ފަލަސްޠީނަކީ މިނިވަން މުސްތަޤިއްލު ދައުލަތެއްގެ ގޮތުގައި ބަލައިގެން ހުޅަނގު ޔޫރަޕްގެ ފުރަތަމަ ޤައުމަކަށް އައިސްލެންޑް ވެއްޖެއެވެ.
އައިސްލެންޑްގެ ބޮޑުވަޒީރު އޮސުސްކާ ފެޑެންސަން ވިދާޅުވިގޮތުގައި އޭނާގެ ޤައުމުން ފަލަސްޠީނުގެ ދައުލަތް ރަސްމީކޮށް މި ބަލަގަތީ 1967 ގެ ބޯޑަރުގެ މައްޗަށް، އިރުމަތީ ޤުދުސް އެއީ ފަލަސްޠީނުގެ ވެރިކަންކުރާ ރަށުގެ ގޮތުގައިކަމަށެވެ. އޭނާ އިތުރަށް ވިދާޅުވިގޮތުގައި އައިސްލެންޑުން ބޭނުންވަނީ އަބަދާއި އަބަދު ވާހަކަދައްކަން ތިބުމުގެ ބަދަލުގައި ޢަމަލީ ފިޔަވަޅު އަޅާށެވެ. އަދި ފަލަސްޠީނުގެ މައްސަލައަށް އެއްބާރުލުން ދިނުމުގައި އަބަދުވެސް ދެމި ތިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.
އައިސްލެންޑްގެ ވެރި ރަށް "ރެކްޔަވެކް" ގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ފަލަސްޠީނުގެ ޚާރިޖީ ވަޒީރު ރިޔާޟް އަލް މާލިކީ ވަނީ އައިސްލޭންޑް ގެ މި ނިންމުމަށް މަރުޙަބާ ވިދާޅުވެފައެވެ. އޭނާ ވިދާޅުވިގޮތުގައި އައިސްލޭންޑްގެ މިފިޔަވަޅުގެ ސަބަބުން އެހެން ޤައުމުތައްކަށް ވެސް ފަލަސްޠީނުގެ ދައުލަތް ބަލައިގަތުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެއެވެ.
ކުރީގެ ސޯވިއެޓް ޔޫނިއަންއަށް ނިޞްބަތްވާ އިރުމަތީ ޔޫރަޕްގެ ހުރިހާ ޤައުމަކުންނާއި އަދި ސައިޕްރަސް އިން މީގެ ކުރިންވަނީ ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގެންފައެވެ.
ދުނިޔޭގެ 100 އަށްވުރެ ގިނަ ޤައުމަކުން މިހާރު ވަނީ ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގެންފައެވެ.
އެމެރިކާ އާއި އިސްރާއީލު ވަނީ ފަލަސްތީނުގެ މިނިވަން ދައުލަތަށް އައިސްލެންޑުން އިޢުތިރާފްވުމުން އެކަމަށް ވަރަށް ބޮޑަށް ނުރުހުންވެ ކަންބޮޑުވާކަން ހާމަކޮށްފައެވެ.
_________________
މަޞްދަރު: މަޢަން ނިއުސް އެޖެންސީ

ކޮމެންޓް (0)
ލޯޑް ކުރަމުން...