މިޞްރުގެ ބަރުލަމާނީ އިންތިޚާބުގެ އެންމެ ފަހުބުރުގައި އެންމެ ކުރީގައި މިހާރު އޮތީ އިޚްވާނުލް މުސްލިމީންގެ ޕާޓީ ޙިޒްބުލް ޙުއްރިއްޔާ ވަލްޢަދާލާތު (ޢަދާލާތު ޕާޓީ) ކަމަށް އިންތިޚާބުގެ ވަގުތީ ނަތީޖާއިން ދައްކައިފިއެވެ.
މިޞްރުގެ އިލެކްޝަންސް ކޮމިޝަންގެ ރައީސް ޢަބްދުލްމުޢިޒް އިބްރާހިމް އިއްޔެ ހާމަކުރެއްވިގޮތުގައި ބަރުލަމާނީ އިންތިޚާބުގެ އެންމެ ފަހު ބުރުގައި ޢަދާލާތު ޕާޓީއިން ވަނީ 62 އިން ސައްތަ ވޯޓު ކާމިޔާބުކޮށްފައެވެ.
ޖެނުއަރީ 3 އަދި 4 ވަނަ ދުވަހު މިއިންތިޚާބު ބޭއްވުނު 9 ޕްރޮވިންސްގެ ތެރެއިން އިޚްވާނުލް މުސްލިމީން ވަނީ 7 ޕްރޮވިންސްގައި ކުރި ހޯދާފައިކަމަށް އެޤައުމުގެ ދައުލަތުގެ ޓީވީ ޗެނަލްއިން ހާމަކޮށްފައިވެއެވެ. ޢަދާލާތު ޕާޓީގެ ކެންޑިޑޭޓުންގެ ތެރެއިން 6 ކެންޑިޑޭޓުންވަނީ މިހާރު ގޮނޑި ކަށަވަރުކޮށްފައިކަމަށްވެސް އެޗެނަލްއިން ހާމަކޮށްފައެވެ.
މިޞްރުގެ ބަރުލަމާނީ އިންތިޚާބުގެ ވަގުތީ ނަތީޖާއިން ދައްކާގޮތުގައި ދެވަނައަށް އެންމެ ކުރީގައި މިހާރު އޮތީ ނޫރު ޕާޓީއިންނެވެ. ނޫރު ޕާޓީއިން މިހާރު ވަނީ 2 ޕްރޮވިންސެއްގައި ކުރިހޯދައި 1 ގޮނޑި ކަށަވަރުކޮށްފައެވެ.
އަލްޖަޒީރާއިން ހާމަކޮށްފައިވާގޮތުގައި ނޫރު ޕާޓީއިން މަސައްކަތް ކުރަމުންދަނީ މިޞްރުގައި އިސްލާމީ ޝަރީޢަތް ޤާއިމްކުރުމަށެވެ. ނަމަވެސް އިޚްވާނުލް މުސްލިމީން ބޭނުންވަނީ 'މެދުމިނުގައި މޮޑެރޭޓްކޮށް' ކަންތައްތައް ހިންގުމަށް ކަމަށާއި އަދި ލެބެރަލް ޕާޓީތަކާއި ކޯއެލިޝަންއެއް ހެދުމަކީ ދުރުނޫންކަމެއް ކަމުގައި އެނޫހުން ހާމަކޮށްފައިވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...