެނދުނު ޢުމަރު (رضي الله عنه) އަށް މިހާދިޘާއާއި ބެހޭގޮތުން އެންގެވުނެވެ. އޭނާގެ މަހާނަކައިރިއަށް ދިއުމަށް ޢުމަރު (رضي الله عنه) އެދިލެއްވި އެވެ. އަދި އޭނާގެ މަހާނަ ދޮށަށްގޮސް ޢުމަރު (رضي الله عنه) ވިދާޅުވިއެވެ. އޭ ޒުވާން ފިރިހެނާ އެވެ! އޭ މިވެނި އެވެނި މީހެއްގެ ދަރިޔާ އެވެ!

”ﷲ އަށް ބިރުންގޮސް މަރުވާ މީހާ އަށްޓަކައި ދެ ޖަންނަތެއްވެއެވެ.“ އެހިނދު ޤަބުރުގައި އޮތް އެ ޒުވާން ފިރިހެނާ އޭނާގެ މަހާނައިން ޖަވާބުދިނެވެ.

”އޭ ޢުމަރެވެ! ކަލޭގެފާނު ތިދައްކަވަނީ ހަމައެކަނި ކަންތައް ހިނގާނެ ގޮތުގެ ވާހަކަ އެވެ. ނަމަވެސް އަހަރެން މިބުނަނީ ޙަޤީޤަތުގައި ކަންތައް ހިނގި ގޮތުގެ ވާހަކައެވެ. އަހަރެންގެ ވެރި ރައްބު އަހަންނަށް ތިކަންތައް ދެއްވަވައިފިއެވެ.“

ގުޅުންހުރި

4 ޚިޔާލު

  1. ނަސޭހަތް ވަރަށް ރަނގަޅު

  2. ވ ޢިބްރަތްތެރި، އަޅަމެންނީ ފާފަތަކާއި ދުރުހެލިވެ ﷲއަށް ބިރުވެތިވާބަެއްކަމުގައި ލައްވާށި! އާމީން.

  3. ވަރަށް ރީތި އަދި ވަރަށް އިބްރަތް ތެރި ވާހަކަ އެއް…………

  4. އަޅަމެންނަކީވެސް އެފަދަ ބަޔެއް ކަމުގައި ލައްވާށި. ވަރަށް ރީތި ވާހަކައެއް……..

Your email address will not be published. Required fields are marked *

More in ވާހަކަ