ޙައްޤާއި ބާޠިލާއި ދެމެދު އޮތް ހަނގުރާމައަކީ ދުނިޔެ ފެށުނީއްސުރެން ފަހު ދުވަހާއި ޖެހެންދެން މެދުކެނޑުމެއްނެތި ހިނގަމުންދާނެ ހަނގުރާމައެކެވެ. ދުނިޔޭގެ ބައެއް ހިސާބުތަކުގައި މި ހަނގުރާމަ ހިނގަމުން ދަނީ ބަޑިއާއި ރޮކެޓާއި ލޭއޮހޮރުވުމާއި އެކު ކަމަށްވިޔަސް އާބާދީގެ ބޮޑު ބައެއްގެ ތެރޭގައި މިކަން ހިނގަމުން އަންނަނީ ފިކުރީ ހަނގުރާމައިގެ ގޮތުގައެވެ. މި ފިކުރީ ހަނގުރާމައިގެ އޮއިވަރުގައި އަހަރެމެން ޖެހި، ނޭވާހޮޅިއަށް އެޅިފައިވާއިރު، ބާޠިލުގެ އަހުލުވެރިންގެ ދަލުގައި މުސްލިމުންގެ ތެރެއިންވެސް ގިނަ ބަޔަކު ޖެހި، ކާފަރުން އިސްލާމްދީނާއި ދެކޮޅަށް ދައްކާ ވާހަކަތައް އެއީ މިއަދު އަހަރެމެން މުސްލިމުންވެސް ދައްކާ ވާހަކަތަކަކަށް މިވަނީ ވެފައެވެ. މިގޮތަށް ބައެއް މުުސްލިމުން ވާހަކަ ދައްކަމުންދަނީ "އެބައިމީހުންނަށް ހަމަ ނޭނގޭތީ" ކަމުގައިވެސް ވެދާނެއެވެ.
ޣައިރު މުސްލިމުން ބުނާގޮތުގައި އިސްލާމް ދީނަކީ ހަރުކަށި، ލާއިންސާނީ އަދަބުތައް ގިނަ، އަދަބު ދިނުމަށް ބާރު އަޅާ، ލޯބި ކުރާ ދީނެކެވެ. އަދުގެ ބައެއް މުސްލިމުންނަށްވެސް ހީވާ ގޮތުގައި އިސްލާމް ދީނަކީ އަދަބު ދިނުމަށް ލޯބިކުރާ ދީނެކެވެ.
އިސްލާމްދީނުގައި ބޮޑެތި ބައެއް ކުށްކުށަށް އަދަބުދެވެނީ، އަދަބު ދިނުމަކީ ދީން ތަރުޙީބުދޭ ކަމަކަށްވާތީއެއް ނޫނެވެ. ނަމަވެސް ބައެއް ކަންކަމަށް އަދަބު ދިނުން އެއީ ކޮންމެހެންވެސް ކުރަންޖެހޭ ކަމަކަށްވާތީއެވެ. މުޅި މުޖުތަމަޢްގެ ޖުމްލަ މަސްލަޙަތު ހިމާޔަތްކޮށް، ދެމެހެއްޓުމަށްޓަކައި ވަކި ކަހަލަ ބޮޑެތި ކުށްކުށް ކުރާ މީހުންނަށް އަދަބު ހަމަ ކޮންމެހެންވެސް ދޭންޖެހެއެވެ. ފާގަތިކަން ބޭނުންނަމަ ބައެއް ފަހަރު ހިތި ބޭސް ބޯން ޖެހޭ ކަމަށް ބުނާ ވާހަކައަކީ ވަރަށް ބޮޑު ތެދެކެވެ. އެކަކުވެސް ހިތި ބޭސް ބޯން ބޭނުމެއް ނުވާނެއެވެ. ޤައުމުގެ ވެރިން ރައްޔިތުންނަށް ހިތި ބޭސް ބޯންދެން ބޭނުމެއްވެސް ނުވާނެއެވެ. ނަމަވެސް ބައެއް ކަންކަމަކީ، ލޯބި ނުކުރާ، ތަރުޙީބު ނުދޭ ކަންކަމަށްވިޔަސް ކޮންމެހެންވެސް ކުރަންޖެހިގެން ކުރާ ކަންކަމެވެ. ހަމަ އެންމެންގެ، މުޅި މުޖްތަމަޢްގެ، ޤައުމުގެ މަންފާއަށްޓަކައެވެ.
ޤައުމުގެ އިޤްތިޞާދީ ޙާލަތު އޮތްގޮތުން، މުވައްޒަފުންގެ މުސާރަ ކުޑަކުރުމުގެ މަޤްޞަދަކީ ރައްޔިތުން ބިކަ ޙާލުގައި ޖެއްސުން ހެއްޔެވެ؟ ނުވަތަ މުސާރަތައް ކުޑަކޮށް، ރައްޔިތުން ރުޅި އެރުވުމަކީ ސަރުކާރުން ލޯބި ކުރާ ތަރުޙީބު ދޭ ކަމެއްހެއްޔެވެ؟ ނުވަތަ އެކަމަކީ ޙަޤީޤަތުގައި ފަހަށް އޮތް ރަނގަޅަކަށްޓަކައި ކޮންމެހެންވެސް ކުރަންޖެހިގެން، އެންމެންގެ ލާބަ އާއި މަންފާއަށްޓަކައި ކުރި ކަމެއްހެއްޔެވެ؟
އިސްލާމް ދީނަކީ އަދަބު ދިނުމަށް ލޯބި ކުރާ، އެކަމަށް ތަރުޙީބު ދޭ ދީނެއް ނޫންކަން، ބޮޑެތި ކުށްކުށް ސާބިތު ކުރުމަށް ފުރިހަމަވާންޖެހޭ ޝަރުތު ތަކަށް ހަމައެކަނި ބަލާލިއަސް އެނގެއެވެ. މިއަދުގެ ޒަމާނީ ޥަޟައީ ޝަރުޢީ ނިޒާމްތަކުގައި ހަމައެކަނި ކުށުގެ ވެށިން ތިމާގެ އިސްތަށްޓެއް ފެނުމަކީ ތިމާއަށް މަރުގެ އަދަބު ލިބުން އެކަށީގެންވާ ކަމެކެވެ. ރަސޫލާ މުޙައްމަދު صلى الله عليه وسلم ގެ ޙަޔާތްޕުޅުގައި ހިނގާފައިވާ ބައެއް ހާދިސާތަކުންވެސް އެނގެނީ އަދަބު ދިނުން އެއީ ދީން ތާޢީދުކުރާ، ލޯބި ކުރާ ކަމެއް ނޫންކަމެވެ. (ނުނިމޭ)
ކޮމެންޓް (0)
ލޯޑް ކުރަމުން...