ލީބިއާގެ އިންތިގާލީ ކައުންސިލްގެ ވެރިންނާ ދެކޮޅަށް އެގައުމުގެ ކުރީގެ ހަނގުރާމަވެރިންނާ އެކު ގިނަ އަދަދެއްގެ އާންމުން ނުކުމެ މުޒާހަރާތައް ކުރަން ފެށުމާއެކު ސަރުކާރުގެ އޮފީސްތަކަށް ގިނަ ޢަދަދެއްގެ ގެއްލުންދީފިއެވެ.
މިއީ ލީބިއާގެ ޒަމާންވީ ވެރިކަން ވައްޓާލުމުގައި މުހިންމު ދައުރެއް އަދާކުރި ކުރީގެ ހަނގުރާމަވެރިން އާއި އާންމުން އެމީހުންގެ ވަގުތީ ސަރުކާރާ ދެކޮޅަށް ހިންގަމުންދާ އިދިކޮޅު ހަރަކާތްތަކުގައި އެންމެގިނަ ބަޔަކު ބައިވެރިވި ފުރަތަމަ ފަހަރެވެ. އިދިކޮޅު ފަރާތްތަކުގެ މައި ރަށުގެ ގޮތުގައި މަޝްހޫރުވެފައިވާ ބެންގާޒީގައި ވަގުތީ ސަރުކާރުގެ ލީޑަރުންނާ ދެކޮޅަށް ގާތްގަނޑަކަށް 20،000 މީހުން ނުކުމެއަޑުއުފުލާފައިވެއެވެ.
މުޒާހަރާ ހޫނުވެގެން ދިއުމާއެކު އޮފީސްތަކަށް ގްރެނޭޑް ހަމަލާތަކެއް އަމާޒުކޮށްފައިވެއެވެ. އެ ހަމަލާތަކުގައި އޮފީސްތަކަށް އެކި ވަރުގެ ގެއްލުން ލިބިފައިވެއެވެ. ފަހުގެ ޚަބަރުތައް ބުނާގޮތުގައި ވަގުތީ ސަރުކާރުގެ ނާއިބު މިހާރުވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ.
ލީބިއާގެ ކުރީގެ ލީޑަރު ކާނަލް މުއައްމަރުލް ގައްޒާފީގެ 42 އަހަރުގެ ވެރިކަން ވައްޓާލި ހަނގުރާމަވެރިންގެ މައްސަލަ ބޮޑުވެފައިވަނީ އާ ސަރުކާރުގެ ބޮޑު ހިއްސާއެއް ހޯދަން އެމީހުން ބާރުއަޅަމުންދާތީއެވެ. އާ ސަރުކާރުގެ 40 ޕަސެންޓް ދޭން ޖެހޭނެ ކަމަށް ހަނގުރާމަވެރިން ޝަރުތުކޮށްފައިވާއިރު ހަނގުރާމަވެރިންނަށް ބާރު ދޭން އާ ލީޑަރުންގެ މެދުގައި ތާއީދެއް ނެތެވެ.
އެގޮތުން ހަނގުރާމަވެރިން މައިތިރިކުރުމަށް ވަގުތީ ސަރުކާރުންވަނީ އަސްކަރިއްޔާ އަށް އާ ވެރިޔަކު އައްޔަންކޮށްފައެވެ. ގައްޒާފީގެ ވެރިކަމުގައި ވެސް އަސްކަރިއްޔާގައި މަސައްކަތްކުރެވި މި ކާނަލްއާއެކު ދާހިލީ މައްސަލަ ވަނީ އިތުރަށް ހޫނުވެފައެވެ.
ހަނގުރާމަވެރިން ބޭނުން ވަނީ އެމީހުން ކުރިއަށް ނެރެފައިވާ ކެންޑިޑޭޓުންގެ ތެރެއިން މީހަކު އަސްކަރިއްޔާގެ ލީޑަރު ކަމަށް ގެނައުމަށެވެ. ނަމަވެސް ސަރުކާރުން އެކަމަށް ދެކޮޅުހަދާއިރުހަނގުރާމަވެރިން ބުނެފައިވަނީ އަސްކަރީ ލީޑަރަކަށް އެމީހުން ކިޔަމަނެއް ނުވާނެ ކަމަށެވެ.
ހަނގުރާމަވެރިންނާއި އާންމުންގެ ރުޅިވެރިކަން އަމާޒުވުމުން ލީބިއާގެ ވަގުތީ ސަރުކާރުން ބުނެފައިވަނީ އެމީހުން ހަމަލާ ދީފައި ވަނީ އިންގިލާބަށް ކަމަށެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...