ލިޔުނީ: ޖިނާން ޢަބްދުލް ޤައްޔޫމް(ފަރެސްމާތޮޑާ)
މާޒީވެދިޔަ ދިގު 30 އަހަރުގެ ވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި އިސްލާހީ ހަރަކާތްތަށް ފެށިގެން އައިއިރު އޭގެ އެންމެ އިސް ސަފުން ފެނިގެން ދިޔަ އެކަކީ މިއަދުގެ ރައީސުލް ޖުމްހޫރިއްޔާ އަލްފާޝިލް މުހައްމަދު ނަޝީދުއެވެ. އެއިރުގެ އިދިކޮޅު ފަރާތްތަކުން ޚާއްޞަކޮށް ރައީސް ނަޝީދު ގެންދެވީ އެއްވެ އުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އަދި މީޑިޔާގެ މިނިވަން ކަމަށް ގޮވާލާ ވަކާލާތުކުރަމުންނެވެ. އެގޮތުން 2008 ވަނަ އަހަރު ވެރިކަން ލިބިވަޑައިގެން 30 އަހަރު މި ޤައުމުގައި ވެރިކަން ކުރެއްވި މައުމޫން ޢަބްދުލް ޤައްޔޫމް އާއި ދޭތެރޭ އަމަލު ކުރެއްވީ ޑިމޮކްރެސީގެ ހަމަތަކުގެ މަތިންނެވެ. ވެރިކަން ލިބިވަޑައިގެން ރާއްޖޭގެ އެކިއެކި ރަށްރަށަށް ކުރެއްވި ދަތުރުފުޅުތަކުގަޔާއި އެކި އެކި މުނާސަބަތުތަކުގައި ދެއްވާފައިވާ ތަޤްރީރްތަކުގައި ސިޔާސީ މީހުން ހިފާހައްޔަރު ނުކުރާނެ ކަމަށާއި ، ޚިޔާލުފާޅުކުރުމާއި މީޑިޔާގެ މިނިވަންކަމާއި އަދި ޝަރްޢީ ދާއިރާގެ ތެރެއަށް އަތް ނުބާނާނެކަމަށް ތަކުރާރުކޮށް ވިދާޅުވެފައިވެއެވެ.
ޤާނޫނު އަސާސީގެ 27 ވަނަ މާއްދާގައި ވަރަށް ސާފު އިބާރާތުން ބަޔާން ކޮށްފައި ވެއެވެ. " މިނިވަން ކަމާއިއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަސްލަކާއި ޚިލާފުނުވާ ގޮތެއްގެ މަތިން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ޚިޔާލުތައް ދުލާއި ގަލަމުން އަދި މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށް ލިބިގެންވެއެވެ". 23 ޑިސެމްބަރު 2011 ގައި އިދިކޮޅުފަރާތްތަކާއި މަދަނީ އިއްތިޙާދު ގުޅިގެން މުޅި ރާއްޖޭގައި ބޭއްވި ބޮޑު މުޒާހަރާއަށްފަހު ދިވެހިރާއްޖޭގެ ގިނަ މީޑިޔާތަކުން ސަރުކާރަށް ފާޑުކިޔުން މެކުހަށް ޖަހާލިއެވެ. އެގޮތުން އެއްމެ ބޮޑަށް ސަރުކާރާއިމެދު އިދިކޮޅުފަރާތްތަކުން ކުރި ތުހުމަތަކީ ދިވެހިރާއްޖޭގެ ދީންކަމުގައިވާ މާތްވެގެންވާ އިސްލާމްދީނަށް ފުރައްސާރަކުރުމާއި، އިސްލާމްދީނުގެ އަސްލުތަކާއިމެދު ރައްޔިތުންގެ ހިތްތަކުގައި ޝައްކު އުފެއްދުމައްޓަކައި ދީނާއި ޚިލާފްވާހަކަ ދައްކާކަމަށާއި އަދި ދިވެހިރާއްޖެއަށް އެހެން ދީންތައް ފަތުރަން މަސައްކަތް ކުރާކަމަށް ކުރެވުނު ތުހުމަތުތަކެވެ.
ކެނޑިނޭޅި އިނދިކޮޅުފަރާތްތަކުން ސަރުކާރަށް ފާޑުކިޔުން ވެގެންދިޔައީ ރައީސް ނަޝީދުގެ ސަރުކާރަށް އެކަން ހަޖަމްކުރަން އިންތިހާއަށް ދަތިވެގެން ދިޔަކަމަކަށެވެ. އިސާހިތަކު ރައީސް ނަޝީދުގެ ޕްރެސް ސެކެޓްރީ މުޙައްމަދު ޒުހައިރު މީޑިޔާތަކަށާއި އިދިކޮޅު ފަރާތްތަކަށް އިންޒާރު ދެއްވަން ފެއްޓެވިއެވެ. އަދި ހަމަ އެހެންމެ އިދިކޮޅު ބައެއް ސިޔާސީ ލީޑަރުން ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ޚިލާފަށް ހިފާ ހައްޔަރުކޮށް ދޫނިދޫއިން ހޮލިޑޭޕެކެޖް ދެއްވަމުން ގެންދެވިއެވެ.
ދިވެހިރާއްޖޭގައި ފިރުކެމުން އަންނަ މި ޅަ ޑިމޮކްރަސީގައި ތިން ބާރު ވަކިވެފައި އޮންނަ ވެރިކަމެއް އޮންނަ އިރު ޤާނޫނީ ވެރިކަން ނެގެހެއްޓުމަށް ފޫގަޅައިލައިގެން ހުރި ދިވެހިރާއްޖޭގެ ޑިމޮކްރަސީގެ ބައްޕަ ރައީސް ނަޝީދު އެންމެ ފަހުން އިދިކޮޅު ފަރާތްތަކުގެ ނުފޫޒުން އެއްކިބާވެފައިވާ މިނިވަން މުސްތަޤިއްލު ޖުޑިޝަރީއެއް ޤާއިމްކުރުމުގެ ނަމުގައި ޝަރީއަތުގެ ތެރެއަށްވެސް އަތް ބޭނުއްވީއެވެ. ޤާނޫނާއި ޤަވާއިދަކަށް ބެލުމެއްނެތި ޤައުމުގެ އަސްކަރިއްޔާ ފޮނުއްވާ ކްރިމިނަލް ކޯޓުގެ އިސް ޤާޒީ ޢަބްދުﷲ މުޙައްމަދު ހައްޔަރުކޮށް ވީނުވީއެއް ނޭނގި ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓުތަކުގެ އަމުރަށް ކިޔަމަންނުވެ ހައްޔަރުކޮއްފައި ބެހެއްޓުން ވެގެން ދިޔައީ ރައީސް ނަޝީދުގެ ސަރުކާރުގެ ޚުދްމުޚްތާރުކަން ވަރަށް ރަނގަޅަށް މުޅި ދުނިޔެއަށް ހާމަވެގެންދިޔަ ކަމަކަށެވެ. ފާހަގަކޮށްލަންޖެހޭ އަނެއް ނުކުތާއަކީ މި މައްސަލައިގައި ސަރުކާރާ ދެކޮޅަށް ބަސްބުނާ ފަރާތްތަކަށް މަޤާމުން އިސްތިއުފާ ދެއްވުމަށް ސަރުކާރުން މަޖްބޫރުކުރުވުމެވެ.
ރައޔިތުން ވަރަށް ފޮނި އުންމީދުތަކެއް ކޮށް ބަދަލަކަށް ވޯޓް ދީގެން ގެނައި ސަރުކާރު މިފަހަރު މިވަނީ ހަމަ ރަނގަޅަށްވެސް ރައްޔިތުންގެ މޫނުމަތީގައި އެތިފަހަރެއް އަޅާފައެވެ. ވެރިކަން ކުރާ އެމްޑީޕީ އިން ވަނީ ރައީސް ނަޝީދުގެ ސަރުކާރުން ޤާނޫނީ އިމުން ބޭރުން އެއްވެސް ކަމެއް ނުކުރާކަމަށް ބުނެފައެވެ. ނަމަވެސް ބައެއްފަހަރު އަމިއްލަފުޅަށް ޗާޓު ކުރައްސަވައި އެފަދަ ޗާޓުތަކުންވެސް ބޭރަށް ނުކުމެ ވަޑައިގަންނަވާ ރައީސް ނަޝީދު މިފަހަރު މިވަނީ ހަ ކުޅި ފަހަތަށް ކުޅުއްވާފައިކަމަށް ސިޔާސީ މާހިރުން ދެކެވަޑައިގަންނަވައެވެ. ރައީސް ނަޝީދަށް ތާއީދުކުރައްވާ ފަރާތްތަކުން ދެކެވަޑައިގަންނަވާ ގޮތުގައި ރައީސް ނަޝީދަކީ ޖެހިލުންކުޑަ ސިޔާސީ ލީޑަރެކެވެ. އިންސާނީ ތަޖްރިބާއަށް ބަލާއިރު ވެރިކަމުގެ އާރާއި ބާރު ފެނިފައި ދުނިޔޭގެ ބައެއް ލީޑަރުންވަނީ ރައްޔިތުންގެ މައްޗައް ހަރާންކޯރުވެ އަނިޔާވެރިވެގެންފައެވެ. ރައީސް ނަޝީދު ރިޕޯޓްފޯމް ބަލައި ސްޓޭޖަށް ވަޑައިގަންނަވަން މާގިނަ ދުވަސްތަކެއް ނެތެވެ. މިއަދު ރައީސް ނަޝީދު ގޮތް ނިންމަވަނީއެވެ. ނަމަވެސް 2013 ގައި ގޮތް ނިންމާނީ ރައްޔިތުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...