އެއްދުވަހަކު އޮފީހުގެ ބޮޑުމީހާ އެއޮފީހުގެ މަސައްކަތު މީހާއަށް އެންގިއެވެ. ވަރަށް އަވަހަށް ގޮސް ދިދަދަނޑީގެ އުސްމިން ގެނެސްދޭށެވެ. ވަރަށް މުހިއްމު ފޯމެއް ފުރަންޖެހިއްޖެއެވެ. ބޭނުންވަނީ އުސްމިން އެކަންޏެވެ.
މުވައްޒަފުންގެ ފަރާތުން ކުށެއް ފެނޭތޯ މިއޮފީހުގެ ބޮޑުމީހާ ހުންނަނީ ހަމަ ފާރަލައިގެން ބަލާށެވެ. ކިރިޔާވެސް ކަމެއް ވެއްޖިއްޔާ އެމީހަކަށް ހަބޭހަށް ފޮޅާލާނެއެވެ. ކޮޅުދޮށިން އުކާލައެވެ.
މަސައްކަތުމީހާ އަވަސް އަރުވާލާފާ ހަރުގަނޑަކާ ފިތާއަކާއި، ހިފައިގެން ދިދަ ދަނޑީގެ އުސްމިން ނެގެމުގެ މަސައްކަތްފަށައިފިއެވެ. ދިދަނޑީގައި ހަރުގަނޑު ލައްކޮށްގެން ފީތާހިފައިގެން މައްޗަށް އެރިތަނާ ފީތާ އަތުން ދޫވެގެން ވެއްޓިއްޖެއެވެ. ފީތާ ވެއްޓުނު ވަގުތު ހަރުގަނޑު އަރިއަޅާލައިގެން މަސައްކަތު މީހާވެސް ހަރުގަނޑާއެކު ވެއްޓިއްޖެއެވެ.
މިކަމުގެ ސަބަބުން މާބޮޑު އަނިޔާއެއް މަސައްކަތުމީހާ އަށް ނުލިބުނުނަމަވެސް ކުޑަކޮށް ވެލިކެވުނެވެ. މޫނުމަތީގައި ހޭކިފައިހުރި ވެލިތައް ފޮޅާލުމަށްފަހު އަނެއްކާވެސް ހަރުގަނޑު ތަންކޮޅެއް ރަގަޅަށް މިފަހަރު ދިދަ ދަނޑީގައި ލައްކޮށްލައިފިއެވެ. އަދި މަޑުމަޑުން ވަރަށްބަލައިގެން ފަރުވާތެރިކަމާއި، އެކު އަރައިފިއެވެ. ހަރުގަނޑުގެ އެންމެ މައްޗަށް އެރުމުންވެސް ދިދަ ދަނޑީގެ މަތީ ގޮބާހިސާބަށް އަތްފޯރާ ވަރެއްނުވިއެވެ. މިގޮތަށް މިކަން ނުވާނެކަން އެނގިގެން މަސައްކަތުމީހާ އެއޮފީހުގެ އެހެން މުވައްޒަފެއްގެ އެހީތެރިކަން ހޯދަން ވިސްނިއެވެ.
ނުއުމާނަކީވެސް އެއޮފީހުގައި ޕިޔޯނެއްގެ ގޮތުގައި މަސައްކަތް ކުރާމީހެކެވެ. ނުއުމާނަކީ އޮފީހުގެ އެހެން މުވައްޒަފުންނަށްވުރެ ތަންކޮޅެއް ވިސްނުން ތޫނުކަމަށް ކިޔޭމީހެއްވެސްމެއެވެ.
ކޮންމެއަކަސް ނުއުމާން އައިސް ދިދަ ދަނޑީގެ މިން ވަރަށް ފަސޭހައިން ބަލައިފިއެވެ. އޭނާ އެމިން ބަލަން ހެދިގޮތަކީ ދިދަ ދަނޑި ހަރުކޮށްފާ ހުރި ބޯލްޓްތައް ނައްޓާލުމަށްފަހު މަޑުމަޑުން ދަނޑި ތިރިކޮށްލީއެވެ. ބިންމަތީގައި ރީތިކޮށް ބޭއްވުމަށްފަހު ދަނޑީގެ ދިގުމިން ނެގީއެވެ.
އެއޮފީހުގައި ދިދަ ދަނޑި ޖަހާފަ ހުރީ ކޮންކްރީޓް ބުޑެއްގައި ބޯލްޓް ބޭނުންކޮށްގެންނެވެ. އެއީ އެއްދަނޑި ބާވާއިރަށް އަނެއްދަނޑި އަޅުވާލަން ފަސޭހައަކަށް ހަދާފަހުރި ގޮތެކެވެ. އެހެންވެގެން ދިދަ ދަނޑިން މިންނަގަންވެގެން ނުއުމާނުވެސް ދަނޑި ނައްޓާލީއެވެ. މިން ނެގުމަށްފަހު ފަސޭހަކަމާއި، އެކު ދަނޑި ހަރުކޮށްލެވޭނެތީ އޭނާ އެކަން އެގޮތަށް ކުރީއެވެ.
މަސައްކަތުމީހާ އާއި، ނުއުމާނާއި، ދެމީހުންވެގެން ނެގި މިން ކަރުދާސް ކޮޅެއްގައި ނޯޓްކޮށްގެން އޮފީހުގެ ވެރިޔާ އަރިހަށް މަސައްކަތު މީހާ ހިނގައްޖެއެވެ. އޮފީހުގެ ވެރިޔާ އެއްކަލަ ގަނޑުކޮޅު ބަލައިފިއެވެ.
[pullquote]
ކޮންމެ މީހަކު ކޮންމެ ގޮތަކަށް މަސައްކަތެއް ކުރިކަމުގައި ވިޔަސް އެމަސަކަތެއް އިޚްލާސްތެރިކަމާއި، އަމާނާތްތެރިކަމާއި، އެކު ރަގަޅަށް ކޮށްފިއްޔާ ރަގަޅުވާނެކަމެވެ. އަދި ތިމާ ހިތްނުރުހޭ މީހަކު ކިތަންމެ ރަގަޅަށް ކަމެއްކުރިއަސް އެކަމެއް ރަގަޅު ނުވެ ހިގައިދާނެކަމެވެ.
[/pullquote]
ހުނ. މީގައި މިއޮތީ ދަނޑީގެ ދިގުމިނެއްނު؟ މަބުނީ ކަލޭކައިރީގައި ދިދަ ދަނޑީގެ އުސްމިން ގެންނާށޭނު؟ މީކޮންއެއްޗެއް . ކަލޭމެން ގާތުކަމަކު ބުނާނެކަމެއްނެތް . ރަގަޅަކަށް ހަމަ އެއްވެސްކަމެއް ނުކުރާނެ. ވެރިމީހާ ވަރަށް ރުޅިއައިސްގެން އޭނައިގެ އާދއިގެމަތިން ފޮޅާލިއެވެ.
އެހެން މުވައްޒަފަކަށް ގޮވައިފިއެވެ. މިފަހަރު ވެރިޔާ މިގޮވާލެއްވީ ސެކެރެޓަރީއަކަށެވެ. ދޭބަލަ ދިދަ ދަނޑީގެ އުސްމިން ނަގައިގެން އަންނަން. އަނެއްކާ ނަގާނީ ދިގުމިނެއްނޫން އިނގޭ. ވެރިޔާ ކޯފާވެ ހުރެ ސެކެރެޓަރީއަށް މަސައްކަތް ހަވާލުކުރެއްވިއެވެ.
ސެކެރެޓަރީވެސް ވަރަށް ބިރުންހުރެ ބޭރަށް ނުކުތެވެ. ހިތާހިތާ ކިޔާލިއެވެ. ދިދަ ދަނޑީގެ އުސްމިނާއި، ދިގުމިނާއި، ހުންނާނީ ކޮންތަފާތެއްބާއެވެ. ދަނޑިކޮޅަށް ހުންނައިރު އޭގެ އުސްމިނަކަށްވާނީ އޭގެ ދިގުމިނެވެ. ހަމަޔަޤީނެވެ. މިދެމިން ވާނީއެއްވަރެވެ. މިހެން ހިތާ މިކަލޭގެވެސް ހަމަ އެއްކަލަމިން ހިފައިގެން ބޮޑުމީހާ ގާތަށް ހިގައްޖެއެވެ. ކުރިން މަސައްކަތުމީހާ ގެނައި ކަރުދާސްކޮޅުގައިވެސް އޮތީ 20 ފޫޓެވެ. މިފަހަރު ސެކެރެޓަރީ ގެނައި ކަރުދާސްކޮޅުގައިވެސް އޮތީ ހަމަ 20 ފޫޓެވެ. ތަފާތަކީ އުސްމިނާއި، ދިގުމިނެވެ. ސެކެރެޓަރީ ކަރުދާސްކޮޅުގައި އޮތީ އުސްމިން ކަމަށެވެ. މަސައްކަތުމީހާ ގެ ކަރުދާސްކޮޅުގައި އޮތީ ދިގުމިން ކަމަށެވެ.
އޮފީހުގެ ވެރިމީހާ އިހުނަށްވުރެ ރުޅިގަދަވެއްޖެއެވެ. ކަލޭވެސް މަކަރުހަދަނީދޯ . މަސައްކަތަށް މަކަރުހަދާމީހުން މީގެފަހުން ވަރަށް ރަގަޅަށް އަހަރެން ބަލާނަން. ވެރިމީހާ ރުޅިވެރި ރާގަކަށް ބުނެލިއެވެ. އަދި މަށަށް ތިކަން ކުރެވިދާނޭ ކިޔާފާ ހަރުގަނޑު ހިއްޕަވައިގެން ބޭރަށް ނިކުމެއްޖެއެވެ.
ހަރުގަނޑުން ފޯރާވަރަށްވުރެ ދިދަ ދަނޑި ދިގެވެ. އެހެންވެގެން ހަދާނެގޮތެއް ވިސްނާލިއެވެ. މަގުމަތިން ދިޔަ ޅަވަރެއްގެ ކުއްޖަކަށް ގޮވާގެނެސް ދަނޑިއަށް އަރުވައިފިއެވެ. ފީތާގެ ކޮޅު އެސޮރުއަތަށް ދިނުމުން ދިދަ ދަނޑީގެ މަތީކޮޅުގައި ޖައްސައިފިއެވެ. އެހިސާބުންފެށިގެން ބިންމާއި ހިސާބަށް ހުރިމިން ވެރިމީހާ އަމިއްލައަތުން ބަލައިފިއެވެ. މިފަހަރު ހަމަގައިމުވެސް ދޮގެއްނުވާނެތާއެވެ. އެކަން އެކުރެއްވީ އެބޭފުޅާގެ އަމިއްލައަތުންނެވެ.
އަސްތާ މިވީކިހިނެތް ހެއްޔެވެ. ހަމަ އެއްމިނެކެވެ. ބޮޑުމީހާއަށްވެސް މިއައީ ހަމަ އެއްޖަވާބެކެވެ. ހަމަ 20 ފޫޓެވެ. ދަނޑީގެ އުސްމިނަކީ ހަމަ މަސައްކަތުމީހާވެސް އަދި ސެކެރެޓަރީވެސް ގެނައިމިނެވެ. ހަމަ 20 ފޫޓެވެ. އޮފީހުގެ ވެރިޔާގެ ސިކުނޑި ސުމަކަށް ހިނގައްޖެއެވެ. ( ނިމުނީ )
މިވާހަކައިންލިބިދޭ ޢިބުރަތަކީ :
ކޮންމެ މީހަކު ކޮންމެ ގޮތަކަށް މަސައްކަތެއް ކުރިކަމުގައި ވިޔަސް އެމަސަކަތެއް އިޚްލާސްތެރިކަމާއި، އަމާނާތްތެރިކަމާއި، އެކު ރަގަޅަށް ކޮށްފިއްޔާ ރަގަޅުވާނެކަމެވެ. އަދި ތިމާ ހިތްނުރުހޭ މީހަކު ކިތަންމެ ރަގަޅަށް ކަމެއްކުރިއަސް އެކަމެއް ރަގަޅު ނުވެ ހިގައިދާނެކަމެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...